ނިއުމާ މުހައްމަދު
ދަރިންގެ މުސްތަޤްބަލް އުޖާލާކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ އުއްމީދެވެ. ބޭނުންވާނީ އެކުދިންނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށެވެ. އެކުދިންގެ ބޭނުންތައް ގެއިންނާއި އުނގެނެމުންދާ ސުކޫލުން ތަނަވަސް ވުމެވެ. ދަރިންނަކީ މައިންބަފައިންނާ ހަވާލުވެގެންވާ ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް ރައްކާތެރިވެވޭނީ އެކުދިން ހެޔޮ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށް ބޮޑުކުރުމުންނެވެ. މިގޮތުން މިބަލައިލަނީ ދަރިން އުނގެނުމަށް ލޯބިޖައްސައި ޝައުޤުވެރިކުރުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
އުނގެނުމުގެ މައިގަނޑު ބޭނުން އެކުދިންނަށް އޮޅުން ފިލުވައިދިނުން
ކުދިން އުނގެނުމަށް ހުންނަ ޝައުޤުވެރިކަން އިތުރުވާނީ އެކުދިން އުގެނެން މިޖެހެނީ ކީއްވެކަން އެކުދިންނަށް އެނގިގެންނެވެ. މިގޮތުން އަމާޒެއް ނުވަތަ ލަނޑުދަނޑިއެއް ކަނޑައެޅުމަކީ ކާމިޔާބީ އާއި އަމިއްލަ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެކުދިންގެ އަމާޒަކީ ދިރިއުޅުމާއި އުންމީދުތަކާ ގުޅުންހުރި އަމާޒަކަށް ވާންޖެހެއެވެ. އެއީ އެކުދިންގެ ދުޅަހެޔޮކަމާއި އަމިއްލަ ތަރައްޤީއަށް ފައިދާހުރި އަދި އޭނާއަށް ކުރެވޭނެ ކަމެއް ކަމުގައި ޔަގީންވާން ޖެހެއެވެ. ކުދިންގެ ކުރިއަށް އޮތް ކެރިއަރާއި މެދު ވިސްނުމަށް ހިތްވަރު ދިނުމަކީ އުނގެނުމަށް ލޯބިޖެއްސުމަށް މައިންބަފައިންނަށް އެހީތެރިވެވޭނެ ކަމެކެވެ. ކުދިން ބޮޑުވުމުން ކުރަން ބޭނުންވާ ކަންތައްތައް ނިންމުމުގައި މަގުދައްކައިދޭ ބައަކަށް ބެލެވެރިންނަށް ވެވިދާނެއެވެ. މިސާލަކަށް، ބޮޑުވެގެން ބޭނުންވަނީ ޑޮކްޓަރަކަށް، ޓީޗަރަކަށް، ޕައިލެޓްއަކަށް، އިންޖިނޭރަކަށް، އާރކިޓެކްޓަކަށް ވާން، ނުވަތަ ކުރަން ބޭނުންވަނީ ކޮން މަސައްކަތެއްތޯ އެކުދިން ލައްވާ ކަނޑައެޅިދާނެއެވެ.

ކިޔަވަން އިށީނދެ އިންނާނެ ހާއްސަތަނެއް ކަނޑައެޅުން
ކުދިން ކިޔަވަން ހާއްސަ ތަނެއް ކަނޑައެޅުމަކީ އެކުދިންގެ އުނގެނުމުގެ ފޯކަސް ވަރަށް ބޮޑަށް އިތުރުކޮށްދޭނެ ކަމެކެވެ. މިގޮތުން ރަނގަޅަށް އިންތިޒާމުކޮށްފައިވާ ކިޔެވުމަށް ހިތްފަސޭހަ ޖާގައެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ކުދިން ކިޔެވުމުގެ ރަނގަޅު އާދަތައް އަށަގަންނުވައި، އުނގެނުން ކުރިއަރައި ނަތީޖާ ރަނގަޅު ކުރުމަށް އެހީތެރިވެދެވޭނެ ކަމެކެވެ. އަދި އެއީ ހިތްފަސޭހަވެފައި ފުރިހަމައަށް ތަރުތީބުކޮށްފައިވަ ތަނަކަށް ވާންޖެހެއެވެ. ފޮތްތަކާއި، ސްޓޭޝަނަރީއާއި، ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާކުރެވޭނެ އަލަމާރި، ދަބަސް ނުވަތަ ކޮންޓެއިނަރ ފަދަ އެއްޗެހި ފަސޭހައިން ބޭނުންކުރެވޭ ތަނެއްގައި ހުރުން މުހިންމެވެ. މީގެ ތެރޭގައި ގަލަން، ގަލަން، ނޯޓްފޮތް، ޓެކްސްޓް ފޮތް، ކޮމްޕިއުޓަރ ނުވަތަ ޓެބްލެޓް، އަދި ކިޔެވުމަށް ބޭނުންވެދާނެ އެހެން އެއްވެސް ތަކެތި ހިމެނެއެވެ. ކިޔަވާ ސަރަހައްދު އަރާމު ފިނިހޫނުމިނެއްގައި ހުރިތޯ ބަލާށެވެ. މާ ހޫނު ނުވަތަ މާ ފިނި މާހައުލުތަކަކީ ސަމާލުކަން ގެއްލި އަދި އުނދަގޫ މާހައުލަކަށް ވެދާނެއެވެ. ކޮންމެ ދުވަހަކު އެއްގަޑީގައި ކިޔަވާ އަދި ކިޔަވަން ހާއްސަ ކޮށްފައިވާ ޖާގައިގައި ބޭނުން ކުރުމަށް ކުދިންނަށް ހިތްވަރުދޭށެވެ. ބެލެނިވެރިން ދޭތެރެ ދޭތެރެއިން ކުދިން އުނގެނުމުގައި މަސްއޫލު ވެގެން ތިބިތޯ ބެލުން މުހިންމެވެ. ނަމަވެސް އަމިއްލައަށް ކިޔެވުމުގެ ވަގުތު ބެލެހެއްޓުމަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ވެސް ދޭންވާނެއެވެ.
ކިޔަވަން އިށީނުމުގެ ކުރިން ބަނޑުހައިވެފަ ހުރިނަމަ ކާންދިނުން
ދިރާސާތަކުން ދައްކާ ގޮތުގައި ދަރިވަރުންނަށް ރަނގަޅަށް ކިޔެވޭނީ ރަނގަޅު ކާނާ ލިބުމުންނެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ނަތީޖާމަތި ވުމާއި ހަނދާނާއި ސަމާލުކަން ރަނގަޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މިގޮތުން ގިނަ މުދައްރިސުން ފާހަގަކުރާ އެއްކަމަކީ ބަނޑުހައިވުމުން ކުދިންގެ ސަމާލުކަން ގެއްލޭކަމެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން އެކުދިން ކުރާ މަސައްކަތުގެ ފޯކަސް ގެއްލެއެވެ .އަދި ސިކުނޑި އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް ރަނގަޅު ނިއުޓްރިޝަނެއް ބޭނުންވެއެވެ. މީގެ އިތުރުން، ސިއްހީގޮތުން ދިމާވާ ބަލިމަޑުކަންކަން ގުޅިފައިވަނީ، ސިއްހައްތަށް ފައިދާހުރި ކާނާ ނުކެއުމާއި، ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުންނެވެ. މިސާލަކަށް ހަށިގަނޑު ނިކަމެތިވެ ބަލިވާން ފެށުމުން ސުކޫލަށް ހާޒިރުވުމުގައި މައްސަލަތކާއި ކުރިމަތިވެއެވެ.

މިފަދައިން، އުނގެނުމުގެ ތެރޭގައި ތަފާތު ވިސްނުންތައް ބޭނުންކުރަން ޖެހޭތީ ސިކުނޑިއަށް ފައިދާލިބޭ ކާނާ މުހިންމެވެ. މިގޮތުން އޮމެގާ-3 ފެޓީ އެސިޑް، އެންޓިއޮކްސިޑެންޓްސް، އަދި ވިޓަމިންސް ގިނައިން ހުންނަ ކާނާތަށް ފާހަގަކުރެވެއެވެ. މިފަދަ ކާނާތަކަކީ ސިކުނޑީގެ މަސައްކަތްތަކާއި ހަނދާން ރަނގަޅުކޮށްދޭ ކާނާތަކެކެވެ. ކިޔަވާ ކުދިން މިފަދަ ކާނާ ބޭނުންކުރުމުން މައުލޫމާތު ހިފެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށްދޭނެއެވެ. ހާއްސަކޮށް އޮމެގާ-3 ފެޓީ އެސިޑްއަކީ ކުދިންގެ ވިސްނުމުގެ ބާރު ގަދަކޮށް ސިކުނޑީގެ ސިއްހަތަށް އެހީތެރިވެދޭ މާއްދާއެކެވެ.

ކުދިން އުނގެނެމުން ދާއިރު ބެލެނިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން
ބެލެނިވެރިން އެކުދިންގެ އުނގެނުމުގައި ބައިވެރިވުން މުހިންމުވާ ސަބަބުތައް ވަރަށް ގިނައެވެ. ލޯތްބާއި އަޅާލުމާއި އެހީތެރިކަމާއި އޯގާތެރިކަން އެކުދިން ކިޔަވާއިރު ވަރަށް މުހިންމު ވާނެއެވެ. ކުދިންދެކެ ލޯބިވާކަން އެކުދިންނަށް އެނގި އިހުސާސްވުމުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެންދާނެއެވެ. މިގޮތުން މައިންބަފައިން ތަޢުލީމަށް އިސްކަންދޭކަން އެނގި ތައުލީމުގެ އަގުކުރާކަން ކުދިންނަށް ވިސްނެން ޖެހެއެވެ. އެއިރުން ކުދިން އަމިއްލައަށް އުގެނުމުގެ ޒިންމާތައް ނަގާނެއެވެ.
ހަމައެފަދައިން، ބެލެނިވެރިންގެ އެއްބާރުލުން ކުދިންގެ އެކި ކަންތައްތަކަށްދީ ސުކޫލުން ގޭގައި ފުރިހަމަކުރަންދޭ މަސައްކަތްތައް ނިންމަން ކޮންމެ ދުވަހަކުވެސް ބާރުއަޅައި ކުދިންނަށް އެހީތެރިވެދިނުން ވަރަށް މުހިންމެވެ. ނަމަވެސް ކުދިންނަށް އަބަދުވެސް ހަނދާންކޮށްދޭންވީ ކިޔެވުމަކީ އެކުދިންގެ އަމިއްލަ ޒިންމާއެއްކަމެވެ. ވީމާ އެކުދިން އަމިއްލައަށް ޕްލޭންތައް ހަދައިގެން މިނިވަންކަމާއެކު އެނގެނުމުގެ ފުރުސަތުވެސް ދޭންވާނެއެވެ. ގޭގައި އެނގެނުމަށް ފަސޭހަކުރުމަށް ޝެޑިއުލްތައް ތައްޔާރުކޮށް އެގަޑިތަކުގައި ރާވައިފައި ހުރި ކަންތައްތައް އެކުދިން ކުރަމުން ގެންދޭތޯ ބަލަންވާނެއެވެ.
ހާއްސަކޮށް ސްކޫލުން ގެއަށް ކުދިން އައުމުން، ސްކޫލުގައި ހިނގާ ކަންތައްތަކުގެ ވާހަކަ އަހައި އޮޅުން ފިލުވަންވާނެއެވެ. އެކުދިންގެ ވާހަކަތައް ބެލެނިވެރިންވެސް ސަމާލުކަންދީ އަޑުއަހާލަންވާނެއެވެ. ކޮންމެ ދުވަހަކު 20 ނުވަތަ 30 މިނެޓް މިކަމުގައި ކުދިންނާއެކު ހޭދަކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދައިން ކަންތައްތައް ކުރުމުން ތަފާތު ފެނި އުނގެނުމަށް އެކުދިންގެ ފަރާތުންދޭ ސަމާލުކަމާއި ކުރިއެރުން ވަރަށް އަވަހަށް ފެނިގެންދާނެއެވެ. އަދި އެކުދިންގެ ސްކޫލް މަސައްކަތްތަކަށް ބެލެނިވެރިން ޝައުގު ވެރިވާކަން ދައްކައި ދޭންވާނެއެވެ. އެކުދިން ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް ތައުރީފުކުރަންވާނެއެވެ. ކުދިންނަށް ކުރެވޭ ނޭދެވޭ ކަންތައްތައް ފާހަގަކޮށް އަބަދު ފާޑުކިޔުމުގެ ބަދަލުގައި ރަނގަޅު ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކުދިންނަށް ހިތްވަރުދޭށެވެ. މީގެ އިތުރުންވެސް ނިދުމާއި ކެއުމާއި މިފަދަ ކަންތައްތައް ބަރާބަރަށް އެގަޑިތަކުގައި ކުރޭތޯ ބަލަމުން ގެންދަންވާނެއެވެ.

ޝެޑިއުލާއި ތާވަލުތަކުގެ ސަބަބުން ކުދިން ޒިންމާދާރުވޭ
ދުވަހުން ދުވަހަށް ނުވަތަ ހަފުތާގައި ކުރާ މަސައްކަތްތައް ކުދިން ލައްވާ ފަސޭހައިން ކުރެވޭނެ އެއްގޮތަކީ ޝެޑިއުލެއް ނުވަތަ ތާވަލެއް ތައްޔާރުކުރުމެވެ. މިފަދަ ޝެޑިއުލުގެ ސަބަބުން އުނގެނުމުގައި ދިމާވާ ހާސްވުންތަކާއި ފިކުރުތަކުން ސަލާމާތްވާނެއެވެ. އަދި ޝެޑިއުލްތައް ތައްޔާރުކުރުމުން ކުދިން ޒިންމާދާރުވުމަށް މަގުފަހިވެ، އަމިއްލައަށް ކަންތައްތައްކޮށް ނިންމުމަށް އެކުދިންނަށް ހިތްވަރު ލިބިގެންދެއެވެ. ހާއްސަކޮށް ވަގުތުގެ މުހިންމުކަމާއި ވަގުތައް ކަންތައްތައްކޮށް ނިންމާލުމަށް ސަމާލުކަން ކުދިންދެއެވެ. މި ފަދަ ތާވަލުތަކާއި ޝެޑިއުލްތަށް ބޭނުން ކުރުމުން، ކުދިންގެ ހަނދާން ވަރުގަދަކޮށް ދިނުމަށް އެހީތެރިވެއެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ރާވައިގެން ކުރިއަށް ގެންދިއުމަށް ބާރުއަޅައެވެ.
advertisment
ހިޔާލު