ވިލާ ކޮލެޖުގެ މާސްޓަރ އޮފް އެޑިއުކޭޝަން ޕްރޮގްރާމަށް އިނގިރޭސިވިލާތުގެ ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕްގެ އެޕްރޫވަލް

ވިލާ ކޮލެޖުގެ މާސްޓަރ އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމުގެ އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް މޮޑިއުލްއަށް އިނގިރޭސިވިލާތުގެ ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕގެ ރަސްމީ އެޕްރޫވަލް ލިބިއްޖެއެވެ. ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕަކީ 75 އަހަރުގެ ދިގު ތާރީޚަކާއި އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލީޑަރޝިޕް ދާއިރާގައި ޚިދުމަތް ކުރަމުންދާ ލީޑަރުންނާއި މެނޭޖަރުންނާއި ފަންނީ މާހިރުން ހިމެނޭ ބައިނަލްއަޤުވާމީ އިންސްޓިޓިއުޓެކެވެ.

މި އެޕްރޫވަލް އާއި އެކު ވިލާ ކޮލެޖުގެ މި ޕްރޮގްރާމްގެ ކޮންޓެންޓް އަދި ކިޔަވައިދިނުން އެ އިންސްޓިޓިއުޓް އިން ކަނޑައަޅާފައިފާ  ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުވެގެންދެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ލީޑަރުންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމަކީ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ ލެވެލް 9 ގެ މާސްޓާޒް ފެންވަރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ޚާއްޞަ ކަމަކީ ލީޑަރޝިޕް ހުނަރުތަކާއި ޕެޑަގޮޖިކަލް ނޮލެޖް އެއް ޕްރޮގްރާމެއްގެ ތެރޭގައި ހިމެނިފައިވުމެވެ. ސިސްޓަމްސް ތިންކިންގ ބޭނުންކޮށްގެން ސްކޫލް މާޙައުލު ރާވައި ހިންގުމާއި، ދިރާސީ ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމާ، ތަޢުލީމީ ސިޔާސަތުތައް ޢަމަލީ ގޮތެއްގައި އުނގެނި ތަޙުލީލުކުރުން ފަދަ ދާއިރާތައް މި ޕްރޮގްރާމުގައި ފުޅާ ދާއިރާއެއްގައި ކިޔަވައިދެއެވެ.

ސްކޫލެއް ހިންގުމާއި، ޓީމުތައް މެނޭޖުކުރުމުގެ އިތުރުން ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ހިންގުމަކީ ތަފާތު ގިނަ ހުނަރުތަކެއް ބޭނުންވާ ކަމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ލީޑަރޝިޕާއި މެނޭޖްމަންޓުގެ ޢަމަލީ ހުނަރުތައް ދަސްވެ، ކޮމިއުނިޓީއާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕުން ފާހަގަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ މަންހަޖު ވަނީ އެ މުއައްސަސާގެ ޑައިމެންޝަންސް އޮފް ލީޑަރޝިޕް ފްރޭމްވޯކާ ގުޅުވާލެވިފައެވެ. މިގޮތުން، އަމިއްލަ ނަފްސު ދެނެގަތުމާއި، ސްޓްރެޓެޖީތައް އެކުލަވާލުމާއި، އެކި ޙާލަތްތަކާ ގުޅޭ ލީޑަރޝިޕް ސްޓައިލްތައް ބޭނުންކުރުމުގެ އިތުރުން ކްރިޓިކަލް ރިފްލެކްޝަން ބޭނުންކޮށްގެން ކަންކަން ނިންމުމާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުން ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް ޢިލްމީ އަދި ޢަމަލީ ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އަމިއްލަ ތަޖުރިބާތަކާ މެދު ފުންކޮށް ވިސްނައި، އިޖުތިމާޢީ ދާއިރާގައި ތަޢުލީމީ ގޮތުން ހެޔޮ ބަދަލު ގެނެވޭނެ ގޮތްތައް ހޯދައި ދެނެގަތުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. މިއީ އަމިއްލަ މަސައްކަތުގެ ފެންވަރާ މެދު ވިސްނައި، އެ ފެންވަރު ކުރިއެރުވުމަށް މަސައްކަތްކުރާ މުދައްރިސުންނާއި ލީޑަރުން ބިނާކުރުމަށް ބާރު އަޅާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ކޯ މޮޑިއުލްތަކުގެ ތެރޭގައި އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް މޮޑިއުލްގެ އިތުރުން  ޕްރޮމޯޓިންގ ސަކްސެސްފުލް ލާރނިންގ، އެކްސްޕްލޯރިންގ އެޑިއުކޭޝަނަލް ޕޮލިސީ އެންޑް ޕާރސްޕެކްޓިވްސް، ކަރިކިއުލަމް ޑިޒައިން އެންޑް އިމްޕްލިމެންޓޭޝަން، އެޑިއުކޭޝަނަލް ރިސާރޗް، އަދި ޑިޒަޓޭޝަން ހިމެނެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ސެމިސްޓަރ ނިމުމުން، ފުރަތަމަ ތިން މޮޑިއުލް ފުރިހަމަކުރާ ދަރިވަރުންނަށް ޕޯސްޓްގްރެޖުއޭޓް ސެޓިފިކެޓް އިން އެޑިއުކޭޝަން ޙާޞިލުވެގެންދާނެއެވެ. ބާކީ މޮޑިއުލްތައް ފުރިހަމަކޮށް ޑިޒަޓޭޝަން ހުށަހެޅުމުން މާސްޓަރ އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ޙާޞިލުކުރެވޭނެއެވެ. ރިސާޗް ކޮމްޕޯނަންޓުގައި ޚާއްޞަ ސަމާލުކަމެއް ދެވިފައިވަނީ ރިސާޗް މެތޮޑޮލޮޖީގެ ޕްރޮސެސްތަކާއި، އެތިކްސް އާއި ތިއޮރެޓިކަލް ފްރޭމްވޯކްތައް ދެނެގަތުމާއި ، އަމިއްލައަށް ރިސާރޗް ހެދުމަށެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންނަށް ދެ ގޮތަކުން ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ ޕްރޮފެޝަނަލް ރެކޮގްނިޝަން ލިބިގެންދާނެއެވެ. އެއީ ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕުގެ ސެޓިފިކެޓް އޮފް އެޗީވްމަންޓް ލިބުމާއި، އެ މުއައްސަސާގެ އެސޯސިއޭޓް ގްރޭޑްމެމްބަރޝިޕަށް ޝަރުތު ފުރިހަމަވުމެވެ. ހަމައެހެންމެ، ކިޔަވާ މުއްދަތުގެ ތެރޭގައި އެ އިންސްޓިޓިއުޓުގެ ލީޑަރޝިޕް އީ-ލާރނިންގ ޕްލެޓްފޯމާއި އެހެނިހެން ފަންނީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދިއުމަކީ، ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަޤުވާމީ ފެންވަރުގެ ޢިލްމީ ވަސީލަތްތަކަކަށް ވާސިލުވުމަށް ހުޅުވިގެންދާ ވަރަށް މުހިންމު ދޮރެކެވެ. ކެރިއާ ކުރިއެރުމުގެ ގޮތުން ބަލާއިރު، މި ޕްރޮގްރާމް ފުރިހަމަކުރާ ބޭފުޅުންނަށް ސްކޫލްތަކުގެ ހެޑް އޮފް ޑިޕާރޓްމަންޓް، ޕްރިންސިޕަލް، އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މެނޭޖީރިއަލް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަޒީފާގައި އުޅެމުން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް މި ޕްރޮގްރާމް ހިންގަނީ އޮންލައިންކޮށް ނުވަތަ ކުލާހަށް ޙާޟިރުވެގެން ކިޔެވޭ ގޮތަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަރިވަރުންނަށް ކޮންމެ ހަފްތާއަކު ލެކްޗަރާއިންނާ ބައްދަލުކޮށް ކޮންސަލްޓޭޝަން ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. މި ގޮތަށް ލެކްޗަރާއިންގެ ފަރާތުން ގަވާއިދުން ލިބޭ ސީދާ އެހީތެރިކަމަކީ ވަޒީފާގައި އުޅެމުން ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑު ބާރެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވިލާ ކޮލެޖުން މެއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު މިވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގުޅޭ ދާއިރާއަކުން ބެޗެލާޒް ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ގްރެޖުއޭޓް ޑިޕްލޮމާއެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން ޢަބްދުއްސައްތާރު ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޙަޤީޤީ ބަދަލު ގެނެވޭ ފެންވަރުގެ ލީޑަރުން ބިނާކުރުމުގެ މަޤުޞަދުގައެވެ. ދި އިންސްޓިޓިއުޓް އޮފް ލީޑަރޝިޕުގެ އެޕްރޫވަލް ލިބިފައިވުމަކީ، މި ޕްރޮގްރާމުގެ ފެންވަރު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭކަމުގެ ހެއްކެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ވިލާ ކޮލެޖުގެ އުއްމީދަކީ މި ޕްރޮގްރާމުގެ ތެރެއިން ސްކޫލްތަކުގެ ހިންގުމަށް ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ލީޑަރުން ތަމްރީނު ކުރެވިގެން ދިއުންކަމުގައި ވެސް ޑީން ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި، އެ ދާއިރާގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ހުނަރުތައް ތަރައްޤީކޮށް، އައު އުސްމިންތަކަކަށް ވާސިލުވުމަށް ވިލާ ކޮލެޖުން މިވަނީ މަގުފަހިކޮށްދީފައެވެ. ބައިނަލްއަޤުވާމީ ޕްރޮފެޝަނަލް ރެކޮގްނިޝަނާ އެކީ، ދިވެހިރާއްޖޭގައި ތިއްބަވައިގެން މާސްޓާޒް ފެންވަރުގެ ތަޢުލީމެއް ޙާޞިލުކުރެއްވުމުގެ މި ފުރުޞަތުގެ ސަބަބުން ސްކޫލްތަކުގެ އިދާރީ ހިންގުން ހަރުދަނާވެ، މުޅި މުޖުތަމަޢުގެ ތަޢުލީމީ ނިޒާމަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބިގެންދާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *