15 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓަކަށް އޭނާ ވީ، ދެ ރަން މެޑަލާއި ދެ މީޓް ރެކޯޑާއެކު
މީގެ ތިން އަހަރު ކުރިން ގދ. ތިނަދޫގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރު ފުރައިގައި އަލަށް ވާދަކޮށް ގޯލްޑް މެޑަލަކާއެކު މީޓް ރެކޯޑެއް ހެދިއެވެ. ޖެހިގެން އައި އަހަރު ފުވައްމުލަކުގައި ބޭއްވި މުބާރާތުން ވެސް އެ ރެކޯޑް ދެމެހެއްޓިއެވެ. އެ ކާމިޔާބީ ތަކާއެކު އުމުރު ފުރައިގެ އެންމެ މޮޅު އެތްލީޓަށް ވުމަށް މަރަދޫ ސްކޫލުގެ ގުރޭޑް 7ގައި މިހާރު ކިޔަވަމުން އަންނަ މުޙައްމަދު ޔޫނުސް ބިން ހުސައިން ބިން އިބްރާހިމް އަޒުން ކަނޑައެޅިއެވެ. އެ އަޒުމުގައި މަސައްކަތްކޮށް ކާމިޔާބު ހޯދީ އައްޑޫ ސިޓީގައި، ނިމިދިޔަ މުބާރާތުގައެވެ. ތިން ކެޓަގަރީއެއްގައި ބައިވެރިވެ ދެ ކެޓަގަރީން ރަން މެޑަލާއެކު މީޓް ރެކޯޑް ހެދިއެވެ. އަދި އިތުރު ރިހި މެޑަލަކާއެކު، 15 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓްގެ ފަޚުރުވެރި ތަށި އޭނާ އުފުލާލިއެވެ. ތިން އަހަރުން ޔޫނުސް ކުލަ ޖެއްސީ އެންމެ މޮޅު އެތްލީޓަށް ވުމަށް ދެކެމުން އައި ހުވަފެން ތަކުގައެވެ.

ނިމިދިޔަ މުބާރާތުގައި ދެ ރަން މެޑަލާއެކު މީޓް ރެކޯޑް ޔޫނުސް ހެދީ، ޓްރިޕަލް ޖަމްޕް އަދި ހާޑްލްސްއިންނެވެ. ތިން ވަނައަށް ބައިވެރިވި ގެޓަގަރީން ރަން މެޑަލް ނުލިބުނީ، 400 މީޓަރު ދުވުމުންނެވެ. 400 މީޓަރަށް ދުވި ފުރަތަ ދުވަހު، ރޭސް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަރިއަޅައިލައިގެން ވެއްޓި އަނިޔާ ވިއެވެ. އެކަމަކު ވެސް ހިތްވަރު ކޮށްފައި ރޭސް ނިންމައި އެ ހީޓްގެ ފައިނަލުން ޖާގަ ކަށަވަރު ކުރިއެވެ. ފައިނަލުގައި ވާދަކޮށް އެއްވަނަ ނުލިބުނީ، އަނިޔާގައި ހުރެ ދުވަން ޖެހުމުން ބޭނުންވި ވަރަށް ސްޕީޑް ނުނެގިގެން ކަމަށް ޔޫނުސް ބުންޏެވެ.

ރަން މެޑަލް ހޯދި ދެ ގެޓަގަރީން ވެސް އެއް ވަނަ ހޯދީ އެ އަނިޔާގައި ހުރެ ވާދަކޮށްގެންނެވެ.
" ވަރަށް ދެރަވި، 400 މީޓަރު ދުވުމުން އެއްވަނަ ނުލިބުނީމާ. އަނިޔާ ނުވިނަމަ ލިބުނީސް، އެހާ ކޮންފިޑެންސް އޮތް " ރަން ތިން މެޑަލަށް އުއްމީދު ކުރި ޔޫނުސް ބުންޏެވެ.
ފުޓްބޯޅައާއި ސްޕޯޓްސް މީޓްގެ ތެރެއިން އެތްލެޓިކްސްއަށް
ޔޫނުސް އަކީ ކުޑައިރުއްސުރެ ވެސް ކުޅިވަރަށް ޝަޢުޤުވެރިކަން ބެހެއްޓި ދަރިވަރެކެވެ. ނާސަރީން ފެށިގެން ގުރޭޑް ކުލާސްތަކަށް ދިޔައިރު ވެސް ސްކޫލުގައި ބާއްވާ ސްޕޯޓްސް މީޓްގައި ދުވެގެން ވަނަ ހޯދައެވެ. ފުޓްބޯޅައަކީ ޔޫނުސްގެ އޭރުގެ ފޭވަރިޓް ކުޅިވަރެކެވެ. އެތްލެޓިކްސްގެ ތެރެއަށް ވަދެވުނީ ވެސް ފުޓްބޯޅައިގެ ތެރެއިންނެވެ.

" ފުޓްބޯޅައަށް ގެންދަން ފެށީމާ، ބާރަށް ދުވާކަން ކޯޗަށް ފާހަގަ ކުރެވިގެން ކޯޗް ދިން އިރުޝާދުގެ މަތިން އެތްލެޓިކްސްގައި ބައިވެރިކުރަން ފެށީ" ޔޫނުސްގެ މަންމަ އާތިފާ އަބްދުއްސައްތާރު ބުންޏެވެ.
ޔޫނުސް ބޭނުންވީ ފުޓްބޯޅައާއި އެތްލެޓިކްސްއިން ކުރިއަށް ދާށެވެ. އެހެންވެ ދެ ދުވަހުން އެއް ދުވަހު ފުޓްބޯޅައާއި އެތްލެޓިކްސްގެ ޓްރެއިނިންގ ހަދަން އެކަމުގެ ޚާއްޞަ އެކަޑަމީއަކަށް ގެންދަން ފެށިއެވެ.
އެތަނަށް ގެންދަން ފެށި ފަހުން ބޮޑު ކުރިއެރުންތަކެއް ޔޫނުސްއަށް އަންނަން ފެށިއެވެ. އެ ކުރިއެރުންތަކާއެކު، މޮޅު އެތްލީޓަކަށް ވުމަށް ކުރަމުން ދިޔަ މަސައްކަތުގައި ހަޤީޤީ ކުލަޖެހެން ފެށީ ޔޫތް އެތްލެޓިކްސް ޕޫލުގައި ބައިވެރިމުގެ ފުރުޞަތު ފަހި ވި ފަހުންނެވެ.

އެތްލެޓިކްސްގައި ބައިވެރިވި ދެ މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި ޔޫނުސް އަޒުމް ކަނޑައެޅީ އައްޑޫގައި ބާއްވާ މުބާރާތަކީ އޭނާގެ މުބާރާތަކަށް ހަދާށެވެ. އެހެންވެ އެ މުބާރާތަށް ދުރާލާ ތައްޔާރުވިއެވެ. " ކޮންފިޑެންސް" އޮވެގެން އެމަގަށް މަސައްކަތް ވެސް ކުރީއެވެ.
" ވަރަށް ބޮޑު އުއްމީދެއް އޮވެގެން، ދުރާލާ ތައްޔާރުވެގެން މުބާރަތަށް ދިޔައީ ވެސް" ޔޫނުސް ހުރީ އެތްލެޓިކްސްގައި އިތުރު ކާމިޔާބީތައް ހޯދަން ކެތް މަދުވެފައެވެ.
އަބަދުވެސް، ރެކޯޑެއް މުގުރާލުމުގެ ވިސްނުން
ކާމިޔާބު ހޯދަން ކޯޗުން ދޭ އިރުޝާދާއެކު މަސައްކަތް ކޮށްފައި ޔޫނުސް ހުއްޓައެއް ނުލައެވެ. އޭގެ އިތުރުން އޭނާ އަމިއްލައަށް ކުރާ އިތުރު މުހިންމު ކަންތައްތަކެއް ހުރެއެވެ. އެއްކަމަކީ ރާއްޖެއާއި ދުނިޔޭގެ ފެންވަރުގެ އެތްލީޓުންގެ ހަރަކާތްތައް ބަލައި ދިރާސާ ކުރުމެވެ. އަނެއް ކަމަކީ ރާއްޖޭގެ ރެކޯޑްތައް ބަލައި ދިރާސާކޮށް، ރެކޯޑްތައް ޤަވާއިދުން ބަލަހައްޓައި އެ މުގުރާލަން މަސައްކަތް ކުރުމެވެ. މިއީ މަދު އެތްލީޓެއްގެ ފަރާތުން ނޫނީ ނުފެންނަ ކަމެކެވެ.
" ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތްލީޓުންގެ ދުވުމާއި އެމީހުންގެ ވާހަކަތަ ކިޔާނެ. ބަލާނެ. އެއާއެކު ރާއްޖޭގެ އެތްލެޓިކްސްގެ ރެކޯޑްސް ޤަވާއިދުން ޗެކްކުރާނެ. އަދި އެ މުގުރާލެވޭނެތޯ ބަލާނީ" ޔޫނުސްއަށް އަންނަ ކުރިއެރުން އެންމެ ކައިރިން ފެންނަނީ އޭނާގެ މަންމަ އާތިފާ އަށެވެ.

"މި ފަހަރުވެސް މުބާރާތަށް ދިއުމުގެ ކުރިން ރެކޯޑްތައް ޗެކްކުރި. ސީދާ އެ ރެކޯޑް މުގުރާލަން އަޒުމް ކަނޑައަޅައިގެން މުބާރާތަށް ދިޔައީ ވެސް"
ޔޫނުސް އެންމެ ދެރަވީ، އޭނާގެ އެ ކުލަގަދަ ކާމިޔާބީ ފާހަގަކުރިއިރު، ބޮޑު މަންމަ ނެތީމައެވެ. ބޮޑު މަންމަ ނިޔާވުމަކީ އެއީ ޔޫނުސްއަށް ފުން އަސަރުތަކެއް ކުރުވި ކަމެކެވެ. ލިބޭ ކޮންމެ ކާމިޔާބެއް ފާހަގަކޮށް ހިތްވަރު ދިން އެކަކީ އެއީއެވެ. އެހެންވެ އޭނާގެ މެޑަލްތައް ޚާއްޞަ ކުރީ ވެސް ބޮޑު މަންމައަށެވެ.

ޔޫނުސްއަށް ލިބުނު ކުރިއެރުންތަކާއި ކަމިޔާބީގައި މަރަދޫ ސްކޫލާއި ޓީޗަރުންނާއި ޕްރިންސިޕަލްގެ އެހީތެރިކަން އެ އާއިލާއިން ފާހަގަ ކުރެއެވެ. އަދި ކޯޗުންގެ އިތުރުން، ތިނަދޫ ނަދީމާއްތައާއި ޔޫނުސްގެ ބެސްޓް ފްރެންޑްގެ މަންމަ މަރިޔަމް ސާއިދާގެ ނަން ވެސް އެ އާއިލާއިން ވަކިން ފާހަގަ ކުރިއެވެ.

ޔޫނުސްގެ ބައްޕަ ހުސައިން ލިރާރަކީ ވެސް ޝަރަފުއްދީން ސްކޫލަށް، އެތްލެޓިކްސްއިން ވަނަތައް ހޯދައިދީ އެ ސްކޫލް ފަޚުރުވެރިކޮށް ދިން އޭރުގެ ދަރިވަރެކެވެ. މިއަދު ޔޫނުސް އެ ހިނގަނީ ބައްޕަ ހިނގި މަގުންނެވެ. އެއަށްވުރެ ޔޫނުސް އަޅަމުންދަނީ މާ ބާރު ފިޔަވަޅުތަކެވެ.
ސުލްޠާން ސައީދުގެ ކޯޗް ކަމުގެ ދަށުން ޔޫނުސް އަޅަމުން ގެންދާ ހަލުވި ފިޔަވަޅު ތަކުން ފެންނަމުން ދަނީ އެއީ ކުރިމަގަށް ފައްކާ ވަމުން އަންނަ ހުނަރުވެރި އެތްލީޓެއް ކަމަށެވެ. އެކަން އޭނާ އެ ދަނީ ސާބިތުވެސް ކޮށްދެމުންނެވެ.
advertisment
ހިޔާލު