ފިޔޯރީ ކައުންސިލުން އެރަށު ސްކޫލު އޭސީ ކޮށްދޭން 350000 ރުފިޔާ ޚަރަދު ކުރަނީ

ގދ. ފިޔޯރީ ކައުންސިލުން އެރަށު ސްކޫލުގެ ކުލާސްރޫމްތައް އޭސީ ކޮށްދޭން ނިންމައިފިއެވެ.

ފިޔޯރީ ސްކޫލުގައި ކިޔަވައިދޭން ބޭނުން ކުރާ 11 ކުލާސް ރޫމުގައި ހަރުކުރަން ޖެހޭ 22 އޭސީ ހަރުކުރަން ކުރިއަށް ގެންދާ މަޝްރޫއަށް 350،000 ރުފިޔާ ޚަރަދުވާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ލަފާކޮށްފައެވެ. އަދި އެ ފައިސާ ކައުންސިލުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި، އެރަށު ސްކޫލުގައި ދެ ޕްރޮޖެކްޓެއް ފަށަަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ އިސްކަމެއް ދޭން ނިންމީ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށެވެ.

" އޭސީ ހަރުކުރުމާއި ސްކޫލަށް ދާ ދަރިވަރުން މަޑުކޮށްލައިގެން ތިބޭނެ ހިޔަލެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ވަނީ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައި. މި ދެ ޕްރޮޖެކްޓްގެ ތެރެއިން ދަރިވަރުންނާއި ސްކޫލަށް ވެސް އެންމެ މުހިންމީ ކުލާސްރޫމްތައް އޭސީ ކުރުން. ދަރިވަރުން ތިބޭނެ ހިޔަލެއް ހެދުމުގެ މަސައްކަތް ކުރާނީ އަންނަ އަހަރު" ފައިޒަރު ވިދާޅުވިއެވެ.

180 އެއްހާ ދަރިވަރުން ކިޔަވަމުންދާ ފިޔޯރީ ސްކޫލު އޭސީ ކުރަން މިހާރު ދިމާވެފައވާި އެންމެ ބޮޑު ގޮންޖެހުމަކީ އެ ސްކޫލުގެ ކަރަންޓް ވިއުގަަށްއަށް ބަދަލުތަކެއް ގެނައުމެވެ. އެ މަސައްކަތް ކުރުމަށް ފިޔޯރީ ފެނަކަ އޮފީހުން މިހާރު އެއްބަސްވެފައިވާއިރު ބޭނުންވާ ތަކެތީ ފޯރުކޮށްދޭނީ ކައުންސިލުންނެވެ.

ފައިޒަރު ވިދާޅުވީ، ކައުންސިލުގެ ދަށުގައި އޮތް ފަޅުރަށްތަކާއި ބިންތައް ކުށްޔަށް ދީގެން ލިބޭ އާމްދަނީން ރައްޔިތުންނަށް ފައިދާ ހުރި އެ ފަދަ މަސައްކަތްތަކަށް ޚަރަދު ކުރަން ބޭނުންވާ ކަމަށެވެ.

އެ ކައުންސިލުން މަސައްކަތް ކުރަނީ އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން އެ މަސައްކަތް ނިންމައި "ކޫލް ސްކޫލް" އެއްގެ ގޮތުގައި އެ ސްކޫލުގެ ކިޔަވަން ފެށުމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *