ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މިލިއަނަކަށްވުރެ ގިނަ ކުދިން ތައުލީމުން މަހުރޫމްވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން "އާސިއާން-ޔޫކޭ ސޭޖް" ޕްރޮގްރާމްގެ ދަށުން މުހިންމު ދިރާސާ ރިޕޯޓެއް އާންމުކޮށްފިއެވެ.
މި ރިޕޯޓަކީ ހާއްސަކޮށް އަންހެން ކުދިންނާއި މުޖުތަމައުގައި ބާކީވެފައިވާ ފަރާތްތަކަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ ސިޔާސަތުތަކަށް ބާރުއެޅުމުގެ މަގްސަދުގައި ތައްޔާރުކުރި ރިޕޯޓެކެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބެންކޮކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނެރުނު މި ރިޕޯޓުގައި، ސްކޫލަށް ނުދާ ކުދިންނާއި ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަނީ ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައެވެ. އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް އިން ފަންޑުކުރާ މި މަޝްރޫއަކީ އާސިއާންގެ ގައުމުތަކާއި ތިމޯރް-ލެސްޓޭގައި ތައުލީމީ ފެންވަރު މަތިކޮށް، ޑިޖިޓަލް ހުނަރުތައް ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަ އިރުޝާދުތަކެއް މިހާރު ވަނީ އެކުލަވައިލެވިފައެވެ.
ބްރިޓިޝް ކައުންސިލްގެ ސައުތު އީސްޓް އޭޝިއާގެ ޑައިރެކްޓަރު ސަމާ ޝިއާ ވިދާޅުވި ގޮތުގައި، މި މައްސަލަތައް ހައްލުކުރުމަށް ސަރަހައްދީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ފަސްމަންޒަރަށް ބެލުމެއް ނެތި، ފެންވަރު ރަނގަޅު ތައުލީމެއް ލިބި، މުޖުތަމައަށް ފައިދާހުރި މީހަކަށް ވުމުގެ ފުރުސަތު އޮތް މުސްތަގުބަލެއް ބިނާކުރުމެވެ.
މި ރިޕޯޓާއެކު، ކުރިއަށް އޮތް ތަނުގައި ކޮންމެ ގައުމަކަށް ވަކިވަކިން ހާއްސަ ދިރާސާތަކާއި ޕައިލެޓް ޕްރޮޖެކްޓްތައް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.
advertisment
ހިޔާލު