މަރިޔަމް ޝަތުރަތު ޝާކިރު. ސްޕެޝަލް އެޑިޔުކޭޓަރު
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއީ މީހުން ހޭލުންތެރިކުރުވައި، އެންމެން ބައިވެރިކުރުވުމުގެ ރޫހު އާލާކުރުމުގެ އިތުރުން، ކޮންމެ އިންސާނަކީވެސް ތަފާތު، އަދި އެހާމެ އަގުހުރި މީހެއްކަން ހަނދާންކޮށްދޭ ފަދަ އެއްދުވަހެކެވެ.
ޑައުން ސިންޑްރޮމް އަކީ ބައްޔެއް ނޫނެވެ. މިއީ އުފެދުމުގައި އިތުރު ކްރޮމޮޒޯމެއްގެ ސަބަބުން ދިމާވާ ޙާލަތެކެވެ. މީގެ ސަބަބުން މިކުދިންގެ ހެދިބޮޑުވުމާއި، ކަންކަން ދަސްކުރުމާއި، ވާހަކަދެއްކުންފަދަ މުހިންމު ހުނަރުތައް އުމުރުފުރައިގެ އެހެންކުދިންނާއި އަޅާބަލާއިރު ލަސްވެފައިވާކަން ފާހަގަކުރެވޭނެއެވެ. އެހެންނަމަވެސް، އެކަށީގެންވާ އެހީތެރިކަމާއި، ކެތްތެރިކަމާއެކު ފުރުސަތުތައް ފަހިކޮށްދީފިނަމަ، ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށްވެސް އާ ކަންކަން ދަސްކޮށް، ހުނަރުތައް ތަރައްގީކޮށް، މުޖުތަމައުގައި ކާމިޔާބު ކުދިންތަކަކަށް ހެދިދާނެއެވެ. މި ލިޔުމުގައި އަޅުގަނޑު މި ހިމަނާލަނީ ކްލާސްރޫމްގައި އުނގަންނައި ދިނުމަށާއި ދަރިވަރުގެ އުޅުން ބައްޓަންކުރުމަށް މުދައްރިސުންނަށް ބޭނުންކުރެވިދާނެ އުކުޅު ތަކަކަށެވެ. އަދި މުޖްތަމަޢު ވިސްނަންވީ ކަންތައްތަކެވެ.

މުދައްރިސުންނަށް އަމަލީ ގޮތުން ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް
- ކުރަންޖެހޭ ކަންކަން ސާފުސީދާ ޖުމުލައިން ކިޔައިދޭންވާނެއެވެ. އަދި ފަސޭހައިން މަސައްކަތްކުރެވޭނެ ފަދަ ގޮތަކަށް ކުރުކޮށްލާ ބައިތަކަށް ބަހާލައިގެންވެސް މަސައްކަތް ނިންމުމަށް ބާރުއެޅިދާނެއެވެ. ހުރިހާ ކުދިންނަށް ދޭ އިރުޝާދުތައް ވަކިންވެސް މި ދަރިވަރަށް ކިޔައިދޭން ވާނެއެވެ.
- ދަރިވަރު ޝައުޤުވެރިވާކަންތައްތައް ދެނެގަންނާށެވެ. މިސާލަކަށް؛ "ބޯޅަކުޅުން" ޝައުޤުވެރިވާނަމަ، ކިޔަވައިދިނުމުގައިއާއި ހުނަރުތައް ދަސްކޮށްދިނުމުގައި މިކަންތައްތައް ދަރިވަރު |މޯޓިވޭޓް| ކުރުމަށްޓަކައި ބޭނުންކުރެވިދާނެއެވެ.
- ފިލާވަޅު ކިޔައިދެމުންދާއިރު ބަލައިގެން ދަސްކުރެވޭ ފަދަ ވަސީލަތްތައް ގިނައިން ބޭނުންކުރަންވާނެއެވެ. ފޮޓޯ، ޗާޓު އަދި (މޮޑެލިންގ) އެހެން މީހުންކުރާ ގޮތް ރަނގަޅުގޮތުގައި ދައްކުވައިދީގެން ކަންކަން ފަހުމްވާލެއް އަވަސްވާނެއެވެ.
- ދަސްކޮށްދޭ ކަންތައްތައް ތަކުރާރުކޮށް ކިޔައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ދަސްކޮށްދޭ ފިލާވަޅުތަކާއި އިރުޝާދުތައް ތަފާތު ގޮތްގޮތަށް ތަކުރާރުކޮށްދީ، ފަރިތަކުރުވުމަށް އިސްކަންދޭށެވެ.
- މައުލޫމާތުތައް ދެނެގަތުމަށާއި، ސުވާލުތަކަށް ޖަވާބު ދިނުމަށް އިތުރުވަގުތު ދޭށެވެ.
- އެއްޗަކާއި ނުވަތަ ކަމަކާ ބެހޭގޮތުން ލިޔަން ދިނުމުގެ ކުރިން އެއްޗެއްގެ ވީޑިއޯއެއް ބަލާލެވިދާނެއެވެ. އަދި ވީޑިޔޯއިން ފެނުނު ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކާ އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް " މައިންޑް މެޕެއް" ތައްޔާރުކުރެވިދާނެއެވެ. އޭގެފަހުގައި ކޮންމެ ޕޮއިންޓަކަށް ވަކިން ދަރިވަރު ލިޔަމުންދާގޮތް ޗެކްކުރެވިދާނެއެވެ.
- ދަރިވަރު ކިޔަން ފަރިތަކުރަމުންދާއިރު، އަޑުތައް ބޭނުންކޮށްގެން ކިޔަން ބާރުއެޅިދާނެއެވެ. އަދި ޢާންމުކޮށް ބޭނުންކުރާ ބަސްތައް ހަފްތާތަކަށް ބަހާލައިގެން ދަސްކޮށްދިނުމުގެ ގޮތުން ފާރުގައި ނުވަތަ ފޮތުގައި ވަކިން ޑިސްޕްލޭ ކުރެވިދާނެއެވެ.
- ދަރިވަރު އަމިއްލައަށް ވާހަކަދައްކަން ގިނަ ފުރުސަތު ހޯދައިދީ ވާހަކަދެއްކުމަށް ބާރުއަޅަންވާނެއެވެ. މީގެ އިތުރުން އާ ބަސްތައް ބޭނުންކުރުމުން ދަރިވަރަށް ހިތްވަރުދޭށެވެ. ބުނާބަސް އެންމެ ރަނގަޅަށް ދޭހަނުވި ނަމަވެސް ސަމާލުކަންދީ އަޑުއަހަންވާނެއެވެ. އަދި ޖަވާބުދޭން ވާނެއެވެ.
- އަމަލީ ގޮތުން ބައިވެރިވެގެން އުނގެނުމަށް ހިތްވަރުދޭންވާނެއެވެ. މިގޮތުން ކަންތައްތައް ފަހުމްކޮށްދިނުމަށްޓަކައި ޢަމަލީ ގޮތުން އެކަމެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދޭށެވެ. މިފަދަ ދަނޑިވަޅުތަކުގައި އަސްލު ތަކެތި ބޭނުންކޮށްގެންވެސް އެ ހުނަރު ދަސްކޮށްދެވިދާނެއެވެ.
- ޑްރާމާ، ނުވަތަ ތަމްސީލް ކުޅުމުގެ ތެރެއިންވެސް ދަރިވަރުންނަށް ވަރަށް ގިނަ ކަންތައްތައް ދަސްކޮށްދެވިދާނެއެވެ.
- ވަގުތުނެގިކަމުގައި ވިޔަސް ދަރިވަރުގެ އަމިއްލަ ކަންތައްތައް، ބޫޓަށް އެރުން، ކުނި ޑަސްޓްބިނަށް ލުން ފަދަ ކަންތައްތައް ދަރިވަރު ލައްވާ އެކަނި ކުރުވަން ބާރުއަޅާށެވެ.
- އާދަކޮށް ކުރާނެ ކަންކަން ތަރުތީބުކޮށްލުމުން މި ދަރިވަރުންނަށްވެސް ވަރަށް ފަސޭހަވެގެން ދެއެވެ. ކްލާހުގައި ކަންކަން ކުރިއަށްދާނެ ވަކި ތަރުތީބެއް ނުވަތަ ރޫޓީނެއް އޮތުމަކީ ކުދިންނަށް އަމާންކަން އިހުސާސްވެ، ކުރަންޖެހޭ ކަންކަން ބޮޑަށް ސާފުވާނެ ކަމެކެވެ.
- ހިތްވަރުދިނުމުގެ ގޮތުން ރަނގަޅު ބަސްތައް ބޭނުންކުރާށެވެ. ހަމައެކަނި ރަނގަޅު ޖަވާބުދިނުމުން ތައުރީފުކުރުމުގެ ބަދަލުގައި، ދަރިވަރު ކުރާ މަސައްކަތަށާއި ހޯދާ ކުރިއެރުމަށް ތައުރީފުކޮށް ހިތްވަރުދޭށެވެ. އަދި މިގޮތަށް ހިތްވަރު ދޭއިރު ކްލާހުގެ އެހެން ދަރިވަރުންވެސް ބައިވެރިކުރެވިދާނެއެވެ.
- ކްލާހުގެ އެކުވެރިންގެ އެހީތެރިކަން ހޯދައިދިނުން: 'ބަޑީ' އެއްގެ ގޮތުގައި ވަކި ދަރިވަރަކު ކަނޑައަޅައި އެހީތެރިވެދޭނެ ފަދަ ދަރިވަރުންނާއިއެކު ގްރޫޕް ހަދައިގެން މަސައްކަތް ކުރުވުމުން، އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ އުނގެނުމަށް ފަސޭހަވެއެވެ.
- އައުޓްޑޯ ގެ ޙަރަކާތްތަކަށް ދާނަމަ ކުރީބައިގައި ދަރިވަރުގެ ފަރާތުން މުދައްރިސް އުންމީދުކުރާ އަދި ފެންނަން ބެނުންވާ ރަނގަޅުކަންތައްތައް ފަހުމްވާގޮތަށް ކިޔައިދޭންވާނެއެވެ. އަދި އެކަންތައްތައް ފެންނަވަގުތު ހިތްވަރުދީ އުފާވާކާން ބުނަންވާނެއެވެ.
- ދަރިވަރުގެ ކިބައިގައި ހުރި ހުނަރުތަކަށް އިސްކަންދީ ދަރިވަރަށް ކުރަން އެނގޭ ކަންކަން ދެނެގަނެ، އެ ހުނަރުތަކުގެ މައްޗަށް ބިނާކޮށް ކުރެވޭނެ ފަދަ މަސައްކަތްތައް ކުރުމަށް މަގުދައްކައިދޭށެވެ.
- ކެތްތެރިވުމާއިއެކު ހާލަތާ ގުޅޭގޮތަށް ބަދަލުވާންވާނެއެވެ. ކޮންމެ ދަރިވަރަކީވެސް ތަފާތު ގޮތަކަށް އުނގެނޭ ދަރިވަރެކެވެ. އެހެންކަމުން، ދަރިވަރުގެ ބޭނުންތަކަށް ރިއާޔަތްކޮށް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށާއި ކްލާސްރޫމްގައި ދެވޭ މަސައްކަތްތަކަށް ބަދަލު ގެންނަން ވާނެއެވެ.
- ދަރިވަރުގެ އުޅުމުން ފެންނަ ރަނގަޅުކަންތައްތަކަށް ވަގުތުން ތަރުޙީބުދިނުމަކީ ވަރަށް މުހިންމުކަމެކެވެ. މިފަދަ ވަގުތުތަކުގައިވެސް ކުރު ސާފު ސީދާ ޖުމުލަ ބޭނުންކުރަންވާނެއެވެ.
ދަރިވަރުންގެ ފަރާތުން ފެނިދާނެ ތަފާތު ބިހޭވިއަރތައް ކުޑަކުރުމަށް މުދައްރިސުންނަށް މަސައްކަތްކުރެވިދާނެ ގޮތްތަކަށް ބަލާ ތައްޔާރުކުރެވިފައިވާ ކުރު ވީޑީއޯ އެކެވެ.

މުޖުތަމަޢުގެ ދައުރު
ޝާމިލުކުރުމަކީ ހަމައެކަނި ތަޢުލީމީ މުއައްސަސާތަކުގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ނޫނެވެ. މިކަމުގައި މުޅި މުޖުތަމަޢުގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން؛
- ދުވަހުން ދުވަހަށް ކުރެވޭ މުޢާމަލާތްތަކުގައި އޯގާތެރިކަން އިސްކޮށް، އެންމެންނަކީވެސް މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ފަށަމާ ހިނގާށެވެ.
- ކުޅިވަރާއި، މަސައްކަތް ދަސްކުރުމުގައިއާއި އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައި އެންމެންނަށް ހަމަހަމަކަމާއެކު ބައިވެރިވެވޭނެ މަގު ފަހިކޮށްދެމާ ހިނގާށެވެ.
- މީހުންގެ މެދުގައި ހުންނަ ނުބައި ހީ ތަކާއި އޮޅުންއެރުންތައް ނައްތާލުމަށްޓަކައި މުޖުތަމަޢު ހޭލުންތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ.
- ބެލެނިވެރިންނާއި ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންދީ، އެމީހުންނަށް އިޙްތިރާމްކުރާ، އެކުވެރި މުޖުތަމަޢަކަށް ބިނާކުރަމާ ހިނގާށެވެ.
- ކުދިންނަށް ބޭނުންވާ މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް މުޖުތަމަޢުގައި ތިބި އެކި އެކި ދާއިރާތަކުގެ ފަންނީ ފަރާތްތައް އިސްނަގަމާ ހިނގާށެވެ.
- ބަލަގައިތުމުގެ ރީތި ސިފައަކީ އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަން ޖެހޭ ހެޔޮ ބަދަލެކެވެ. ހިތްހެޔޮކަން އިސްކޮށް ކޮންމެ ފަރާތަކީ ވެސް އަގުބޮޑު މީހެއްކަމުގައި ދެކެމާ ހިނގާށެވެ.

ޑައުންސިންޑްރޯމް ހުއްޓަސް ކޮންމެ ކުއްޖަކީވެސް ވަރަށް ތަފާތުކުއްޖެކެވެ. ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ކުއްޖާ ރަނގަޅަށް ނޭނގި އަޅުގަނޑުމެން ކަނޑައަޅައި މިންކޮށްގެން ނުވާނެއެވެ. މިއީ މޮޅު ހުނަރު ތަކާއިއެކު، ހިތްވަރާއިއެކު، އަޅުގަނޑުމެންނަށް އެތައް ގޮތަކުން އުފާވެރިކަން ގެނެސްދިނުމުގެ ފުރިހަމަ ޤާބިލްކަން ލިބިގެންވާ ކުދިންނެވެ. މިހެންކަމުން މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކޮށްފިނަމަ މި ކޮންމެ ކުއްޖަކީ އިޙްތިރާމާއި ބާރުވެރިކަން ލިބިގެންވާ ކުއްޖަކަށް ހެދިދާނެއެވެ. އަދިވެސް ދަންނަވަމެވެ.
އެންމެން ޝާމިލްވާ މުޖުތަމަޢެއް ބިނާކުރަން މަސައްކަތް ކުރަންވީ ހަމަ އެކަނި 21 މާރިޗްގައި އެކަންޏެއް ނޫނެވެ. މިއީ ކޮންމެދުވަހެއްގެވެސް އަޅުގަނޑުމެންގެ އާދައަކަށް ހަދަންޖެހޭ ކަމެކެވެ.
advertisment
ހިޔާލު