ރަށު މިސްކިތުގައި ބަންގި ގޮވައި އިމާމުވެ ނަމާދު ވެސް ކުރޭ
"ޑްރޯން ފޮޓޯގްރަފީ" ގައި 13 އަހަރުގެ މުޙައްމަދު ޖޫދު ފައިސަލްއަކީ އަރަމުން އަންނަ ހުނަރުވެރި ތަރިއެކެވެ. އދ. ދަގެނތީ ސކޫލުގެ ގުރޭޑް 7ގައި ކިޔަވަމުން އަންނަ އެންމެ 11 އަހަރުގެ މި ކުޑަކުޑަ ފޮޓޯގްރާފަރުގެ ހުނަރު، އޭނާގެ " ލިޑްލް ޖެމްސް އޮފް މޯލްޑިވްސް" ޕޭސްބުކް ޕޭޖަށް ވަންނަ ކޮންމެ މީހަކަށް ފެންނާނެއެވެ.
ފޮޓޯނެގުމުގެ ތެރެއަށް ޖޫދަށް ވަދެވުނީ އަށް އަހަރުގައެވެ. ޖޫދުގެ ބަހުރުވައިން ނަމަ ހުޝާންބެގެ " ޑްރޯން ފޮޓޯގްރަފީ" ޖާދޫގައި ޖެހިގެންނެވެ. ހުޝާމްބެ ނަގާ ރީތި ހިތްގައިމު ފޮޓޯތައް ފެނިފައި އެ ގޮތަށް ފޮޓޯނަގަން އޭނާ ބޭނުންވިއެވެ. އެކަމަށް ހިތްޖެހި އެ ދިމާލަށް ހިތް ދެވެން ފެށުނެވެ.

" އޭރުއްސުރެ ބައްޕަ ކައިރީގައި ކިޔަން ފަށައިފިން ޑްރޯންއެއް ހޯދައިދޭން" ޖޫދަށް ޑްރޯންއެއް ލިބުނީ 11 އަހަރުގައެވެ.
ހުޝާމްބެގެ އެހީތެރިކަމާއެކު ޑްރޯނުން ފޮޓޯނަގަން ދަސްކުރިއެވެ. އޭގެ ފަހުން ފޮޓޯނަގަން ޖޫދު ވެސް އުދުހިގަތީއެވެ. ރަށުގެ އެތައް ފޮޓޯތަކެއް އޭނާ ނަގައިފިއެވެ. ރައްޓެހިންނާއި ބައެއް އިވެންޓްތަކުގެ ފޮތޯޓައް ވެސް އޭނާ ނަގައިދިނެވެ. އޭގެ ތެރެއަށް އެންމެ ފަހުން އިތުރުކުރީ ވީޑިއޯ ގްރަފީއެވެ.
" ކުލާސް ކުދިންނާއި ރައްޓެހިން ބުނީމާ ފޮޓޯތައް ނަގައިގެން. އަދި ބައެއް އިވެންޓްތަކުގެ ފޮޓޯތައް ވެސް ނަގައިދެން"

ލިބޭ ކޮންމެ ހުސް ވަގުތެއް ޖޫދު ހޭދަކުރަނީ ފޮޓޯ ގްރަފީއާއި ވީޑިއޯ ގްރަފީ ދަސްކުރުމުގައެވެ. އިތުރުން އޭނާ ދަސްކުރީ ފޮޓޯއާއި ވީޑިއޯ އެޑިޓް ކުރާށެވެ.
" ފޮޓޯ ނަގައިގެން އަދި ނުފުދޭ. ފޮޓޯއާއި ވީޑިއޯވެސް އެޑިޓް ކުރަން އެނގެން ޖެހޭ. އެހެންވެ ޔޫޓިއުބުން ދަސްކުރަން ފެށީ" ޖޫދު ނަގާ ވީޑިއޯއާއި ފޮޓޯތަކުގެ ކަލަރ ކަރެކްޝަން މިހާރު ހަދަނީ އަމިއްލަ އަށެވެ.

ފޮޓޯ ނެގުމުގެ މަސައްކަތުގެ ތެރެއިން ދާދި ފަހުން ދިމާވި އެކްސިޑެންޓަކާ ގުޅިގެން ޖޫދުގެ ފޮޓޯގްރަޕީ މަސައްކަތް މި ވަގުތު އޮތީ ހުއްޓިފައެވެ. އެކަމާ ޖޫދު ހުރީ ދެރަވެފައެވެ. އެކަމަކު އުއްމީދު ދޫކޮށް ނުލައެވެ.
" ފޮޓޯ ނަގަމުން ދަނިކޮށް، ޑްރޯންގެ ބެޓެރީގެ ބާރު ދަށްވެ، މޫދަށް ވެއްޓުނީ" ޖޫދު ހުރީ ޑްރޯންއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޕްރޮފެޝަނަލް ފޮޓޯގްރާފަރެއްގެ ގޮތުގައި ކުރިއަށް ދާން ނިންމައިގެން ހުރި ޖޫދު ޚާއްޞަވާން ބޭނުންވަނީ، ލޭންޑް ސްކޭޕް ފޮޓޯގްރާފަރަކަށެވެ. އެހެން ނަމަވެސް އަމްދަނީ ހޯދުމުގެ ގޮތުން ވެޑިންގއާއި އިވެންޓް ފޮޓޯގްރަޕީގެ ތެރެއަށް ވެސް ވަންނަން ބޭނުންވެއެވެ. އެކަމަކު އެ ހިސާބަށް ދާނީ މަތީ ސާނަވީ މަރުހަލާއަށްފަހުއެވެ.
ޖޫދު ދަނީ، ބަންގި ގޮވައި އިމާމުވެ ނަމާދު ވެސް ކުރަމުން
ފޮޓޯގްރާފަރެއްގެ އިތުރުން، ރީތިކޮށް ބަންގި ގޮވައި އިމާމުވެ ނަމާދުކުރާ މަދު ދަރިވަރުންގެ ތެރޭގައި ޖޫދު ހިމެނެއެވެ. އެ ފުރުޞަތު ހޯދީ ކައުންސިލުން ހުޅުވާލި ފުރުޞަތެއްގައި، ކުރިމަތިލައި ދިން އިމްތިޙާނުންނާއި އިންޓަވިއުއިން ފާސްވެގެންނެވެ.
ޖޫދު ބުނީ، ބަންގި ގޮވައި ނަމާދު ކުރަން ހިތް ޖެހުނީ ޒަޔާންބެއާއި ޖުމާންބެއާއި ސައްހާފުބެ ބަންގި ގޮވައި ނަމާދުކުރާތަން ފެނިގެންނެވެ. އިމާމަކަށް ވުމަށް ކުރި ދަތުރުގައި އިސްލާމް މުދައްރިސް އައްޝައިޙް އަޙްމަދު ފަޒާދު (ފާއިޒު ސަރ)އާއި ފިއްޓެބެގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ޖޫދު ބުންޏެވެ.

" ފަޒާދު ސަރއާއި ފިއްޓެބެގެ ބޮޑު އެހީތެރިކަމެއް ލިބިގެން، މިސްކިތުގައި ބަންގި ގޮވާ ނަމާދު ކުރުމުގެ ފުރުޞަތު ތަނަވަސްވީ. އެމީހުން ދިން އިރުޝާދާއެކު ކުރިއަށް ދިޔައީ ވެސް " ޖޫދު ބުންޏެވެ.
ޖޫދު، އެންމެ ފުރަތަމަ ބަންގޮ ގޮވީ "ތެލު ވެލިގާ" ރިސޯޓްގައެވެ.
ރީތިކޮށް ޤުރުއާން ވެސް ކިޔަވާ ޖޫދު ވަނީ، ރަށުގައި ބޭއްވި ޤުރުއާން މުބާރާތްތަކުން ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. އަދި އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވެއެވެ.
ޖޫދަކީ ދަނގެތީ ސްކޫލުގެ ޖޫނިއަރ ޕްރިފެކްޓެކެވެ. އިސްލާމް ކުލަބުގެ ނާއިބް ރައީސެވެ.

ޖޫދު ބުނީ، ފޮޓޯގްރަފީ ވާނީ އޭނާގެ މުސްތަޤުބަލުގެ ފުލްޓައިމް މަސައްކަތަށެވެ. އެކަމަކު ފުރުޞަތު ލިބޭ ވަރަކުން އިމާމެއްގެ ގޮތިގައި ފެންނާނެއެވެ. އޭނާ އުއްމީދު ކޮށްގެން ހުރީ ހުޠުބާ ކިޔުމުގެ ހުއްދަ ލިބޭނެ ދުވަހަކަށެވެ.
" ހަޠީބުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުގައި ބައިވެރިވާން ނިންމައިގެން މި ހުރީ. އިރާދަ ކުރެއްވިއްޔާ އެ ދުވަސް ވެސް ވަރަށް އަވަހަށް ފެންނާނެ"

ޖޫދު ބުނީ، އޭނާއަށް ކުރިއަށް ދިއުމުގެ އެންމެ ބޮޑު ހިތްވަރެއް ދެނީ އާއިލާއިންނެވެ. ޚާއްޞަކޮށް މަންމައާއި ބައްޕައެވެ. އެ ދެމީހުން ދޭ ނަސޭހަތާއި އިރުޝާދު އަދި ކުރިއަށް ދިއުމަށް ފަހިކޮށްދޭ ފުރުޞަތުތަކާ މެދު ޖޫދު ހުރީ ހިތްހަމަޖެހިފައެވެ.
advertisment
ހިޔާލު