ދީނީ ހޭލުންތެރިކަން އިތުރު ކުރަން ދެ އެކުވެރިންނާއެކު ފޭސްބުކް ޕޭޖެއް ވެސް ދަނީ ހިންގަމުން
އަޙްމަދު މޫސާ
މިދިޔަ ހުކުރު ދުވަހު، އިމާމުވެ ހުކުރު ނަމާދުކޮށް، މަކުނުދޫ ސްކޫލުގެ ގުރޭޑް10ގައި ކިޔަވަމުން އަންނަ މުޙައްމަދު ރައްޔާން ފުރިހަމަ ކުރީ އޭނާ ދެކެމުން އައި އުއްމީދެވެ. އެ ފުރުޞަތު އޭނާއަށް ތަނަސްވީ އިސްލާމިކް މިނިސްޓްރީން ހުޅުވާލި ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމުގެ ތެރެއިންނެވެ. ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ޖަމާއަތުގައި އިމާމުވެ އޭނާ ކުރީ އެތައް ގޮތަކުން ތާރީޚީ ހުކުރެކެވެ. ރަށުގެ ދެ މިސްކިތުގައި އެ ދުވަހު ހުކުރު ނަމާދު ކުރިއަށް ދިޔައިރު، ރައްޔާނާއެކު އެ ދުވަހު ދެން ހުކުރުކުރީ އޭނާގެ އިސްލާމް މުދައްރިސެވެ. އަދި އޭނާވީ އެރަށުގައި މިހާތަނަށް ހުކުރު ކުރި އެންމެ ޒުވާން ޚަޠީބަށެވެ.
ރައްޔާނަށް މިސްކިތާ ގާތް ވެވުނީ، ސްކޫލުގައި ކުރިއަށް ގެންދިޔަ ބަންގި ގޮވުމާއި ހުޠުބާ ކިޔުމުގެ މުބާރާތެއްގެ ތެރެއިންނެވެ. އެ މުބާރާތުގައި ބައިވެރީއްސުރެ އޭނާގެ ވިސްނުމާއި ފިކުރަށް ބަދަލުތަކެއް ގެނުވިއެވެ. ނަމާދަށް އިސްކަންދީ މިސްކިތަށް ހިތް އެނބުރެއް ފެށިއެވެ. މިސްކިތުގައި ބަންގި ގޮވައި ނަމާދު ކުރުމުގެ ޝަޢުޤުވެރިކަން އުފެދުނެވެ.

" ރޯދަ މަހެއްގައި، މިސްކިތުގެ އިމާމް ކައިރީގައި އެދުނިން ބަންގި ގޮވުމުގެ ފުރުޞަތެއް ދޭން" ރައްޔާން ހުރީ ފުރުޞަތެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.
އެ ފުރުޞަތު ލިބުނީ އެ ރޯދަ މަސް ނިމުނު ފަހުންނެވެ. އެއް ދުވަހުގެ ތަމްރީނަކަށްފަހުއެވެ.
ބަންގި ގޮވައި، ޖަމާއަތުގައި ފުރަތަމަ ކުރީ މަޤްރިބު ނަމާދެވެ. އެނަމާދު ވީ އޭނާގެ މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.
" ﷲގެ އިރާދަފުޅުން އެ ނަމާދަށްފަހު ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް"
އޭގެ މަހެއްހާ ދުވަސް ފަހުން ކައުންސިލުގެ ރިކްއެއްސްޓެއް ރައްޔާނަށް ލިބުނެވެ. ކައުންސިލުން ބޭނުންވީ، ވަގުތީ ގޮތުން މިސްކިތަކާ ހަވާލުވެ އިމާމުވެ ނަމާދުކޮށް ދޭށެވެ.
އޭގެ ފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ރައްޔާން ވަނީ މިސްކިތާ ހަވާލުވެ ޖަމާއަތުގައި އިމާމުވެ ނަމާދުކޮށް ފައެވެ. މަކުނުދޫ ކައުންސިލުން އެކުލަވާލާފައިވާ އިމާމުންގެ ޕޫލުގައި ވެސް ރައްޔާން މިހާރު ހިމެނެއެވެ.
" ކުރިން، ހިތަށް އަރަނީ ނުވާނެއޭ، ނުކުރެވޭނެއޭ. ވަކިކަހަލަ މީހުންނަށް ކުރެވޭ ކަމެކޭ އެއީ. އެހެން ހިތަށް އަރާ ހޯޕް ވެސް ދޫކޮށްލަން. އެކަމަކު ވެސް ހިތްވަރު ކޮށްފައި ކުރިއަށް ދެވޭތޯ ބެލީ. ހިތްވަރުކޮށްފިއްޔާ ކޮންމެ ކުއްޖަކަށް ވެސް ވާނެކަން އެނގޭ. ހުއްޓާ ނުލާ މަސައްކަތް ކުރީ" ރައްޔާނަށް މިއަދު އޮތީ އިމާމު ކަމުގެ ފުރުޞަތު ހުޅުވިފައެވެ.

ރައްޔާން ބުނީ، މިސްކިތާ ހަވާލުވެ ނަމާދުކުރާއިރު، އެކަމަށް ކަނޑައަޅާފައި އޮންނަ އުޖޫރަ ނަގަން ބައެއް މީހުން އޭނާގެ ކައިރިން އެދޭ ކަމަށެވެ. އެފަދަ ކޮންމެ މީހަކަށް އޭނާ ޖަވާބު ދެނީ އެއީ ފައިސާއަށް އޭނާ ކުރާ ކަމެއް ނޫން ކަމަށް ބުނެއެވެ.
" ރަށުގެ ވަރަށް ގިނަ މީހުން އަޅުގަނޑުގެ ގާތުގައި ބުނޭ، ކީއްވެހެއްޔޭ ލާރި ނުނަގަނީ. ލާރި ދޭން ޖެހޭނެ ނޫންހެއްޔޭ އިމާމަކަށް ވެއްޖިއްޔާމު. އެމީހުންނަށް އަޅުގަނޑު ދޭ ޖަވާބަކީ އެއީ ލާރިއަކަށް ކުރާކަމެއް ނޫނޭ. ލާރިއެއް ނޫނޭ މިހާރު ބޭނުންވަނީ އެކަންކޮށްދޭށޭ ބޭނުން ވަނީ. އޭރުންނޭ ފަހުން އޭގެ ފައިދާއެއް ކުރާނީ"
މަކުނުދޫ ސްކޫލުގެ އިސްލާމް ކުލަބުގެ ރައީސް ކަމުގެ ޒިންމާ އަދާކުރަމުންދާ ރައްޔާން ދެކޭ ގޮތުގައި ޅަ އުމުރުގައި ދަރިވަރުން މިސްކިތާ ގާތްވާން ޖެހެއެވެ. ބަރާބަރަށް ނަމާދު ކުރަން ބާރުއަޅަން ޖެހެއެވެ. އެކަން ކުރުމަށް މަގުފަހިކޮށްދޭން ވެސް ޖެހެއެވެ. އެކަން ގިނަ ދަރިވަރުންގެ ފަރާތުން ނުފެންނާތީ އޭނާ ހިތާމަކުރެއެވެ. އެކަން ބަދަލުކުރުމަކީ އެއީ އޭނާ ކުރަން ބޭނުންވާ ކަމެކެވެ.
އޭނާ ޤަބޫލުކުރާ ގޮތުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުޞަތު ލިބުމަކީ ވެސް އެއީ އެކަމަށް ހުޅުވުނު ދޮރެކެވެ. ކުދިންނަށް ރިވެތި އަޚްލާގައި ނަޞޭހަތުން ހެޔޮބަދަލެއް ގެނައުމުގެ ބޭނުމުގައި ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތް ކުރާނެ މޫވްމަންޓެއް " އަލްޚައިރު ފައުންޑޭޝަން"ގެ ނަމުގައި ވެސް އޭނާ ހިންގައެވެ. އެކަމުގައި އޭނާއާއެކު ތިބީ، އެއްކުލާހެއްގައި ކިޔަވަމުންދާ ރާކިން އަޙްމަދާއި ރިކާޒް އަޙްމަދެވެ.

" 18 އަހަރު ނުފުރޭތީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން ނެތީ" ރައްޔާން ބުންޏެވެ.
އަލްޚައިރު ފައުންޑޭޝަންގެ ނަމުގައި ދީނީ ހޭލުންތެރި ކުރުމަށް ފޭސްބުކް ޕޭޖެއް ވެސް އެ މޫވްމަންޓުން ހިންގައެވެ. އޭގެއި ގެނެސްދެނީ ދީނީ މައުލޫމާތެވެ. މި ރޯދަ މަހަށް ޚާއްޞަ ކުއިޒެއް ވެސް އެ ޕޭޖް މެދުވެރިކޮށް އަންނަނީ ގެނެސްދެމުންނެވެ.
advertisment
ހިޔާލު