ރަސްމާދޫ ސްކޫލުގައި "އަތުގުޅާލާ" ކެމްޕެއިނެއް ފަށައި، އެ ކެމްޕެއިނުގެ ދަށުން ޕްރައިމަރީ ގުރޭޑް ތަކުގެ ދަރިވަރުން ގޮވައިގެން ކޮންމެ ބުރާސްފަތި ދުވަހަކު ސްކޫލަށް ދާނީ ބައްޕައިން ނޫނީ ފިރިހެން ބެލެނިވެރިންނެވެ. މިއަދު މިވީ ބައްޕައިން ކުދިން ސްކޫލަށް ގެންގޮސް ދިން ފުރަތަމަ ދުވަހެވެ.
ދަރިވަރުންގެ ކިޔެވުމާއި އަޚްލާގު ދެމެހެއްޓުމަށް އެ ސްކޫލާއި ބެލެނިވެރިންނާ ގުޅިގެން އަޅަން ފެށި މުހިންމު ފިޔަވަޅުތަކެއްގެ ފެށުމެވެ. މި ފިޔަވަޅުތަކާއެކު ދަރިން ތަރިބިއްޔަތު ކުރުމުގައި ދެމަފިރިންގެ ހިއްސާ ބޮޑުކޮށް، ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤް ދެމެހެއްޓުމަށްޓަކައި ތާވަލު ކުރެވި، ޗެކްކުރެވޭނެ ނިޒާމެއް ވެސް އެ ސްކޫލުން ވަނީ ތަޢާރަފު ކޮށްފައެވެ.

ރަސްމާދޫ ސްކޫލުން ބުނީ، މިއީ ޕްރައިމަރީ ގުރޭޑް ތަކުގެ ދަރިވަރުންގެ ޒިންމާ ދެ ފަރާތުން އެއްވަރަށް އުފުލާނެކަމުގެ ޔަޤީންކަން ބެލެނިވެރިންނަށް ދެވޭ ހެޔޮފާލެއްކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ކަމަށެވެ.
ރަސްމާދޫ ސްކޫލުން ބުނީ، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ދަރިވަރުން ގޮވައިގެން ސްކޫލަށް ފިރިހެން ބެލެނިވެރިން ދިއުމަކީ "އަތުގުޅާލާ" ކެމްޕެއިން ކުރިއަށް ގެންދަން ބެލެނިވެރިން ނިންމި އެންމެ މުހިއްމު އެއް ނިންމުން ކަމަށާއި އެކަން އެގޮތަށް ހަމަޖެހިގެން ދިޔައީ ރަށުން ބޭރުގައި ވަޒީފާ އަދާ ކުރަމުންދާ ބެލެނިވެރިންނަށް އެ ފުރުޞަތު ވަޒީފާ ދޭ ފަރާތުން ހަމަޖައްސައި ދިނުމުން ކަމަށެވެ.
" މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ދަރިވަރުން ސްކޫލަށް ލާފައި ވަޒީފާއަށް ބައްޕައިން ދާނީ" ރަސްމާދޫ ސްކޫލުން ބުންޏެވެ.

ރަސްމާދޫ ސްކޫލުން ބުނީ، ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންގެ ބައްޕައިންނާއި އާއިލާގެ އެހެން ފިރިހެނުން، ކުދިންގެ އަތުގައި ހިފައިގެން ސްކޫލަށް އައި އައުމަކީ ކުދިންގެ ކަންކަމަށް ހެޔޮބަދަލުތަކެއް ގެންނަން ބޭނުންވެފައި ތިބިކަން ހާމަވެގެން ހިނގެއްޖެ ކަމަށެވެ.
" ސްކޫލާއި ބެލެނިވެރިންގެ ގުޅުން ބަދަހިވެފައި އޮތް މިންވަރު މިކަމުން ވެސް ފެނިގެން ހިނގައްޖެކަމަށް ރަށުގެ ރައްޔިތުން ގަބޫލުކުރޭ. ބެލެނިވެރިންގެ ހިތުގައި އަބަދުވެސް ސްކޫލާ ދޭތެރޭ ވަރަށް ފަހި ވިސްނުމެއް ގެންގުޅޭކަމަށް ގަބޫލުކުރެވޭ. މިކެމްޕޭންގެ ސަބަބުން ރަސްމާދޫ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އިތުރަށް ހަރުދާނަވެގެންދާނެ ކަމަށް ހުރިހާ ބެލެނިވެރިން ގަބޫލުކުރޭ" އެ ސްކޫލުން ބުންޏެވެ.
advertisment
ހިޔާލު