" މިހާރު ދަންނަވަން ކެރޭ! ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހުރަވީ ސްކޫލަކީ ޗޮއިސްއެއް" ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލުން ކުރު މުއްދަތެއްގެ ތެރޭގައި އިތުބާރު ހޯދީ، ޓީމް ވާރކެއްގެ ގޮތުގައި ގުޅިގެން ކުރި މަސައްކަތުން ކަމަށް، ފާއިތުވި ދެ އަހަރުގެ ތަޖުރިބާ ޙިއްޞާ ކުރައްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޓީވީއެމްގެ " ހެނދުނުހެނދުނާ" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، އަބްދުﷲ ރަޝީދު ވިދާޅުވީ ބެލެނިވެރިންނާއި ދަރިވަރުން އަދި އެކިއެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު، ހުރަވީ ސްކޫލަކީ މިހާރު ޑިމާންޓް ބޮޑު އެއް ސްކޫލެވެ. އެމަގާމް ހޯދީ އެ ސްކޫލުން ގާއިމް ކުރި އަގުތައް ކުރިއަށް ނެރެ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ހިތްހެޔޮކަމާއެކު ދަރިވަރުންބަލައިގަނެ، ކޮންމެ ކުއްޖަކީވެސް އެކުއްޖަކު އެ ހުރި ހިސާބަކުން ކުރިއަށް ދެވޭނެ ކުއްޖެއްގެ ގޮތުގައި ދެނެގަނެ، އެއްޓީމެއްގެ ގޮތުގައި މުދައްރިސުންނާއި ސްޓާފުން ކުރި މަސައްކަތުންނެވެ.

"އެ ކަލްޗަރ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެވިއްޖެ. ހަގީގީ ސްކޫލެއްގެ ސިފަ ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ޖައްސާލެވިއްޖެ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އާބާދީ ދެގުނަ ވެއްޖެ، ދެން ވެސް ދާނީ އިތުރުވަމުން
ހުރަވީ ސްކޫލް ހުޅުވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، 740 ކުދިންނާއެކުގައެވެ. 2020 ވަނަ އަހަރު ފެށުނުއިރު، އެ އަދަދު އެއް ހާހަށްވުރެ މައްޗަށް އެރިއެވެ. މި އަހަރު ފެށުނުއިރު 1200 ގައި ހުރި ނަމަވެސް ދިރާސީ އަހަރު ނިންމާލިއިރު، އެ އަދަދު 1300 އަށް ވަނީ އަރާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ދާނީ އިތުރުވަމުންނެވެ. ހުޅުމާލޭގައި ސަރުކާރުން ހިންގާ އިތުރު ދެ ސްކޫލް ހުރި ނަމަވެސް، ބޯހިޔާވަހިކަމާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ހުރަވީ ސްކޫލާ ކައިރީގައި ހިންގަމުން ގެންދާތީ އެ ސްކޫލަށް އޮންނަ ޑިމާންޑް ބޮޑުވާނެއެވެ.
އަބްދުﷲ ވިދާޅުވީ، އޮގަސްޓްމަހު ކިޔަވަން ފެށޭއިރު ނޫނީ އަހަރު ނިމޭއިރު، އެއްދަންފަޅިއެއްގެ އާބާދީއާ އެއްވަރަށް ކުދިން އިތުރުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

" އަޅުގަނޑުމެންނަށް އެއް ދަންފަޅިއެއްގައި ގެންގުޅެވޭނީ 1500 އެންހާ ކުދިން. އެހާ ވަރަށް އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ" އަބްދުﷲ ވިދާޅުވިއެވެ.
ކިޔަވައި ދިނުމުގައި ހަމައެކަނި ދިވެހި މުދައްރިސުން
ބިދޭސީ މުދައްރިސުން ނެތި ސްކޫލެއް ހިންގުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެކަމަކު ހުރަވީ ސްކޫލްގައި ކިޔަވައި ދެމުން ގެންދަނީ މުޅިންވެސް ދިވެހި މުދައްރިސުންނެވެ. ދިވެހި މުދައްރިސުން ހުރިހާ މާއްދާއެއް ކިޔަވައިދޭތީ، ބިދޭސީ ޓީޗަރުން ކުއްލިއަކަށް ފުރައިގެން ދާންޖެހުމުން ދިމާވާ މައްސަލަ ހުރަވީ ސްކޫލަކަށް ދިމަލެއް ނުވެއެވެ.
" ހުޅުވިތާ ކައިރީގައި މުދައްރިސުން ހޯދަން އުނދަގޫތަކެއް ދިމާވި. މިހާރު އުނދަގުލެއް ނޫން. ހުރިހާ މާއްދާތަކެއްވެސް ކިޔަވައިދޭން ދިވެހި މުދައްރިސުން ތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީއެއް" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވަނީ ހިޖުރަކޮށްގެން ކަމަށް ވާތީ، ކުދިންނާއެކު ބެލެނިވެރިން އިތުރުވާއިރު، އޭގެތެރޭގައި މުދައްރިސުން ހިމެނޭނެ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ވެސް އެ ސްކޫލަށް ދިވެހި މުދައްރިސުން ހޯދުމުގައި ދައްޗެއް ކުރިމަތިވާނެ ކަމަށް އަބްދުﷲ ދެކެވަޑައިނުގަންނަވައެވެ.

އިތުރު ހަރަކާތް ހިންގަން އިތުރު ޖާގައެއް
ހުރަވީ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލް ނަމަވެސް، އެހެން ސްކޫލްތަކާ އަޅާބަލާއިރު، ކުޅިވަރު ކުޅެލާ، އިތުރު ހަރަކާތްތައް ހިންގަން އެ ސްކޫލްގައި އޮތް ޖާގަ ވަރަށް ކުޑައެވެ. ޖާގަ ކުޑަކަމުން އެސެމްބްލީ ފަދަ ރަސްމިއްޔާތުތައް މިހާރު ބާއްވަމުން ގެންދަނީ ހުސްޖާގައިގެ އިތުރުން ސްކޫލްގެ އިމާރާތުގެ ތެރޭގައި އެއްބައި ކުދިން ބައިތިއްބައިގެންނެވެ.
" ސްކޫލްގެ އިމާރާތް ތަނަވަސް ވިޔަސް ހުސްޖާގައިގެ ގޮތުގައި އޮތް ބައި ވަރަށްކުޑަ. އެކަމަށް އެކަށީގެންވާ ހައްލެއް ވެސް މިހާރު ލިބިއްޖެ" އަބްދުﷲ ވިދާޅުވިއެވެ.
ހުރަވީ ސްކޫލަށް ދިމާވެފައިވާ ހުސްޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެޗްޑީސީން ވަނީ އެ ސްކޫލަށް 37 ފޫޓް އިތުރުކޮށްދީފައެވެ.
އެއީ މިހާރަށް ބަލާއިރު، އެކަށީގެންވާ މިންވަރެއް ކަމަށެވެ.
" މިހާރު އަޅުގަނޑުމެންނަށް ކުޅިވަރުގެ ހަރަކާތްތަކެއް ނުގެންދެވޭ ޖާގަ އޮތް ގޮތުން. އިތުރުކުރި ޖާގައާއެކު ސްޕޯޓްސް ގްރައުންޑެއް ހަދާލެވޭނެ" އަބްދުﷲ ވިދާޅުވިއެވެ.
advertisment
ހިޔާލު