ރަޢުހާ، ލަންދޫ ސްކޫލުގެ މޮޅު ދަރިވަރަށް ވުމަށް ފުރަތަމަ ކަނޑައެޅީ އަޒުމެއް، ދެން ކުރީ މަސައްކަތް

ގުރޭޑް ހަޔަކާ ހަމައިން، ސްކޫލުގައި ބާއްވާ ޢިނާމު ދިނުމުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެން ފެށުން ވެގެން ދިޔައީ ކިޔެވުމާ މެދު ވިސްނަން މަރިޔަމް ރަޢުހާއަށް ލިބުނު ފުރުޞަތަކަށެވެ. ކޮންމެ އަހަރަކު ވެސް ބާއްވާ އިނާމު ދިނުމުގެ ޖަލްސާގައި އޭނާ ބައިވެރި ވަނީ ސަބަބުތަކެއް އޮތީމައެވެ. އެފަދަ ކޮންމެ ޖަލްސާއެއްގައި އޭނާ އާ ކުރަނީ އޭނާ ދެކޭ އުއްމީދާއި ހުވަފެން ތަކެވެ. އެއީ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި، އެންމެ ފަޚުރުވެރި ދަރިވަރުގެ ގޮތުގައި ސްކޫލުން ވަކިވެގެން ދިއުމެވެ.

ރަޢުހާގެ އެ އުއްމީދުގައި ކުލަ ޖެހުނީ ރޭ ގައެވެ. ލަންދޫ ސްކޫލުގެ ސްޓޭޖުން އެންމެ މޮޅު ދަރިވަރުގެ ތާޖާއެކު އޭނާ ފައިބައިގެން ދިޔައީ، ޝަރަފާ އެކުގައެވެ.

" ފުރަތަމަ ކަނޑައެޅީ އަޒުމެއް، ދެން މަސައްކަތް ކުރީ" އެއް ވަނަ ދަރިވަރަށް ވުމަށް ކުރި މަސައްކަތް ރަޢުހާ ކިޔައި ދިނީ ކުރުކޮށެވެ.

ރަޢުހާ އަކީ ފާއިތުވި އަހަރު، ލަންދޫ ސްކޫލުގެ ކެޕްޓަނެވެ. ސްކޫލުން ހިންގާ ހުރިހާ ހަރަކާތެއްގައި ބައިވެރިވެއެވެ. އިސްނެގުމުގައި ނަމޫނާ ދަރިވަރެކެވެ. އެންމެންނާ ގުޅޭ ހިތްވަރު ކުރި ދަރިވަރެކެވެ.

ރަޢުހާގެ ދުވަހީ ތާވަލުގައި އެންމެ އިސްކަމެއް ދީފައި އޮންނަނީ ކިޔެވުމަށެވެ. ދުވަސް ފަށަނީ ފަތިހު 4:00 ހާއިރު ދަމުނަމާދުންނެވެ. ފަތިސް ނަމާދަށްފަހު، ސްކޫލަށް ދިއުމާ ދޭތެރޭގައި އޮންނަނީ ކިޔެވުމެވެ. ފިލާވަޅުތައް މުޠާލިޔާ ކުރުމެވެ. އެއީ ރަޢުހާއަށް ކިޔަވަން އެންމެ ފަސޭހަ ގަޑިއެވެ. އަވަހަށް ނިދުމަކީ ވެސް އޭނާ ގެންގުޅޭ ރީތި އާދައެކެވެ. އަވަހަށް ނިދާފައި ފަތިހު ތެދުވުމުން ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވާ ކަމަށް އަމިއްލަ ތަޖުރިބާގެ އަލީގައި ރަޢުޙާ ބުންޏެއެވެ. އެހެން ކުދިންނަށް އޭނާ ދޭން އޮތް އެންމެ މުހިންމު ނަޞޭހަތަކީ ވެސް އެއީއެވެ. " އަވަހަށް ނިދާފައި އަވަހަށް ތެދުވުމެވެ."

ރަޢުހާ، ކިޔެވީ ކޮންބައިންޑް ސްޓްރީމަކަށެވެ. ހިޔަވާ ހިތުން ކިޔެވީ ހިސާބެވެ. ސާނަވީ އިމްތިޙާނުގައި އިސްލާމުން އޭ ސްޓަރ ހޯދިއެވެ. ހަތަރު މާއްދާއިން އޭ ހޯދިއެވެ. އެއީ އިނގިރޭސިއާއި ފިޒިކްސްއާއި ދިވެއްސާއި އެކައުޓުންނެވެ. ބީ ލިބުނީ، ކޮމާސް އާއި ހިސާބުންނެވެ. އޭނާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނައެވެ.

ސާނަވީއަށްފަހު، މަތީ ސާނަވީއަށް ދިއުމުގެ ބަދަލުގައި ޤައުމީ ޔުނިވަރސިޓީން އެކައުންޓިންގ ކޯހެއްގައި ބައިވެރިވީ އެންމެ ސަބަބެއް އޮވެގެންނެވެ. އެއީ ބައްޕަގެ މަސައްކަތުގައި އޭނާއަށް އެހީތެރިވެވޭނެ އެންމެ ފަސޭހަ މަގަކީ އެއީ ކަމަށް ވީތީއެވެ.

" ބައްޕައަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހަކަށް ވުމުން، ބައްޕަގެ އެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެވެން އޮތީ އެ ދާއިރާއިން ކަމަށް ވާތީ، އެކައުޓިންގ ދާއިރާއަށް ވިސްނީ" ރަޢުހާ ބުންޏެވެ.

ރަޢުހާ ބުނީ، އޭނާއަށް ލިބުނު ކާމިޔާބީގައި މަންމައާއި ބައްޕަ އަދި އާއިލާގެ ހުރިހާ މީހުން ބައިވެރިވާ ކަމަށެވެ. އަދި ޓީޗަރުންނާއި ސްކޫލުގެ ހުރިހާ ސްޓާފުން ބައިވެރިވާ ކަމަށެވެ. ޚާއްޞަކޮށް ޕްރިންސިޕަލް ޔޫސުފު ސަރގެ ނަން ވަކިން ރަޢުހާ ފާހަގަކުރިއެވެ.

ރަޢުހާއަކީ ލަންދޫ ސްކޫލުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި މަދު ދަރިވަރުންގެ ތެރޭގައި ހިމެނޭ އެއް ދަރިވަރެވެ. އޭނާގެ އެ ކާމިޔާބީއަކީ އެއީ މީގެ އަހަރު ތަކެއް ކުރިން ކަނޑައެޅި އަޒުމެވެ. އޭނާ ސާބިތުކޮށް ދިނީ ކާމިޔާބާއި އުއްމީދަކީ އެއީ މަސައްކަތް ކުރާ ކުދިންގެ ޙައްޤެއް ކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *