ބަހެއް މަރުވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

ޞަލާޙުއްދީން ސްކޫލުގެ ދަރިވަރުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިސްޓޭޖް ހަރާތެއްގެ ތެރެއިން: ސްކޫލްތަކުން ކޮންމެ އަހަރަކު ވެސް ދިވެހިބަހުގެ ދުވަހާއި މާދަރީ ބަހުގެ ދުވަސް ފާހަގަކުރޭ- ފޮޓޯ: ޞަލާޙުއްދީން ސްކޫލް
އަބްދުﷲ ނަސީމް ޢަބްދުލްމަތީން

ބަހަވީ އިލްމުވެރިންގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ކޮންމެ ދެ ހަފުތާއަކުން ދުނިޔެއިން ބަހެއް މަރުވެ އެ ބަހުގެ އަޑު މުޅި ދުނިޔެއިން ކެނޑިގެންދެއެވެ. ޔުނެސްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި މިހާރު ބޭނުންކުރާ ބަސްތަކުގެ ސާޅީސް އިންސައްތަ ބަސް ވަނީ ނެތިދިއުމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. 'އެތްނޮލޮގް' ގެ ބައިނަލްއަޤުވާމީ ހިސާބުތަކަށް ބަލާއިރު، މިއަދު ދުނިޔޭގައި ހަތްހާހަށްވުރެ ގިނަ ބަސް ބޭނުންކުރެވެމުންދިޔަ ނަމަވެސް، ހަތްހާހަށްވުރެ ގިނަ ބަހުގެ ތެރެއިން ބޮޑު އިންސައްތައެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ސިލްސިލާ މިއަދު ވަނީ މެދުކެނޑިފައެވެ.

ބަސް މަރުވުން

ބަސް މަރުވުމުގެ މަރުހަލާއަކީ ކުއްލި މަރުހަލާއެއް ނޫނެވެ؛ އެއީ ދިގުލީ  ލަސް މަރުހަލާއެކެވެ. މި ނުރައްކާތެރި މަރުހަލާ ފެށިގެންދަނީ، ގޭތެރޭގެ މާހައުލުގައި މައިންބަފައިން އެމީހުންގެ މާދަރީ ބަސް ދޫކޮށްލައި، އެހެން ބަސްބަހުން މުއާމަލާތްކުރަން ފަށާ ހިސާބުންނެވެ. އަދި ތައުލީމީ މަރުކަޒުތަކުގައި މާދަރީ ބަސް ބޭނުންކުރުން ހުއްޓާލައި، އާންމު މަޖިލިސްތަކުގައި އެ ބަހުން ވާހަކަދެއްކުމަކީ ޒަމާނާ ނުގުޅޭ ކަމެއް ކަމުގައި އެބަހުގެ އަހުލުވެރިން ދެކެން ފަށާ ހިސާބުންނެވެ. ބަހެއް މަރުވުމަކީ ހަމައެކަނި ޤައުމަށް ލިބޭ ގެއްލުމެއް ނޫނެވެ. އެއީ ތިމާގެ ހަށިގަނޑުން ގުނަވަނެއް ބުރިވުން ފަދަ ނުރައްކާތެރި ކަމެކެވެ. އެއީ ތިމާވެއްޓާއި މާހައުލާ ދެމެދު އުފެދިފައިވާ ތާރީޚީ ގުޅުމާއި، ގައުމެއްގެ އަމިއްލަވަންތަކަން، މުޅި ދުނިޔެއިން އެކީއެކައްޗަށް ފޮހެވިގެންދިއުމުގެ އަސްލެވެ.

ބަހެއް މަރުވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

ބަހެއް މަރުވެގެންދަނީ އެ ބަހުން ފަރިތަކަމާއެކު ވާހަކަދައްކާނެ އެކަކުވެސް ދުނިޔޭގައި ނެތުމުންނެވެ. އެ ބަހުގެ ރެކޯޑިންގްތައް ހުރެދާނެއެވެ. ރަދީފުތަކުގައި ހިރަފުސް ބެދިފައި ހުރެދާނެއެވެ. ނަމަވެސް އެ ބަހުގެ ދިރިހުރި ރޫހެއް ނުހުންނާނެއެވެ. އެބަހެއް އެހެން ބަސްތަކާއި ދެމެދު ފަރަޤުކުރެވޭ އަޑުތަކާއި ޒީލުން ޒީލަށް ވާރުތަވަމުން އައި ރާގުތައް މުޅިން ފޮހެވިގެންދާނެއެވެ. އަދަބީ މާހިރު މައިކަލް ކްރައުސް ބުނެފައިވާ ގޮތުގައި ކަންތައްތައް މި މަގުން ކުރިއަށްދާނަމަ، މި ޤަރުނު ނިމުމުގެ ކުރިން ދުނިޔޭގެ މިވަގުތު ބޭނުންކުރެވޭ ބަސްތަކުގެ ތެރެއިން ނުވަދިހަ އިންސައްތަ ބަސް ނެތިގެންދިއުމުގެ ފުރުޞަތު އެބައޮތެވެ. މައިކަލްގެ މި އިންޒާރަކީ ޅެންވެރި ވާހަކައެއް ނޫނެވެ. އެއީ މިއަދުގެ ތަފާސްހިސާބުތަކުން ފެންނަން އޮތް ޙަޤީޤަތެވެ.

އިމާދުއްދީން ސްކޫލުގެ ދަރިވަރުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރާތެއްގެ ތެރެއިން: ސްކޫލްތަކުން ކޮންމެ އަހަރަކު ވެސް ދިވެހިބަހުގެ ދުވަހާއި މާދަރީ ބަހުގެ ދުވަސް ފާހަގަކުރޭ- ފޮޓޯ: އިމާދުއްދީން ސްކޫލް

ކުދިން އެޤައުމެއްގެ މާދަރީ ބަހުގެ ގޮތުގައި ބޭނުންކުރެވޭ ބަސް ދަސްކުރަން ހުއްޓާލައިފިނަމަ، ބަސް އުވުން އަވަސްވެގެންދާނެއެވެ. އެޤައުމުގެ މާދަރީބަސް ފޯރުކޮށްދިނުމުގެ ސިލްސިލާ މެދުކެނޑި، ބަހަވީ ހިމޭންކަން ފެތުރިގެންދާނެއެވެ.

ބަސް ބަދަލުކުރުން އާންމުކޮށް މެދުވެރިވަނީ އިޤްތިޞާދީ ސިޔާސީ ސަބަބުތަކަށްޓަކައި، ޤައުމުތަކުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބަސްތައް އިޚްތިޔާރުކުރުމުންނެވެ. ނަމަވެސް މިކަމުގެ ސަބަބުން މާދަރީބަސް ބަލިކަށިވެ، އޭގެ ޤަދަރު ކުޑަވެ، އަމިއްލަވަންތަކަން ފަނޑުވެގެންދެއެވެ.

ބަސްތައް ކަފުންކޮށްލާ ބާރުތައް

އިސްތިޢުމާރަކީ ތާރީޚުގައި ބަސްތައް ނައްތާލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ބާރެވެ. އެކި ބައްރުތަކުގެ ރަށްވެހިންގެ ދަރިން އެކުދިންގެ މާދަރީ ބަހުން ވާހަކަދެއްކުމުން އިސްތިޢުމާރީ ބާރުތަކުން ވަނީ އަދަބު ދީފައެވެ. އެބަހުން ވާހަކަދެއްކުން ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންވަނީ ކޮށްފައެވެ. ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އިސްތިޢުމާރީންގެ ބަސްތަކަށް ކުރިއެރުންދޭ ގޮތަށެވެ. ކާބަފައިންގެ ބަސްތައް ކަފުންކޮށްލުމަށްފަހުއެވެ. އިސްތިޢުމާރީ ބާރުތަކުން އިސްތިޢުމާރުކުރެވުނު ޤައުމުގެ މާދަރީ ބަސް ފޮހެލަނީ އިއްތިފާގަކުން ނޫނެވެ؛ އެއީ ރޭވުންތެރިކަމާއެކު ހިންގި ކަންކަމެވެ.

ދުނިޔެ ބަވަނަވުމުގެ ސަބަބުން ބަސް މަރުވުމުގެ ބިރު މިވަނީ އިތުރަށް ބޮޑުވެފައެވެ. ބަހަވީ މާހިރު ޑޭވިޑް ކްރިސްޓަލް ފާހަގަކުރައްވާ ގޮތުގައި، މާދަރީ ބަހުގެ އިޤްތިޞާދީ އަގު ނެތްކަމަށް މުޖުތަމަޢަށް ފެންނަން ފެށުމުން އެ ބަހެއް މަރުވެގެންދާނެއެވެ. އިނގިރޭސި، މެންޑަރިން އަދި ސްޕެނިޝް ފަދަ ބަސްތައް މިއަދު މިދަނީ ބައިނަލްއަޤުވާމީ ބާޒާރުތަކާއި ފަންނީ ދުނިޔޭގައި ރަސްކަން ކުރަމުންނެވެ. މައިންބަފައިން މާދަރީ ބަސް ދޫކޮށްލާ އެހެން ބަސްބަހުން ވާހަކަދައްކަނީ ދަރިންނަށްޓަކައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކުދިންނަށް މާދަރީ ބަހުގެ ޒަރިއްޔާއިން "ނުލިބޭނެ" ފުރުޞަތުތައް ހޯދައިދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ގިނަ ފަހަރަށް މިބުނާ ފުރުޞަތުތައް ލިބެނީ އަމިއްލަވަންތަކަން ދޫކޮށްލައިގެންނެވެ.

ފަންނިއްޔާތުގެ ސަބަބުން މި ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އިޖުތިމާޢީ ވިއުގަ ފަރުމާކޮށްފައި އޮންނަނީ މަދު ބަސްތަކެއްގެ މައްޗަށެވެ. ބަހެއް އިންޓަރނެޓުން ނުފެންނަނަމަ، އައު ޖީލުތަކަށް އެ ބަހެއް ފެނުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ. ނަމަވެސް، ފަންނީ އަރުޝީފުތަކާއި ސިނާރު ނުވަތަ އޭއައި ފަދަ ވަސީލަތްތަކަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ބަސްތައް ރައްކާތެރިކުރުމުގެ އުންމީދަކަށްވެސް ވެގެންދެއެވެ. އެހެންކަމުން ޓެކްނޮލޮޖީއަކީ ބަހަށް އޮތް ބިރަކަށްވީ ފަދައިން، ބަސް ދިރުވުމަށް އޮތް މަގަކަށްވެސް ވެގެންދެއެވެ.

އިޖުތިމާޢީ ގޮތުން ބަހަކާމެދު ދެކޭގޮތަކީ ބަހުގެ ކުރިމަގު ބައްޓަންކުރާ މައިބަދައެވެ. އެޤައުމެއްގެ މާދަރީ ބަހަކީ ފަގީރުބަހެއް ކަމަށް ދެކުމުގެ ސަބަބުން ގޭތެރޭގެ މާހައުލަށް ލަދުވެތިކަން ވެރިވެގެންދެއެވެ. އެކުދިން އެކުދިންގެ އަމިއްލަ މާދަރީބަހާއިމެދު ދެކޭދެކުން ބަދަލުވެ އެބަސް ދޫކޮށްލަން މަޖުބޫރުކުރުވައެވެ. ބަހެއް ފަނޑުވެގެންދަނީ އެބަހުގައި ރީތިކަމެއް ނެތީމައެއް ނޫނެވެ. އެކަމަކު އެ ބަހަށް އެބަހުގެ އަހުލުވެރިންގެ މެދުގައި އޮންނަ ގަދަރާއި އިޙްތިރާމް ކުޑަވުމުންނެވެ.

ބަސްތައް ފޮހެވިގެންދާއިރު ގެއްލިގެންދަނީ ކޮން އެއްޗެއް ހެއްޔެވެ؟

ބަހެއް މަރުވުމުން، އެޤައުމެއްގެ ސަގާފީއްޔާތަށް ބުރޫއަރައެވެ. "’އެޔަކް" ބަހަށް ނަޒަރު ހިންގާލައި ބަލާށެވެ. 2008 ވަނަ އަހަރު އެ ބަހުން ފަރިތަކަމާއެކު ވާހަކަދެއްކި އެންމެ ފަހު މީހާ ކަމުގައިވާ މޭަރީ ސްމިތު ޖޯންސް ނިޔާވިއެވެ. މިކަމުގެ ސަބަބުން އެޔަކް ބަސް ވަނީ މުޅި ދުނިޔެއިން ނެތިގޮސްފައެވެ. އޭނާއާއެކު ގެއްލިގެން އެދިޔައީ އެކަމުގެ ބަދަލެއް ނުލިބޭނެ ފަދަ އަގުހުރި ޚަޒާނާއެކެވެ. ރެކޯޑިންގްތަކުގައި އެބަހުން ދައްކާ ވާހަކަތައް ރެކޯޑްކުރެވިފައިވީ ނަމަވެސް، ދޭދޭ ފަރުދުންނާއި ދެމެދު ދެކެވޭ ޠަބީޢީ ވާހަކަދެއްކުންތައް ވަނީ އަބަދުގެ އަބަދަށް ނެތިގޮސްފައެވެ.

ބަސް މަރުވުމަކީ ތިމާވެށީގެ ޢިލްމުވެސް ފޮހެވިގެންދާ ކަމެކެވެ. ބަހަވީ މުއްސަނދިކަމާއި ދިރުންތަކާއި ހުރި ގުޅުމާ ބެހޭ ދިރާސާތަކުން ދައްކާގޮތުގައި، ގިނަ ލަފުޒުތައް ރަދީފުގައި އޮންނަ ބަސްތަކަކީ ތިމާވެށީގެ ގޮތުންވެސް މުއްސަނދި ސަރަޙައްދުތަކެވެ. އެ ޤައުމެއްގެ ވަޒަންވެރިންގެ ބަސްކޮށާރުގައި ގަސްގަހާގެއްސާއި، ބޭސްވެރިކަމާއި، ދަތުރުފަތުރުގެ ނިޒާމުތަކާއި، ތިމާވެށީގެ އަޚްލާޤީ މިންގަނޑުތައް އެތައް ޤަރުނެއްގެ ތަޖުރިބާއާއެކު ރައްކާކުރެވިފައި ހުރެއެވެ. ބަހެއް މަރުވެގެންދާއިރު، އެ ބަހުގެ ތެރޭގައި ހިމެނޭ މިފަދަ ޚާއްޞަ ޢިލްމުތައްވެސް ބަހާއި އެކީގައި މަރުވެގެންދެއެވެ..

ވިސްނުމުގެ ގޮތުން ބަލާއިރު، ބަސްބަހަކީ އިންސާނުން ކަންކަން ދެކޭގޮތް ބައްޓަންކޮށްދޭ އެއްޗެކެވެ. ބަހަވީ ގުޅުމުގެ ތިއަރީގައިވާ ގޮތުން ބަހަވީ ގަވާއިދުތަކީ އިންސާނުންގެ އުޅުމާއި ގުޅުން ތަޞައްވުރު ކުރެވޭ މައިނާރެވެ. ކޮންމެ ބަހަކީވެސް ތަފާތު ފިކުރީ އޮނިގަނޑެކެވެ. ބަހެއް މަރުވެގެންދާއިރު، އިންސާނީ ފިކުރުގެ މުއްސަނދިކަން ހަނިވެގެންދާނެއެވެ. ބަހަކީ އިންސާނީ ތަޖުރިބާގެ އިހަލެވެ.

ނަފްސާނީ ގޮތުން ބަލާއިރު، ބަސް މަރުވުމަކީ ވަރަށް އަސަރުގަދަ ކަމެކެވެ. މާދަރީ ބަހުން ވާހަކަދައްކަން ނޭނގޭ ޒުވާނުންނަށް، އެމީހުންގެ އިސްރަށްވެހިންނާއި ދެމެދު އޮންނަ ގުޅުން ކެނޑިގެންދާކަން އިޙްސާސް ކުރެވޭނެއެވެ. އަމިއްލަވަންތަކަން ފަނޑުވެ ސަގާފިއްޔާތު ބަލިކަށިވެގެންދެއެވެ. ބަހަކީ ތިމާގެ އަމިއްލަ ނަފްސާއި ތިމާ ދިރިއުޅޭ މާހައުލާ ގުޅުވައިލަދޭ ދާލަމެކެވެ.

އަދުގެ ދިވެހިބަހުގެ ހާލަތު

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި، އިޖުތިމާޢީ ޢިލްމު (ސޯސަލް ސްޓަޑީސް) ފަދަ މާއްދާތައް ކިޔަވައިދެންދަނީ އިނގިރޭސި ބަހުންނެވެ. އަދި ގިނަ ފަހަރަށް މި މާއްދާތައް ކިޔަވައިދެއްވަނީ ބޭރުގެ މުދައްރިސުންނެވެ. ސައިންސާއި، ހިސާބާއި ބައިނަލްއަޤުވާމީ ގޮތުން ވަޒަންކުރެވޭ މާއްދާތައް ކިޔައިދެއްވުމުގައި ނޭނގި ނަމަވެސް ބޮޑަށް ބަރޯސާވެވެނީ ފަރަންޖީ ބަހުގެ މުޞްޠަލަޙުތަކަށެވެ. މާދަރީ ބަހުން ކިޔަވައިދެނީ ހަމައެކަނި މަދު މާއްދާކޮޅެކެވެ. އެއީ ދިވެހިބަހާއި، އިސްލާމާއި ޤުރުއާނެވެ. އަދި ފަހުން ޤައުމީ މަންހަޖަށް އިތުރުކުރެވުނު ޤައުމިއްޔަތު މާއްދާއެވެ. މާއްދާތައް މިގޮތަށް ބެހިފައި އޮތުމަކީ އޭގެ ފަހަތުގައި ފުން މާނައެއް އެކުލެވޭ ކަމެކެވެ. އެކުދިން އެކުދިންގެ އަމިއްލަ ތާރީޚު އިނގިރޭސި ބަހުން ދަސްކޮށްދިނުމުން އެކުދިން ދިވެހިބަހާއި ދިވެހި ތާރީހާއި ދޭތެރޭ ދެކޭދެކުން ބަދަލުވެގެންދެއެވެ. ބަހަކީ ތިމާގެ ވިސްނުން ބައްޓަންކޮށްދޭ އޮނިގަނޑެވެ. ދިރާސީ ތަޢުލީމީ ބަހުސްތައް އިނގިރޭސި ބަހުން ކުރަން ފެށުމުން، ދިވެހިބަހަކީ ހަމައެކަނި ގެވެހި ބަހަކަށް ވެގެންދިއުމުގެ ބިރު އެބައޮތެވެ. މިކަމުގެ ސަބަބުން ޢިލްމީ މުއައްސަސާތަކުގައި ބަހަށް އޮންނަ ޤަދަރު ކުޑަވެގެންދެއެވެ.

ގިނަބައްސަ ތަޢުލީމާއި ބެހޭ ދިރާސާތަކުން ދައްކާގޮތުގައި، ކުދިންގެ ފުރަތަމަ ބަސް ނުވަތަ މާދަރީ ބަސް ތައުލިމީ މުޤައްރަރުގައި ވަރުގަދަވުމަކީ ދަރިވަރުންގެ ފިކުރީ ތަރައްޤީއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ. މާއްދާތަކުން މާދަރީ ބަސް އެއްފަރާތް ކުރެވުމުން، ގަސްތަކާ ނުލައި ނަމަވެސް، އެ ބަހަށް އޮންނަ ޤަދަރު ކުޑަވެގެންދެއެވެ. ޒަމާނީ އޮއިވަރާއިއެކު ކުދި ޤައުމުތައް މިއަދު މިވަނީ ބަހަވީ ހުރަސްމަގަކަށް ހުށަހެޅިފައެވެ. މިވަގުތު އޮތް ބިރަކީ ބަސް މަރުވުމެއް ނޫނެވެ. ނަމަވެސް، ބަސް ބޭނުންކުރެވޭ ދާއިރާތައް މަޑުމަޑުން ހަނިވަމުން ދިއުމެވެ.

ދިވެހިބަސް ވަރުގަދަކުރުމަށްޓަކައި، ބަހުގެ ޢިލްމީ ބަސްކޮށާރު ފުޅާކުރަން ޖެހެއެވެ. މަތީ ތަޢުލީމުގައި ދިވެހި ބަހަށް ދޭންޖެހޭ ޤަދަރު ބޮޑުކުރަން ޖެހެއެވެ. ދިވެހި ބަހުން ކިޔަވައިދޭ މުދައްރިސުންގެ އަދަދު އިތުރުކޮށް މުދައްރިސުންނަަށް އިތުރު ތަމްރީން ފޯރުކޮށްދޭން ޖެހެއެވެ. ޒަމާނީވުމަކީ އަމިއްލަވަންތަކަން ދޫކޮށްލުމެއް ނޫނެވެ. ބަހެއް ދިރިއޮންނާނީ ހަމައެކަނި ލޯތްބަކުން ނޫނެވެ. އެހެނެއްކަމަކު، ވެރިކަން ހިންގުމާއި، ޢިލްމީ ދިރާސާތަކާއި  އައު އީޖާދުތަކުގައި އެ ބަހެއްގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފައިގެންނެވެ.

ދިވެހިބަސް ރައްކާތެރިކޮށް ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް
މާދަރީ ބަހުން ދޭ ތަޢުލީމު ފުޅާކުރުން: ދީނީ މާއްދާތަކާއި ބަހުގެ މާއްދާގެ އިތުރުން، އިޖުތިމާޢީ ޢިލްމާއި، ސައިންސާއި،  މަދަނީ ތަޢުލީމު ފަދަ މާއްދާތަށް ދިވެހިބަހުން ކިޔަވައިދިނުން.
ޢިލްމީ ބަސްކޮށާރު މުއްސަނދިކުރުން: ޒަމާނީ މާއްދާތަކަށް ބޭނުންވާނެ ދިވެހި މުޞްޠަލަޙުތައ އެކަށައަޅައި، މަތީ ތަޢުލީމާއި ފަންނީ ދާއިރާތަކުގައި ދިވެހިބަސް ބޭނުންކުރެވޭނެ މަގު ފަހިކުރުން.
ދިވެހި މުދައްރިސުން ބާރުވެރިކުރުވުން: މުޤައްރަރުތައް ފަރުމާކުރުމާއި، ކިޔަވައިދިނުމުގެ އުކުޅުތަކާއި، އަދި ދެބަހުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހި މުދައްރިސުން ތަމްރީނުކޮށް، ބޭރުގެ މުދައްރިސުންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން.
ފަންނީ ދުނިޔޭގައި ދިވެހިބަސް ކުރިއެރުވުން: ދިވެހި ބަހުން ތައްޔާރުކޮށްފައިވާ ވަސީލަތްތަކާއި، ވިއުގަތަކާއި، ފޮތްތައް އުފައްދާ ޗާޕްކޮށް ޒުވާނުންގެ މެދުގައި ބަހުގެ މަޤުބޫލުކަން ދެމެހެއްޓުން.
މުޖުތަމަޢު އިސްނަގައިގެން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގުން: ސަގާފީ މުވައްސަސާތައް އުފައްދާ، ވާހަކަ ދެއްކުމުގެ ޕްރޮގްރާމްތަކާއި،  ޖީލުތައް ގުޅުވައިދޭ މަސައްކަތު ބައްދަލުވުންތައް ބާއްވާ ދިވެހި ދަރިންނަށް ދިވެހިންގެ ތަރިކައާއި ދިވެހިބަސް ދަސްކޮށްދިނުން.
ސިޔާސަތުތަކާއި ސަރުކާރުގެ އެހީތެރިކަން: ދިވެހިބަސް ރައްކާތެރިކުރުމަށް ޤާނޫނުތައް ހަދާ ތަންފީޛުކޮށް، ބަހުގެ ޕްރޮގްރާމްތަކަށް ބަޖެޓު ހަމަޖައްސައި، ބަހަވީ މުހިންމުކަން ރަސްމީގޮތުން ބަލައިގަތުން.
ލިޔެކިޔުންތަކާއި ދިރާސާކުރުން: ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭނުންކުރާ ބަހުރުވަތަކާއި  މިސާލުބަސްތަކާއި، ތާރީޚީ ފުލޯކް ވާހަކަތައް ރެކޯޑުކޮށް، ދިރާސާކުރުމަށްޓަކައި ރައްކާތެރިކުރުން.

އެންމެ ފަހުގެ ނޭވާ — ނުވަތަ އިޚްތިޔާރުކުރެވޭ އަޑު

ބަހަކުން ވާހަކަދައްކާ އެންމެ ފަހު މީހާ އެކަނި އިށީނދެގެން އިނދެ، އޭނާގެ ކުޑައިރުގެ ބަހުން ޖަވާބުދޭނެ އެކަކުވެސް ނެތްކަން އެނގޭ ހިނދު ކުރެވޭނެ އިޙްސާސް ތަސައްވުރުކޮށްލާށެވެ. ބަހަވީ ހިމޭންކަން، ރާޅު ބާނިތަކެއް ފަދައިން އޭނާ ވަށާލާނެއެވެ. އަދި ތަޞައްވުރުކޮށްލައްވާށެވެ؛ ކުލާސްރޫމެއްގައި ކުދިން ސައިންސާއި، އަދަބިއްޔާތާއި، އަދި އިޖުތިމާޢީ ބަހުސްތަކުގައި އެކުދިންގެ ކާބަފައިންގެ ބަހުން ވަރަށް އިތުބާރާއެކު ވާހަކަދައްކާ މަންޒަރެވެ. ފުރަތަމަ މަންޒަރުން ދުނިޔެ ހަނިވެގެންދެއެވެ. ދެވަނަ މަންޒަރުން ދުނިޔެ މުއްސަނދިވެ، ފުޅާވެގެންދެއެވެ.

ބަހެއް މަރުވުމަކީ ފިކުރީ އުދަރެސް ހަނިވެގެންދާ ކަމެކެވެ. ގެއްލިގެންދާ ކޮންމެ ބަހަކީ، ދުން ނުއަރާ އަނދައިގެންދާ ކުތުބުޚާނާއެކެވެ. ނަމަވެސް، މުޖުތަމައުތަކުން ބަސް ރައްކާތެރިކުރަން އިސްނަގައިފިނަމަ ބަސް ދިރުވުމަކީ ކުރެވޭނެ ކަމެކެވެ.

ދެން އޮތް ސުވާލަކީ ދުނިޔެއަށް އަންނަ ބަދަލުތައް ނުވަތަ 'ގްލޯބަލައިޒޭޝަން' ކުރިއަށްދާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އެކަން އެގޮތަށް ހިނގާނެއެވެ. ދެންއޮތް ސުވާލަކީ، ކުދި ޤައުމުތަކުން އެމީހުންގެ ބަހަވީ ތަރިކަ ހަމައެކަނި ރަސްމިއްޔާތުތަކަށް ޚާއްޞަ އެއްޗަކަށް ހަދައި، އެއްފަރާތްކޮށްލާނީތޯ ނުވަތަ ނޫންތޯއެވެ. ބަހެއް ފުރިހަމަ ގޮތުގައި ދިރިއޮންނާނީ ކުލާސްރޫމްތަކާއި، ކޯޓުތަކާއި، ދިރާސާކުރާ މަރުކަޒުތަކާއި، އަދި ދުވަހުން ދުވަހަށް ދެކެވޭ ވާހަކަތަކުގައި މާދަރީބަސް ބޭނުންކުރުމުންނެވެ. އޭރުން އެ ބަސް ހަމައެކަނި ސަލާމަތްވަނީކީ ނޫނެވެ؛ އެ ބަހުގެ މުސްތަޤުބަލު އުޖާލާވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *