ޢަފީފުއްދީން ސްކޫލް ބޮޑު އިންގިލާބީ ބަދަލަކާ ދިމާލަށް

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޒަމާނީ ތައުލީމު ފުޅާކުރެއްވުމަށް ދިވެހިރާއްޖޭގް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، އެޑިއުކޭޝަން މިނިސްޓްރީން ޚާއްޞަ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެތެރެއަށް އަމާޒުކޮށްގެން މި ގެންނަ ތަރައްގީގައި، އުތުރުގެ އެންމެ މުހިންމު ރަށެއްގެ ގޮތުގައި އޮތީ ކުޅުދުއްފުށީ ސިޓީއެވެ. އެ ސިޓީގެ ޢަފީފުއްދީން ސްކޫލަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގެންނަ ބޮޑު އިންގިލާބީ ބަދަލާ ގުޅިފައިވާ އެއް ސުކޫލެވެ. ދެކުނުން މި ބަދަލު ގެންނަން ނިންމާފައި ވަނީ ފުވައްމުލަކު ސިޓީގައި ހުންނަ ޏަވިޔަނި އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ވަނީ މި ދެ ސްކޫލަށް ގެންނަ ވަށާޖެހޭ ތައުލީމުގެ ޕްލޭންތައް ސިޓީ ކައުންސިލާއި އެ ދެ ސްކޫލްގެ އިސްވެރިންނާ ހިއްސާކޮށްފައެވެ.

ޢަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޞިޙާ އިދުރީސް ދަރިވަރުނޫހަށް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި، އެ ސްކޫލާ ހިއްސާކުރި ޕްލޭނަކީ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި އަދި މިހާތަނަށް ގާއިމްކޮށްފައި ނުވާފަދަ ފުރިހަމަ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދެވިގެންދާނެ ސްކޫލެއްގެ މޮޑެލްއެއް ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ޢަފީފުއްދީން ސްކޫލް ތަރައްގީކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އިންސާނީ ވަޞީލަތާއި އުމްރާނީ ވަޞީލަތެވެ. އުމްރާނީ ގޮތުން ބަލާނަމަ ޕްރޮޖެކްޓް ނިމިގެންދާއިރު، އެ ސްކޫލްގައި ޖިމްނާސްޓިކަށް ޚާއްޞަ ރޫމަކާއި، އެކިއެކި ސްކިލްތައް ދަސްކޮށްދޭ ސްކިލް ލެބަކާއި، ސްޕޯޓްސްއަށް ޚާއްޞަ ހޯލަކާއި، މިއުޒިކް ރޫމަކާއި، އާރޓަށް ޚާއްޞަ އެސްތެޓިކް ރޫމެއްގެ އިތުރުން ސްޓެމް ލެބެއް ވެސް ހުންނާނެއެވެ. ދަރިވަރުންނާއި ސްޓާފުންނަށް ޚާއްޞަ ޑައިނިންގ ހޯލަކާއި، ދަރިވަރުންނަށް ތިބެވޭނެ ދަނާލެއްގެ ޚިދުމަތް ވެސް އެ ސްކޫލުން ފޯރުކޮށްދޭނެއެވެ.

އިންސާނީ ވަޞީލަތުގެ ގޮތުގައި އެ ސްކޫލަށް އިތުރުކުރެވޭ ބައިތަކާއި މާއްދާތަކަށް ޚާއްޞަ މުދައްރިސުން ތަމްރީނު ކުރުން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ޖިންމާސްޓިކް އިންސްޓްރަކްޓަރުން، ވޮކޭޝަނަލް އިންސްޓްރަކްޓަރުން، ސްޕޯޓްސް އިންސްޓްރަކްޓަރުން، ސްޓެމް އެޑިއުކޭޓަރުން، މިއުޒިކް ޓީޗަރުން، މިހާރު ތިބި މުދައްރިސުންގެ ތެރެއަށް އިތުރުވެގެން ދާނެއެވެ.

ޢަފީފުއްދީން ސްކޫލްގައި މިހާރު ކިޔަވަމުން ގެންދަނީ ބިޒްނަސްއާއި ސައިންސް ސްޓްރީމެވެ. އޭގެ އިތުރުން އަލަށް ތައާރަފު ކުރި ބީޓެކް ވެސް އެ ސްކޫލުން ކުރިއަށް ގެންދެއެވެ.

" މި ވަޞީލަތްތައް ގާއިމްވެގެންދާއިރު، އާރޓްސް ސްޓީރީމްއާއި ވޮކޭޝަނަލް ސްޓްރީމެއްވެސް ކުރިއަށް ގެންދެވޭނެ. މީގެ ތެރެއިން ހުނަރު ޕްރޮގްރާމާއި ސްޕޯޓްސް ސްޓެމް އެޑިއުކޭޝަން އަދި ކަލިނަރީފަދަ ޕްރޮގަރާމްތައް ކުރިއަށް ގެންދެވޭނެ" ނާޞިޙާ ވިދާޅުވިއެވެ.

މި ގެންނަ ބަދަލާއެކު ސާނަވީއަށް ކިޔަވައިދެމުން ގެންދާ އެ ސްކޫލަށް މަތީ ސާނަވީބައިވެސް އިތުރުކުރެވިގެން ދާނެއެވެ. ދަނާލެއް ގާއިމް ކުރަނީ މަތީ ސާނަވީގެ ދަރިވަރުންނަށް އަމާޒުކޮށެވެ. އުތުރުގައި އޮތް އެންމެ ބޮޑު އަބާދީއޮތް ކުޅުދުއްފުއްޓަކީ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަންދާ އެއް ސިޓީއެވެ. އެ ސްކޫލަށް ގެންނަ ވަށައިޖެހޭ ތަރައްގީއާވެސް ގުޅިފައި ވަނީ ކިޔަވަން އެރަށަށް އަންނަ ދަރިވަރުންނަށް ވީހާވެސް ފަސޭހައިން ތައުލީމް ފޯރުކޮށްދޭނެ ގޮތަށް ބައްޓަން ކުރެވިގެންނެވެ. ދަނާލެއްގެ ޚިދުމަތް ގާއިމް ކުރަނީވެސް އެ ސަބަބައްޓަކައެވެ. މިހާރުވެސް ޢަފީފުއްދީން ސްކޫލްގައި އެކި ރަށްރަށުގެ ކުދިން ކިޔަވަމުން ގެންދެއެވެ.
" މިހާރުވެސް 59 ރަށެއްގެ ކުދިން ކިޔަވަމުން ގެންދޭ. މަތީ ސާނަވީއަށް ޚާއްޞަކޮށް ދަނާލެއް ގާއިމް ކުރުމުން ވީހާވެސް ކުޑަޚަރަދަކުން ރަށުން ބޭރުގެ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެ" ނާޞިޙާ ވިދާޅުވިއެވެ.

ނާޞިޙާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ސްކޫލަށް ގެންނަ އުއްމީދީ ބަދަލަކީ ޓީމެއްގެ ގޮތުގައި އެ ސްކޫލުން ވޭތުވެދިޔަ އަހަރު ތަކުގައި ދައްކަމުން ގެންދިޔަ ހިތްވަރުގެ ނަތީޖާއެވެ. އެ ޓީމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރި އިތުބާރެވެ.

"200 އެތައް ސްކޫލެއްގެ ތެރެއިން އަޅުގަނޑުމެންގެ މި ސްކޫލް ޚިޔާރު ކުރުމަކީ ވެސް އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއެއް. އަޅުގަނޑުމެން މިތިބީ ސްކޫލަށް މި ގެންނަބަދަލާއެކު ޝާމިލްކޮށްގެން ހުރިހާ ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދޭން ތައްޔާރަށް" ނާޞިޙާ ފާޅުކުރެއްވީ އުއްމީދެވެ.
" ޕްރޮޖެކްޓް ނިމިގެންދާއިރު، މި ފެންވަރަށް ޚިދުމަތް ދެވޭނެ ސްކޫލްތައް ރާއްޖޭގައި މަދުވާނެ. އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި މި ޕްރޮޖެކްޓް ކާމިޔާބު ކުރެވެންޏާ، ﷲގެ އިރާދަފުޅާއެކު އެކަން ކުރާނެ ބަޔަކަށް އަޅުގަނޑުގެ ޓީމު ވާނެއޭ"

ޢަފީފުއްދީން ސްކޫލްގައި ވަނީ ދާދިފަހުން ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓެއްވެސް ގާއިމް ކޮށްފައެވެ. އިންޑިޔާގެ ހިލޭ އެހީގައި ތަރައްގީ ކުރި މި ރޫމަކީވެސް އެޑިއުކޭޝަން މިނިސްޓްރީން އަތޮޅުތެރޭގައި ގާއިމް ކުރި މި ފަދަ ދެ ވަނަ ރޫމެވެ.
ނާޞިޙާއެކޭ އެއްގޮތަށް ކުޅުދުއްފުއްޓާއި އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އުއްމީދު ލިބިގެންދާނީ 2023 ވަނަ އަހަރުގެ ތެރޭގައި މި ގެންނަ ބޮޑު ބަދަލު ޢަފީފުއްދީނުން ފެނުމުންނެވެ.

ހިޔާލު

4 Responses

  1. ކިޔަވައިދޭ ކުލާސްރޫމުގެ ދަތިކަން ހުރި ކިތައްރަށް ހދ ގަ އޮތްކަން މިނިސްޓަރަށްތޯ.. ތޮެއްޖެހިފަވާ ކުލާސްރޫމު ތައް ނުފެންނަނީތޯ.. ކަމަނާ ވިސްނާލާ.. އެހެން ސްކޫލްތައް އެބަހުރި ދޮގެއްތޯ

  2. ރަނގަޅު ކަމެއް. އެކަމަކު އުފެދޭ ސުވާލަކީ، ފުވައްމުލަކާއި ކުޅުދުއްފުށީގައި އިތުރު ސްކޫލްތައް ހުއްޓައި އެއް ސްކޫލަކަށް މި ފޯކަސްކުރީ ކީއްވެބާވައޭ. މިގޮތަށް ކަންތައް ކުރުމުން އެހެން ސްކޫލްތަކަށް ކިޔަވަންދާކުދިންނަށް ދެވޭ ޚިދުމަތްތަކުގައި އެބަ ވަރަށް ބޮޑެތި ތަފާތުކުރުން އާދޭ. މާލޭގައި މިކަހަލަ ކަމެއް ކުރާނަމަ، ޔަގީނުންވެސް ކުރާނީ މިގޮތަކަށް ނޫން، ހުރިހާ ސްކޫލަކަށް މި ޚިދުމަތްތައް ފޯރުކޮށްދޭނެ.

  3. އިސްލާމީ ގައުމެއްގަ މިއުޒިކު ލެބްއެއް އެޅުމަކީ ވަރަށް ދެރަ ކަމެއް! ދެން ހުރި ކަންތައްތައް ރަނގަޅު…

  4. މޮޅުކޮށްލާފަ ބޮޑު އިސްތިހާރެއް ކޮށްފަ ރައްޔިތުން ވާ ވައްދާފަ ތިބެ، މިއުޒިކު ކުޅެވޭނެ ގޮތްތައް ފަހި ކުރުވަނީ. އަރަބި އަދި ޤުރުއާން އަށް މަދު ގަޑި ލއިފަ އެބައި ނިކަމެތި ކޮށްލަނީ. ޙަގީގަތަކީ މިކހަލަ އެއްވެސް ކމަކާ ވިސްނަން ބޭނުންވާ ރައްޔިތެއް މިތާ ނެތުނ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *