އަނާޝާ މި ދެއްކީ ވަކި ތާވަލެއްގެ ދަށުން މަސައްކަތް ކުރުމުގެ ނަތީޖާ

އަނާޝާގެ ކާމިޔާބީގެ ފަހަތުގައި އޮތީ ގަދަ ހިތްވަރާއި ކެރުމެވެ. އިސްނެގުމާއި މުރާލިކަމެވެ. ވަކި ތަރުތީބަކުން އަތުރާލި ތާވަލަކަށް ކުރި މަސައްކަތުގެ ނަތީޖާއެވެ.

އަހްމަދު މޫސާ

ފުވައްމުލައް ސިޓީގައި ހުންނަ، ހާފިޒު އަޙްމަދު ސްކޫލުން ފާއިތުވި އަހަރު ފަޚުރުވެރި އެއްވަނަ ހޯދީ އައިޝަތު އަނާޝާ ހުސައިނެވެ. އަނާޝާ ވަނީ ސާނަވީ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ. އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި ސީނިއަރ ޕްރިފެކްޓެއްގެ އިތުރުން އިންގްލިޝް ކުލަބުގެ ރައީސްކަމާއި ދިވެހި ކުލަބުގެ ނައިބް ރައީސްކަން ވެސް އޭނާ ވަނީ ކޮށްފައެވެ. ފާއިތުވި އަހަރު ހާފިޒު އަޙްމަދު ސްކޫލުގެ ބެސްޓް ގައިޑަކީ ވެސް އޭނާއެވެ.

އަނާޝާގެ ކާމިޔާބީގެ ފަހަތުގައި އޮތީ ގަދަ ހިތްވަރާއި ކެރުމެވެ. އިސްނެގުމާއި މުރާލިކަމެވެ. ވަކި ތަރުތީބަކުން އަތުރާލި ތާވަލަކަށް ކުރި މަސައްކަތުގެ ނަތީޖާއެވެ.

އަނާޝާ ބުނި ގޮތުގައި، ބެސްޓްއޯލް ރައުންޑަކީ ކޮން އެއްޗެއްކަން އެނގެންފެށި ހިސާބުން އެ މަޤާމް ހޯދަން ބޭނުންވި ކަމަށާއި އެކަމަށް އެދިގެން މަސައްކަތްތަކެއް ވެސް ކުރަން ފެށި ކަމަށެވެ. ނަމަވެސް ކިޔެވުމުގައި އޮތް ވާދަވެރިކަމެއްގެ ތެރޭގައި އޭނާއަށް ހަނގާ ކުރުމާއި ފުރައްސާރައާ ކުރިމަތިވި ކަމަށެވެ. އެކަމަކާ ހުރެ އޭނާގެ މިސްރާބު އޮޅުންބޮޅުން ވިއެވެ. ކިޔަވާހިތް ނުވެ، ކިޔެވުމުގެ މަތިން ފޫހިކޮށްލިއެވެ. ސްކޫލަށް ދިއުން ހުއްޓާލާ ހިސާބަށް ވިސްނުން ދަތުރުކުރިއެވެ.

" މަންމަ، ވިސްނައި ދިނީ ކޮންމެ ފަދަ އުނދަގުލެއް ކުރިމަތި ކުރުވިޔަސް މީހަކަށް ހަސަދަވެރިކަމެއް ނުބާއްވަން. ހަސަދަވެރިވެއްޖިއްޔާ އޭގެ ތެރޭގައި އަމިއްލައަށޭ ތާށިވާނީ. އެކަމުގައޭ ނިމިދާނީ" މަންމަގެ އެ ނަސޭހަތް މިއަދު ވެސް އަނާޝާގެ ކަންފަތަށް އިވޭ ފަދައެވެ. އެ ވޭނާއި ކެކުޅުމުގައި ހޭދަ ކުރި ދުވަސްތަކުގެ މަތިން އޭނާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. ދާން ބޭނުންވި މިސްރާބަށް ދިއުމަށް އެ ކަންތައްތައް އޭނާ މާޒީއަށް ދޫކޮށްލިއެވެ. ކިޔެވުމުގެ އާ ސަފްހާއެއް އަލުން ހުޅުވިއެވެ.

ކިޔުމުގެ ތެރެއަށް އަނާޝާ ވަދެ، މަސައްކަތް ފެށީ ތާވަލެއް ހަދައިގެންނެވެ. އެ ތާވަލުގައި އޮންނަ ގޮތުން ރޭގަނޑު ކިޔަވަނީ 7ން9އަށެވެ. އެންމެ ލަސްވެގެން 9:30ގެ ފަހުން ކިޔެވުމެއް ނޯންނާނެއެވެ. އެއީ ނިދާގަޑިއެވެ. ދެން ތެދުވަނީ ދަންވަރު 4 ޖަހާއިރުއެވެ. ނަމާދުކޮށްގެން ސްކޫލަށް ދިއުމާ ދެތެރޭގައި އެ ލިބޭ ވަގުތުގެ ބޭނުން ހިފަނީ ވެސް ކިޔެވުމަށެވެ.

" ޝެޑިއުލާ އެއްގޮތަށް އެ ދުވަހެއްގެ މަސައްކަތް ނިންމާލެވުނީމާ އަމިއްލަ ނަފުސަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ޝެޑިއުލް ނުކުރަންޏާ ކުރިއަށް ދާނެ ގޮތެއް ނޭގިފައި ހުންނާނީ. ކުރަންވީ ކަމެއް ނުކުރަންވީ ކަމެއް ވެސް ނޭނގޭނެ" އަނާޝާ ބުންޏެވެ.

އޯލެވެލް ނިންމާލިއިރު އަނާޝާއަށް އެންމެ އުނދަގުލީ ހިސާބެވެ. އެ މާއްދާއިން ސީ އަށްވުރެ މައްޗަށް ނުދެއެވެ. ހިސާބު މާއްދާއަށް ސީރިއަސްކޮށް ވިސްނަން ފެށުނީ މޮކް އެގްޒާމްގައި ލިބުނު ނަތީޖާއަށްފަހުއެވެ.

" މޮކް އެގްޒާމުގެ ނަތީޖާ ލިބުމުން، ހިސާބު މާއްދާއާ މެދު ވިސްނަން ފެށުނީ. އެ ހިސާބުން ކިޔަވައިދޭ ޓީޗަރުގެ ކައިރިން އިތުރަށް ޓިއުޝަން ނަގައިގެންނާއި ގޫގުލްގެ އެހީގައި އަމިއްލައަށް ރިސަރޗް ކޮށްގެން ކިޔަވަން ފެށީ" އަނާޝާ ބުންޏެވެ.

އަނާޝާ ޓިއުޝަން ނެގީ ފިޒިކްސްއާއި ދިވެހި މާއްދާއިންނެވެ. ހިސާބުން ޓިއުޝަން ނަގަން ފެށީ މޮކް އެގްޒާމަށްފަހުއެވެ.

" މެތްސް ޓީޗަރު ވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްދިން. އޭގެ ނަތީޖާ ވެސް ފެނުނު" އޯލެވެލް އިންތިޙާނުގައި އަނާޝާ އަށް ލިބުނީ އޭ އެކެވެ.

އޭނާ ބުނީ، ސްކޫލުގައި ނަގައިދޭ ފިލާވަޅުތަކާއި އެކްސްޓްރާ ކުލާސްތަކުގައި ކިޔައިދޭ އެއްޗަކަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދަނީ ދަރިވަރުންނަށް ޚާއްޞަ ސައިޓްތަކުންނެވެ. އެއީ ކިޔެވުމުގައި ކުރިއަށް ފިޔަވަޅެއް އެޅުމަށް ލިބުނު ބާރެއް ކަމަށް އަނާޝާ ބުންޏެވެ.

އަނާޝާގެ "ފޭވެރިޓް"އަކީ ކެމިސޓްރީއެވެ. އެއީ އޯލެވެލްއާ ހަމައަށް ކިޔަވާ ހިތުން ކިޔެވި މާއްދާއެވެ. އޭ ލެވެލްއާ ހިސާބުން ފޭވެރިޓަކަށްވީ ބައޮލޮޖީއެވެ. އެއީ ފޮރންސިކް ސައިންސްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާތީއެވެ.

ހަޔާތުގައި ދިމާވި އުނދަގު ހާލަތުން އަރައިގަތުމަށް އިތުރު ހަރަކާތްތަކުގައި ބައިވާން ފެށުމަކީ ވެސް އަނާޝާގެ ހަށިގަނޑަށް ލިބުނު ބޮޑު ލުޔެކެވެ. ހޭންޑް ބޯޅައާއި ނެޓްބޯޅައިގައި ސްކޫލް ފެންވަރުގައި ކުޅުނެވެ. ގައިޑް ހަރަކާތްތަކާއި އަދަބި އެތައް ހަރަކާތެއްގައި ބައިވެރިވެ ނަތީޖާވެސް ދެއްކިއެވެ. އެފަދަ މުހިންމު ހަރަކާތްތަކުގެ ކުރިއަށް އޭނާގެ ނަން އަރަމުން ދިޔައިރު، އެންމެ ދެރަވީ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރި ނުވެވުނީމައެވެ.

މިހާރު އެއީ ކުރީގެ އަނާޝާއެއް ނޫނެވެ. ރޮމުން ގެއަށް އައި އަނާޝާއަކި މިއަދު ހިތްވަރުގަދަ ދަރިވަރެކެވެ. ކަންކަމުގައި އިސްނެގުމާއި ޒިންމާ ނެގުމުގައި ނަމޫނާ ދަރިވަރެކެވެ. ޏ، އޭއީސީން އޭލެވެލްއަށް ކިޔަވަމުންދާއިރު، އޭލެވެލްއިން ވެސް ރަނގަޅު ކާމިޔާބަކަށް އޭނާ އުއްމީދު ކުރެއެވެ.

އަނާޝާގެ ޝުކުރުގެ ލިސްޓްގެ ކުރީގައި އޮތީ މަންމަގެ ނަމެވެ. އެއާއެކު އާއިލާއާއި ކިޔަވައިދެއްވި ޓީޗަރުންނާއި ސްކޫލުގެ އިސްވެރިންގެ ނަން ވެސް އެ ލިސްޓްގައި ފާހަގަކުރިއެވެ. އެއީ އޭނާގެ ކާމިޔާބީގައި މުހިންމު ބައެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *