ނިއުމާ މިސްގެ ޤަލަމުން: ފުރާވަރު ކުއްޖެއްގެ ބެލެނިވެރިއަކަށް ވުމަކީ އެހާ ފަސޭހަކަމެއް ނޫން!

ނިއުމާ މުހައްމަދު

ކުދިން ފުރާވަރަށް އެޅުމުން ކުދިންގެ އަޚްލާގަށާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އިއްޔެ ބުނާގޮތައް ހެދި ، ލޯބިން  ހިނިތުންވެފައި ހުރި ކުޑަ ދަރިފުޅު، ކުއްލިއަކަށް ބަދަލުވެ މިއަދު މައިންބަފައިންގެ މޫނުމަތީގައި ޒުވާބުކޮށް، ހަޅޭއްލަވައި، އަޑުގަދަކޮށް، އެއްގޮތަކަށް ވެސް ބުނާ ވާހަކަތައް އަޑު ނާހަން ފަށައެވެ. މިހެން ދިމާވުމުން އެންމެ ހަމަޖެހިންގެން އުފާވެރިކަމާއެކު ދިރިއުޅެމުންދާ މައިންބަފައިން ވެސް ހާސްކޮށްލާ މާޔޫސްކޮށްލައެވެ. ބެލެނިވެރިޔާ ދޭ އެއްވެސް ލަފައެއް، ހޯދާދޭ އެއްވެސް އެއްޗެއް، ކުރަން ބުނާ އެއްވެސް ކަމެއް ދަރިފުޅަށް ކަމުނުދާން ފަށައެވެ. ވާހަކަ ދައްކާލިއަސް ހީވަނީ އަބަދު ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހި ރުޅިއައިސްފައި ހުންނަހެންނެވެ. ހަމަޖެހިލައިގެން މުއާމަލާތެއް ކުރިއަށް ގެންދިއުމަކީ ގިނަ ހާލަތްތުގައި އުނދަގޫ ދަތި ކަމެކެވެ.

މި އުމުރުފުރާގެ ކުދިން ކަންކަމާ މެދު ނުތަނަވަސްވެ ކަންބޮޑުވެ މޫޑަށް ވެސް ގިނަ ބަދަލުތަކެއް އާދެއެވެ. ބައެއްފަހަރު ކަންކަމާ މެދު އޮންނަ ޔަގީންކަން މާބޮޑަށް އިތުރުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެފައި ހަމައެފަދައިން ކުޑަހިނދުކޮޅެއްގެ ތެރޭގައި މޫޑު ބަދަލުވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލިވެސް ދާނެއެވެ. އަދި ފުރާވަރުގެ ބައެއް ކުދިން އެމީހުންގެ ސިފައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އަބަދުވެސް ވިސްނޭނީ މީހަކު ބުނެފާނެ އެއްޗަކަށެވެ.

މިކުދިން މިހެން އުޅެން ދިމާވާ މައިގަޑު ސަބަބަކީ ފުރާވަރު އުމުރަކީ ކުދިން ހެދި ބޮޑުވާ ނުވަތަ ކުޑަކުއްޖެއް ގޮތުގައި ހުރެ ބޮޑު މީހަކަށް ބަދަލުވުގެ މަރުހަލާގައި އެކުދިން އުޅޭތީއެވެ. މި ބަދަލުތަކުގެ ސަބަބުން ހަށިގަޑު އުފެދުމުގެ ހޯރމޯންތަކަށް ޤުދުރަތީގޮތުން ބަދަލުތައް އާދެއެވެ. ޖިސްމާނީ ބަދަލުތަކުގެ އިތުރުން ފުރާވަރުގެ ކުދިންގެ ވިސްނުމާއި އިހުސާސްތަކަށް ވެސް ބޮޑު ބަދަލުތަކެއް އާދެއެވެ. މިހެން ވުމުން މިއުމުރުފުރާގެ ކުދިން ވަރަށް އަވަހަށް ރުޅިއާދެވި ޖަޒުބާތީ ވާނެއެވެ. ނަމަވެސް މައިންބަފައިންގެ ވިސްނުމުގައި ބަހައްޓަންވީ އެކުދިންނަށް ރުޅި އާދެވެނީ ފުރާވަރުގެ ދުވަސްވަރު އެކުދިންނާއި ކުރިމަތިވާ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެންކަމެވެ.

މިބަދަލުތަކުގެ ސަބަބުން މި ކުދިން މިދުވަސްވަރު ބޭނުން ވާނީ އާއިލާއިން ބޭރުގައި، އެއް އުމުރުގެ ރައްޓެހިންނާ ގާތް ގުޅުމެއް ބާއްވާށެވެ. މިހެން ވުމުން އާއިލާގެ ތެރޭގައި އޮންނަ ގުޅުންތައް ވެސް ބަދަލުވެ ބައެއް ފަހަރު ހީނަރުވެއެވެ. އާއިލާއިން ބޭރުގައި ވަގުތު ހޭދަކުރަމުންދާ ވަރަކަށް މައިންބަފައިންގެ މުހިންމުކަން ކުޑަވާކަމުގެ އިހުސާސް ކުރެވިދާނެއެވެ. އަދި މައިންބަފައިންނާ ދިމާވާ ހިޔާލު ތަފާތުވުން ތަކުގެ ސަބަބުން ބައެއް ވާހަކަތައް ހިއްސާ ނުކުރެވިދާނެއެވެ. ނުވަތަ ބެލެނިވެރިޔާއަށް ވަގުތު ނުވުމުން ހިއްސާކުރަން ބޭނުންވާ ވާހަކަތަކާއި އަމިއްލަ ވިސްނުންތައް ދެން ހިއްސާ ކުރަނީ ރަހުމަތްތެރިންނާއެވެ.

ވީމާ ބެލެނިވެރިން މިއުމުރު ފުރާގެ ކުދިން ތަރުބިއްޔަތު ކުރުމުގައި ކެތްތެރިވެ، މިކުދިން ހެޔޮގޮތުގައި ބޮޑުކުރަން ހިތްވަރާއެކު މަސައްކަތްކޮށް އެގޮތުގައި ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ދުވަސްވަރުގައި އެހެން ބެލެނިވެރިން، އާއިލާ މީހުން، މުދައްރިސުން ވެސް މިބަދަލުތަކަށް ފާޑު ނުކިޔާ، އެއްބާރުލުން ދިނުން މުހިންމެވެ. އިނގިރޭސި މުހާވިރާއެއްގައި ބުނާފަދައިން "އިޓް ޓޭކްސް އަ ވިލެޖް ޓު ރެއިސް އަ ޗައިލްޑް" މާނައަކީ މުޅި މުޖްތަމައުގެ އެހީތެރިކަމާއި އެއްބާރުލުމާއި އެހީތެރިކަން ކުއްޖަކު ތަރުބިއްޔަތު ކުރަން ބޭނުންވެއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް މިއީ އުނދަގޫ ހާލަތެކެވެ. މި ހާލަތުގައި ބެލެނިވެރިޔާއަށް ފާޑުކިޔައި ނުރުހޭ ބަސްތައް ބުނުމުން އެމީހުން މާޔޫސްވެ ދެރަވެ ހާސްވެ ކަންބޮޑުވެއެވެ. މި އުމުރުފުރައިގެ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބިނަމަ މި ހާލަތު އިތުރަށް ގޯސްވެއެވެ. ގިނަ ދަރިން ތިބޭ އާއިލާގެ ހުރިހާ ޒިންމާތަކެއް އަދާކުރަމުން ދާނީ މިފަދަ ކުދިންގެ ބެލެނިވެރިޔާއެވެ. އަބަދުމެ ދެރަވެފައި، ރުޅިގަދަވެ، ކަންބޮޑުވެ ހާސްކަންމަތީ، އެހެން މީހުން ކިޔާނެ އެއްޗަކާ ދޭތެރޭ ބެލެނިވެރިޔާއަށް އަބަދުމެ ވިސްނެއެވެ. ނަމަވެސް ސިއްހަތު ސަލާމަތުން ހުރުމާއި އަމިއްލަ ނަފުސު ބެލެހެއްޓުމަކީ މިފަދަ ހާލަތްތަކުގައި ވެސް ވަރަށް މުހިންމު ކަމެއްކަން ބެލެނިވެރިޔާ ވިސްނަން ޖެހޭނެއެވެ.

ފުރާވަރުގެ ކުދިން ރުޅިގަދަވުމަށް މެދުވެރިވާ ބައެއް ސަބަބުތައް!

  • ފުރާވަރުގެ ކުދިން ޤުދުރަތީ (ހޯމޯން ތަކަށް އަންނަ ބަދަލުތައް) ގޮތުން ވެސް އެދަނީ އެކުދިންގެ ޖަޒުބާތުތައް ފައިދާހުރި ގޮތެއްގައި ފާޅުކުރަން އަމިއްލައަށް ދަސްކުރަމުންނެވެ. ވުމާއެކު، އެމީހުންނަށް ކުއްލި ކުއްލިއަށް ދިމާވާ ކަންކަން ތަހައްމަލުކުރުމާއި އެ އިޙްސާސްތައް ދެނެގަތުމުގައި އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ. ފުރާވަރުގެ ކުދިންނަކީ އަމިއްލަ އައިޑެންޓިޓީއެއް އުފެދުމުގެ މަރުހަލާ ކަޑައްތުކުރަމުންދާ ބައެއް ކަމުން، އޭނާއަކީ ކާކުކަން ދެނެގަންނަން ދާނީ މަސައްކަތް ކުރަމުންނެވެ. އޭނާ ދާނީ އޭނާ އަކީ ކާކުކަން އަމިއްލަ ނަފުސާ ސުވާލުކުރަމުންނެވެ. މިހެންވެ ބައެއް ފަހަރު އަވަހަށް ރުޅި އާދެވެނީއެވެ.
  • ޤުދުރަތީގޮތުން އެކުދިންގެ ހަށިގަނޑަށާއި ވިސްނުމަށް ބަދަލުތަކެއް އަންނައިރު ފުރާވަރުގެ ކުދިން އަމިއްލަ މިނިވަންކަމަށް ނުވަތަ އެހެން މީހުންގެ އުދަގުލުން ދުރުވެ އެކަނިވެރިކަމަށް ލޯބިކުރެއެވެ. އެކަހެރިވެ އުޅެން ބޭނުންވެ އަމިއްލަ ޖާގައެއް ނުވަތަ ކޮޓަރިއެއް ލިބުމަށް އެދެއެވެ. އެފަދަ ތަނެއް ނުލިބި އެހެން މީހުންގެ އުނދަގޫތަށް ތަހައްމަލުކޮށް މައިންބަފައިން މާބޮޑަށް އޭނާގެ އުޅުން ކޮންޓްރޯލް ކުރަން އުޅުމުން ހާސްވެ ރުޅިގަދަވެދާނެއެވެ.

  • ފުރާވަރުގެ ކުދިން ރަހުމަތްތެރިން ނުފޫޒާ ހެދި (ޕީއާރ ޕްރެޝަރ) ވަކިގޮތަކަށް އުޅެން މަޖުބޫރު ކުރުވައެވެ. އެއީ ރަހުމަތްތެރީންގެ ކައިރީގައި އޭނާގެ މަގްބޫލުކަން އިތުރުކޮށް އެމީހުން އޭނާ ބަލައިގަންނާނެ ގޮތަށް އުޅުން ބައްޓަން ކުރުމަށެވެ. އެމީހުންގެ ގުރޫޕުގެ މެމްބަރަކަށް ވުމަށް އެދެއެވެ. އޭނާގެ ރަހުމަތްތެރިން ގެންގުޅޭ އެއްޗެހި ބޭނުންވުމާއި އުޅޭ ގޮތްތައް އޭނާއަށް ކަމުދެއެވެ. ރަހުމަތްތެރިންނަކީ މާބޮޑަށް މުހިންމު ބައަކަށްވެ އެމީހުންނާ އޮންނަ ގުޅުން ބަދަހިވެ އެމީހުންނާ ވާހަކަ ދައްކަން ގިނަ ވަގުތު ހޭދަކުރެއެވެ. މިފަދަ ކަންތައްތަކަށް އާއިލާއިން އެއްބާރުލުން ނުދިނުމުން ރުޅިވެރިކަމުގެ އިޙްސާސްތައް އުފެދެއެވެ.
  • އަމާޒުތައް ކަނޑައަޅައި އެކަންތައް ހާސިލް ނުވުމުން ވެސް ފުރާވަރުގެ ކުދިން ރުޅިގަދަވެއެވެ. އޭނާއަށް ނުކުރެވޭ ވަރުގެ ބޮޑެތި އުންމީދުތަކެއް އޭނާގެ ފަރާތުން މައިންބަފައިން ކުރާކަން އެނގި އިހްސާސްވުމުން ވެސް ރުޅިގަދަ ވެދާނެއެވެ. ހަމަފަދައިން ތަޢުލީމީ ގޮތުން ރަނގަޅު ނަތީޖާތަކެއް ހޯދަން މައިންބަފައިން ޕްރެޝަރ ކުރުމަކީ މާޔޫސްކަމާއި ރުޅިވެރިކަން ފުރާވަރު ކުދިންނަށް ކުރިމަތިވާ ކަމެކެވެ.
  • އާއިލާގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ކޯޅުންތަކާއި އާއިލާރޫޅުމާއި އާއިލާ ކުދިންގެ ވާދަވެރިކަމާއި ކުދިން ކުދިންނާއި އަޅާކިޔުމާއި (ހާއްސަކޮށް އެއްބަޑު އެއްބަފާކުދިންގެ މެދުގައި) ނުވަތަ މައިންބަފައިންގެ ހިޔާލާއި އޭނާގެ ހިޔާލުތައް ތަފާތުވުން ފަދަ ކަންކަމަކީ ފުރާވަރުގެ ކުއްޖަކު ރުޅިގަދަވުމަށް މެދުވެރިވާ ސަބަބުތަކެވެ.
  • ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ހަސަދަވެރިވުން ފަދަ އިހުސާސްތައް އުފެދި، ރުޅިގަދަވެ މާޔޫސްވުމަށް މަގުފަހިވާ ކަމެކެވެ. ޝޯޝަލް މީޑިއާގައި ނުވަތަ ސުކޫލުގައި ބުލީގެ ޝިކާރައަކަށް ވުމަކީ ޖަޒުބާތީ ގޮތުން މާޔޫސްވެ ރުޅިވެރި އިހުސާސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
  • ނިދި މަދުވުމުން ގިނަ ފުރާވަރުގެ ކުދިންގެ މޫޑު ބަދަލުވެ އަވަހަށް ކަންކަމާއި އަސަރުކޮށް ރުޅިގަދަވެއެވެ.
  • ބޮޑެތި ކަންކަން ދިމާވުމުން ކެތްތެރިވާން ނޭގުމުން ނުވަތަ ދަސްކޮށްނުދެވި ހުރުމުން އަވަހަށް ހާސްވެ ސްޓްރެސްވެ މާޔޫސްކަމާ ފުރާވަރުގެ ކުދިން ކުރިމަތިލައެވެ. މިކަމުގެ ސަބަބުން ވެސް ރުޅި ގަދަވެދާނެއެވެ.

ފުރާވަރުގެ ކުދިންގެ މައިންބަފައިން ސަމާލުކަން ދޭންވީ ބައެއް ކަންތައްތައް

  • އެކުދިންނާއި ގިނަގިނައިން ވާހަކަދައްކާށެވެ. ރަނގަޅީ އެކުދިން ދައްކަން އުޅޭ، ހިއްސާކުރާ ވާހަކަތަކަށް ވަގުތުދީގެން މައިން ބަފައިން ގިނައިން އަޑުއެހުމެވެ. އެކުދިންގެ ހިޔާލުތަކާއި ފިކުރުތައް ހިއްސާކުރުމަށް ހިތްވަރުދީ ރަހުމަތްތެރި ކަމުގެ ގުޅުމެއް ގާއިމު ކުރާށެވެ.
  • ފުރާވަރުގެ ދުވަސްވަރަކީ ކޮންމެ ކުއްޖަކަށް ވެސް އުނދަގޫ މަރުހަލާއެއް އަންނާނެ ދުވަސްވަރެއްކަން ވިސްނާށެވެ. އެކުދިން ވެސް މައިންބަފައިންގެ އޯގާތެރިކަމާއި ހަމްދަރުދީ ބޭނުންވާނެއެވެ. ބޮޑަށް ރަނގަޅީ އެކުދިންގެ ނަޒަރުން ކަންކަން ދާ ގޮތް އިހުސާސުކޮށް ބަލަން މަސައްކަތް ކުރީމައެވެ.
  • އެކުދިން އެކަހެރިވެ އެކަނި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަމުގައިވާ ނަމަ އެކަމަށް އިހްތިރާމް ކުރާށެވެ. އެކުދިންނަށް އިތުބާރަކީ ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް އުސޫލުތަކާއި ހައްދުތަކާއި ޤަވާއިދު ތަކެއް ގާއިމްކޮށް ތަންފީޒުކުރުން މުހިންމެވެ. ބެލެނިވެރިން ބޭނުންވާ ކަންކަން ސާފުކޮށްދީފައި ބޭއްވުން މުހިންމެވެ. ފިލާވަޅު ދަސްކުރުމާއި ނަމާދުކުރުމާއި ޤުރުއާން ކިޔެވުން އެވަގުތެއްގައި ކުރުމަށް ބާރު އަޅަން ވާނެއެވެ.
  • އެކުދިން ކުރަން ބޭނުންވާ ކަންކަމާއި ނިންމުންތައް ނިންމަން ފުރުސަތުދޭން ވާނެއެވެ. އެކުދިންނަށް ހެދޭ ގޯސްތަކުން އިބުރަތް ހާސިލްކުރަމުން ދާނެއެވެ. މިކަމުގެ ސަބަބުން މިނިވަންކަމާއި އެކު އަމިއްލައަށް ހެދޭ ގޯސްތައް އެނގި ކަންކަމަށް ޒިންމާ ނަގަން ދަސްވެއެވެ.
  • އެކުދިންގެ އެންމެ ގާތް ރަހުމަތްތެރިންނަކީ ކޮބައިކަމާއި އެކުދިންގެ މައުލޫމާތުތައް ވެސް ހޯދާށެވެ. ފޯނު ނަމްބަރާއި އެއީ ކާކުގެ ދަރިންކަން ވެސް އެގެން ވާނެއެވެ. ދަރިފުޅު ދާ ތަންތަނާއި އެވަގުތެއްގައި ބޭރުގައި އުޅޭނަމަ ހުރިތަނެއް ބެލެނިވެރިޔާ ހޯދައި ބަލަން ވާނެއެވެ.

  • ސިއްހަތަށް ފައިދާހުރި އާދަތައް ކުރިއަރުވަން މަސައްކަތް ކުރަން ވާނެއެވެ. ކާގަޑީގައި (އެވަގުތެއްގައި) ކެއުމާއި ރަނގަޅު ކާނާ ކެއުމަށް ހިތްވަރުދޭން ވާނެއެވެ. ހަމަ މިފަދައިން ކަސްރަތާއި އެކަށީގެންވާ ނިދި އެކުދިންނަށް ލިބެން ޖެހެއެވެ.
  • ފުރާވަރުގެ އުމުރުފުރައިގެ ކުއްޖެއްގެ ކިބައިން ފެންނަން ބޭނުންވާސިފަތައް ބެލެނިވެރިން އެކުދިންނަށް ނަމޫނާ ދައްކާ ރޯލްމޮޑެލްއިންނަށް ވާށެވެ. ހިއްސާކުރާ އަގުތަކާއި (އަމިއްލަ ނަފުސުގެ އަގުތައް/ އާއިލާގެ އަގުތައް/ މުޖުތަމައުގެ އަގުތައް) ރިވެތި އާދަތަކާއި ރިވެތި ސުލޫކުތައް އެކުދިންނަށް ދައްކާށެވެ. ބޮޑެތި މީހުންގެ އުޅުންތައް ބަލައިގެން އެކުދިންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *