-
ޝާއިން ރޯލް މޮޑެލަކަށް ބަލައިގެން ސައުދާން ހޯދީ، އޭލެވެލްއިން އެއްވަނަ ކެމިސްޓްރީން ދުނިޔެއިން އެއްވަނަ
ކިޔަވަން ދީފައި އޮންނަ "ފްރީޑަމް"އަކީ އޯލެވެލްއަށްވުރެ އޭލެވެލްގައި ކިޔަވަން އަލީ ސަޢުދާން ޝަހީނަށް ފަސޭހަވި މައިގަނޑު ސަބަބެވެ. ނަތީޖާއަކަށްވީ އިމާދުއްދީން ސްކޫލުން އޯލެވެލް ނިންމައި ގަދަ ދިހައެއްގެ އެއްވަނަ ހޯދި ސައުދާންއަށް އޭލެވެލްގައި ވެސް ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދުމާއެކު ކެމިސްޓްރީން މުޅި މުޅި ދުނިޔެއިން އެއްވަނަ ލިބުމެވެ.
ސައުދާން ބުނީ، އޭލެވެލްގައި ކިޔަވާނެ ގޮތެއް ނިންމުގެ އިޚްތިޔާރު ދީފައި އޮންނަނީ ވަރަށް ބޮޑު "ފްރީޑަމް" އަކާ އެކުގައި ކަމަށެވެ. ނަމަވެސް އޯލެވެލްގައި އެ އިޚްތިޔާރު ނެތުމަކީ އޭނާ ފަދަ އަމިއްލައަށް ކިޔަވަން އިސްކަންދޭ ދަރިވަރަކަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

" އޭލެވެލް އޮންނަނީ ވަރަށް ބޮޑަށް "ފްރީޑަމް"ދީ، އަމިއްލައަށް ކިޔަވަން ދޫކޮށްލާފައި. އެކްސްޓްރާ ކުލާސްތަކަށް ކިޔާއިރު ވެސް އެބަބުނޭ ކިޔަވަން ބޭނުންވާ ކުދިން އަންނާށޭ، އަމިއްލައަށް ގޭގައި ކިޔަވަން ބޭނުންވާ ކުދިން ގޭގައި ކިޔެވިޔަސް މައްސަލައެއް ނެތޭ. ބޭނުންވާ ގޮތެއް ނިންމުމުގެ ބާރު އޮވޭ. އޯލެވެލްގައި މުޅިން ތަފާތު. ކިޔެވުމުގައި އަމިއްލަ ބާރެއް ނޯވޭ. ސްކޫލުން އެކަން ނިންމަނީ. ސްކޫލަށް އަންނާށޭ ބުނީމާ ދާންޖެހޭނީ"
ސައުދާން ބުނީ، އޭނާއަށް ކިޔަވަން ފަސޭހައީ އެކަނި އިނދެ ޕާސްޓް ޕޭޕަރު ހަދައިގެންނާއި އެހެން ކުދިންނަށް ކިޔައިދީގެންނެވެ. ކޮންމެ ދުވަހަކު ވެސް ދެ މާއްދާއެއްގެ ޕޭޕަރު ހެދުމަކީ އެއީ އޭނާގެ ކިޔެވުމުގެ ދުވަހީ އެންމެ ބޮޑު ޓާގެޓެވެ. ދެ ގަޑިއިރުގެ އެ ޕޭޕަރު ހަދަނީ ސްކޫލުގައި ދޭ އިމްތިޙާނެކޭ އެއްގޮތަށް ނޯޓްސް ނުބަލައި ގަޑި ޖައްސައިގެންނެވެ. ޕޭޕަރު ހަދައި ނިމުމުން މާކްސްދެނީ ވެސް އަމިއްލަ އަށެވެ. ޕޭޕާރު މާކުރާއިރު ސުވާލެއް ނުބައިވެއްޖެނަމަ ނުބައިވި ސުވާލުގެ ޖަވާބު އިތުރަށް ފަރިތަކުރެއެވެ. އާންމު ގޮތެއްގައި މިކަން ކުރަނީ ފަތިސް ނަމާދަށް ހޭލައިގެން އެ ލިބޭ ވަގުތުގައެވެ. ބައެއް ފަހަރު އިތުރު ކުއްޖަކު ވެސް އޭނާއާއެކު އެ ގަޑީގައި ބައިވެރިވެއެވެ.
ސައުދާން ބުނި ގޮތުގައި، ކިޔެވިއިރު އެކުވެރިންގެ ހިއްސާ ބޮޑު ކަމަށާއި ކިޔަވަން ފަސޭހައީ ވެސް އެހެން ކުދީންނަށް ކިޔައިދީގެންނެވެ.

" އެކުގައި އުޅޭ ކުދިންނަށް ފަސޭހަވޭ އަޅުގަނޑު ކިޔައިދިނިމާ. ވަރަށް ގިނަ ގުރޫޕް ސްޓަޑީތައް އަޅުގަނޑު ކިޔަވައިދޭ ގޮތަށް ކުރިއަށް ގެންދިޔައިން. އޭގެ ސަބަބުން އަޅުގަނޑަށާއި އެހެން ކުދިންނަށް ވެސް ފައިދާތަކެއް ކުރި" ސައުދާން ބުންޏެވެ.
ގޭގައި ކިޔަވާއިރުވެސް އޭނާއަށްވުރެ ހަތަރު އަހަރު ހަގު ކޮށްކޮއަށް ކިޔައިދީގެން ފިލާވަޅު ދަސްކުރުމަކީ ވެސް އޭނާގެ އާދައެކެވެ. އޭގެ ސަބަބުން ގޭގައި ފިލާވަޅުތައް ދަސްކޮށް މުޠާލިޔާކުރަން ފަސޭހަވިއެވެ.
" ކޮއްކޮ އިންނާނެ ކިޔައިދޭއިރު އަޑުއަހަން. އަޑުއަހަން އިންނާތީ ގޭގައި ވެސް ފިލާވަޅު ދަސްކުރަން ފަސޭހަވި"
ސައުދާން ބުނީ، މައިންބަފައިން އޭނާއަށް އިތުބާރުކޮށްފައި ކިޔަވަން ދޫކޮށްލުމަކީ ވެސް އެއީ ކުރިއަށް ދިއުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ. ކިޔެވުމުގެ ތެރެއަށް ބައެއްފަހަރު ބެލެނިވެރިން ވަނުމުން އެންމެ ރަނގަޅު ނަތީޖާ ހޯދަން ބައެއް ކުދިންނަށް އުނދަގޫވާ ކަމަށް އޭނާއަށް ފެނުނު ކަންތައްތަކަށް ރިޔާއަތްކޮށް ސައުދާން ބުންޏެވެ.

ސައުދާން ބުނިގޮތުގައި ވީހާވެސް ގިނައިން ޕާސްޓް ޕޭޕާރުތައް ހަދައި ސުވާލުތައް އައިސްފައި ހުންނަ ގޮތް ދެނެގަތުން މުހިންމެވެ. ސައިންސް މާއްދާތަކުގައި ސުވާލުތައް އަންނަ ގޮތުން ތިޔަރީގައި ހުންނަ އެއްޗިއްސާއި ތަފާތުކޮށް ޖަވާބުދޭން ޖެހެއެވެ. ސުވާލުތައް އަންނަ ގޮތާއި ޖަވާބުދޭން ޖެހޭ ގޮތް ދެނެގަތުމުން އިމްތިޙާން ހަދަން ފަސޭހަވާކަމަށް ވެސް ސައުދާން ބުންޏެވެ.
އެންމެ ކުޑައިރުއްސުރެ ސައުދާންގެ ޝަޢުޤު ހުންނަނީ ސައިންސްއާ ގުޅުން ހުންނަ މާއްދާތަކަށެވެ. އެހެންވެ އޭނާ ކިޔެވީ ވެސް ސައިންސް ސްޓްރީމެވެ. ކުޑައިރުވެސް މަތީ ގުރޭޑްގެ ސައިންސްއާ ގުޅުން ހުންނަ މާއްދާތަކުގެ ފޮތްތައް ނަގައިގެން ކިޔުމަކީ އެއީ އާންމުކޮށް ކުރިކަމެކެވެ. އޭގެ ސަބަބުން ގުރޭޑް 10އަށް ދިޔައިރު ފިލާވަޅު ދަސްކުރަން ފަސޭހަތަކެއްވި ކަމަށް ސައުދާން ބުންޏެވެ.

" ގުރޭޑް 5ގައި އުޅުނުއިރު ގުރޭޑް 10ގެ ކުދިންގެ ފޮތްތައް ކިޔަން. ފޮތް ނަގައިގެން އޭރު ކިތަންމެ ގިނައިރަކު ވެސް އިންނަން ކިޔާލަކިޔާލާ. އޭރު އެ ފޮތްތައް ބެލީމާ މަތީ ގުރޭޑްތަކަށް އައިސް ދަސްކުރަން ފަސޭހަވި" ސައުދާން ބުންޏެވެ.
ސީއެއްޗްއެސްއީގައި ކިޔަވިއިރު، ސައުދާން ރޯލް މޮޑެލްކަށް ބެލީ ކުރީ އަހަރު ސީއެޗްއެސްއީން އެއްވަނަ ހޯދައި އޭލެވެލްއިން އެއްވަނަ ހޯދުމާއެކު ތިން މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި ޝާއިންއެވެ. ދެ މީހުން ދެ ސްކޫލެއްގައި ކިޔެވި ނަމަވެސް ޤުރުއާން ހިފުޒު ކުރުމުގެ ކުލާހުގެ ތެރެއިން ދެމީހުން ދިމާވެ ރައްޓެހިކަން ވެސް އޮތީ އުފެދިފައެވެ. ޝާއިން ހޯދި ފަދަ ކާމިޔާބެއް ހޯދަން ސައުދާން ކަނޑައެޅީ އޭލެވެލްގައި އޭނާ ހޯދި އާދަޔާ ޚިލާފު ނަތީޖާ ފެނިފައެވެ. ޝާއިންއަކީ އޭލެވެލްގައި ރާއްޖޭގެ ދަރިވަރަކު މިހާތަނަށް ހޯދި އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރެވެ.
" އޭލެވެލްއިން އެއްވަނަ ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރުމުގައި ޝާއިންގެ އެ ކާމިޔާބީން ހިތްވަރު ހޯދިން. އެފަދަ ނަތީޖާއަކަށް އުއްމީދު ވެސް ކުރީ" ސައުދާން ބުންނެވެ.

ސްކޫލް ނިންމާލިއިރު ސައުދާންއަކީ އިމާދުއްދީން ސްކޫލުގެ ކެޕްޓަނެވެ. އަދި އެ އަހަރު އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރެވެ. ކެޕްޓަންގެ ޒިންމާގެ ދަށުން ލީޑަރެއްގެ ގޮތުގައި ކުރަންޖެހުނު މަސައްކަތްތަކުން ވަޒީފާގެ އަމަލީ މައިދާނުގައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް ދަސްވި ކަމަށް ސައުދާން ބުނެއެވެ. މީހުންނާއި މުއާމަލާތްކުރުމާއި އިސްނެގުމާއި ކަންތައްތައް އިންތިޒާމް ކުރުން ފަދަ އެތައެއް ކަމެއް ކުރަން ޖެހުނެވެ. އޭގެ ސަބަބުން ހަރުދަނާ މީހެއްގެ ގޮތުގައި ޒިންމާ އަދާކުރުމުގެ ފުރުސަތު ފަހިވި ކަމަށް ސައުދާން ދެކެވެ. އޭލެވެލްގައި ކިޔެވި ދުވަސްވަރު ކުރިއާ އަޅާބަލާއިރު ބައިވެރިވީ ހަރަކާތްތައް މަދުކުރިއެވެ. އެއީ އެފަދަ ހަރަކާތްތަކުން ކިޔެވުމަށް ވަގުތު ނުދެވިދާނެތީއެވެ. އޭ ލެވެލްގެ ދެ އަހަރުގައި ވެސް ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވިއެވެ. ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވީ ގުރޭޑް 11ގައި އުޅުނުއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުން، ބޭނުން ކޮންމެ ގައުމަކުން ކިޔެވުމުގެ ފުރުޞަތު ފަހިވެފައި އޮތްއިރު، ބޭނުންވަނީ ޕައިލެޓްކަން ކިޔަވާށެވެ. އެ ޚިޔާލު ބަދަލު ކުރުމުގެ ވިސްނުން މިހާރު އޭނާ ގެންގުޅެއެވެ. އެއީ ޕައިލެޓްކަން ކިޔަވާ ދަރިވަރުން ރާއްޖޭގައި ގިނަވީމައެވެ. ވަޒީފާއަށްވުރެ ޕައިލެޓުކަން ކިޔަވާ ދަރިވަރުން ގިނަވުމާއެކުގައެވެ.
" އެ ވިސްނުން ބަދަލު ކުރަން ބޭނުން ވިޔަސް އަދި ވަކި ގޮތެއް ނުނިންމަން" މިހާރު ޕޯސްޓް އޮފީހުގައި ވަޒީފާ އަދާކުރަމުންދާ ސައުދާން ބުންޏެވެ.

ސައުދާން ބުނީ އޭނާއަށް ލިބޭ ކިތަންމެ ކުޑަ ނަމަވެސް ކާމިޔާބަކީ އާއިލާއިން ފާހަގަކުރާ ކާމިޔާބެއް ކަމަށެވެ. ޚާއްޞަކޮށް މަންމައާއި ބައްޕަގެ ފަރާތުން އޭނާގެ ކިޔެވުމަށް ކޮށްދިން ކަންތައްތަކަށް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ. އަދި އޭނާއަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުން ދިން ނަސޭހަތާއި ރަނގަޅު ނަތީޖާއެއް ހޯދައިދޭން ކޮށްދިން މަސައްކަތްތަކަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ފާހަގަކުރާ ކަމަށެވެ. އޭގެ ތެރޭގައި އިމާދުއްދީނާއި ސީއެޗްއެސްއީގެ މުދައްރިސުން އޭނާ ފާހަގަކުރިއެވެ.
advertisment
ހިޔާލު