ލޫޠު: ރިސްކް ނަގައި، އޭލެވެލްގައި ހިސްޓްރީން ހޯދީ ދުނިޔެއިން އެއްވަނަ

މާ ކުރިއްސުރެ ނިންމައިގެން ހުރީ ޑިޕްލޮމެޓަކަށް ވާށެވެ. އެކަން ކުރަން ރިސްކެއް ނަގާފައި، ސާނަވީގައި ކިޔެވި ސައިންސް ސްޓްރީމް، ސީއެޗްއެސްއީގައި އާޓްސް ސްރީމަށް ބަދަލުކުރީއެވެ. އެއީ ކޮންމެކޮންމެ ދަރިވަރަކަށް ނިންމޭނެ ނިންމުމެއް ނޫނެވެ. މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާ، ހިސްޓްރީން މުޅި ދުނިޔެއިން އެއްވަނަ ހޯދި މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއުގެ އެ ނިންމުމަށް މިއަދު އޭނާ ފަޚުރުވެރިވެއެވެ.

" ރިސްކެއް ނަގައި މުޅިން އަލަށް ހިސްޓްރީ މާއްދާ ކިޔަވަން ޖެހުނީމާ ބިރުގަތް. ހޭނެން ވަގުތު ވެސް ނެގި. ﷲ އިރާދަކުރެއްވީތީ ހުރިހާ ކަމެއް ވެސް ނިމިގެން ދިޔައީ ބޭނުންވި ގޮތަށް"

ސާނަވީގައި ވެސް ލޫޠު ބޭނުންވީ އާޓްސް ސްޓްރީމް ނަގާށެވެ. އިސްކަންދަރު ސްކޫލުގައި އާޓްސް ކިޔަވައި ނުދޭތީ އެ ޗޮއިސް އޭނާއަކަށް ނެތެވެ. މަޖުބޫރު ހާލަތުގައި ސައިންސް ސްޓްރީމް ޚިޔާރު ކުރީ ސްކޫލް ބަދަލުކުރަން ބޭނުން ނުވާތީއެވެ.

" އެހެން ސްކޫލަކަށް ގޮސްގެން އާޓްސް ކިޔެވެން އޮތް. އެކަމަކު އިސްކަންދަރު ސްކޫލް ދޫކޮށްލަން ބޭނުން ނުވީ"

ލޫޠު ބުނީ، މަތީ ސާނަވީގެ އެއްވަނަ ހޯދަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާ ކުއްޖަކަށް، ރިސްކެއް ނަގާފައި ވެސް ސްޓްރީމް ބަދަލުކުރަން މައިންބަފައިންނަށް ނުރުހެވޭނެ ކަމަށެވެ. އެކަމަކު އިތުބާރުކޮށްފައި އެކަން އޭނާއަށް ދޫކޮށްލުމަކީ އެއީ ކިޔެވުމުގައި އޭނާއަށް ކުރިއަށް ދެވުނު އެންމެ މުހިންމު އެއް ސަބަބު ކަމަށެވެ.

" މަންމައާއި ބައްޕަ ކުރި އިތުބާރު އެއީ ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރު"

ލޫޠަކީ ކިޔުވުމާއި އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ނަގާ ކިޔާ ދަރިވަރެކެވެ. ބައިވެރިނުވާ ހަރަކާތެއް ނެތެވެ. ހުރިހާ ހަރަކާތެއްގައި ބައިވެރިވަމުން ކިޔެވުމަށް ވަގުތު ދެއެވެ. ބަރާބަރަށް ފިލާވަޅުތައް ހަދައި ދަސްކުރެއެވެ.

ލޫޠު ކިޔަވަނީ އަމިއްލަ ސްޓައިލަކަށެވެ. އެ ސްޓައިލުގައި ކިޔެވުމަށް ވަކި ވަގުތެއް ޚާއްޞައެއް ނޫނެވެ. ކިޔެވަން ބޭނުންވީމާ ކިޔަވަންވީއެވެ. ފިލާވަޅުތައް މުޠާލިޔާކުރަންވީއެވެ. ކިޔަވަން ވަކި ވަގުތެއް ޚާއްޞަ ނުކުރަނީ ގިނަ ހަރަކާތްތަކެއްގައި އުޅޭތީ ދުވަހީ ތާވަލަށް ބަދަލުތަކެއް އަބަދުމެ ގެންނަން ޖެހޭތީއެވެ. އެހެންވެ އޭނާ އިސްކަން ދެނީ އެއިރަކު އެންމެ މުހިންމު ކަމަށް ދެކޭ ކަންތައްތަކަށެވެ. ޓެސްޓާ ކައިރިވީމާ ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅުން މަޑުޖައްސާލައި ގިނަ ވަގުތު ހުސްކުރަނީ ކިޔެވުމަށެވެ.

އޭލެވެލްގައި ފަސް މާއްދާ ކިޔެވިއިރު، ޓިއުޝަން ނުނަގާ ހަމައެކަނި މާއްދާއަކީ ހިސްޓްރީއެވެ. ހިސްޓްރީ މާއްދާއަށް ވަކި ޚާއްޞަ ޓެކްސްޓް ފޮތެއް ވެސް ނޯންނާތީ، ވަރަށް ގިނަ އަދަދެއްގެ ލިޔުންތަކެއް ދިރާސާކޮށް ކިޔަން ޖެހުނު ކަމަށް ލޫޠު ބުންޏެވެ. އަދި ސީއެޗްއެސްގައި ކިޔަވައި ދެއްވާ ޓީޗަރުގެ ކައިރިން ކޮންސަލްޓޭޝަން ސެޝަންތަކެއް ވެސް ނެގިއެވެ. އޭގެ ފައިދާ ވެސް ކުރި ކަމަށް ލޫޠު ބުންޏެވެ.

" ޓެސްޓް ކައިރިވީމާ ކޮންމެ ދުވަހަކުހެން ކޮންސަލްޓޭޝަން ނެގިން. ކޮންސަލްޓޭޝަން ނެގީމާ އެ ލިބޭ ފީޑްބެކްގެ ތެރެއިން ކުރިއަށް ދާން ފަސޭހައީ" ލޫޠު ބުންޏެވެ.

މަތީ ސާނަވީގައި ލޫޠު ކިޔެވީ ހިސްޓްރީގެ އިތުރުން ދިވެއްސާއި އިސްލާމާއި އިކްނޮމިކްސްއާއި ހިސާބެވެ.

ޑިޕްލޮމެޓިކްގެ ދާއިރާއަށް ވަންނަން ކޯޓް ހެޔޮވަރުކުރަމުންދާ ލޫޠު، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން މަތި ތަޢުލީމަށް ދާން ނިންމައިގެން ހުރީ އިކޮނޮމިކްސްގެ ދާއިރާއިންނެވެ.

ސާނަވީއާއި މަތީ ސާނަވީގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި ލޫޠު ދައްކަމުން އައީ ހުނަރުވެރި ލީޑަރެއްގެ ކޮލިޓީއެވެ. ސްކޫލް ދައުރުގައި ލިބުނު ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފީ އެ މަގަށެވެ. ނަތީޖާއަކީ ކޮންމެ ކަމެއްގައި ވެސް އެއްވަނައަށް ވާޞިލް ކުރުމެވެ. އިސްކަންދަރު ސްކޫލް ނިންމާލީ އެ ސްކޫލުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ  ފަދަ  ޝަރަފަކާއެކުގައެވެ. ސްކޫލުގެ ކެޕްޓަންގެ ޒިންމާ އަދާކޮށް، ސާނަވީގެ އެންމެ މޮޅު ދަރިވަރެއްގެ ގޮތުގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. ސިއެޗްއެސްއީ ނިންމާލީ ވެސް ހެޑްޕްރިފެކްޓެއްގެ އިތުރުން އެތައް ކަމެއްގައި ލީޑަރޝިޕްގެ ނަމޫނާ އެތައް ދަރިވަރުންނަށް ދައްކައިދީފައެވެ. މަތީ ސާނަވީން އެއްވަނަ ދަރިވަރުގެ ގޮތުގައި ހިސްޓްރީން އޭ ސްޓަރ ހޯދުމުގެ އިތުރުން މުޅި ދުނިޔެއިން އެއްވަނަ ހޯދި މަދު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.

ލޫޠު ބުނި ގޮތުގައި އޭނާގެ ކާމިޔާބީގައި ކިޔަވައިދެއްވި ހުރިހާ ޓީޗަރުންނާއި އަދި ސްކޫލުތަކުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރި ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އޭނާ އަދާކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *