ޒުވާން ޙަޠީބު ޚަލަފް: އިމާމުވެ ނަމާދުކުރަން "ހިތް ޖައްސުވައި ދިނީ މުދައްރިސް"

ގދ. މަޑަވެލީގައި ހުންނަ މަސްޖިދުލް ބަރަކާތު މިސްކިތުގައި އިމާމްވެ ހުކުރު ނަމާދު ކުރުމަކީ، އެ ރަށު ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަމުންދާ އަޙްމަދު ޚަލަފް ޞާދިޤަށް ލިބުނު ކުޑަ އުފަލެއް ނޫނެވެ. އޭނާއަކީ، އެ ރަށުގެ މިސްކިތުގެ މިންބަރަށް އަރައި ހުޠުބާ ކީ ހަމައެކަނި ދަރިވަރެވެ. އެ ތާރީޚީ ޝަރަފު ހޯދި ދަރިވަރަށް ރަށުގެ ރައްޔިތުން ދިނީ ލޯތްބާއި ތައުރީފެވެ. ޚަލަފަށް ލިބުނު އުފަލާއި ހިތްހަމަަޖެހުމުގައި އޭނާގެ އާއިލާއަށް އޮތް ޝުކުރު ވެސް ކުޑައެއް ނޫނެވެ.

" ވަރަށް އުފާވި ދުވަހެއް އެއީ. ނަމާދުކޮށް ނިމުނީމާ ވަރަށް ގިނަ ބަޔަކު އައިސް ސަލާމްކޮށްފައި މަރުޙަބާ ކީ. އަދި ވަރަށް ރަނގަޅު ކަމަށް ބުނީ" އިމާމުވެ ކުރި ފުރަތަމަ ހުކުރުނަމާދާ ގުޅޭ ގޮތުން ޚަލަފު ބުންޏެވެ.

ޚަލަފު ބުނީ ދީނީ ކަންތައްތަކަށް އޭނާގެ ހިތްޖައްސުވައި، އިމާމަކަށް ފައްކާކުރުމުގައި އެންމެ އިސްރޯލެއް ކުޅުނީ ސްކޫލުގެ ޤުރުއާން މުދައްރިސް އަޙްމަދު ބުޝްރީ ކަމަށެވެ. އަދި ދީނީ ކަންތައްތަކަށް ސަމާލުކަން ދެވެން ފެށުނީ މަންމަގެ ތަރުބިއްޔަތުގެ ސަބަބުން ކަމަށެވެ.

" މަންމަ އަޅައިދިން ދީނީ ފިޔަވަޅު މަތިން ކުރިއަށް މި ދަނީ. ނަމާދުކުރަން ހިތްވަރު ދީ، އިމާމަކަށް ވެ ހުރެ ނަމާދު ކުރާނެ ގޮތް ކިޔައިދީ އަމަލީ ގޮތުން އެކަން ކުރުވީ ޤުރުއާން މުދައްރިސް" ޤުރުއާން ހިފްޒް ކުރުމުގެ ވިސްނުން ގެންގުޅޭ ޚަލަފު ބުންޏެވެ. ޚަލަފުގެ މަންމައަކީ މަޑަވެލީ ސްކޫލުގެ ކުރީގެ އިސްލާމް މުދައްރިސެކެވެ.

ޚަލަފު ބުނީ އިމާމުވެ ނަމާދުކުރަން ހިތްޖެހި، ޤިރާއަތު ކޯހެއް ފުރިހަމަ ކުރި ކަމަށެވެ. އޭގެ ފަހުން އަށް މަސް ދުވަހުގެ އިމާމު ކަމުގެ ކޯހެއް ވެސް އޭނަ ފުރިހަމަ ކުރި ކަމަށެވެ. އޭގެ ފަހުން އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތު އޭނާއަށް އޮތީ ހުޅުވިފައެވެ. އޭގެ ބޭނުން ވެސް އައީ ހިފަމުންނެވެ. ކޮވިޑް19ގެ ތެރޭގައި ތަރާވީޙް ނަމާދު ވެސް އިމާމުވެ ކުރިއެވެ.

" މަދުމަދުން ނަމަވެސް އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތު ލިބޭ، އެއީ އިމާމުވެ ހުކުރު ކުރަން ލިބުނު ހިތްވަރެއް"

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ޚަލަފަށް ލިބުނީ، ޒުވާން ހަޠީބު ޕްރޮގްރާމުގެ ތެރެއިން ޚާއްޞަ ތަމްރީނެއް ހެދުމަށްފަހުއެވެ.

ޚަލަފަކީ މަޑަވެލީ ސްކޫލުގެ މިހާރުގެ ކެޕްޓަނެވެ. ސްކޫލުގެ އެންމެ އިސް ދަރިވަރުގެ ގޮތުގައި އޭނާ ދަނީ ސްކޫލަށް އެތައް ކާމިޔާބީތަކެއް ހޯދައިދެމުންނެވެ. މިހާތަނަށް ބައިވެރިވި ގިނަ ޤުރުއާން މުބާރާތްތަކުން ހޯދީ އެއްވަނައެވެ.

ސާނަވީގެ ފަހު މަރުހަލާއަށް ތައްޔާރު ވަމުން އަންނަ ޚަލަފު ބޭނުން ވަނީ ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާށެވެ.

"އެހެން ދާއިރާއެއް ޚިޔާރު ކުރިޔަސް އިމާމުވެ ނަމާދު ކުރުން ދޫކޮށް ނުލާނަން" ޚަލަފު ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *