އަޙްމަދު މޫސާ
ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 10ގައި ކިޔަވަމުން އަންނަ މުޙައްމަދު ވިއާމްގެ ހިތް، ފޮޓޯގްރާފީއަށް ދެވުނީ އޭނާގެ ބޭބެއަކު ފޮޓޯ ނަގާތަން ފެނިގެންނެވެ. ބޭބެ ކައިރިން ހިތްވަރު ހޯދައިގެން ފޮޓޯނަގަން އޭނާ ފެށީ އެންމެ 11 އަހަރުގައި، ހޮބީއެއްގެ ގޮތުގައި އަމިއްލަ އުފަލަކަށެވެ. އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އާއިލާއިން ދިން ކެމެރާ ވީ އޭނާގެ ކުރިމަގުގެ ފޮޓޯ ކުރަހަން ލިބުނު އެންމެ ބޮޑު "ހަދިޔާ" އަށެވެ.
ވިއާމް ބުނި ގޮތުގައި ފޮޓޯގްރަފީއަކީ އާޓެއް ކަމަށާއި އެކަން ވެސް ކުރެވޭނީ ޚާއްޞަ ހުނަރުތަކެއް ހޯދައިގެންނެވެ. އެހެންވެ އޭނާގެ އެ ހުނަރު ތަރައްޤީ ކުރަމުން އަންނަނީ ކުރުމުއްދަތުގެ ކޯސްތަކުންނާއި ޔޫޓިއުބުގެ އެހީގައި އަމިއްލައަށް ދިރާސާކޮށް، ހޯދާ ބަލައިގެންނެވެ. އާ ހޯދުންތަކާއި އާ ޚިޔާލުތައް ކޮންމެ ދުވަހަކުހެން ވިއާމް އޭނާގެ ސިކުނޑީގައި ކުރަހައެވެ. އެ މަންޒަރުތައް ތިލަކުރަން މަސައްކަތް ކުރަނީ ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ.

" ނޭނގޭ އެއްޗެއް އޮވެއްޖެނަމަ، ނޫނީ އާ ކަމެއް ތަޖުރިބާ ކުރަން ބޭނުންނަމަ ޔޫޓިއުބުން އެކަމެއް ދަސްކުރަނީ، ދެން އެގޮތަށް މަސައްކަތް ކުރެވޭތޯ ބަލަނީ" ވިއާމް ބުންޏެވެ.
ވިއާމްއަކީ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޑިއާ ކުލަބުގެ އެންމެ މުހިންމު އެއް މެންބަރެވެ. ރާއްޖޭގެ ސްކޫލެއްގެ މީޑިއާ ކުލަބެއްގައި ނެތްހާ ވަޞީލަތްތައް އެތަނުގައި އެބަހުއްޓެވެ. އެ ސްކޫލުން ދަރިވަރުންނަށް އަމާޒުކޮށްގެން، ބްރޯޑްކާސްޓިންގެ ދާއިރާގެ ހުނަރުތައް އަމަލީ ގޮތުން ހޯދައިދޭ ދަރިވަރުންގެ ކުރީގައި ހުރި އެއް ދަރިވަރަކީ ވެސް ވިއާމެވެ.

" ސްކޫލުން ފަހިކޮށްދިން ފުރުޞަތުގެ ސަބަބުން ފޮޓޯގްރަފީގެ އިތުރުން ބްރޯޑްކާސްޓް ކުރަން ބޭނުން ކުރާ ހުރިހާ ވަޞީލަތެއް ބޭނުން ކުރަން ދަސްވެއްޖެ. އެއީ ވެސް ފޮޓޯ ގްރަފީގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް. ފަހިވި ފުރުޞަތުތަކެއް" ވިއާމް ބުންޏެވެ.

ހޮބީއަކުން އާމްދަނީ ލިބޭ މަސައްކަތަކަށް
ވިއާމްއަކީ މިއަދު ކިޔަވަމުން، އިވެންޓްތަކުގެ ފޮޓޯތައް ނަގައިދޭ ހުނަރުވެރި ދަރިވަރެކެވެ. ބާތްޑޭ ޕާޓީތަކާއި ވެޑިން ޕާޓީތަކެވެ. ތަފާތު ހަފްލާތަކެވެ. މިއިން ކޮންމެ އިވެންޓަކީ ވެސް އާމްދަނީއެއް ލިބޭ މަސައްކަތެކެވެ.
" ވަރަށް އުފާވޭ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދެވޭތީ. އެކަމަކު އެއީ ބުރަ ކަމެއް" ވިއާމް ބުންޏެވެ.

ވިއާމްގެ ފޮޓޯގްރަފީގެ ޚިދުމަތް ދެނީ ހަމައެކަނި އުފަންރަށަށް އެކަންޏެއް ނޫނެވެ. މާލޭގައި ބާއްވާ ވެޑިން ތަކަށް ވެސް އޭނާގެ ކެމެރާގެ ލެންސް ފޯރައެވެ. އެއީ ވަރަށް މަދުން ނަމަވެސް ލިބޭ ފުރުޞަތެކެވެ.
" ބައެއް މީހުން ދެކޮޅު ޓިކެޓް ދީފައި ވެސް ގެންދާނެ މާލޭގައި ބާއްވާ ވެޑިން ތަކަށް" އެއީ ވިއާމްއަށް ލިބޭ އުފަލެކެވެ. ބޮޑު ހިތްހަމަޖެހުމެކެވެ.
ވިއާމް ބުނީ، ޕާޓީތަކާއި ހަފުލާތަށް ވިޔަފާރީ އުޞޫލުން ނެގިޔަސް ސްކޫލުގެ ހަރަކާތްތަކަށް އޭނާގެ ކެމެރާގެ ލެންސް ފޯކަސް ކުރަނީ އަގެއް ނެތި ހިލޭ ސާބަހަށެވެ. އެއީ ސްކޫލަށް އޭނާ ކޮށްދޭ ކަމެއްގެ ގޮތުގައެވެ.
" ސްކޫލުގެ އިވެންޓްތައް ނަގަނީ ހިލޭ ސާބަހަށް، ސްކޫލަށް ކޮށްދޭ ކަމެއްގެ ގޮތުގައި"

ދ. ހުޅުދެލީ ސްކޫލުގެ ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގެ ފޮޓޯތައް ނަގައިދިނީ ވެސް ވިއާމެވެ. އެއީ ހުޅުދެލީ ސްކޫލުން އެދުނު އެދުމަކަށް ދ. އޭއީސީން ބޭނުންވެގެން އޭނާ ކޮށްދިން ކަމެކެވެ.
ވިއާމް ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ފޮޓޯގްރަފީއަށް ބޭނުންވާ ގިނަ ސާމާނު ވެސް ހޯދާފައެވެ. ކެމެރާތަކާއި ލެންސްތަކަށް އެންމެ ފަހުން އިތުރުވީ ޑްރޯންއެކެވެ.
" ބައެއް ފަހަރު ކައުންސިލުން ވެސް އެދޭނެ ރަށުގެ މަތިން އޭރިއަލްކޮށް ވީޑިއޯއާއި ފޮޓޯ ނަގައިދޭން. އެފަދަ ވަގުތު ތަކުގައި ޑްރޯންވެސް މުހިންމުވޭ. އަދި އެހެން އިވެންޓްތަކަށް ވެސް އޭގެ ބޭނުން ޖެހޭ" ވިއާމް ބުންޏެވެ.
" މިހާރު އެންމެ ބޭނުންވަނީ ފްލެޝްއެއް. އެ ލިބުނީމާ މި ވަގުތަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަވީ"
ކުރިމަގުގައި އެހެން ދާއިރާއަކުން
ބީޓެކް ސްޓްރީމްގައި ކިޔަވާ ވިއާމްގެ މުސްތަޤުބަލު ބިނާކުރަން ނިންމާފައި އޮތީ ފޮޓޯގްރަފީގެ ދާއިރައަކުންނޫނެވެ. އޭނާ ބޭނުން ވަނީ އެއަރކްރާފްޓް އިންޖިނިއަރަކަށް ވާށެއެވެ. އެއީ މާ ކުރިއްސުރެ އޭނާ ނިންމާފައިވާ ނިންމުމެކެވެ. ފޮޓޯގްރަފީގެ މަސައްކަތް އަންނާނީ އޭގެ ފަހަށެވެ.

" އެއަރކްރާފްޓް އިންޖިނިއަރިންގ ދާއިރާއަކީ ފުރަތަމަ ވަޒީފާއަކަށް ވަނީ. އޭގެ ފަހަށް ފޮޓޯގްރަފީ އަންނާނީ"
ވިއާމް ކުލަޖެއްސި އޭނާގެ "ފޮޓޯގްރަފީގެ ދުނިޔޭގައި" ޚާއްޝަ ޝުކުރު އޮތީ މަންމައާއި ބައްޕައަށެވެ. އާއިލާއިން ދިން ހަދިޔާއިން އޭނާ ސާބިތުކޮށްދިނީ އޭނާގެ ދެވަނައެއް ނެތް ފަދަ ހުނަރެވެ. އޭނާއަށް ފުރުޞަތު ފަހިކޮށްދިނީ ސްކޫލުންނެވެ. އެހެންވެ ހިފެހެއްޓުމެއް ނެތް ޝުކުރު ސްކޫލަށާއި އިސްވެރިންނަށް ވެސް ރައްދު ކުރިއެވެ. ޚާއްޞަކޮށް ހުސައިން ރަޝީދުގެ ނަން އޭނާ ފާހަގަކުރީ އެންމެ " ސްޕޯޓިވް" ސްޓާފްގެ ގޮތުގައެވެ. އަދި އެންމެ ގާތް އެކުވެރިން ވެސް އެ ލިސްޓަށް އިތުރުކުރިއެވެ.
advertisment
ހިޔާލު