ކާމިޔާބީއަކީވެސް އަދި ނާކާމިޔާބީއަކީވެސް އަބަދަށް ދެމިއޮންނާނެ އެއްޗެއްނޫންކަމަށާއި އެހެނަސް އެއީ ތަކުރާރުވާނެ އަދި ތަކުރާރު ކުރެވޭނެ އެއްޗެއްގެ ގޮތުގައި ދެކުމަށް ދަރިވަރުންނަށް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތު އިލްތިމާސް ކުރައްވައިފިއެވެ.
އެ ސްކޫލުގެ 2024 ވަނައަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ، އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވާއިރު، އެ ރެއަކީ އުފާވެރި ކަމާއި ބަހާރު މޫސުމުގެ ހިތްގައިމުގަކަމާއި ތާޒާކަން ތަސްވީރު ކުރެވެމުންދާ ރެއެއް ކަމަށެވެ.
"މިއީ ކުލަރީތި ބަގީޗާއެއްގައި ބަހާރުމޫސުމާއިއެކު މާމެލާމެލި ފޮޅެމުންދާފަދައިން މިޢިލްމީ ހިޔާވަހީގައި އަރުތަ ހާސިލުކުރަމުންދާ ކުދިންގެ ކާމިޔާބީތަކުން ހުޅުދާން ވަމުންދާ ރެއެއް. އަޅުގަނޑުމެން އެންމެން ވަގުތު ހުސްކޮށްގެން މިތަނަށް އައިސްމިތިބީ ދަރިވަރުންގެ ކާމިޔާބީ ދެކި ހެކިވުމަށް" ވާހަކަ ފައްޓަވަމުން ޕްރިންސިޕަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަޅުގަނޑުމެން އެންމެން އެއްތަންވެ މިތިބީ އުނގެނުމުގައި ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމަށް ކަމަށެވެ.
ދަރިވަރުންނަށް ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ، ޢިލްމުގެ ސަބަބުން ކަންކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭ ކަމަށާއި ޢިލްމުގެ ސަބަބުން ރަނގަޅު ނުބައި ވަކިކޮށް ކަންކަން ތަޢުމީރުކުރަން އެނގޭ ކަމަށެވެ. އަދި ޢިލްމުގެ ސަބަބުން ކަންކަމާއިމެދު ވިސްނާ ފިކުރުކުރާން އެނގޭ ކަމަށެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަންވީ "ކާމިޔާބީއަކީވެސް އަދި ނާކާމިޔާބީއަކީވެސް އަބަދަށް ދެމިއޮންނާނެ އެއްޗެއްނޫންކަން. އެހެނަސް އެއީ ތަކުރާރުވާނެ އަދި ތަކުރާރު ކުރެވޭނެ އެއްޗެއް" ކަމަށެވެ.
ދަރިވަރުންނަށް ދިން ނަޞޭހަތެއްގެ ގޮތުގައި ޝައުކަތު ވިދާޅުވީ، ފިނިމޫސުމުގެ ގަދަފިންޏާއި ތެތްކަމާއި އުނދަގޫތަކަށްފަހު، ފަރިވެ ފޮޅިފައިވާ މާމެލާމެއްޔާއި އުދުހޭ ބަޅިނދާކޮކާލުން ކުލަރީތިވެފައިވާ ބަހާރުމޫސުމުގެ ހިތްގައިމުކަމާއި ހިތްއުފާކަން އަޅުގަނޑުމެންނާ ބައްދަލުވާފަދައިން، ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަމެއް އަންނާނެ ކަމަށެވެ.
"ބަހާރުމޫސުން އަޅުގަނޑުމެންނަށް ބުނެދެނީ، އަބަދު ދަތިކަމާއި ހިތްދަތިކަމާ އުނދަގޫތައް ދެމި ނޯންނާނެކަން. އަބަދުވެސް އާފެށުމަކަށް ކުރިމަތިލާން ޖެހޭނެކަން. އެކަމަށްޓަކައި ޢަމަލީ މަސައްކަތްތައް ކުރުމުގައި ސާބިތުވާން ޖެހޭނެކަން. ބަދަލުވަމުންދާ ހާލަތްތަކަށް އިތުބާރުކުރަން ޖެހޭނެކަން. ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލާ ކުރިއެރުމަށް އަމާޒު ހިފަންޖެހެނޭކަން" ޝައުކަތު ވިދާޅުވިއެވެ.

މުދައްރިސުންނަށް ޕްރިންސިޕަލް ވިދާޅުވީ، މުދައްރިސުންނަކީ ދަރިވަރުންގެ މުޅި މުސްތަގުބަލު ކުރަހާ ބައްޓަންކުރުމުގައި އުނިނުކުރެވޭނެ ހިއްސާދާރުން ކަމަށެވެ. އެހެންކަމުން، މޫސުމް ބަދަލުވާފަދައިން ދިރިއުޅުމުގެ މަރުހަލާތަކާ ހާލަތްތައް، ހަޔާތުގެ މަރުހަލާތަކާ ހަޔާތުގެ ހާލްތްތައް ބަދަލުވަމުންދާނެކަން ކުދިންނަށް ވިސްނައިދީ އެބަދަލުތަކާއި އެ ހާލަތްތަކަށް އެކުދިން އަހުލުވެރިކުރުވުމަށް މުދައްރިސުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ.
"މިއަދު ދަތިކަމުގައި އުނދަގުލުގައި ވާކުއްޖާއަށް، ފިނިމޫސުމުގެ ދަތިކަމާ އުނދަގޫތަކަށްފަހު ބަހާރުމޫސުމް އަންނަފަދައިން، ފަސޭހަކަމާއި ހަމަޖެހުން އަންނާނެކަން ބުނެދޭން ޖެހޭ. މިއަދު ކާމިޔާބު ހާސިލުނުވާ ކުއްޖާއަށް، މޯޅިވެފައިވާ ގަސްތަކަށް ބަހާރުމޫސުމުގައި ދިރުންއަންނަފަދައިން، ކާމިޔާބުގެ ވަގުތު އެކުއްޖާއާއިވެސް ބައްދަލުކުރާނެކަން ބުނެދީ ހިތްވަރު ދޭންޖެހޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.
"އެ އަމާޒަށް ވާސިލުވުމަށްޓަކައި މި ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު މަސްޢޫލުވެރިންނަކީ މުދައްރިސުން" ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކޮށް ދިނުމުގެ މަސައްކަތް ކޮށްދެއްވުމަށާއި އެ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް މުދައްރިސުންނަށް އޭނާ ގޮވާލެއްވިއެވެ.
ބެލެނިވެރިންނަށް ޕްރިންސިޕަލް ވިދާޅުވީ، ދަރިވަރުންނަކީ ދިރިއުޅެން އެނގޭ ބަޔަކަށް ހެދުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރެއްވުމަށެވެ. ބަހާރުމޫސުމް އުފާވެރި ހިތްގައިމު މޫސުމަކަށް ވަނީ ވަކިސިފަތަކަކާއެކު ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު އެއްސިފައަކީ ޢުންމީދާއި ސާބިތުވުންކަން ހަނދާން ކޮށްދެއްވިއެވެ.
"ފިނިމޫސުމުގެ ޚަރީފްކަން ފިލާ ބަހާރުމޫސުމާއެކު ދުނިޔެއަށް ތާޒާކަމާ އާރޯކަން އަންނަފަދައިން، ކުދިންނާމެދު އުންމީދު ކުރެއްވުމަށް. ކުދިންގެ ހަޔާތަށް ތާޒާކަމާ އާރޯކަން ގެނެސްދެއްވުމުގައި ސާބިތުވެ ތިއްބެވުމަށް" ބެލެނިވެރިންނަށް ޕްރިންސިޕަލް ޝައުކަތު އިލްތިމާސް ކުރެއްވިއެވެ.
08 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެރޭ އެސުކޫލުގައި ބޭއްވުނު، އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތީމް އަކީ "ބަހާރު މޫސުން" އެވެ.
advertisment
ހިޔާލު