ކޮވިޑްގާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ކިޔަވާ ކުދިންނެވެ. ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ސްކޫލްތައް ބަންދުކޮށް ގޭގައި ތިބެންޖެހުމުން ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ވެސް އެތައް މައްސަލަތަކާ ދިމާވިއެވެ. ބޭރަށް ނުދެވި އެއްތަނެއްގައި ތިބެންޖެހުމުން ކުދިންގެ ކިޔެވުމާއި އުޅުމަށްވެސް ބޮޑު ބަދަލުތަކެއް ވަނީ އައިސްފައެވެ. މި ހުރިހާ ކަމަކުން އަރައިގަތުމަށް އޮތް އެންމެ މުހިންމު ހައްލަކީ ވީހާވެސް އަވަހަށް ސްކޫލްތައް ހުޅުވުމެވެ. އެ ދިމާލަށް ދާން އޮތް މަގު އުނދަގުލަސް އެކަމަށް ގިނަ މަސައްކަތްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮށްފައެވެ.

އައު އާންމު ހާލަތުގައި ސްކޫލްތައް ހުޅުވިއިރު، އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން ޔަގީންކޮށްދިނީ ސްކޫލްތަކަކީ ދަރިވަރުންނަށް އެންމެ ރައްކާތެރި ތަންކަމެވެ. ކޮވިޑްގެ އެންމެ ދުނދަގޫ ހާލަތުން އަރައިގަތުމަށް ސްކޫލްތަކަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ކޮންމެ ސްކޫލަކަށް ވަކި އެސްއޯޕީއެއް އެކުލަވާލެވި، އެއާ އެއްގޮތަށް ދަރިވަރުންނާއި މުދައްރިސުންނަށް ފަސޭހައިން އަތް ދޮވޭނެ އިންތިޒާމްތައް ހަމަޖައްސައި، މާސްކުއެޅުމާއި، ގަވާއިދުން ސެނިޓައިޒް ކުރެވުމާއި، ސްކޫލްގެ ހަތަރުފާރުން އެތެރެވުމަށްފަހު، ހުން ޗެކްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިއެވެ. ގައިދުރުކަމަށް އިސްކަންދީ ތިން ފޫޓް ދުރުގައި ތިބުމަށް އިރުޝާދުދީ، އެގޮތަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވިއެވެ. ކޮވިޑާއި ގުޅޭ މައުލޫމާތާއި ރައްކާތެރިވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާގުޅޭ މައުލޫމާތު ހިމެނޭ ބޯޑްތައް ސްކޫލްތަކުގެ ތެރޭގައި އާންމުކޮށް ފެންނާނެހެން ބެހެއްޓިއެވެ.

ކުލާހެއްގައި ކިޔަވާނެ ކުދިންގެ އަދަދު ސޯޅައަށް މަދުކޮށް، ކުލާހުގައި ކޮންމެ ކުއްޖަކުވެސް އިށީންނާނެ ޑެސްކް ވަކިން ފާހަގަކޮށް، ކުލާސްތެރެއަށް ވަންނައިރުވެސް ސެނިޓެއިޒްކުރެވޭނެ އިންތިޒާމް ހުރީ ސްކޫލްތަކުގައި ހަމަޖައްސާފައެވެ. އަދި ކޮންމެ ސެޝަނެއް ނިމިގެން ކުލާސްތަކާއި ސްކޫލް ޑިސްއިންފެކްޓް ކުރަމުންދިޔައީ އެކަންކުރާނެ ތަމްރީނާއި ހުނަރު އެފަދަ މުވައްޒަފުންނަށް ދަސްކޮށްދީގެންނެވެ. ކޮވިޑްގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި ވެސް ކަންތައްތައްކުރަންވާނެ ގޮތް ކަނޑައަޅާފައިވާއިރު، ދަރިވަރަކު ނޫނީ ސްޓާފަކު އެކަހެރިކުރަންޖެހޭ ހާލަތުގައިވެސް އެކަން ކުރާނެ ވަކިތަނެއް ކޮންމެ ސްކޫލެއްގައިވެސް ވަނީ ގާއިމް ކޮށްފައެވެ.
ފަސް މަސްދުވަހުގެ ބަންދަކަށްފަހު، އައު އާންމު ހާލަތުގައި ކިޔަވައިދޭން ފަށައިގެން މިހާތަނަށް އައިއިރު، ސްކޫލްގެ މާހައުލުން ކޮވިޑް "ކުލަސްޓާ"އެއް ނުފެނުމަކީ އެއީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެވެ. އެކުލަވާލި އުޞޫލުތަކާއި އެއްގޮތަށް ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވި ގުރުބާނީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑާ ގުޅިގެން އެކުލަވާލި އެސްއޯޕީތަކަށް އަމަލުކުރި މިންވަރު ބެލުމަށް ދިރާސާއެއްވެސް ކޮށްފައެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ރައްކާތެރިގޮތުގައި މާސްކު ބޭނުން ކުރުމަށް ދިން މައުލޫމާތުތަކާ އެއްގޮތަށޤ ދަރިވަރުން އަމަލުކޮށްފައިވެއެވެ. އަދި ސްކޫލަށް ވަނުމުގެ ކުރިން ހުންބެލުމާއި، އަތްދޮވުމާއި ސެނިޓެއިޒްކުރުމާއި، އަތްދޮވެވޭނެ އިންތިޒާމްތައްވެސް ސްކޫލްތަކުން ހަމަޖައްސައިދީފައިވަނީ އެންމެ ފުރިހަމައަށެވެ. ސްކޫލްތެރޭގައި ތިންފޫޓް ދުރުމިނުގައި ތިބުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް 99 އިންސައްތަ ދަރިވަރުން އަމަލުކޮށްފައިވެއެވެ. އަދި ކުލާސްތެރެއަށް ވަނުމުގެ ކުރިން އަތްދޮވުމާއި ސެނިޓެއިޒް ކުރުމުގެ ކަންތައްތަކަށް ދަރިވަރުން އަހުލުވެރިވެފައިވުމާއި އެ އިންތިޒާމް ހަމަޖައްސާފައި ވަނީ 92 އިންސައްތައަށް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން އިސްކަންދެއްވީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން ގޫގުލް ކޫލާސްރޫމާއި، ޓެލިކިލާސް ފަދަ އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންގޮސްފައެވެ.
އާތިޔާ ވިދާޅުވީ އައުޢާންމު ހާލަތާއެކު ކިޔެވުން ކުރިއަށް ގެންދިއުމަށް، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި އެ މަސައްކަތް ކާމިޔާބު ކުރުމުގައި ސްކޫލްތަކާއި މުދައްރިސުންގެ ދައުރު ބޮޑު ކަމަށެވެ.
" ސްކޫލްތައް ހުރީ ކޮވިޑް ފަދަ ބަލިމަޑުކަމެއްގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތަކަށް ނޫން. އައު ޢާންމުހާލަތުގައި ކިޔެވުން ކުރިއަށް ގެންދަން، ސްކޫލްތަކުގެ މަރާމާތާއި އަތް ދޮވެވޭނެ އިންތިޒާމްތަކާއި ކޫލާސްރޫމްތަކަށް ބަދަލު ގެންނަންޖެހުނު. ދަތުރު ފަތުރު ހުއްޓިފައިވަނިކޮށް، ހުރިހާ ސްކޫލްތަކަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވުމަކީވެސް ކުޑަ މަސައްކަތެއް ނޫން" އާތިޔާ ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވީ ޖުލައި އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވިއިރު، ސްކޫލްތަކާއި ދަރިވަރުންނާއި މުދައްރިސުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ މަސްކަތެއް ނިންމާލެވުމަކީވެސް އެއީ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިވަޑައިގެންނެވި ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
" އެޅި ފިޔަވަޅު ތަކުގެ ނަތީޖާއަކީ އެއްވެސް ސްކޫލަކުން ކުލަސްޓައެއް ނުފެނުން. ނަތީޖާއަކީ ސްކޫލްތަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެވުން" އާތިޔާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ބަންދުކުރި ސްކޫލްތައް ހުޅުވީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ގުރޭޑް އެކަކުން ފެށިގެން މަތީގެ ގުރޭޑްތަކަށް އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށި ނަމަވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ 9ން މަތީގެ ގުރޭޑް ތަކަށެވެ. މާދަމާއިން ފެށިގެން ޕްރީސްކޫލް ދަރިވަރުންނަށް އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެއެވެ. މާލޭގެ ސްކޫލްތަކުގެ ގުރޭޑް 6ން ދަށުގެ ދަރިވަރުންނަށް މިއަހަރު ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ކޮވިޑާ ގުޅިގެން ދަރިވަރުންގެ ކިޔެވުން އައުއާންމު ހާލަތަށް ވިސްނައި ކުރިއަށް ގެންދިއުމުގައި އެޅި ފިޔަވަޅު ތަކުގެ ނަތީޖާ މިއަދު ދަނީ ފެންނަމުންނެވެ. އެ ނަތީޖާ ސަތޭކައި ހުރީ، އެކުލަވާލި ޕްލޭންތަކާއި، ތައުލީމީދާއިރާގެ އެންމެން ގުޅިގެން ކުރި މަސައްކަތުންނެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާއި ދަރިވަރުންނާއި ބެލެނިވެރިން ދިން އެއްބާރު ލުމުންނެވެ. އެހެން ނޫންނަމަ މިއަދު މި ފެންނަ މަންޒަރެއް ނުފެނުނީހެވެ.
advertisment
ހިޔާލު