ޔުމްނު: ކުރި ހޯދީ އެކުވެރިންގެ ތެރޭގައި އޮތް ވާދަވެރިކަމުގެ ތެރެއިން

  • ނަތީޖާ ނެރެން މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑީގައި އެންގޭޖްވާންވީ، އެއީ ކިޔެވުމުގެ 50 އިންސައްތަ

އޭލެވެލްއިން އެއްވަނަ ހޯދި އަޙްމަދިއްޔާ ސްކޫލުގެ ޔުމްނު ޔަމަން އަލީއަށް އޯލެވެލްއަށްވުރެ ފަސޭހައީ އޭލެވެލްއެވެ. އޯލެވެލްގައި އޭނާ ދިޔައީ ގަދަ ދިހައެއްގެ ހަތަރު ވަނަ އަށެވެ. އޯލެވެލްގައި ވެސް ބޭނުންވީ އެއްވަނަ ހޯދާށެވެ. އެކަމަށް އެދިގެން އެނާ ކުރި މަސައްކަތުގެ ހުރަހަކަށްވީ ކޮވިޑެވެ. އެކަމަކާ ހުރެ ބޭނުންވި ވަރާ ގާތަށް ވެސް މަސައްކަތެއް ނުކުރެވުނެވެ.

ބިޒްނަސް ސްޓްރީމަށް ކިޔެވި ޔުމްނުއަށް އޯލެވެލްގައި އޭ ލިބުނީ ހިސާބާއި ކޮމްޕިއުޓަރ ސައިންސްއާއި އިސްލާމުންނެވެ. ދެން ހުރި މާއްދާތަކުން ލިބުނީ އޭ ސްޓަރއެވެ.

ޔުމްނު ބުނީ، އޯލެވެލްގެ ނަތީޖާއިން ލިބުނު މާޔޫސްކަމުން އަރައިގަނެ އޭލެވެލްއަށް ކިޔަވަން ފެށީ އުއްމީދާއި އިތުބާރާއި ޔަޤީންކަމާއެކު އެއްވަނަ ހޯދަން އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

" އޭލެވެލް ފެށިއިރު ހުރީ ވަރަށް ބޮޑަށް "މޯޓިވޭޓް" ވެފައި. އޭލެވެލްއަށް ވަން އިރުވެސް ޓާގެޓަކީ އެއްވަނަ ހޯދުން"

އޯލެވެލްއާ އަޅަބަލާއިރު އޭލެވެލްގައި ކުރަން ޖެހޭ މަސައްކަތް ބުރައެވެ. ސިލަބަހަށް ބަލާއިރު ވެސް އެތައް ގުނައެއް ބޮޑެވެ. ފޮތުން ކިޔައިގެން އޯލެވެލްގައި ނަތީޖާ ނެރެވުނަސް އޭލެވެލްގައި އެއީ ވާނެ ކަމެއް ނޫނެވެ. އެކަމަށް ވިސްނައިގެން ޔުމްނު ކުރިއަށް ދިޔައީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކުރިން ހެދުނު ގޯސްތައް ތަކުރާރު ނުވާނެ ގޮތަށް ކިޔެވުން ބައްޓަން ކުރަމުންއެވެ.

ގިނަ ކުދިންނަށް އެކަނި ކިޔަވަން ފަސޭހަވިޔަސް ޔުމްނު އަށް ކިޔަވަން ފަސޭހައީ އެހެން މީހަކާ އެކީގައެވެ. އެހެންވެ މުދައްރިސް ކުލާހުގައި ފިލާވަޅު ނަގައިދޭ ގަޑިއަށް އޭނާ ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެގަޑީގައި ގިނައިން ސުވާލު ކުރުމަކީ އެއީ އޭނާގެ އާދައެކެވެ.

" އަޅުގަނޑަށް ކިޔަވަން ފަސޭހައީ، އެހެން ކުއްޖަކު އަޅުގަނޑަށް ކިޔައިދީގެން ނޫނީ އަޅުގަނޑު އެހެން ކުއްޖަކަށް ބުނެދީގެން. އެކަނި ކިޔެވުމުގެ ބަދަލުގައި މުދައްރިސާ ވާހަކަ ދައްކައިގެން ނޫނީ ރައްޓެހިންނާއެކު ވާހަކަ ދައްކައިގެން ކިޔަވަނީ ވެސް، ފިލާވަޅު މުރާޖައާ ކުރަނީ ވެސް" ޔުމްނު ބުންޏެވެ.

ކިޔަވާ ދަރިވަރުންނަށް އެޑްވައިޒެއްގެ ގޮތުގައި ޔުމްނު ބުނީ: "ކުލާހުގައި މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑީގައި ވީހާވެސް ބޮޑަކަށް އެންގޭޖް ވާށޭ. ވިހާވެސް ބޮޑަކަށް މުދައްރިސްއާއެކު ބައިވެރިވާށޭ. އެގަޑީގައި ކިތަންމެ ގިނައިން ވެސް ސުވާލުކުރާށޭ. އޮޅުން ފިލުވާށޭ. ކިޔެވުމުގެ 50 އިންސައްތައޭ އެއީ. ކުލާހުން ނުކުންނައިރު އެއްކޮށް އޮޅުން ފިލާފައި ހުރެގެން ނުކުންނާށޭ"

ޔުމްނު ބުނީ، އޭނާ ކިޔެވީ ވާދަވެރިކަމުގެ ތެރެއިންނެވެ. އެކުގައި އުޅުނު އެންމެންނަކީ ކިޔެވުމަށް އިސްކަންދޭ، މޮޅު ދަރިވަރުންނެވެ. ކިޔެވުމުގެ ވާދަވެރިކަން އެ ކުދިންގެ ތެރޭގައި ވަރަށް ބޮޑެވެ. އެކަމަކު ވެސް އެ ހުރިހާ ކުދިން ކިޔެވީ އެއްކޮށެވެ. ހުސް ގަޑިއެއް ލިބުނަސް އެ ހުރިހާ ކުދިން އެއްވެލާފައި ކިޔަވަނީ އެކީގައެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީވާނެއެވެ. ނޭނގޭ އެއްޗެއް އޮވްއްޖެނަމަ ބުނެދޭނެއެވެ. ސުވާލެއް ކޮށްފިނަމަ އެއަށް ޖަވާބުވެސް ދޭނެއެވެ. ފިލާވަޅުތަކާ ގުޅިގެން ތަފާތު ޑިސްކަޝަންތައް ބާއްވާނެއެވެ. އެ ވާދަވެރިކަމަކީ ޔުމްނުއަށް ކުރިއަށް ދާން ލިބުނު އަލިކަމެކެވެ.

ޔުމްނު ބުނީ ޓެސްޓަކުން ބޭނުންވި ނަތީޖާއެއް ނުނެރެވޭ ފަހަރު ކޮންމެ ވެސް ވަރެއްގެ ހިތް ނުތަނަވަސްވެ މާޔޫސްވާ ކަމަށެވެ. އެފަދަ ކޮންމެ ފަހަރަކު އަލުން ފަށައިގަންނަނީ އާ ހިތްވަރެއް ލައިގެން އާ ފެށުމަކުން ފަށައިގެން ކަމަށެވެ. "ވާނެއޭ ކުރާނަމޭ" ހިތުގައި ބާއްވައިގެން ކަމަށެވެ.

އެފަދަ ކޮންމެ ދަނޑިވަޅެއްގައި ތަކުރާރުކޮށް އޭނާ ކުރާ އެއްކަމެއް އޮވެއެވެ. އެއީ ކާމިޔާބު ދަރިވަރުންގެ ވާހަކަތައް ކިޔުމެވެ.

" އަޅުގަނޑު ބޭނުންވާ މާކްސް ޓެސްޓަކުން ނުލިބިއްޖިއްޔާ ޑީމޯޓިވޭޓްވޭ. އެކަމަށް މާ ބޮޑަށް ނުވިސްނައި ފައިނަލް އިމްތިޙާނަށް ވިސްނަނީ. އެހާ ބޮޑަކަށް ހިތްވަރު އެލުވައެއް ނުލަން. ހިތްވަރު އެލޭ ފަހަރު ހިތްވަރު ހޯދަން ކުރާ ކަމަކީ "ދަރިވަރު" ނޫހުގައި ޝާއިއުކޮށްފައި ހުންނަ އެއްވަނަ ލިބިފައިވާ ދަރިވަރުން، މީހުންގެ ވާހަކަތައް ކިޔަނީ. އެފަދަ ވާހަކަތައް ވަރަށް ގިނައިން ކިޔަން" މާޔޫސްކަމުގެ ތެރެއަށް ދެވޭ ކޮންމެ ފަހަރަކު ހިތްވަރު ހޯދާ ގޮތް ޔުމްނު ކިޔައިދިނެވެ.
"ކިޔަވަން، ފިލާވަޅު ހަދަން އިންނައިރު، ބައެއް ސުވާލުތައް އުނދަގޫވީމާ ވެސް އެކަން ހުއްޓާލާފައި އިންނަން ދަރިވަރު ނޫގައި ހުންނަ އެ ލިޔުންތައް ކިޔަން. އެ ކިޔާފައި މޯޓިވޭޓް ވެގެން އައިސް، އަޅުގަނޑަށް ވާނެއޭ އަޅުގަނޑަށް ވެސް ކުރެވޭނެއޭ ހިތަށް އަރުވައިގެން ފަށަނީ"

ޔުމްނު ބުނީ، އޯލެވެލްގައި ރަނގަޅު ނަތީޖާއަކަށް އުއްމީދު ކޮށްގެން އަޙްމަދިއްޔާއަށް ބަދަލުވުމަކީ އެއީ އޭނާގެ ހަޔާތުގައި ނިންމި މުހިންމު ނިންމުމެއް ކަމަށެވެ. ހުޅުމާލޭގައި އުޅެމުން މާލޭގައި ހުންނަ އަޙްމަދިއްޔާ އިންޓަރނޭޝާނަލް ސްކޫލަށް، ދިގު ދަތުރުތަކެއް ކޮށްފައި ކޮންމެ ދުވަހަކު އަންނަން ޖެހުމަކީ އެއީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެ ތަކުލީފާ ކުރިމަތީލީ އޭނާ ބޭނުންވެގެން، މަންމަމެން ކައިރީގައި އެދިގެން ކަމަށެވެ.

ސްކޫލް ބަދަލުކުރާ ވާހަކަ ބުނީމާ މަންމެމް ބުނީ، " ދަރިފުޅާއޭ ދިގު ދަތުރުތަކެކޭ ކުރަން ޖެހޭނީ. އަޚްމަދިއްޔާ ސްކޫލުގެ ސްޓޭންޑަޑް މައްޗޭ"

ޔުމްނުގެ އެ ނިންމުމަށް އޭނާގެ މައިންބަފައިން އެއްބަސްވިއެވެ. ކޮންމެ ދުވަހަކުހެން އެތައް ދަތުރެއް ހުޅުމާލެއިން އަޙްމަދިއްޔާއަށް ކުރިއެވެ. އެއީ އެނާގެ ތައުލީމަށްޓަކައި މައިންބަފައިން އުފުލި އިތުރު ބުރައެކެވެ. އެ ހުރިހާ ސަބަބަކާހުރެ މަންމައާއި ބައްޕައަށް އޭނާގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ތައުރީފެކެވެ.

ޔުމްނު ބުނީ، އަޙްމަދިއްޔާގައި އޭނާއަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުން ވެސް މަސައްކަތް ކޮށްދެއްވީ ރަނގަޅު ނަތީޖާއަކަށް އުއްމީދުކޮށްގެންނެވެ. ދަރިވަރުންގެ ނަތީޖާއަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް މުދައްރިސުން ކޮށްދެއްވުމަކީ އެއީ އޭނާގެ ކާމިޔާބީގެ ސިއްރެވެ.

ޔުމްނުއަކީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކަށް އިސްކަންދިން ދަރިވަރެކެވެ. އޭނާއަކީ ހުވަނދުމާ ހައުސްގެ ކެޕްޓަނެވެ. ކެޑޭޓްގައި ވެސް އޭނާގެ ހަރަކާތްތައް އިތުރެވެ. އަދަބީ އެތައް މުބާރާތެއްގައި ބައިވެރިވެ، އަދި އެފަދަ މުބާރާތްތަކުން ހައުސްއަށް ވަނަތައް ހޯދައިދިނެވެ. ޔުމްނު ޤަބޫލުކުރާ ގޮތުގައި ޔުނިވަރސިޓީއަށް ދާއިރު އިތުރު ހަރަކާތްތަކުގައި އުޅުން މުހިންމެވެ. އެއީ ކިޔެވުމުގެ އެއްބައެވެ.

އޭލެވެލްގައި ލިބުނު ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ އާ އެކު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހިފައިގެން ޔުމްނު ބޭނުންވަނީ ޚާރިޖީ ދާއިރާއިން ކުރިއަށް ދާށެވެ. އދ. ފަދަ ޖަމިއްޔާއެއްގައި ރާއްޖެ ތަމްސީލު ކުރުމަކީ އެއީ ކުރިމަގުގެ އޭނާގެ އުއްމީދެވެ. އެ އުއްމީދު ހާޞީލް ކުރަން ކިޔަވަން ބޭނުންވަނީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ.

ހިޔާލު

2 Responses

  1. ދަރިވަރު ނޫހުން ކުދިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ތިޔަ ކޮއްދޭ މަސައްކަތަށް ޝުކުރު ހައްގު އިނގޭ

  2. މާޝާﷲ! މަރުހަބާ ޔުމްނު އާއި ޔުމްނުގެ މަންމައާ ބައްޕައަށް. ވ ރަނގަޅު މައިންބަފައިން އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *