ޑރ. އާސިޔަތު މުހައްމަދު ދީދީ
ތަޢުލީމު ދިނުމާއި އުނގެނުމަކީ މުދައްރިސުން، ދަރިވަރުން އަދި ބެލެނިވެރިން އެކުގައި ޢިލްމާއި، ތަޖުރިބާއާއި، ކުރިއެރުން ޙިއްޞާކުރާ ދަތުރެކެވެ. މި ދަތުރުގައި އަމާޒަކަށް ވާންވާނީ ކޮންމެ ދަރިވަރަކީވެސް ވަކި ފަރުދެއްގެ ގޮތުގައި ދެކި، އެ ދަރިވަރެއްގެ އަމިއްލަ ޤާބިލިއްޔަތުތަކާއި ހުނަރުތަކަށް ބިނާކޮށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ މާޙައުލެއް އުފެއްދުމެވެ. ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމުގެ ބަދަލުގައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މާޙައުލެއް ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހެއެވެ. މިފަދަ މާޙައުލެއްގައި، ދަރިވަރުންނަށް އެމީހުންގެ އަމިއްލަ ދުވެލީގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބި، ޢިލްމު ހޯދުމުގެ ޝައުޤުވެރިކަން އިތުރުވެ، އުމުރަށް އުނގެނުމުގެ އާދަ އަށަގަނެއެވެ.
ވާދަވެރި މާޙައުލެއް އުފެއްދުމަކީ ދަރިވަރުންގެ މަޢުޞޫމްކަމަށް ގެއްލުން ލިބި، ހަސަދަވެރިކަމާއި ރުޅިވެރިކަން އުފެދިގެންދާނެ ކަމެކެވެ. އެހެންކަމުން، ތަޢުލީމީ ދާއިރާގެ އެންމެހައި ފަރާތްތަކުން މަސައްކަތް ކުރަންވާނީ ދަރިވަރުންގެ ތަފާތު ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމަށެވެ. އެހެނީ ތަޢުލީމަކީ ޢިލްމާއި ކުރިއެރުން ހޯދުމަށް ކުރާ ޖަމާޢީ ދަތުރެކެވެ. މި ދަތުރުގައި އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ދަރިވަރުންގެ ކިބައިގައި ޢިލްމު ހޯދުމުގެ ޝައުޤުވެރިކަމާއި، ދެނެގަތުމުގެ ޤާބިލިއްޔަތު އަދި އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ ރޫޙު އަށަގެންނެވުމެވެ.
މުދައްރިސުންގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޒިންމާދާރު އަދި ދިރިއުޅުމަށް ތައްޔާރު ޖީލުތަކެއް ބިނާކުރުމެވެ. މިއަދުގެ މުޖުތަމަޢުގެ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެއްބާރުލުން ދިނުމާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙު އަށަގެންނެވިފައިވާ ޖީލުތަކެއް އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހެއެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މަޢުލޫމާތު ހޯދުމުގެ ފަސޭހަކަން އިތުރުވެފައި ނަމަވެސް، ރީތި އަޚްލާޤާއި އާދަކާދަތައް ދަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ އަސާސީ ޒިންމާއެކެވެ.
މައިންބަފައިންގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ދަރިންނަށް އުނގަންނައިދޭންޖެހެނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ހުނަރުތަކާއި ޤާބިލުކަމުގެ އެހީގައި ކުރިއެރުން ހޯދިދާނެކަމެވެ. އަދި އެކަކުގެ ކުރިއެރުމަކީ އަނެކަކުގެ ކުރިއެރުމަށް ހުރަހެއް ނޫންކަމާއި، އެކުގައި ކުރިއެރުމަކީ މާ ހެޔޮ އަދި ފައިދާހުރި ކަމެއްކަން ދަސްކޮށްދޭންޖެހެއެވެ. މުޖުތަމަޢެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެގެންވަނީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންގެ އެކުވެރި މަސައްކަތުގެ މައްޗަށެވެ.
އަޅުގަނޑުމެންނަކީ ތަޢުލީމީ ނިޒާމުގެ ތެރޭގައި އަދި މުޖުތަމަޢުގައިވެސް އެއްބައިވަންތަކަމާއި ރިވެތި އާދަތަކަށް ހިތްވަރުދޭ ބަޔަކަށް ވާންޖެހެއެވެ. މުއައްސަސާތަކުގެ މެދުގައާއި ވަކިވަކި ފަރުދުންގެ މެދުގައިވެސް ، ބައިބައިވުން ދޫކޮށްލައި، އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރިވެތި އާދަ އަށަގަނުވަން ޖެހެއެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު މި މިސްރާބަށް ބަދަލުވެ، މިއަދުގެ ޅަޖީލުތަކަކީ މާދަމާގެ ޒިންމާދާރު، މި ޤައުމު ކުރިއަރުވައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރާނެ ފަޚުރުވެރި ލީޑަރުންނަށް ހެދުމަށްޓަކައި މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ. މިކަމަށް
advertisment
ހިޔާލު