ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެނީ

ހދ. ހިރިމަރަދޫ ސްކޫލަށް ދަރިވަރުން ނުފޮނުވާ މައްސަލައިގައި މަޝްވަރާކުރަން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެރަށް ހިގެއްޖެއެވެ.

ދިރާސީ އައު އަހަރު އިއްޔެ ފެށިއިރު، ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން، ހިރިމަރަދޫ ސްކޫލަށް ދަރިވަރުން ފޮނުވާފައެއް ނުވެއެވެ. ބެލެނިވެރިން ކުދިން ސްކޫލަށް ނުފޮނުވީ އެ ސްކޫލްގައި ތިބި މުދައްރިސުންނަށް އެކަށީގެންވާ ނަތީޖާއެއް ނެރެދެވިފައި ނުވުމެވެ. އެ ސްކޫލްގައި ގިނައީ ބިދޭސީ މުދއްރިސުންނެވެ. އޭގެ ތެރޭގައި 12 އަހަރު އެ ސްކޫލްގައި ހޭދަކޮށްފައިވާ މުދައްރިސުން ހިމެނެއެވެ.

ހިރިމަރަދޫ ސްކޫލްގައި ގުރޭޑް 10 އާ ހަމަ އަށް ކިޔަވައިދެމުންދަނީ 64 ދަރިވަރުންނެވެ. ދިރާސީ އައު އަހަރަށް ވާންޖެހޭ ތައްޔާރީތައް އެ ސްކޫލުން ވެފައި ނެތުމާއި، އުމްރާނީ ގޮތުންނާއި ކިޔަވަން ބޭނުންވާ ފޮތްތައް ހަމަކުރެވިފައި ނުވާ ކަމަށް ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވަނީ އެރަށަށް ވަޑައިގެން ބެލެނިވެރިންނާ ބައްދަލުކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ މިއަދު ބުނެފައި ވަނީ އެ ސްކޫލްގެ ކަންތައްތައް ބެލުމަށާއި، ރަނގަޅުކުރަން ހުރި ކަންތައްތައް ދެނެގަންނަން އެ މިނިސްޓްރީގެ ޓީމެއް އެރަަށަށް ގޮސްފައިވާ ކަމަށެވެ.

ބޮޑުޗުއްޓީއަށްފަހު ހުރިހާ ސްކޫލްތަކުގެ ކިޔެވުން އިއްޔެ ވަނީ ފަށާފައެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ އަދަދު 92،000 އަށް އަރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *