ފާއިތުވި ތިން އަހަރު ވެސް އުމުރުފުރައިން ހޯދީ އެއްވަނަ
ވާހަކަ ދެއްކުމުގެ މުބާރާތެއްގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ދަނިކޮށް، ހިތު ދަސްކުރި މައުޟޫޢުގެ ވަކި ބައެއް ހަނދާން ނެތި، ޖުމްލައެއް އޮޅުން އަރާގޮތަށް ކިޔިގެން ހުއްޓުން އެރިއެވެ. އެ ހާސްކަމުގެ ތެރޭގައި ހުރެގެން ނަމަވެސް ވާހަކަދެއްކުން ކުރިއަށް ގެންގޮސް، އެ ކުޑަކުޑަ ސާރާގެ ވާހަކަ އޭނާ ފުރިހަމަކޮށްލިއެވެ. އެ މުބާރާތުގެ އެއް ވަނައަށް އޭނާ އުއްމީދު ކުރި ނަމަވެސް އެ ފަހަރު އޭނާއަށް ލިބުނީ ދެވަނައެވެ. މިއީ ނިމިގެން ދިޔަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ސާނަވީ ބައިން އެއްވަނަ ހޯދި ޖަމާލުއްދީނު ސްކޫލުގެ ފާތިމަތު ސާރާ ނަޛީރުގެ، ވާހަކަ ދެއްކުމުގެ މުބާރާތެއްގެ ފުރަތަމަ ތަޖުރިބާއެވެ. އޭރު އޭނާ ކިޔަވަމުން ދިޔައީ ގުރޭޑް 1 ގައެވެ.

ސާރާގެ ކާމިޔާބީގެ ފެށުން ގުޅިފައިވަނީ ޖަމާލުއްދީން ސްކޫލުން ބާއްވަމުން އަންނަ "ވާހަކަދެއްކުންތެރިކަމުގެ ފުލްފާމު" ހަރަކާތާއެވެ. ގުރޭޑް 1، 2 އަދި 3ގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ މުބާރަތަކީ ސާރާ ފަދަ އެތައް ކުދިންނެއް އެ ފަންނުގެ ތެރެއަށް ވަނުމުގެ ފެށުމެވެ. މި އަހަރު ޖަމާލުއްދީން ސްކޫލުން ވާހަކަދެއްކި ޓީމުގައި ހިމެނުނު ގިނަ ދަރިވަރުންނަކީ އެ މުބާރާތުގައި ވާދަކޮށް ހުނަރު ތަރައްގީކޮށްފައިވާ ދަރިވަރުންނެވެ. ސާރާއަކީ ވެސް އެ މުބާރާތުގައި 3 އަހަރު ވާދަކޮށް ވަނަ ހޯދާފައިވާ ދަރިވަރެކެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ސާރާއަށް ލިބުނީ 2019 ވަނަ އަހަރު ގުރޭޑް 5ގައި ކިޔަވަމުން ދަނިކޮށެވެ. އެ މުބާރާތުގައި ބައިވެރިވީ އިބްތިދާއީ ބައިގައެވެ. ގަދަ ދިހައެއްގައި ހިމެނި އަރުތަ ބުރަށް ގޮސް އެ ފަހަރު އެއްވަނައަށް އެރޭވަރެއް އޭނާއަކަށް ނުވިއެވެ. އެ ފަހަރު ސާރާއަށް ލިބުނީ ދެވަނައެވެ.
ވާހަކަ ދެއްކުމުގެ މުބާރާތުގެ އެއްވަނައަށް އުއްމީދު ކޮށްގެން ހުރި ސާރާގެ ކާމިޔާބީގެ ހަރުގަނޑުގައި އެއްވަނައިގެ ތަށި ބެހެއްޓޭ ގޮތްވީ 2022 ވަނަ އަހަރު ބޭއްވި ޤައުމީ މުބާރާތަށް ފަހުއެވެ. އެ މުބާރާތުގެ ދަށު ސާނަވީ އުމުރު ފުރައިން އެއްވަނަ އޭނާ ހޯދީ ވާހަކަދެއްކުމުގެ ފަންނުގައި އަމިއްލަ ސްޓައިލެއް ހުށަހަޅައި ދެމުންނެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ މުބާރާތުން ވެސް ދަށު ސާނަވީ ބައިން ވެސް ސާރާ ވަނީ އެއްވަނަ ހޯދާފައެވެ. އަދި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި އުފުލައިލީ މި އަހަރު ބޭއްވި މުބާރާތުން ސާނަވީ ބައިން ފަޚުރުވެރި އެއްވަނަ ހޯދައިގެންނެވެ.
ސާރާ ބުނީ، އޭނާގެ ކާމިޔާބީގެ މޭސްތެރިއަކީ ޖަމާލުއްދީނުގެ އަދަބީ ހަރަކާތްތަކުގެ ކޯޗު އަންވަރު އިބްރާހިމް (އަންވަރު ސަރ) ކަމަށެވެ.

" އަންވަރު ސަރ ކޮށްދެއްވި މަސައްކަތުން މި ހިސާބަށް އަޅުގަނޑަށް އާދެވުނީ. މައުލޫމާތު ފޯރުކޮށް ދެއްވާ، ވާހަކަ ދައްކާއިރު އޯޑިއަންސާ މުޚާޠަބު ކުރާއިރު ގެންގުޅެން ޖެހޭ އުކުޅުތަކާއި ވާހަކަ ދައްކަން ޖެހުމުން އެ ހުންނަ ހާސްކަމާއި ބިރު ކުޑަކުރާނެ ގޮތް ކިޔައި ދެއްވާ. އަންވަރު ސަރ އަކީ ވަރަށް ހިތްވަރު ދެއްވާ ކޯޗެއް" ސާރާ ބުންޏެވެ.

ސާރާ ބުނީ، އަންވަރު ސަރގެ ފަރާތުން އޭނާ އަށް އެންމެ ބޮޑަށް ދަސްވި ކަމަކީ މަޢުލޫމާތު ރަނގަޅަށް އަތުރައިލައިގެން ދެކޮޅު ޖެހޭ ގޮތަކަށް ވާހަކަ ދައްކާށެވެ.
" ވާހަކަ ދައްކާއިރު އޮއްޓަރު ހުންނަ މަޢުލޫމާތު ހިމެނުމަށް އަންވަރު ސަރ ވަރަށް ބޮޑަށް ބާރު އަޅުއްވާނެ. އަދި ޖުމްލަތައް ދެކޮޅު ޖައްސައިގެން ވާހަކަ ދައްކަން އަންވަރު ސަރ ވަރަށް ބޮޑަށް ބާރު އަޅުއްވާނެ"
ސާރާ ބުނީ، ވާހަކަދެއްކުމުގައި އޭނާ ކުރަން ބޭނުން ނުވާ ކަމަކީ އެހެން މީހުން ވާހަކަ ދައްކާ ސްޓައިލް ކޮޕީ ކުރުމެވެ. އޭގެ ބަދަލުގައި އޭނާ ކުރާކަމަކީ ކޯޗް ދެއްވާ އިރުޝާދަށް އަމަލު ކުރެވޭތޯ ބެލުމެވެ.
"މީހަކު ވާހަކަ ދައްކާ ސްޓައިލަކަށް ވުރެ އަމިއްލަ ސްޓައިލަކަށް ވާހަކަ ދައްކަން ފަސޭހައީ. އެއީ އަންވަރު ސަރ ވެސް ބާރުއަޅުއްވާ ގޮތް. އަޅުގަނޑުމެންގެ ފަރިތަކުރުންތަކުގެ ތެރެއަކު އަންވަރު ސަރ ދުވަހަކުވެސް ވާހަކައެއް ނުދައްކަވާ. ކުރައްވާ ކަމަކީ އެ ދަރިވަރެއްގެ ސްޓައިލްގައި މޮޅަށް ހުށަހަޅާނެ ގޮތްތަކެއް ވިދާޅުވެ ދެއްވަނީ. އަޅުގަނޑުމެން ލައްވައި ވާހަކަދައްކުވައި ރަނގަޅުކުރަންވީ ކަންކަން ވިދާޅުވެދެއްވަނީ" ސާރާ ބުންޏެވެ.

މިހާތަނަށް އައިއިރު ސާރާއަށް އެންމެ ކަމުދިޔައީ 2022 ވަނަ އަހަރުގެ މުބާރާތުގެ އަރުތަމަ ބުރުގައި ކުއްލި މައުޟޫއަށް ދެއްކި ވާހަކައެވެ. އެ ފަހަރު އޭނާ ދެއްކީ " މޮޅު ވާހަކަ ދެއްކުންތެރިއަކަށް ވެވޭނީ ކިހިނެއް؟" އެ މައުޟޫއަށެވެ.
ސާރާ ބުނީ، ވާހަކަދެއްކުމުގެ ފަންނުގެ ތެރޭގައި އުޅުމަކީ އޭނާގެ ބަހުގެ ތެރެއަށް ވަނުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ. އޭގެ ސަބަބުން ކޮންމެ މައުޟޫއަކަށް ވާހަކަ ދައްކަން ޖެހުނަސް ޕޮއިންޓްތައް އަމުނާލައިގެން ސާފު ދިވެހިބަހުން މިހާރު ވާހަކަ ދައްކަން ފަސޭހަ ކަމަށެވެ. އެ އިތުބާރު އޭނާއަށް ލިބިފައިވާ ކަމަށެވެ.
" ވާހަކަ ދެއްކުމުގެ ފަންނުގެ ތެރެއަށް ވަދެވުމުން ހަމައެކަނި ވާހަކަ ދެއްކުމެއް ވެސް ނޫން، މަޒުމޫނު ލިޔުމުގެ ފެންވަރަށް ވެސް ބޮޑު ބަދަލެއް ގެނެވުނު. އެކަން އަޅުގަނޑަށް އިހުސާސްވޭ. ކިޔެވުމުގެ ނަތީޖާ ވެސް މޮޅު ކުރެވުނު" ތެދެކެވެ. މި އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން ސާނަވީ ގިންތިން އެއްވަނަ ހޯދީ ވެސް ސާރާއެވެ. އޭގެ އިތުރުން އެންމެ ފަހުން ބޭއްވި ޅެންހެދުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހޯދި ޓީމުގައި ވެސް ސާރާ ހިމެނެއެވެ. ސާރާއަކީ ޖަމާލުއްދީން ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ޢިލްމީ ނަތީޖާ ވެސް އެންމެ މޮޅު އެއް ދަރިވަރެވެ.
ސާރާ ބުނީ، ޖަމާލުއްދީނު ސްކޫލަށް ގިނަ ކާމިޔާބީތަކެއް ލިބެނީ، ޖަމާލުއްދީނު ސްކޫލުގެ ރޭވުންތެރިކަމުން ކަމަށެވެ.

" ކާމިޔާބީތައް ލިބުމުގައި އަނވަރު ސަރ އަކީ ފުރަތަމަ ސަބަބު. އެއާއެކު ސްކޫލު މެނޭޖްމަންޓުން ވެސް އަދަބީ ކަންކަމަށް ދެއްވާ އިސްކަން އެއީ ވެސް ވަރަށް މުހިންމު ސަބަބެއް. ކުޑަ އިރުއްސުރެ ފެށިގެން ވާހަކަދެއްކުމަށް ދަރިވަރުން ޝައުގުވެރި ކުރުވަނީ ސްކޫލުން. ދިވެހި މުދައްރިސުންނާ އަދަބީ ހަރަކާތްތަކަށް އެކި ފުރުޞަތު ފަހިކޮށްދެއްވައި ދަރިވަރުންގެ ކުރިއެރުމަށް ވަރަށް ބޮޑު އިސްކަމެއް މެނޭޖްމަންޓުން ދެއްވާ. ޓީޗަރުން ވެސް ވަރަށް އެހީތެރިކަން ދެއްވާ. ނާސިހާ މިސް، ފާތުން މިސް، ޝަރޫ މިސްމެން އަބަދުވެސް އެހީތެރިކަންވެ ދެއްވާ" ސާރާ ބުންޏެވެ.
ވާހަކަދެއްކުމުގެ ފަންނުގައި ކުރިއަށްދާން ތިބި ދަރިވަރުންނަށް ސާރާ ބުނީ، ކޮންމެ ކަމަކުން ވެސް ކާމިޔާބީ ހޯދާން ބޭނުންވަނީ ޝައުޤުވެރިކަން ކަމަށެވެ.
" ވާހަކަދެއްކުމުން ކާމިޔާބި ހޯދަން ބޭނުންވާ ނަމަ ވެސް އޮތީ ޝައުގުވެރިކަމާއެކު އެކަން ކުރުން. ފުރަތަމަ ފަހަރު ކާމިޔާބެއް ނުލިބިދާނެ. ޖެހިގެން އަންނަ ފަހަރު ވެސް މަސައްކަތް ކުރަންވީ. ރަނގަޅު މައުލޫމާތު އެއްކޮށް އަތުރާލައިގެން ބޭނުން ކުރާނެ ގޮތް ދަސްކުރަންވީ. އަމިއްލަ ސްޓައިލެއް ގެންގުޅެންވީ. އޭރުން ކާމިޔާބާ ހަމައަށް ދެވޭނެ"
advertisment
ހިޔާލު