އަރަފާތު ދުވަސް: އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް ފާފަފުއްސެވުމުގެ ދުވަސް

ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ ބިމުގައި ތިބެ މާތް اللهއަށް ތަލްބިޔާ ކިޔުމަށެވެ. އެތައް ހާސް އަހަރެއް ކުރީން إبراهيم عليه السّلام ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުންނެވެ.

މުސްލިމުން عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެކެވެ. ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެކެވެ. މައްކާގެ ބިމުގައި މާތް الله ލައްވައިފައިވާ މަނާސިކުގެ ކަންކަން ފުރިހަމަކުރުމުގެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރެވެ. އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މާތް اللهގެ އަމުރުފުޅުގައިވާ ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ. "ތިޔަބައިމީހުން އެންމެން اللهގެ دينގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެނުގަންނާށެވެ!"

މާތް اللهގެ ދީނުގައި ހިފަހައްޓާށޭ އެންގެވުމުން، ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއްކަން ދޭހަވެއެވެ. އަދި، ވަކިވަކިވެނުގަންނާށޭ އަންގަވައިފައި ވަނީ ބައިބައިވުމަކީ ނިކަމެތި ކަމަކަށް ވާތީއެވެ. މާތް ނަބިއްޔާގެ އަޞްޙާބުބޭކަލުން ވެސް އެއްބައިވަންތަކަމުގެ ތަރަހައިގެ ތެރޭގައި ތިއްބެވީ އިސްލާމްކަމުގެ ދިދައިގެ ހިޔަލުގައި، އަދި އެބޭކަލުންގެ ޝިޢާރެއްގެ ގޮތުގައި (لَا إِلَـٰهَ إِلَّا اللهُ مُحَمَّدٌ رَّسُوْلُ اللهِ) މި ކަލިމަފުޅު ހިއްޕަވައިގެންނެވެ. އެއް ލަނޑުދަނޑިއަކަށް އަމާޒުހިއްޕަވައިގެންނެވެ. އެ އަމާޒަކީ މި ކަލިމަފުޅު މަތިވެރިކުރުމެވެ. މާތް اللهއަށް އިޚްލާޞްތެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ޤުރްބާންވުމެވެ. تَقْوَىގެ މަގުގައި ހިންގެވުމެވެ.

ސަލާމަތުގެ މަގަކީ މާތް اللهގެ ފޮތުގައްޔާއި، އެކަލާނގެ ރަސޫލާ ގެ ސުންނަތުގައި އަންގަވައިފައިވާ މަގެވެ. މާތް ނަބިއްޔާ ހައްޖަތުލް ވަދާޢުގެ ޙުތުބާގައި ޙަދީޘް ކުރައްވައިފާ ހަދީސެއްގެ މާނައިގައިވެއެވެ.

" އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދެ އެއްޗެއް ދޫކުރައްވާފައި ވަމެވެ. އެ ދޭތީގައި ހިފަހައްޓައިގެން ތިބިހައި ހިނދަކު ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެތެވެ. އެއީ މާތް اللهގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ. ހަމަކަށަވަރުން އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. މުސްލިމުންނަކީ އަޚުންތަކެކެވެ. އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދަލުން އެ އަޚާ އޭނާއަށް ހިތްހެޔޮކަމާ އެކު ދީފި އެއްޗެއް ފިޔަވައި ޙަލާލުވެގެންނެއް ނުވެއެވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކު ޤަތުލުކޮށް ކާފިރުކަމަށް އެނބުރި ނުދާހުށިކަމެވެ!"

ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަހެވެ! އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ. ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުން މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވެއެވެ. "ޙައްޖަކީ ޢަރަފާތުގައި ހުރުމެވެ."

އެ ދުވަހު ކުރާ އެންމެ މާތް ދުޢާ ރަސޫލުﷲ ގެ ފާނު ވަނީ ބަޔާންކޮށް ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.

"އެންމެ މާތް ދުޢާއަކީ، ޢަރަފާތު ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީން ފޮނުއްވުނު ނަބީބޭކަލުން ކުރެއްވި އެންމެ މާތް ދުޢާއަކީ (لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މިއެވެ.

ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ މުސްތަހައްބު ކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވަނީ، "(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ." ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ. މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާއެވެ. އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެއެވެ. ހަމަ އެ ފަދައިން މާތް ނަބިއްޔާ zއަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެއެވެ. ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެއެވެ. މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ.

"ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ."

އިސްވެދިޔަ އާޔަތުން އެނގޭ ގޮތުގައި ޢަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަހެވެ. ޢަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ. ޙައްޖުވެރީން ޢަރަފާތުގައި ތިބޭ އިރު، މާތް الله ފަޚުވެރިވެވޮޑިގަންނަވައި އެކަލާނގެ މަލާއިކަތުންނަށް އަންގަވައި ވަޙީކުރައްވާނެއެވެ. "ތިމަންރަސްކަލާނގެ އަޅުތަކުން ނިކަން ދެކިބަލާށެވެ! ތިމަންރަސްކަލާނގެ އަޅުތަކުން، ތިމަންރަސްކަލާނގެ ޙަޟްރަތުން، ފާފަފުއްސެވުމަށް އެދި، އައިސް އެތިބީ، ބޯ ހޭވި، ހިރަފުހާ ތަތްތެޅިގެން، ދުރު ހިސާބުތަކުންނެވެ. ތިޔަ މަލާއިކަތުން ހެކިކުރައްވައި، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައިފީމެވެ!"

ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހުށްޓެވެ. މާތްނަބިއްޔާ ޙަދީޘްކުރައްވައިފައިވެއެވެ

"މިއަދަކީ، އެ މީހެއްގެ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަހެކެވެ."

ނޯޓް: މިއީ މިއަދުގެ ހުކުރު ޙުޠުބާގައި ގެނެސްދީފައިވާ މުހިންމު ބައިތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *