ކޮވިޑްގެ ހާލަތު ބަދަލުވެ ސްކޫލްތައް ބަންދުވުމުން، އުކުޅަހު ސްކޫލުގެ ހަވަނަ ކިލާހުގައި ކިޔަވަމުންދާ އަމަން މައުރޫފު ދީދީ ނުކުތީ ގަސް ހައްދާށެވެ. އޭރު ޓީވީތަކުންނާއި ރޭޑިއޯއިން އިވެމުން ދިޔައީ ކޮވިޑްގެ މި ހާލަތާ ގުޅުވައި، ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ކާބޯތަކެތި ހައްދާ ވާހަކައެވެ. މުޅި ރާއްޖެއަށް ވެސް ފެތުރިގެން ދިޔަ ގަސް ހެއްދުމުގެ ފޯރީގައި އަމަންއަށް ބައިވެރިވެވުނީ ކުރިން އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން ނޫނެވެ.

މާމަ، ގަސް ހައްދާއިރުވެސް ކުރިން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އެކަމަކު ޚިޔާލު ބަދަލުވެ ގަސްހައްދަން އޭނާ ފެށީ މާމަކައިރިން ދަރިވަރު ވެގެންނެވެ. އެކަމަކު މިއަދު އޭނާއަކީ އެކަމުގެ ކުޑަކުޑަ މާހިރެކެވެ. ގަހުގެ ވައްޓަފާޅިއާއި ގަހަށް ޖެހޭ ބަލިތަކާއި ބޭސްތައްޔާރު ކުރާނެ ގޮތް ދަސްކުރީ ޔޫޓިއުބު ބަލައިގެންނެވެ.
ފުރަަބަންދުގެ ތެރޭގައި އިންދި މުޑުވަކުން އަމަންގެ " ގަރޑަން " އޮތީ ފުރާލާފައެެވެ. އެ "ގަރޑަން" އަށް ވަންނަ ކޮންމެ މީހަކަށް މިހާރު ފެންނާނީ ހަރުވާން ކައިރިވެފައިވާ ކިއުކަންބާއާއި ދޮންވާން ކައިރިވެފައިވާ ޓޯމާޓޯއާއި ބިންނަން ތައްޔާރުވެފައިވާ މިރުހެވެ. އަދި އެވަރަކުން ނިމުނީކީ ނޫނެވެ. ލެޓިއުސްއާއި ބައްޓަކީވެސް އެ " ގަރޑަން" ގެ މުހިންމު ބައިވެރިންނެވެ. އަދި އޭގެ އިތުރުން ތަފާތު ވައްތަރުގެ ކެކްޓަސް ގަސްތަކަކީވެސް އެ " ގާރޑަން" ގެ ރީތިކޮށްދޭ އެކުވެރިންނެވެ.

އަމަންގެ "ގަރޑަން" އިން ލިބޭ ތަރުކާރީތައް ބަހާލަނީ އާއިލާގެ މީހުންނަށެވެ.
ގަސް ހެއްދުމަށް އަމަން ބަަހައްޓާ ޝާޢުޤުވެރިކަމާއި، މަސައްކަތުގައި ގެންގުޅޭ ވައްޓަފާޅިއަށް އޭނާގެ މަންމަ ހުރީ ހައިރާންވެފައެވެ.
" ކޮންމެ ދުވަހަކުވެސް އިރުއަރާނީ ގަސްތަކަށް ފެންދޭން ހުއްޓާ. ގަސްތަކަށް ބޭސް ޖެހުމާއި، އައްވަށް ނެރެންޖެހޭ ގަސްތަކާއި ވެލި ބަދަލުކުރަން ޖެހޭ ޕޮޓްތައް ފާހަގަކޮށް، އެ މަސައްކަތް ކޮންމެ ދުވަހަކު ކުރާނެ" އަމާންގެ މަންމަ ޒަހުރާ އާމިރު ބުންޏެވެ.
ގަސްތަކަށް ޖަހާ ބޭސް ވެސް ގޭގައި އޭނާ ތައްުޔާރު ކުރެއެވެ. ބަދިގެއިން އުކާލާ ކާބޯތަކެތީގެ ބޭނުން ހިފައިގެން ކާދު ތައްޔާރު ކުރެއެވެ. މި ހުރިހާ ކަމެއް ދަސްކުރީ ޔޫޓިއުބުންނެވެ.

" ބައެއް ފަހަރު އެހެން މީހުންނަށްވެސް ކިޔާދޭނެ، މިވެނި ގޮތެއް ވެއްޖިއްޔާ މިހެންނޭ ހަދަންވާނީ. އެނގޭ އެއްޗެއް އެހެން މީހުންނަށް ކިޔައިދޭނެ" ޒަހުރާ ބުންޏެވެ.
އަމާންގެ މަސައްކަތުގައި މަންމަގެ ބައިވެރިވުންވެސް ބޮޑެވެ. ދަރިފުޅަށް އަތްގާތްކޮށް ދިނުމާއި، ކައިރި ރަށްރަށުން މުޑުވަކާއި ގަސްކާނާ ހޯދުމުގައިވެސް މަންމަގެ ރޯލު ބޮޑެވެ.
" އެހާ ޝަޢުޤުވެރިކަމާއެކު ކުރާތީ ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެން. ބޭނުންވާ ސާމާނު ހޯދައިދެން" ޒަހުރާ ބުންޏެވެ.

ޒަހުރާގެ ހިތް ހަމަޖެހުމަކީ ގިނަ ވަގުތު އެ މަސައްކަތުގައި ވަގުތު ހޭދަކުރި ނަމަވެސް ކިޔެވުމަށް ދޭ ސަމާލުކަން ކުޑަނުކުރާތީއެވެ. ބަރާބަރަށް ފިލާވަޅުތައް ދަސްކުރާތީއެވެ. ހަދަންޖެހޭ ފިލާވަލެއް ނުހަދާ ނުބާއްވާތީއެވެ.
" އަބަދުވެސް ކިޔެވުމަށް އިސްކަންދޭނެ. ކިިޔަވާށެކޭ ބުނާކަށް ނުޖެހޭ. އަމިއްލައަށް ފެނިގެން ކިޔަވާ ހިތުން އެކަން ވެސް ކުރަނީ" އަމާންއާ މެދު މަންމަ ފަޚުރިވެރިވެލިއެވެ.
ހޮބީއެއްގެ ގޮތުގައި ގަސް ހެއްދުމަށް ލޯބި ކުރި ނަމަވެސް އަމާން ފެންނާނީ ސިއްޙީ ދާއިރާއިންނެވެ. ބަލި މީހުންނަށް ފަރުވާދޭ ޚާއްޞަ ޑޮކްޓަރެެއްގެ ގޮތުގައެވެ.
advertisment
ހިޔާލު