ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 12އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިންދޭން މިއަދު ފަށާފައިވާއިރު، ވެކްސިން ދޭންޖެހޭ ކުދިންގެ އަދަދު 40،000އަށް އަރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑްން ރައްކާތެރި ބައެއްގެ ގޮތުގައި ދަރިވަރުން ހެދުމުގެ ބޭނުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިމަހުގެ ނިޔަލަށް ދީ ނިންމާލަން އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި އަހަރު ގުރޭޑް ދިހައެއް ނިންމި ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ވެކްސިން ދީފައެވެ. ގުރޭޑް ދިހައެއް ނިންމި ކުދިންގެ ތެރެއިން ވެކްސިން ނުދޭ ކުދިންނަށް ވެސް އެ ކުއްޖަކު ކިޔެވި ސްކޫލެއް މެދުވެރިކޮށް ވެކްސިން ދިނުމުގެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
ބާރަ އަަހަރުން މަތީގެ ދަރިވަރުންނަށް ދެނީ ފައިޒާ ވެކްސިނެވެ. އެއީ އެ އުމުރުގެ ކުދިންނަށް ދޭން ހުއްދަ ދީފައިވާ ހަމައެކަނި ވެކްސިނެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ގައި ވާހަކަ ދައްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލް ދަރިވަރުން ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ބެލެނިވެރިންނަށް ސްކޫލް ތަކުން އަންގާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ވެކްސިން ޖެހުމުގެ އިންތިޒާްމްތައް ހަމަޖައްސާފައި ވާނީ ދީފައި އޮންނަ ވަގުތުގައި ކިއުއެއްގައި ޖެހެން ނުޖެހޭ ގޮތަށެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބް އަހުމަދު މުޖާހިދު ވިދާޅުވީ ކުދިންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ވެކްސިންޖަހާ ސެންޓަރެއްގައި އަބަދު ވެސް ޑޮކްޓަރުން ތިއްބަވާނެ ކަމަށާއި، ކުދިންނަށް ވެކްސިން ދިނުމަށް އެޗްޕީއޭ އިން ހެލްތު އޮފިސަރުން ތަމްރީނު ވެސް ކޮށްފައިވާ ކަމަށެވެ.
ކޮވިޑްން ސަލާމަތް ވުމަށް ސްކޫލްތަކުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްގެން ނޫނީ ސްކޫލްތަކަށް މުދައްރިސުންނަށް ނުދެވުމާއި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ފުރިހަމަކޮށްގެން ނޫނީ ބެލެނިވެރިންނަށް ވެސް ސްކޫލްތަކުގެ ތެރެއަށް ނުވަދެވުން ހިމެނެއެވެ.
advertisment
ހިޔާލު