ޕާޓީތަކާއި ހަފުލާތަކަށް މާ ހަދައިދޭ ދަރިވަރުން

ބަޓަރކަޕް ބްލޫމްސްގެ ބައިވެރިން، (ކ) ޝައިފާއާއި މާޒިނާއާއި ނައުހާގެ އިތުރުން ނުފައިލް މާ ހެދުމުގެ މަސައްކަތުގައި: މި ހަތަރު ދަރިވަރުން ސާބިތުކޮށްދިނީ ސްކޫލްގައި ކިޔަވަމުން ވެސް ވިޔަފާރިއެއް ތަރައްޤީ ކުރެވިދާނެކަން- ފޮޓޯ: ބަޓަރކަޕް ބްލޫމްސް

މި ހަތަރު ދަރިވަރުން ދަނީ ކަރުދާހުން މާ ހަދައިގެން "ބަޓަރކަޕް ބްލޫމްސް"ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖަހަމުން

ކުރެހުމާއި އަރޓަށް ކުޑައިރުއްސުރެ ޝައުޤު ހުއްޓަސް ކަރުދާހުން މާ ހެދުމަކީ އެއީ އދ. ދަނގެތީ ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުން އަންނަ މުޙައްމަދު ނުފައިލް ސިޔާމް، ކުރަން ބޭނުންވި އަދި ކުރާހިތްވި ކަމެއް ވެސް ނޫނެވެ. އެކަމަކު ސްކޫލުގެ ޓީޗަރަކު އެދިގެން ކަރުދާހުން މާ ހެދޭތޯ އަޖުމަ ބެލުމުގެ މަސައްކަތްތަކެއް އޭނާ ކުރިއެވެ. އޭރަކު އެކަމެއް ކުރިއަށް ދާ ގޮތެއް ނުވިއެވެ. އޭގެ ފަހުން ވެސް ސްކޫލުން އެދިގެން ކުދިންތަކަކާ އެކު މާ ހެދޭތޯ މަސައްކަތް ކުރިއެވެ. ސްކޫލުން އެދޭތީ ކޮންމެ ވެސް ވަރެއްގެ ޝަޢުޤުވެރިކަމެއް ދިޔައީ އެކަމަށް އުފެދެމުންނެވެ.

ސްކޫލުގެ ސްޓާފުންނަށް މަރުހަބާ ކިޔަން ބޭއްވި ހަފްލާއަކަށް ޓިއުލިޕް މާ ތަކެއް ހެދުމުގެ މަސައްކަތް ފެށީ ނުފައިލް އާ އެކު އިތުރު ތިން ކުދިން ބައިވެރިވެގެންނެއެވެ. އެ ހެދި ޓިއުލިޕް މާތައް މުދައްރިސުންނަށް ކަމުގޮސްގެން ތިން ފަހަރެއްގެ މަތިން 40 މާ ހަދަން ޖެހުނެވެ. ނުފައިލްގެ ގޫރޫޕުން ހެދި މަލަށް ސްކޫލުން ލިބުނު ތަރުހީބާއެކު އެ ކުދިންނަށް ލިބުނީ ބޮޑު ހިތްހަމަ ޖެހުމެކެވެ. އޭގެ ފަހުން ވެސް ސްކޫލުން އެދިގެން ދެ ދުވަސްތެރޭ 80 ޓިއުލިޕް މާ ހަދައިދިނެވެ. ސްކޫލަށް އެ ކުދިން މާ ހަދައިދެނީ އަގަކާ ނުލައެވެ.

މާ ހެދުމުގެ މަސައްކަތުގެ ބައިވެރިން:
  • މުޙައްމަދު ނުފައިލް ސިޔާމް، ގްރޭޑް 9، ސީނިއަރ ޕްރިފެކްޓް އަދި ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން.
  • އައިޝަތު ނައުހާ، ގުރޭޑް 8 ޕްރިފެކްޓް، ރެޑް ހައުސް ކެޕްޓަން.
  • މަރިޔަމް މާޒިނާ، ގުރޭޑް 8 ޕްރިފެކްޓް ޔެލޯ ހައުސް ކެޕްޓަން.
  • ޚަދީޖާ ޝައިފާ ސާމިރު ގުރޭޑް 9 ސީނިއަރ ޕްރިފެކްޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަން.

މި ގުރޫޕް ލީޑް ކުރަނީ ނުފައިލްގެ އިތުރުން މާޒިނާއެވެ.

ނުފައިލް ބުނި ގޮތުގައި، މާ ހެދުމަކީ ކަވި ބުރަ މަސައްކަތަކަށް ވުމުން ހިލޭ ސާބަހަށް އެކަން ކުރުމަކީ އެއީ ދެކޮޅު ޖެހޭ ކަމަކަށް ނުވެއެވެ. އެ މަސައްކަތް ވިޔަފާރީގެ އުޞުލުން ކުރުމުގެ ޚިޔާލު ދިނީ އޭނާގެ މަންމައެވެ.

" މާ ހެދުމަކީ ވަރަށް ކަވިކަމެއް. ކަފައި، އޮޅައި، ތަތްކުރަން ވަރަށް ގިނަ ވަގުތު ދޭ. އެހާ ގިނަ ވަގުތު ހޭދަކުރާ ކަމެއް ވީމާ ހިލޭސާބަހަށް ކޮށްދޭ ވަރަށްވުރެ ބުރަ. އެ މަސައްކަތުގައި ކުރިއަށް ދާން ވިޔަފާރިއެއްގެ ގޮތުގައި ކުރުމުގެ ޚިޔާލު ދިނީ މަންމަ" ނުފައިލް ބުންޏެވެ.

ނުފައިލް ބުނީ، އޭނާގެ ތިމާގެ މީހަކު ގްރެޖުއޭޓް ވި ކަމަށްޓަކައި ހަދިޔާ ކުރި މާ ބޮޑި ވެގެން ދިޔައީ ވިޔަފާރީގެ ފުރަތަމަ ފެށުމަށެވެ.

" އެ މާބޮނޑި ފެނިފައި މި ރަށުގެ ފިހާރައެއް ހިންގާ މީހަކު އެދުނީ އަގެއް ކިޔާފައި އޭގެ މާ ބޮނޑިއެއް ހަދައިދޭން. އޭނާއަށް އަގަށް މާ ބޮޑިއެއް ހަދައިދިނީ. ދެން ފޮޓޯނަގަން ނުކުމެ އުޅެނިކޮށް ދިމާވި މީހަކު ބުނެފި މާބޮނޑިއަކަށް އޯޑަރު ދޭން ބޭނުމޭ. އެހެން މީހަކު ވެސް މާ ބޮނޑިއެއް ހަދައިދެވިދާނެ ހޭ ބުނެފި"

މަދުމަދުން އޯޑަރު ލިބެން ފެށުމާއެކު ވިޔަފާރިއަކަށް ކިޔާނެ ނަމެއްގެ ގޮތުގައި " ބަޓަރކަޕް ބްލޫމްސް" ކިޔަން ނިންމައި އިންސްޓަގައި ޕޭޖެއް، ހެދިއެވެ. އެ ޕޭޖަށް ކީ ނަމަކީ ވެސް ރައްޓެއްސަކާ ދެކެވުނު ވާހަކައެއްގެ ތެރެއިން އުފަންވެގެން އައި ނަމަކެވެ. އެ ނަމާއެކު ހަތަރު ކުރިންގެ ކުޑަކުޑަ ވިޔަފާރި ވައިގައި ހިފަންފެށިއެވެ. މިހާރު އެ ވިޔަފާރިއަށް ހަތަރު މަސް ވަނީއެވެ.

" ޕޭޖް ހެދި ފަހުން މަޑުމަޑުން އޯޑަރުތައް ލިބެން ފަށައިފި"

ވެޑިންއާއި ކުޑަކުދިންގެ ޕާޓީތަކަށާއި ހަފުލާތަކަށް މާ ހަދައިދޭން އޯޑަރު ލިބެއެވެ. ކުރިން އޯޑަރު ލިބެނީ ދަނގެތީންނެވެ. މިހާރު ހުޅުމާލެއިންނާއި އެހެން ރަށްރަށުން ވެސް ލިބެއެވެ.

އިންސްޓަގައި ފެންނަން ހުންނާނީ ސާދަ ވައްތަރެއްގެ މަލެއް ނަމަވެސް ވިއްސަކަށް ވައްތަރުގެ މާ މިހާރު އެ ގުރޫޕުން ހަދަމުން ދެއެވެ. އޭގެ ތެރޭގައި ރޯޒްއާއި ލެވެންޑާއާއި މޯނިންގ ގްލޯރީ ކަލަރ ލިލީ ހިމެނެއެވެ. އެންމެ ހިނގަނީ ލިލީއެވެ.

ނުފައިލް ބުނީ، މާ ހަދަނީ އެކި ކުދިންނަށް ބަހާލައިގެން ކަމަށް ވާތީ، އެއްކުއްޖަކު ހަދާ މަލެއް އަނެއް ކުއްޖަކަށް އެހާ ރީއްޗަށް ނުހެދިދާނެ ކަމަށެވެ.

" އަޅުގަނޑު ހަދާ މަލެއް އެގޮތަށް ހަދަން އެހެން ކުއްޖަކަށް ނޭނގިދާނެ. ހަމަ އެ ގޮތަށް އެހެން ކުއްޖަކު ހަދާ މަލެއް އަޅުގަނޑަށް  ވެސް ނޭނގޭނެ އެގޮތަށް ހަދަން. އަޅުގަނޑު ހަދަނީ ރޯޒްއާއި ލިލީ ފަދަ މާތައް. މާޒިނާ ހަދާނީ ލެވެންޑާއާއި މޯނިންގ ގްލޯރީ ކަލަރ ލިލީމާ. އެއްބައި އޯޑަރު ލިބޭނެ އަޅުގަނޑު ހަދާ މަލަށް. އެކަހަލަ ވަގުތުގައި އަޅުގަނޑު މާ ހަދާއިރު އެހެން ކުދިން އެއާ ގުޅުން ހުރި އެހެން މަސައްކަތްތައް، ދަނޑި ހެދުމާއި ކެފުމާއި ތަތްކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދާނެ"

މާ ހެދުމުގައި ނުފައިލްގެ ތަޖުރިބާގައި ބުނީ، އެ މަލެއްގެ ރީތިކޮށް އަންނާނީ ފިޔަތައް ރަނަގަޅަށް ރީތިކޮށް ތަތްކުރީމައެވެ. އެންމެ ކުރިން ހެދިމަލާއި މިހާރު ހަދާ މަލުން އެކަން ފާހަގަ ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

" ފަށައިގަތްއިރު، މާ ހަދާއިނިމޭއިރު ފުލެޓްކޮށް އޮންނަނީ. ބައްޓަން ގެންނަން ތަޖުރިބާތަކެއް ކުރަމުން ގޮސް ކާމިޔާބު ވަނީ. ބައެއް ފަހަރު މަލެއް ހަދާނިންމާލާއިރު އެ އޮންނަ ގޮތުން ހިނިވެސް އާދޭ" ނުފައިލް ބުންޏެވެ.

ނުފައިލް ބުނީ މާ ހަދަން ބޭނުންވާ ސާމާނު ފަސޭހައިން ލިބެން ނުހުންނާތީ ދަތިވާ ކަމަށެވެ. އެމީހުން މާ ހަދަން ބޭނުން ކުރާ ކުރެޕް ކަރުދާހުގެ އެތައް ވައްތަރެއް ހުންނައިރު ހަނި ރޫޖެއްސި ކަރުދާސް ހޯދަން އުނދަގޫ ކަމަށެވެ. މިހާރު އެ ކަރުދާސް ހޯދަނީ އެ ރަށުގައި ހުންނަ ބުކްޝޮޕަކުންނެވެ.

އޯޑަރު ލިބެން ފެށުމުން މަލުގެ ސްޓޮކެއް ހަދާފައި ބަހައްޓަން އެ ކުދިން މަސައްކަތްތަކެއް ކުރިއެވެ. ޗުއްޓީ ދުވަސްވަރާ ދިމާވުމުން ބައެއް ކުދިން ރަށުން ބޭރަށް ދާން ޖެހުމުން އެކަމެއް ނުވިއެވެ.

އޯޑަރުތައް އިތުރުވިޔަސް ކިޔެވުމަށް ބުރޫ އަރާ ގޮތައް އެ މަސައްކަތް ކުރިއަށް ގެންދަން އެ ކުދިން ބޭނުމެއް ނުވެއެވެ. އޯޑަރުތައް ނަގަނީ ވެސް އެކަމަށް ވިސްނައިގެންނެވެ. ކުރިން އެ ހުރިހާ ކުދިންނަށް އެ މަސައްކަތުގައި އުޅެން ރޭގަނޑު އޮންނަނީ ހުސްކޮށެވެ. ގުރޭޑް ނުވައެއްގައި ނުފައިލްއާއި ޝައިފާ އުޅޭތީ، ކޮންމެ ކޮންމެ ރެއަކުހެން ދެ ގަޑިއިރަށް އެކްސްޓްރާ ކުލާސްތަކަށް ދާން ޖެހެއެވެ. އެހެންވެ މަސައްކަތުގެ ތެރޭގައި 11 ނޫނީ 12 ޖަހަންދެން ވެސް ބައެއް ފަހަރު އުޅެން ޖެހެއެވެ.

" ހުރިހާ ކުދިންނަށް ރޭނގަނޑު ނާދެވިދާނެ. އެހެންވެ މަސައްކަތްތައް ވެސް އެ ކުއްޖެއްގެ ގޭގައި ކުރާ ގޮތަށް ބަހާލަނީ"

ކުރިއަށް އޮތް އަހަރަކީ ނުފައިލްއާއި ޝައިފާއަށް މުހިންމު އަހަރެކެވެ. އެ ދެކުދިންގެ އޯލެވެލް އަހަރެވެ. މިހާރަށްވުރެ މާ ބުރަވާނެއެވެ.

" މިހާރު މި ލިބޭ ވަގުތައް ބަހާލައިގެން މަސައްކަތް ކުރެވުނަސް ގުރޭޑް 10ގައި އުޅޭއިރު ވަގުތެއް ނުވާނެ. ކޮންމެ ގޮތެއް ވިޔަސް ކިޔެވުމަށް އިސްކަންދޭނީ" ނުފައިލް ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *