ރާއްޖޭގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމުގެ ބޭނުމުގައި އެކުލަވާލި "ޤައުމީ ދިރާސާ ފަންޑް"އަށް ދިހަ މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސްޓޭޓް މިނިސްޓަރު އަދި ޤައުމީ ދިރާސާ ކައުންސިލުގެ ޗެއަރ އަޙްމަދު ޝަފީޢު، ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ، ފަންޑުގެ މަސައްކަތް ފަށައިގަތުމަށް ދިހަ މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި އަހަރުގެ ބަޖެޓުން ވެސް އެ ފަންޑަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ.
ޝަފީޢު ވިދާޅުވި ގޮތުގައި، ރިސަރޗްތައް ހެދުމަށް ގްރާންޓްގެ ގޮތުގައި ފައިސާ ދޫކުރަން ފެށުމުގެ ކުރިން، މިހާރު ކުރިއަށް ގެންދަނީ ދިރާސާ ކުރުމަށް ކަނޑައަޅާނެ ދާއިރާތަކާއި އެކަމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތެވެ. އެކަން ކުރާނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ރާއްޖެއަށް އެންމެ އިސްކަން ދޭން މިވަގުތު ޖެހިފައި ހުރި ދާއިރާތަކަށް ހުޅުވާލައިގެން ކަމަށް ޝަފީޢު ވިދާޅުވިއެވެ.
"ޤައުމީ ދިރާސާ ފަންޑް"ގެ ކަންތައްތައް ރާވައި ހިންގުމަށް ޤައުމީ ދިރާސާ ކައުންސިލެއް ވަނީ އެކުލަވާލާފައެވެ.
ޤައުމީ ދިރާސާ ކައުންސިލަށް ޖުމްލަ 9 މެންބަރުން ވަނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު އައްޔަންކޮށްފައެވެ. އެ މެންބަރުންނަކީ
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އައްޔަންކުރައްވާ ފަރާތް(ކައުންސިލް ޗެއަރ): ސްޓޭޓް މިނިސްޓްރ، އަޙްމަދު ޝަފީޢު ،
- މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ތަމްސީލް ކުރައްވާ ފަރާތެއް: ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ ،
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ތަމްސީލް ކުރައްވާ ފަރާތެއް: އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ރަޙީމާ އަބްދުލްރަޙީމް،
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ތަމްސީލް ކުރައްވާ ފަރާތެއް: އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ވިސާލް މޫސާ،
- ދިވެހިރާއްޖޭގައި ދިރާސާކުރުމުގެ ދައިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލްކުރައްވާނެ ފަރާތެއް: ސީޑީއީ ކޮންސަލްޓިން އިންޖީނިއަރ، ޑރ.ނަޝްވާން މަތީން،
- ދިވެހިރާއްޖޭގައި ދިރާސާކުރުމުގެ ދައިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލްކުރައްވާނެ ފަރާތެއް: މޯލްޑިވިސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، މުޙައްމަދު ޝިމާލް،
- އުފެއްދުންތެރި އިޖާދީ މަސައްކަތްކުރާ މުއައްސަސާއެއް ތަމްސީލު ތަމްސީލްކުރައްވާނެ ފަރާތެއް: ލޮޓީ ފައިލްސްގެއިންގިނިއަރިންގ މެނޭޖަރ އޮފް އާރު އެންޑް ޑީ، ނާޢީލް އަބްދުލް ރަޙްމާން،
- އަމިއްލަ ކޮލެޖެއް ތަމްސީލްކުރާނެ ފަރާތެއް: ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރ، ޑރ.މުޙައްމަދު ޢާދިލް
- މާލީ ވުޒާރާ ތަމްސީލްކުރައްވާނެ ފަރާތެއް: މާލީ ވުޒާރާ ޗީފް އެކައުންޓްސް އެގްޒެކެޓިވް ޗީފް އެކައުންޓްސް އެގްޒެކިއުޓިވް، މުޙައްމަދު މާއިޒް މުނާޒް
ޤައުމީ ދިރާސާ ކައުންސިލުގެ މަސްޢޫލިއްޔަތުގެތެރޭގައި، ދިރާސާކުރާނެ ދާއިރާތައް ކަނޑައަޅައި ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ޤާއިމްކޮށް، ފައިސާ ދޫކުރުން ހިމެނެއެވެ.
ޤައުމީ ދިރާސާ ފަންޑުން ފައިސާ ދޫކުރަން ފަށާނެ ދުވަހެއް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އިއުލާނެއް ނުކުރެއެވެ.
advertisment
ހިޔާލު