އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީނާއި ގުރައިދޫ ސްކޫލުން ހޯދައިފިއެވެ.
15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ގުރައިދޫ ސްކޫލުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ރެހެންދި ސްކޫލާ ވާދަކޮށް އެންމެ ގޯލެއްގެ ތަފާތަކުން މޮޅުވެގެންނެވެ. ވާދަވެރި ކުޅުމުގައި ގުރައިދޫއިން 10 ގޯލު ޖެހިއިރު، ރެހެންދިއަށް ޖެހުނީ ނުވަ ގޯލެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ގުރައިދޫ ސްކޫލުގެ މަރިޔަމް ރީމް ތައުރީފެވެ.
ގުރައިދޫ ސްކޫލް ފައިނަލުން ޖާގަ ހޯދީ އަޙްމަދިއްޔާއާ ވާދަކޮށް 6-7ގެ ތަފާތަކުން މޮޅުވެގެންނެވެ.
15 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި ޖަމާލުއްދީން ސްކޫލުން ތަށި ހޯދީ ފަސޭހަ ކަމާއެކު ޅ. އޭއީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޖަމާލުއްދީން ސްކޫލުން 13 ގޯލް ޖެހިއިރު ޅ. އޭއީސިއަށް ޖެހުނީ ހަތް ގޯލެވެ. ފުތަމަ ހާފުގައި މާގިނަ ގޯލު ތަކެއް ނުފެނުނަސް ދެވަނަ ހާފުގައި ގިނަ ގޯލުތަކެއް ޖެހިއެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ހަތަރު ގޯލު ޖެހި ޖަމާލުއްދީން ސްކޫލުގެ މުހައްމަދު އަކުމަލް ނަސީމެވެ.
ޖަމާލުއްދީނުން ފައިނަލަށް ދިޔައީ އަޙްމަދިއްޔާއާ ވާދަކޮށް 8-10ން މޮޅުވެގެންނެވެ.
ހިޔާލު