ޔޫސުފުގެ ތަފާތު ދުނިޔެއިން ޝަފީނާޒު ދެއްވި މެސެޖް ވަރަށް ސާފު

"މީގެ އަހަރުތަކެއް ކުރި. ކުޑަ ރަށެއްގައި ކުރިއަށް ގެންދެވުނު ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެއް ގެ ތެރެއިން އަޅުގަނޑާ ޔޫސުފް ގެ މަންމަ ބައްދަލުވި. އެވަގުތު ޔޫސުފްގެ މަންމަގެ މޫނުމަތިން އަޅުގަނޑަށް ފެނުނީ ވަރުބަލިކަމާއި މާޔޫސްކަން. ގޮތް ހުސްވެފައިވާ އެ މަންމަ ބުނިގޮތުން 7 އަހަރުގެ ޔޫސުފް ވާހަކަ ނުދައްކާ. ޔޫސުފް ގިނަ ވަގުތު ހޭދަކުރަނީ މޫދުގެ ތިލަ ހިސާބުގައި،  އަތިރިމަތީގައި ހުންނަ ކުދިކުދި ގާތައް އެތުރުމުގައި. އެއީ އޭނާގެ އުފާ. އެނާގެ މަދަރުސާ. އަދި އޭނާގެ ދުނިޔެވެސްމެ.  އަވަށްޓެރިން އޭނާއަށް މަލާމާތް ކުރުމުގެ ގޮތުން ކިޔައި އުޅެނީ "ގަލުގެ ކުޑަ އާކިޓެކްޓް" ގެ ނަމުން."

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯޓިޒަމް ދުވަހާ ގުޅުވައިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އޯޓިޒަމް ފޯރަމުގައި ޝަފީނާޒު ސައީދު ވާހަކަ ފެއްޓެވީ އޭނާގެ ވިސްނުމާއި ފިކުރަށް ބޮޑު އަސަރެއް ކުރުވަން މެދުވެރިވި ހާދިސާއަކުންނެވެ. ޝަފީނާޒަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގަމުންދާ އޯޓިޒަމް ސެންޓަރުގެ ޕްރޮގްރާމް ޑައިރެކްޓަރެވެ.

ޝަފީނާޒު ވިދާޅުވީ، ވޭތުވެދިޔަ އެގާރަ އަހަރު، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ޕްރޮގްރާމް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން، އެތައް ބައެއްގެ ދިރިއުޅުމުގެ ވާހަކަތައް ގާތުން ދެކިލުމުގެ ފުރުސަތާއި ޒިންމާ އޭނާއަށް ވަނީ ލިބިވަޑައިގެންނެވި ކަމަށެވެ.

" އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ އުނދަގޫ ތަޖުރިބާތަކެއް. އޭގެ ތެރެއިން ގިނަ ވާހަކަތަކަކީ ހިމޭންކަމާއެކު ހޯދާފައިވާ އާދަޔާޚިލާފު ކާމިޔާބީތަކެއް." މޫކައިގައި ބޭއްވި ފޯރަމުގައި ޝަފީނާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަށުތެރޭގައި އުޅޭ ހަލަބޮލި ގޮތުން އަވަށްޓެރިންނާއި ރަށުގެ އަތިރިމަތީގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާތީ، ގޭތެރޭގައި ގެންގުޅެން އޭނާގެ މަންމަގެ ގާތުގައި އެ ރަށުގެ މީހުން އެދެމުންދިޔަ ކަމަށެވެ.

" އެ މަންމަ ލޮލުން ކަރުނަ އަޅަމުން އަޅުގަނޑާ ސުވާލުކުރި. ހަމައެކަނި ގާތަކެއް އަތުރައިގެން އުފާ ހޯދާ ކުއްޖެއްގެ އޮތީ ކޮން މުސްތަޤުބަލެއްތޯ؟"

އެ ވަގުތު ޔޫސުފުގެ މަންމައާ ޝަފީނާޒު ވެސް ކުރެއްވީ ސުވާލުތަކެވެ. އެނާއާ ކުރި ކުރި ސުވާލަށް ޖަވާބެއް ދެއްވުމުގެ ކުރިން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމުގެ ގޮތުންނެވެ.

" އަޅުގަނޑު ސުވާލުކުރީ، ޔޫސުފް އެ ގާތައް އަތުރާ ގޮތާ ބެހޭގޮތުން. ގާތައް އަތުރަނީ ގަލުގެ ކުޑަ ބޮޑުމިނަށް ބަލާފަ ތޯ؟ ނުވަތަ ކުލައަށް ބަލާފަ ތޯ؟ ނޫނީ ރާޅުޖަހާ ގޮތަށް ބަލާފަ ތޯ؟ އެ މަންމަ ހައިރާންވެފައި ހުރުމުން، އަޅުގަނޑު އެދުނީ އޭނާގެ އަމަލުތައް އިތުރަށް ބެލުމަށް" ޝަފީނާޒު ބޭނުންވީ ޔޫސުފުގެ އެ ހަރަކާތް ކުރިއަށް ގެންދާ ގޮތުގެ ތަފުޞީލުތަކެވެ.

" މަހެއްހާ ދުވަސް ފަހުން ޔޫސުފް ގެ މަންމަ  އަޅުގަނޑަށް ގުޅި. އޭނާގެ އަޑުގައި މިފަހަރު ހުރީ އުއްމީދީ އުފާވެރިކަމެއް"

ޝަފީނާޒު ވިދާޅުވީ، އެ ދުވަހު ޔޫސުފް ގެ މަންމަ ބުނީ، އޭނާ ގާތަށް އަތުރަނީ ރާޅު ޖަހައި އެ ގާތައް ދޮވެލާނެ ވަގުތަށް ބަލައިގެން ކަމަށެވެ.

" އެ ވަގުތު އަޅުގަނޑަށް ވިސްނުނީ. ޔޫސުފް އަކީ ހަމަ އަސްލުވެސް އާކިޓެކްޓެކޭ. ޔޫސުފްގެ މަސައްކަތް މިވަނީ އަޅުގަނޑުމެންގެ ވިސްނުމުން މާބޭރުގައޭ. އެއީ މާ ފުން މާ ފުޅާ މަސައްކަތެކޭ. އޭނާ އެ ދިރާސާކުރަނީ އޮއިވަރާއި ރާޅު ބާނިތަކޭ. މިހިމޭން ކަމުގެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ފަހުމު ނުވާ ކަންތައްތަކެއް އޭނާ އެބަ ދެނެގަނެއޭ. މި މަސައްކަތަކީ ޔޫސުފް އާއި މުޢާމާލާތް ކުރުމަށް، އަދި ކަންތައްތަކެއް ދަސްކޮށްދިނުމަށް އަދި މުޖްތަމަޢުއިން އޭނާ ބަލައިގަތުމަށް ހުޅުވިގެން ދިޔަ ދޮރެއްކަމަށް ދެކުނީ"

ފޯރަމުގެ ބައިވެރިންނަށް ޝަފީނާޒު ވިދާޅުވީ، މީހެއްގެ އަގު ވަޒަންކުރަންވީ އަޅުގަނޑުމެން އޭނާގެ ކިބައިން އުއްމީދުކުރާ، އަޅުގަނޑުމެން މި ޤަބޫލުކުރާ ނޯމަލްކަމަށް ޤަބޫލުކުރާ ކަންތައްތަކަކުން ނޫން ކަމަށެވެ.  އަގު ވަޒަންކުރަންވީ އޭނާގެ ކިބައިގައި ހުރި ހުނަރުތަކުން ކަމަށެވެ.

މި އަހަރުގެ އޯޓިޒަމް ދުވަހުގެ ޝިއާރުގެ މައިގަނޑު އަސާސަކީ، "އޯޓިޒަމް އާއި އިންސާނިއްޔަތު – ކޮންމެ  މީހަކީ އަގުހުރި މީހެއް."ކަން ފާހަގަކުރައްވައި ޝަފީނާޒު ވިދާޅުވީ، މުޖްތަމަޢުއިން މިފަދަ ކުދީންގެ އަގު ވަޒަންކުރަމުން އައީ ވަރަށް ހަނި މިންގަނޑުތަކަކުން ކަމަށާއި އަޅުގަނޑުމެން މި ޤަބޫލުކުރާ "ނޯމަލް" ގެ މިންގަޑުން ކަމަށެވެ.

"ވާހަކަ ދެއްކޭތޯ! ކްލާސްރޫމެއްގައި މަޑުން އިނދެވޭތޯ! އިގްތިސާދަށް އެހީތެރިވެވޭތޯ! ފަދަ މިނުމަކުން މިނެގެން. މި އިންތައް ފުޅާކުރުމަކީ ޝާމިލް މުޖްތަމަޢުއަކަށް ވާސިލުވުމަށް އޮތް ހަމައެކަނި މަގު" ޝަފީނާޒު ވިދާޅުވިއެވެ.

" މި ދެންނެވުނު "ނޯމަލް" މިންގަޑުން ބޭރުނަމަ،  އެ ކުދިން މުޖްތަމަޢުއިން ހަވާސާވެ ބޭކާރުވާން ދޮރުތައް ހުޅުވިގެންދޭ. އިންސާނެއްގެ އަގަކީ އޭނާ ހާސިލުކުރާ ކަމަކުން އަންނަ އެއްޗެއް ނޫން. އެއީ އުފަންވީއްސުރެ ކޮންމެ އިންސާނަކަށްމެ ލިބިފައިވާ ޙައްޤެއް. މި ޙައްޤު އަދާކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް"

ޝަފީނާޒު ވިދާޅުވި ގޮތުގައި، ގްރޭޑް ސްކޫލު ނިޒާމުގެ ތެރޭގައި ޢަމަލީގޮތޮން މަސައްކަތްތެރިކަން ދަސްކޮށްދެވޭނެ ނިޒާމެއް ޤާއިމް ކުރެވިފައި ނެތުމުން، ޔޫސުފް ފަދަ ކުދިންނަށް ހުނަރެއް ދަސްކޮށްދިނުން ވެފައި މިވަނީ ވަރަށްބޮޑު ގޮންޖެހުމަކަށެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ކްލާސް ބަދަލުވާއިރު ލިޔަން ކިޔަން ދަސް ނުވާ ކުދިން ތަޢުލީމީ ނިޒާމުގެ ތެރޭގައި ތިބޭކަމެވެ. ގްރޭޑް ސްކޫލުގައި ކިޔަވަދެވޭ ޢާއްމު މަންޙަޖުގެ ފައިދާ މި ކުދިންނަށް ފުރިހަމައަށް ނުލިބޭކަމެވެ. ރަސްމި މަންޙަޖުގެ އިތުރުން، ޅަ ޢުމުރުގައި އެ ކުދިންގެ ޝަޢުގުވެރިކަން ހުންނަ ހުނަރެއް ތަރައްޤީކުރަން ފުރުޞަތު ދެވިއްޖެނަމަ، ފުދުންތެރި ކާމިޔާބު ދިރިއުޅުމަކަށް ފުރުޞަތު ހުޅުވިގެންދާނެކަން ޝަފީގެ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އާންމުކޮށް ހުނަރުވެރިކަން ހޯދަނީ އެ ކަމެއް ކުރާގޮތް ފެނި، ބޭނުންކުރާ ސާމާނަށް ފަރިތަވެ، އެކަމެއް ތަކުރާރުކޮށް ކުރުމުގެ ފުރުޞަތު ލިބިގެން. ސްކޫލު މާޙައުލުގައި އެފަދަ ފުރުޞަތުތައް ނެތުމަކީ، އަޅުގަނޑުމެންގެ ސިސްޓަމުގައި އޮތް އުނިކަމެއް. ޢާއްމުކޮށް މި ކިޔަވާދޭ މާއްދާތަކަށް ފަރިތަ ނޫން ކުދިންނަށް ދެވަނަ ފުރުޞަތެއް ފަހި ކޮށްދިނުމަށްޓަކައި ރަސްމީ މަންޙަޖަށް ބަދަލު ގެނެސްގެންނަމަވެސް ތަޢުލީމުގެ ފުރުޞަތު އަދި ޢަމަލީ މަސައްކަތެއްގެ ފުރުޞަތު ހުޅުވިގެން ދިއުމަކީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް"

ޝަފީނާޒު ވިދާޅުވީ، ޔޫސުފް ފަދަ އޯޓިޒަމް ހުންނަ ކުދިންނަށް ތަޢުލީމުދިނުމާއި، ހުނަރުވެރިކަން ތަރައްޤީކުރުމަށް ކުރިމަތިލާން ޖެހެނީ މުޅިން ތަފާތު ގޮތަކަށެވެ. އެކުދިން ޝައުޤުވެރިކަން ހުންނަ ކަންތައްތައް ޢާއްމު ކްލާސްރޫމްތަކުގެ ތެރެއިން ރޭވިގެންދާން ޖެހެއެވެ.

ބެލެނިވެރިންނަށް ޝަފީނާޒު ވިދާޅުވީ، "އަޅުގަނޑު ތިޔަބޭފުޅުންގެ އިހުސާސްތައް ދަންނަން. ވޭތުވެދިޔަ އެގާރަ އަހަރު އަޅުގަނޑު ދަތުރުކުރީ ތިޔަބޭފުޅުންގެ އާދޭސްތަކާއި، އުފުލާ ބުރާގައި ޝާމިލުވެގެން. ދަރީންގެ ކުރިމަގު ރަނގަޅުކުރުމަށް ގިނަ ބަޔަކާއިއެކު ބުރަމަސައްކަތްތަކެއް ކުރުމުގައި. ތިޔަބޭފުޅުން ނުނިދާ ހޭދަކުރާ ރޭތަކާއި، ދަރިންގެ ކުރިމަގަށް ބޭނުންވާ ކަންކަމަށްއަޅާނުލާ ނިޒާމެއްގެ ތެރެއިން ދަރިފުޅަށްޓަކައި ކުރާ ވަކާލާތުގެ ބުރައިގެ އެއްކޮޅުގައި ހިފައިގެން. އަޑުއުފުލަމުން" ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓީޗަރުންނާއި ތެރަޕއުޓިކް އެޑިއުކޭޓަރުން ކެނޑިނޭޅި މަސައްކަތް ކުރަނީ ކުއްޖެއްގެ ދުލުން ބޭރުވާނެ އެންމެ ބަހަކަށް ނުވަތަ ކުރާނެ ކުޑަކުޑަ އިޝާރާތަކަށް އިންތިޒާރު ކޮށްގެން ކަމަށާއި ވިޝުއަލް ޝެޑިއުލްތަކާއި، ސެންސަރީ އާލާތްތަކާއި، މުޢާމަލާތު ކުރާނެ އުފެއްދުންތެރި ވަސީލަތްތައް ފަރުމާކުރައްވަނީ ކުޑަނަމަވެސް ކުރިއެރުމެއް ލިބޭތޯއެވެ.

"ކުއްޖަކު އަމިއްލައަށް ގަމީހުގެ ގޮށް އަޅުވާލާ ފުރަތަމަ ފަހަރާއި، ލިޔާ ފުރަތަމަ އަކުރާއި، އަދި ރުޅިގަދަވުމުގެ ބަދަލުގައި އެހީއަށް އެދޭ ފުރަތަމަ ފަހަރު، އެ ލިބޭ އުފާވެރިކަން އެއީ ބަހަށް ތިރިކުރެވޭނެ އިޙްޞާސްތަކެއް ނޫން"

ޝަފީނާޒު ވިދާޅުވީ، އެފަދަ ކުދިންގެ މުސްތަޤުބަލަށް  ވިސްނާ ކޮންމެ ފަހަރަކު ހަނދާންވަނީ ޔޫސުފް މަތިން ކަމަށެވެ. އޭނާ ދެއްވި ލަފާގެ މަތިން ޔޫސުފް ގެ މަންމަ ކުރި ބުރަ ދަތުރާއި މާލޭގެ ހަލަބޮލި މާހައުލަށް ބަދަލުވެ ޔޫސުފް ގެ މުސްތަގުބަލަށް ވިސްނައި ތެރަޕިއުޓިކް ތައުލީމަށް ޔޫސުޕް ގެ މުސްތަގުބަލް ބަދަލު ކުރި އުފާވެރި އުދަގޫ ތަޖުރިބާތައް ކަމަށެވެ.

"މި ތަޖުރިބާ ވަރަށްވެސް ފޮނި. އެންމެ ފަހުން އަޅުގަނޑަށް ޔޫސުފާއި  ދިމާވިއިރު، އޭނާ ހުރީ އަމަލީ ތަމްރީނުދޭ މަރުކަޒެއްގެ ކުޑަ ލައިބްރަރީއެއްގައި، ފަރުވާތެރިކަމާއެކު ފޮތްތައް ތަރުތީބުކުރަން. އެކަމަކު އެދުވަހަކޭ އެއްގޮތަށް މިއަދު ވެސް ޔޫސުފް މާގިނަ ވާހަކައެއް ނުދައްކާ. އެކަމަކު އޭނާގެ އަމަލުތަކުން ހުރިހާ ވާހަކައެއް ބުނެދޭ"

ޝަފީނާޒު ދެން ފާހަގަކުރެއްވީ ޔޫސުފަށް އެ ހިސާބަށް ދެވުނު ގޮތެވެ. އޭނާގެ ހިތްވަރުގަދަ މަންމަ ކޮށްދިން މަސައްކަތާއި، އޭނާއަށް އުގަނނާދީ ހުނަރުތައް ދަސްކޮށްދިން ތެރަޕިއުޓިކް އެޑިއުކޭޓަރާއި، ލައިބްރަރީ ގެ މާޙައުލަށް އާދަކުރުވުމަށް އެހީވި އޮކިއުޕޭޝަނަލް ތެރަޕިސްޓާއި، އަދި މުޢާމަލާތް ކުރުމަށް އިތުރުގޮތްތަކެއް ތައާރަފުކޮށްދިން ސްޕީޗް ތެރަޕިސްޓުން އެކުގައި ކުރެއްވި މަސައްކަތެވެ.

ޝަފީނާޒާ ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިން މުޖުތަމައުގައި ޝާމިލުކުރުމަކީ ހަމައެކަނި ލިޔެކިޔުމެއްގައި އޮންނަ ބަހެއްގޮތުގައި ބޭއްވުމުގެ ބަދަލުގައި ގައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. މިކަމަށްޓަކައި ކޮންމެ އަތޮޅެއްގައި ތަމްރީނު ލިބިފައިވާ ޓީޗަރުންނާއި، ތެރަޕިސްޓުންނާއި އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށް، ސްކޫލު މާޙައުލުގައި މި ކުދިންނަށް ބޭނުންވާ ޚިދުމަތްތަކެއް ލިބޭނެގޮތަކަށް ތަޢުލީމީ ސިޔާސަތު ބަދަލުވާންޖެހޭ ކަމަށެވެ. އަދި އަތޮޅުތެރޭގައި ތެރަޕީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޞިއްޙީ ޚިދުމަތުގެ ނިޒާމު ވަރުގަދަ ކުރަން ވެސް ޖެހޭ ކަމަށެވެ.

 

އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހުނަރުތައް ދެނެގަނެ، އެކުދިންނަށް ފަހި މުސްތަޤްބަލެއް ހޯދައިދިނުމުގައި މައިންބަފައިންނާއި މާހިރުން އަދާކުރަނީ މުހިންމު ދައުރެއްކަން ފާހަގަކުރައްވައި ޝަފީނާޒު ވިދާޅުވީ، އެ ބޭފުޅުން ކުރައްވާ މަސައްކަތަކީ ކުއްޖާގެ ތަފާތު ދުނިޔެއާއި މުޖުތަމައާ ދެމެދު ބިނާކުރެވޭ ވަރުގަދަ ފާލަމެއް ކަމަށެވެ.

" އާދެ! އަޅުގަނޑުގެ އުންމީދަކީ މި ފޯރަމް އިން ގިނަ މަޢުލޫމާތުތަކެއް ލިބިގެން ދިއުން. މި މަޢުލޫމާތު ތަކުގެ އަލީގައި ޔޫސުފް ފަދަ ކުދިންނަށް ފުދުންތެރި ދިރިއުޅުމެއް ކަށަވަރުވާނެ ނިޒާމެއް ވުޖޫދުވެގެންދިއުން. މި ކުދިންގެ ޙާލަތު ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކަށް ހިތްވަރެއް ލިބިގެން ދިއުން" ޝަފީނާޒުގެ ވާހަކަ ނިންމާލަމުން ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ރިވެލި އެވޯޑް 2019 ވަނަ އަހަރު ޝަފީނާޒަށް ވަނީ ލިބިވަޑައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *