ހުސްވަގުތުގައި ގިނަ ފަހަރަށް ކުރެވޭނީ ޝައުޤުވެރި މަސައްކަތެކެވެ. ސިކުނޑިއާއި އަމިއްލަ ހިތްހަމަޖެހުމަށް އެކަމަކުން އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. ސީއެޗްއެސްއީގެ ގުރޭޑް 11ގައި ކިޔަވަމުންދާ އައިޝަތު ހަމްނާ، އުފާ ހޯދަނީ ކުރަހައިގެންނާއި ވިޔެގެންނެވެ. ލިބޭ ހުސްވަގުތު އޭނާ ފަށަނީ އެ ކަވި މަސައްކަތެވެ. ކުޑައިރުއްސުރެ ކުރެހުމާއި ކުރާފްޓްގެ މަސައްކަތުގެ ތެރޭގައި އުޅުނު ހަމްނާގެ ހިތާއި ސިކުނޑި ވިޔުމުގެ ތެރެއަށް ގޮސްލީ، އޭނާއަށް ފެންނަން ފެށި ވީޑިއޯތަކުންނެވެ. ވޫލުން ވިޔާ ގޮތް ދަސްކޮށްދޭ އެ ވީޑިއޯތައް ވީ، ހުސްވަގުތު ހެޔޮގޮތުގައި ފުރާލަން ލިބުނު ފަރުވާ އަކަށެވެ. އާއިލާއާއި އެކުވެރިން ގާތްކޮށްދިން ބާރަކަށެވެ.

އޭގެ ކުރިން، ވިޔަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވާން މަސައްކަތް ކުރިއެވެ. ފަހު ވަގުތު ކޯސް ކެންސަލްވެ އެކަން ވާގޮތް ނުވިއެވެ.
ހަމްނާ ބުނިގޮތުގައި ވިޔުމުގެ މަސައްކަތް ފެށީ ގުރޭޑް 10 ކިޔަވަމުން ދިޔައިރުއެވެ. ސާނަވީގެ ފަހު އަހަރު ކިޔެވުމުގެ "ބިޒީ ޝެޑިއުލް" ގެ ތެރެއިން ހޯދި އެ ހިތްހަމަޖެހުމުން، ކިޔެވުމަށް މީހާގެ ސިކުނޑި ތާޒާކޮށްލަދިނެވެ.
" ކަމާކަންފަށާ ވިޔުމުގެ ތެރެއަށް ގެއްލިގެން ނުދަން. ހުސްވަގުތު ކުރާ ކަމަކަށް ވާތީ، ލިބޭ ހުސްވަތުގައި ވިޔަނީ" ހަމްނާ ބުންޏެވެ.

ވޫލުން ހަމްނާ ވިޔަނީ ދަބަހާއި ތަޅުދަނޑިލާ އެއްޗިއްސެއެވެ. މަލާއި ކުޅެން ބޭނުންކުރާ ސޮފްޓް ޓޯއީސް ކަހަލަ ހަދިޔާއެއްގެ ގޮތުގައި، އާއިލާ ނޫނީ ރައްޓެއްސަކަށް ދެވޭނެ އެއްޗިއްސެވެ.
ހަމްނާ ބުނީ، މިހާތަނަށް ވިޔުނު އެއްޗެއް އެއްވެސް މީހަކަށް ވިއްކާފައި ނުވާނެ ކަމަށެވެ. ނުވިއްކަނީ އެއީ ވިއްކުމުގެ ބޭނުމުގައި ހަދާ އެއްޗަކަށް ނުވާތީއެވެ. ވިޔަފާރީއެއްގެ ގޮތުގައި އެކަން ކުރުމުގެ ޝައުޤެއް ވެސް އޭނާގެ ނެތެވެ.
" ރައްޓެއްސަކު ނޫނީ އާއިލާ މީހަކު ބުނެލީމާ އެ ބުނި އެޗެއް ހުސްވަގުތު ލިބޭ ވަރަކުން ހަދަނީ" ހަމްނާ ބުންޏެވެ.
" ވިޔުމާއި ކުރެހުމަކީ ހޮބީއަކަށް، ހިތްހަމަޖެހުމަކަށް ކުރާކަމެއް. ވިޔަފާރީއަކަށް ކުރާނަމަ އެކަމަށް އިތުރު ވަގުތު ބޭނުންވާނެ. އެކަމަށް ތަފާތު ވިސްނުންތަކެއް ވެސް ގެންގުޅެން ޖެހޭ. އެ ޚިޔާލެއް ނެތް. އެއްޗެއް ވިޔަން ބޭނުން ވެގެން މީހެއްގެ ރިކްއެސްޓެއް އަތުވެއްޖެނަމަ ވަގުތު އޮތް މިންވަރަކުން ކޮށްދޭނަން"

މަތީ ސާނަވީގައި ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުރިއަށްވުރެ އިތުރުވާތީ ވަގުތު ނެތުމަކީ އެއީ ވިޔަފާރިއެއްގެ ގޮތުގައި ވިޔުމުގެ މަސައްކަތް ކުރަން ބޭނުންނުވާ ސަބަބެވެ. އެކަމަކު އެއީ ކުރިއަށް އޮތް ތަނުގައި ވިސްނިދާނެ ކަމެއް ހަމްނާ ބުންޏެވެ.
ހަމްނާ ބުނީ، ތަފާތު ވައްތަރުގެ މާ ވިޔަން ބޭނުންވާ ކަމަށާއި އާ ވައްތަރުގެ މާތައް ވިޔާނެ ގޮތް ޔޫޓިއުބުން މިހާރު ވެސް ދަސްކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ވިޔުނު އެއްޗެހީގެ ތެރެއިން އޭނާއަށް އެންމެ ކަމުދިޔައީ އަމިއްލަ ބޭނުމަށް ވިޔުނު ތަޅުދަނޑިލާ އެއްޗެކެވެ.
" މިހާރު ވެސް ރައްޓެހިންގެ ފަރާތުން ރިކްއެސްޓް ލިބިފައި އެބަހުރި. ވަގުތު ލިބޭ ވަރަކުން ވިޔުމުގެ މަސައްކަތް ކުރަމުން މިދަނީ" އޭނާ ދަނީ ރައްޓެއްސަކަށް ދަބަހެއް ވިޔުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންނެވެ.

ހަމްނާއަކީ ކިޔެވުމުގައި ވެސް ފާހަގަ ކުރެވޭ މޮޅު ދަރިވަރެކެވެ. ސާނަވީ މަރުހަލާ ނިންމާލީ ހުރަވީ ސްކޫލުން ތިން ވަނަ އަދި ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދައިގެންނެވެ.
ސައިންސް ސްޓްރީމްގައި ކިޔަވަމުން އަންނަ ހަމްނާ ކުރިއަށް ދާން ބޭނުންވަނީ މެޑިކަލް ދާއިރާއިންނެވެ. ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރުމަކީ އެއީ އެނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. މަތީ ސާނަވީ ނިންމައި ސްކޮލަރޝިޕެއްގެ ދަށުން ޑޮކްޓަރީކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމަކީ އެންމެ ބޭނުންވާ ކަންތަކެވެ.
މެޑިކަލް ދާއިރާއަށް ޚާއްޞަ ވިޔަސް އޭނާގެ "ހޮބީ" އެ ގޮތުގައި ކުރިއަށް ގެންދާނެއެވެ. ކުލަފަންސުރާއި ފިއްސާއި ވޫލްއިން އެ ހޯދަމުންދާ އުފާ އެގޮތުގައި ކުރިއަށް ގެންދާނެއެވެ.
advertisment
ހިޔާލު