އއ. އޭއޭސީން ހޭންޑްބޯޅަ ކުޅެން ފެށީ އެ މީހުންގެ އަމިއްލަ ކުޅިވަރެއްގެ ގޮތުގައި

މިއަދު އެއީ، ފާއިތުވި ދެ އަހަރުގެ ވެސް އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން  ޗެމްޕިއަނުން

އއ. އަތޮޅު ތައުލީމީ މަރުކަޒުން ހޭންޑްބޯޅަ ތައާރަފު ކުރީ  2006 ވަނަ އަހަރު  ޖޫނިއާ އަންހެން ކުދިންނަށް ޚާއްޞަކޮށްގެންނެވެ. އޭރު އެ ސްކޫކުގައި އިންޓަރ ހައުސް މުބާރާތެއްގެ ގޮތުގައި އަންހެން ދަރިވަރުންނަށް ބާއްވަނީ ވޮލީއެވެ. ޖޫނިއާ އަންހެން ދަރިވަރުނަން އެކުދިންގެ އިސްކޮޅުގެ ގޮތުން އެ ކުޅިވަރު ކުޅުމުގައި ދަތިވެއެވެ. އެކަމަށް ހައްލެއް ހޯދައި ދިނުމަށް އއ. އޭއީސީން އޭރު ތައާރަފު ކުރީ ހޭންޑްބޯޅައެވެ. އޭރު އެ ކުޅިވަރަކީ ބައިނަލް އަޤްވާމީ ގޮތުން ކުޅޭ ކުޅިވަރެއްކަން ނޭނގެއެވެ.

ހޭންޑްބޯޅަ ފެށީ އަމިއްލަ ޤަވާއުދަކާ އުޞޫލުތަކެއް ލިޔެގެންނެވެ. އެ އުޞޫލުތައް ހެދީ ނެޓްބޯޅަ އަސްލެއްކަމުގައި ބަލައިގެން ޖޫނިއާ އުމުރު ފުރައިގެ ކުދިންނަށް ކުޅެން ފައްސޭހަ ގޮތަށް ބަދަލުތައް ގެނެސްގެނެވެ. އއ. އޭއީސީން އަމިއްލައަށް މޮޑިފައި ކުރި ހޭންޑްބޯޅައަށް އަތޮޅު ފެންވަރުގައި ވެސް ސަޕޯޓް ލިބިގެން ދިޔައިރު، ފާޑުކިޔުންތައް ވެސް އޭރު އަމާޒުވިއެވެ. ބައެއް މީހުންގެ ނަޒަރުގައި ކުރިއަށް ނުދެވޭނެ، އެހެން މީހުން ނުކުޅޭ ކުޅިވަރެއް ކުޅެގެން ކުދިންނަށް ލިބޭނެ ފައިދާއެއް ނެތެވެ.

ނަމަވެސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހޭޑްބޯޅައަކީ މުޅި ރަށުގައިވެސް މަގުބޫލު ކުޅިވަރަކަށް ވެގެން ދިޔައެވެ.

ހަމައެއާއެކު އެ އަތޮޅުގެ އެހެން ބައެއް ސްކޫލްތަކުގައިވެސް އެކުޅިވަރަށް ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ. އަދި އެ ސްކޫލުގައި އެކުލަވާލެވިފައިވާ އުސޫލުތައް ބޭނުންވި ސްކޫލުތަކާއި ހިއްސާވެސް ކުރިއެވެ.

ހޭންޑް ބޯޅައަކީ ދުނިޔޭގެ ފެންވަރުގައި ކުޅޭ ކުޅިވަރެއްކަން ފާހަގަ ވެގެން ދިޔުމުން، އޭގެ ޤަވާއިދުތައް ބަލާ ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކުޅެމުން ގެންދެވުނެވެ.

އިންޓަރ ހައުސް ހޭންޑްބޯޅަ މުބާރާތުގައި އއ. އޭއީސީގެ ދަރިވަރުން ކުޅެނީ: އިންޓަރ ހައުސް މުބާރާތުން ނުކުންނަ ދަރިވަރުން ދަނީ ޤައުމީ ފެންވަރުގައި މޮޅު ކުޅުމެއް ދައްކަމުން- ފޮޓޯ: އއ. އޭއީސީ

ހޭންޑްބޯޅައަކީ އއ. އޭއީސީ ހުންނަ ރަސްދޫގައި ވެސް އަންހެން އެންމެ ގިނަ ބަޔަކު ކުޅޭ އެއް ކުޅިވަރެވެ. ފިރިހެން ކުދިންގެ މައިގަނޑު ކުޅިވަރަކީ ފުޓްސެލް އަދި ފުޓް ބޯޅައެވެ. ހަމަ އެއާއެކު ވޮލީވެސް ރަށުގައި ކުޅެއުޅެއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ހޭންޑްބޯޅަ ބަލައިގަނެ އެސޯސީއޭޝަނެއް އުފަންވުމުގެ މާކުރިން ހޭންޑްބޯޅައިގައި ރަސްދޫއަކީ މުހިންމު ރަށެކެވެ. އެ ރަށުގެ ކުދިން ވިދަން ފެށީ މީގެ އަށެއްކަ އަހަރެއްހާ ދުވަސް ކުރިން، އެރަށުގައި ފެށި ހޭންޑްބޯޅަ އެކަޑަމީއާ އެކުގައެވެ. އެ ކެޑަމީގެ މަސައްކަތް މުޅި ރަށަށް ފުޅާވެ ހޭންޑްބޯޅައިގެން ގަދަ ބާރަކަށް އެރަށާއި އެ ސްކޫލް ވުމުގެ ފަހަތުގައި އޮތީ އެކަޑެމީއާއި ރަސްދޫގައި ތިއްބެވި ހޭޑްބޯޅުއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކެވެ.

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދުމުން ރަށުގެ ރައްޔިތުންކީ ހޫނުމަރުޙަބާއެއް: މިއީ މި އުމުރުފުރައިގެ ތަށި ހޯދި ދެވަނަ ފަހަރު-ފޮތޯ: އއ. އޭއީސީ

 

އއ. އަތޮޅުގައި ބޭއްވުނު އަތޮޅު ފެންވަރުގެ ހޭޑްބޯޅަ މުބާރާތް ބޭއްވުނު ތިން އަހަރުވެސް ރަސްދޫ ހޭޑްބޯޅަ ޓީމްވަނީ ޗެންޕިއަންކަން ހޯދާ މިއަހަރު ވަނީ އެތަށި މިލްކު ކޮށްފައެވެ.

ރަސްދޫއަށް ނިސްބަތްވާ ކުޅުންތެރިން ރާއްޖޭގެ ތަފާތު ކުލަބުތުގެ ހޭޑްބޯޅަ ޓީމްތަކުގައިވެސް ކުޅެމުންދެއެވެ.

 

ހޭންޑްބޯޅަ ޤައުމީ ޓީމުގައި ވެސް އެރަށަށް ނިސްބަތްވާ ކުޅުންތެރިން އެބަތިއްބެވެ. ފާއިތުވި އަހަރު ބަންގުލަދޭޝްގައި އޮތް މުބާރާތަށް ދިޔަ 17 އަހަރުން ދަށުގެ ޤައުމީ ހޭޑްބޯޅަ ޓީމުގައި އއ. އޭއީސީގެ ތިން ދަރިވަރުން ހިމެނުނެވެ. ހަމަ އެއަހަރުގެ 19 އަހަރުން ދަށުގެ  ޤައުމީ ހޭޑްބޯޅަ ޓީމުގައިވެސް ރަސްދޫއަށް ނިސްބަތްވާ ކުދިން ހިމެނުނެވެ.

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި އއ. އޭއީސީން ގެ 17 އަހަރުން ދަށުގެ އުމުރު ފުރައިގައި 15 އަހަރުން ދަށުގެ ކުދިން ވެސް ކުޅެއެވެ. ސްކޫލުގެ އާބާދީ މަދުވީމާ ހުރިހާ އުމުރުފުރައެއް އެއްކޮށްލައިގެން އެކުލަވާލެވެނީ ރަނގަޅު ފެންވަރުގެ އެންމެ ޓީމެކެވެ.

17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އެ ސްކޫލުން ހޯދާތާ މިއީ ދެ ވަނަ އަހަރެވެ. އެ މަރުކަޒުގެ އަމާޒަކީ ކުރިއަށް އޮތް އަހަރު ތަކުގައިވެސް ފެންވަރު ރަނގަޅު ޓީމްތައް މުބާރާތުގައި ބައިވެރި ކުރުމެވެ.

ނިމިގެން ދިޔަ އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ ކާމިޔާބު ޓީމަކީ އއ. އޭއީސީއެވެ. ތަށި ހިފައިގެން ރަށަށް އައުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ޓީމަށް އެރުވީ އެންމެ މަތީ ޝަރަފެވެ. ކަނޑުމަތިން ދިނީ ގާޑްއޮފް އޮނަރއެކެވެ. އެއިން ވެސް ދައްކައިދިނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ރޫހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *