ކުޑަކުޑަރަށެއް، ކުޑަ ސްކޫލެއް، ދުވުމުގައި މި ދެ ދަރިވަރުން ދައްކަނީ ހިތްވަރު

އެ ދެ ދަރިވަރުން ބޭނުމީ ކޯޗެއްގެ އެހީތެރިކަމާއެކު ތަމްރީނު ހެދޭނެ ދުވަހެއް

ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ނިމިގެން ދިޔައިރު، އެންމެ އަޅައިގަތީ ލ. އަތޮޅުގައި އެންމެ އާބާދީ މަދު މުންޑޫ ސްކޫލުގެ ދެ ދަރިވަރަކު އެ މުބާރާތުގައި ދެއްކި ހިތްވަރެވެ. 34 ކުދިންގެ އާބާދީއެއް ކިޔަވަމުންދާ ސްކޫލުން އެ މުބާރާތުގައި ބައިވެރިވި 14 ދަރިވަރުންގެ ތެރެއިން ގުރޭޑް 7ގައި ކިޔަވަމުންދާ މަރިޔަމް އީޝަލް އަޙްމަދާއި ގުރޭޑް 6ގައި ކިޔަވަމުންދާ އައިޝަތު އިމަން އަޙްމަދު ނިޒާރު، އެ މުބާރާތުގައި މުހިންމު ވަނަތަކެއް ވެސް ހޯދިއެވެ. މި ދެ ދަރިވަރުން ވެސް ވާދަ ކުރީ 15 އަހަރުން ދަށުގެ ބައިގައެވެ.

100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް އީޝަލް، ހޯދިއިރު، 100 އާއި 200 މީޓަރު ދުވުމުން ރިހިމެޑަލް އިމަން ހޯދިއެވެ. މިއީ ލާމު އަތޮޅުގެ ސްކޫލްތަކަށް ޚާއްޞަ ކޮށްގެން ބާއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި މި ދެ ދަރިވަރުން ބައިވެރިވި ދެ ވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 15 އަހަރުން ދަށުގެ ބައިގައި ވާދަކޮށް، އީޝަލްއަށް ލިބުނީ 100 މީޓަރު ދުވުމުން ތިންވަނައެވެ. އިމަންއަށް ލިބުނީ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 100 މީޓަރު ދުވުމުން 1 ވަނަ އަދި ހާރޑްބޯލް އިން 1 ވަނައެވެ. އަދި މާލޭގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ 13 އަހަރުން ދަށުގެ އަންހެން ބައިން، ހާރޑްބޯލް އިން 1 ވަނަ އިމަން ހޯދިއެވެ.

މި އަހަރު ބޭއްވި ލާމު އިންޓަރ ސްކޫލް މުބާރާތުގައި ދެ ދަރިވަރުންގެ ކާމިޔާބީތައް:

100 މީޓަރު ދުވުން އެއްވަނަ: މަރިޔަމް އީޝަލް އަޙްމަދު- 
200 މީޓަރު ދުވުން ތިންވަނަ : މަރިޔަމް އީޝަލް އަޙްމަދު- 
100 މީޓަރު ދުވުން ދެވަނަ: އައިޝަތު އިމަން އަޙްމަދު ނިޒާރު 
200 މީޓަރު ދުވުން ދެވަނަ : އައިޝަތު އިމަން އަޙްމަދު ނިޒާރު 

އީޝަލް- މިހާރުވެސް އެކަނި ދުވުމުގައި

އީޝަލް ބުނީ، ކުޑައިރުއްސުރެ ދުވުމަށް ޝަޢުޤު ހުންނަ ކަމަށާއި މިހާރު ވެސް ޤަވާއިދުން ދުވެ ކަސްރަތު ކުރާކަމަށެވެ. މުބާރާތަށް ސްކޫލުގެ ބެލުމުގެ ދަށުން ޕްރެކްޓިސްތައް ކުރިއަށް ގެންދާ ކަމަށް އީޝަލް ބުންޏެވެ.

" ޝަޢުޤު ހުންނާތީ، ކޮންމެ ދުވަހަކުހެން އެކަނި ނުކުމެ ދުވަނީ. ދުވެ ނިމިގެން ކަސްރަތުގެ ބައެއް ވެސް ކުރިއަށް ގެންދަން" އީޝަލް ބުންޏެވެ.

އީޝަލް ބުނި ގޮތުގައި، އެތްލެޓިކްސްއިން ކުރިއަށްދާން ވަރަށް ބޭނުންވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރަނގަޅު ކޯޗެއް ނެތުމެވެ. ކޯޗެއްގެ އިރުޝާދު ލިބިއްޖެނަމަ މިހާރަށްވުރެ މާ ރަނގަޅު ނަތީޖާއެއް ހޯދި، ދުވުން މިއަށްވުރެ ހަލުވި ކުރެވޭނެ ކަމަށް އީޝަލް ބުންޏެވެ.

" ކޯޗުންނެއްނޫން މިހާރު އިރުޝާދު ދެނީކީ. ސްކޫލުގެ ޓީޗަރުން އެ ކިޔައިދޭ އެއްޗަކަށް މިހާރު ޕްރެކްޓިސް ކުރިއަށް ގެންދަނީ. ޕްރޮފެޝަނަލް ކޯޗެއްގެ އެހީތެރިކަން ލިބިއްޖެނަމަ ކާމިޔާބު ހޯދަން ފަސޭހަވެފައި މިހާރަށްވުރެ ސްޕީޑްވެސް ބާރު ކުރެވޭނެ" ނަރުހެއްގެ ގޮތުގައި ކުރިއަށް ދާން ނިންމައިގެން ހުރި އީޝަލް ބުންޏެވެ.

ދުވުމުގެ އިތުރުން ފުޓްބޯޅައަކީ ވެސް އީޝަލްގެ " ފޭވަރިޓް"އެކެވެ. ވޮލީއާއި ނެޓްބޯޅަގައި ވެސް އަންނަނީ ބައިވެރިވަމުންނެވެ.

އިމަން- ބޭނުންވަނީ ކުރިއަށް ދެވޭނެ ފުރުޞަތު

އިމަން ވެސް ބޭނުންވަނީ ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ދެވޭނެ ފުރުޞަތެކެވެ. އެފަދަ ފުރުޝަތެއް ލިބިއްޖެނަމަ މިހާރަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދޭނެކަމަށް އޭނާ ޤަބޫލުކުރެއެވެ.

" މުބާރާތަށް އެކަށީގެންވާ ވަގުތު އޮތްވައި ކޯޗެއްގެ އެހީތެރިކަން ލިބިއްޖެނަމަ ރަނގަޅު ހިސާބަކަށް ދެވޭނެ، މިހާރަށްވުރެ ޓައިމިން ވެސް ރަނގަޅު ކުރެވޭނެ" އިމަން ބުންޏެވެ.

" ކުރިއަށް ދެވޭނެ ފުރުޞަތެއް ވަރަށް ބޭނުން. އަދި ގިނަ މުބާރާތްތަކެއްގައި ވެސް ބައިވެރިވާން ބޭނުން"

އިންޑޯ ކުޅިވަރުތަކަށް ޝަޢުޤު ހުންނަ އިމަން އެންމެ ކުޅޭ ހިތްވަނީ ވޮލީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *