ފ. ދަރަނބޫދޫ ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަމުން އަންނަ މަޢީޝް މަޙްމޫދު ރަޝީދަކީ އިމާމުވެ ނަމާދު ކުރަމުން އަންނަ ދަރިވަރެކެވެ. އުމުރުން ދިހަ އަހަރުން ފެށިގެން އޭނާ އަންނަނީ ލިބޭ ފުރުޞަތުގެ ބޭނުން ހިފައި ރަށު މިސްކިތުގައި ބަންގި ގޮވައި އިމާމުވެ ނަމާދު ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހަކީ މަޢީޝްއަށާއި އޭނާގެ އާއިލާއަށް މުހިންމު ދުވަހެކެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދިން ހުކުރު ކުރުމުގެ ހުއްދައާއެކު މިމްބަރަށް އަރައި އޭނާ ހާޞިލްކުރީ އަހަރުތަކެއް ކުރިން ދެކެމުން އައި އުއްމީދެކެވެ. ފުރިހަމަކޮށް ދިނީ ބައްޕަގެ ވަސިއްޔަތެވެ.

" ބައްޕަގެ ވަޞިއްޔަތަކަށްވީ، ބަންގި ގޮވައި އިމާމުވެ ނަމާދުކުރާތީ، މިމްބަރަށް އަރައި ހުޠުބާކިޔާނެ ދުވަހެއް ދެކެން" މަޢީޝްއަށް ލިބުނު އުފާ، އޭނާގެ އަޑުން ވެސް އިހުސާސްވެއެވެ. ބައްޕަގެ ވަޞިއްޔަތް ފުރިކޮށްދެވުނީތީ އޭނާ ހުރީ އުފަލުންނެވެ.
މަޢީޝް ހުޠުބާ ކިޔަމުންދިޔައިރު ބައްޕަ އިނީ އެ މަންޒަރު ބަލާށެވެ. ބައްޕައަކަށް އެއީ އުފާވެރި ވަގުތު ކޮޅެކެވެ. ބުނަން ނޭނގޭ ފަދަ އިހުސާސެކެވެ.
ހުކުރު ނަމާދަށްފަހު، އެތައް ބައެއްގެ ތައުރީފާއި ހެޔޮއެދުމާއި މެސެޖްތައް މަޢީޝަށް ލިބުނެއެވެ. އޭގެ ތެރޭގައި މަންމައާއި ބައްޕަ ވެސް ހިމެނެއެވެ. އެގޮތުގައި ކުރިއަށް ދިއުމަށް އެ ދެމީހުން ނަސޭހަތް ދިނެވެ.
މަޢީޝް ބުނީ، ގެއަށް ގޮސް އޭނާ ކީ ހުޠުބާގެ ރެކޯޑިންގ ބެލިކަމަށާއި ހިތްހަމަޖެހޭ ވަރަށް ކިޔުނު ނަމަވެސް އިތުރަށް ރަނގަޅު ކޮށްލަން ޖެހޭ ދެތިން ކަމެއް ފާހަގަ ކުރެވުނު ކަމަށެވެ.
" މިމްބަރަށް އެރިވަގުތު ކޮންމެ ވެސް ވަރަކަށް ހިތްއަވަސްވި. އެވަގުތު ވާގި ހޯދީ އިބްރާހިމް ޞަލަވާތުން. އޭގެ ފަހުން އެފަދަ ކަމެއް ދިމައެއް ނުވޭ. ފަސޭހަކަމާއެކު ކުރިއަށް ގޮސް ނިންމާލެވިއްޖެ" ހުޠުބާ ކިޔުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ކުރަންވީ ކަންތައްތަކުގެ އިރުޝާދު ދެއްވީ މިސްކިތުގެ އިމާމު އިއްބެބެ އާއީ އަޖޫސަރއެވެ.
" އަދި ބޭނުން އޯލެވެލްގެ ކުރިން ދެތިން ފަހަރު ހުކުރު ކުރަން"

މަޢީސް ބުނީ، އިމާމުވެ ނަމާދު ކުރުމަކީ އެއީ އޭނާ ދޫކޮށްލާނެ ކަމެއް ނޫނެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި އޭނާ ހުރީ މިމްބަރަށް ވެސް އަރަން ތައްޔާރަށެވެ. ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތަށް ދޭ ވަގުތުގެ ތެރެއިން އޭނާގެ ހިތް މިސްކިތާ ދުރަކަށް ނުދާނެއެވެ. އެއީ އޭނާގެ އާއިލާގެ ވެސް އެންމެ ބޮޑު އެދުމެވެ.
" ބައްޕައާއި މަންމަ ވެސް ބޭނުމެއް ނުވޭ ހުޠުބާ ކިޔާފައި ހުއްޓާލާކަށް. އިމާމެއްގެ ގޮތުގައި ނަމާދުކޮށް، ހުޠުބާކިޔާތަން ފެންނަން ވެސް ބޭނުންވޭ"
މަޢީޝްއަކީ ޤުރުއާން ކިޔެވުމުގެ ފަންނުގައި ވެސް ހުނަރުވަރި ދަރިވަރެކެވެ. ދަރަނބޫދޫ ސްކޫލުން ބޭއްވި ޤުރުއާން މުބާރާތްތަކުން އެތައް ފަހަރަކު އެއްވަނަ މައީޝް ހޯދިއެވެ.

މަޢީޝް ބޭނުންވަނީ ޓޫރިޒަމާ ގުޅުން ހުރި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާށެވެ. ކުޑައިރުއްސުރެ ވެސް ވިޔަފާރިވެރިއަކަށް ވުމުގެ ވިސްނުން އެނާ ގެންގުޅެއެވެ. ސާނަވީގައި ސްޓްރީމެއް ޚިޔާރު ކުރިއިރު ޓްރެވެލް އެންޑް ޓޫރިޒަމް މާއްދާ ހިމެނީ ވެސް އެހެންވެއެވެ. ޓޫރިޒަންގެ ދާއިރާއަށް އޮތް ޝަޢުޤެއްގެ ބޮޑުކަމުންނެވެ.
ޑެޕިއުޓީ ކެޕްޓަނެއްގެ ޒިންމާއާއި ދަރިވަރުންގެ ގުލްޝަނުގެ ރައީސްގެ ޒިންމާ އަދާކުރަމުން އަންނަ މަޢީޝް އެންމެ އުފާވަނީ އޭނާގެ ފަރާތުން ރީތިނަމެއް ސްކޫލަށް ހޯދައިދެވުނީމައެވެ. އިމާމުވެ ނަމާދުކޮށް، އޭގެ ފަހުން ހުޠުބާ ކިޔަން މިމްބަރަށް އެރި ދަރަނބޫދޫ ސްކޫލުގެ ފުރަތަމަ ދަރިވަރަކީ އޭނާއެވެ. އަދި އެޓޯލް އިންޓަރސޫލް ފުޓްބޯޅަ މުބާރާތުގައި އަމިއްލަ އިސްނެގުމުގެ މަތިން ބައިވެރިވެ އެ މުބާރާތުގެ ޗެޕްޕިއަންކަން ހޯދުމަކީ ވެސް އޭނާއަށާއި ސްކޫލަށް ލިބުނު ކުޑަ އުފަލެއް ނޫނެވެ.

" ޕްރިންސިޕަލް އަރިހުގައި ދަންނަވައިގެން، އަތޮޅު މުބާރާތުގައި ބައިވެރިވެ ޗެމްޕިއަންކަން ލިބުނު ދުވަހަކީ ވަރަށް އުފާވި ދުވަހެއް. މުބާރާތުގައި ބައިވެރިވިއިރު ހިއެއް ނުކުރަން ފައިނަލާ ހިސާބަށް ދެވޭނެ ކަމަކަށް"
މަޢީޝް ބުނީ، އެ މުބާރާތުން ޗެމްޕިއަންކަން ހޯދުނީ ސްކޫލުން ފަހިކޮށްދިން ކަންތައްތަކުގެ ސަބަބުންނެވެ. އެކަމުގައި ޕްރިންސިޕްގެ ނަން އޭނާ ވަކިން ޚާއްޞަކޮށް ފާހަގަކުރިއެވެ.

މަޢީޝް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު އޮންނަ ސާނަވީ އިމްތިޙާނަށެވެ. އެ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދައި، ޓޫރިޒަމުގެ ދާއިރާއިން ކުރިއަށް ދާން އޭނާ ހުރީ ތައްޔާރަށެވެ. ރަނގަޅު ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.
advertisment
ހިޔާލު