ފުރާވަރު އުމުރަކީ އާއްމު ގޮތެއްގައި މިސްރާބެއް، ހަރުދަނާ ވިސްނުމެއް ނެތި ގިނަ ވަގުތު ކުޅިވަރާ މަޖަލުގައި ކުދިން ހޭދަކުރަމުން އަންނަ ދުވަސްތަކެކެވެ. ދުނިޔޭގެ ދިރިއުޅުމާ، އިޖުތިމާޢީ، ސިޔާސީ އަދި ތިމާވެށީގެ މައްސަލަތަކާމެދު ވިސްނައި އެކަމާ ފިކުރުކުރުމަކީ މިއުމުރުގައި އެކުދިންގެ ފަރާތުން ފެނުން ވަރަށް ނާދިރު ކަންކަމެވެ.
ނަމަވެސް މި އާރޓިކަލްގައި ފާހަގަކޮށްލާ 3 ކުދިންނަކީ، މިދެންނެވި ވިސްނުމާ ތަފާތު ކުދިންތަކެކެވެ. މިކުދިންގެ ވިސްނުމާ ފިކުރު އަދި ޢަމަލުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް އެތައް ކަމެއް ގެނެސް، އެއިން ބައެއް ކަންކަން ބަދަލުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ގްރޭޓަރ ތަންބާރގް
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ، އެކަމާ ގުޅޭގޮތުން އެންމެ އިސްކޮށް މަސައްކަތް ކުރާ އެއް ފަރާތަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ ގްރޭޓަރ ތަންބާރގުއެވެ. ސްވިޑިޝް އަށް އުފަން ގްރޭޓަރގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ، 2018 ވަނަ އަހަރު "ސްކޫލް ސްޓަރައިކް މޫވްމަންޓް" ގެ ނަމުގައި ސްވިޑިޝްގެ ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި އިހްތިޖާޖު ކުރުމަށް ބޭއްވި އެއްބައިވަންތަކަމުގެ އެއްވުމުންނެވެ. ކުލާހުން ނުކުމެގެން އެއްމިލިއަން ކުދިން ހިނގާފައި މި އިހްތިޖާޖުގައި ބައިވެރިވުމަށް ދިޔައެވެ.
"މިކަންކަމުގެ ޒިންމާ އަހަރެމެން ނަގަންޖެހެނީ، ކުޑަކުދިންތަކެއް ގޮތަށް އަހަރެމެން ގައުމުތަކުގެ ވެރިން އަމަލުކުރާތީ. މިއީ މީގެ އެތައް ދުވަހެއް ކުރިން ފިޔަވަޅު އެޅި އެއަށް އަމަލުކުރަންޖެހޭ ކަންކަން."
މިއީ އދ. ގެ "ކްލައިމެޓް ޗޭންޖު ސަމިޓް" ގައި ގްރޭޓަރ ދެއްކި ވާހަކައިގެ ތެރެއިން އެތައް ބައެއްގެ ސަމާލުކަމަށް އައި އެއް ވާހަކައެވެ.

މަލާލާ ޔޫސަފާޒީ
ޠާލިބާނުންގެ ބާރުގެ ދަށުގައި އަންހެން ކުދިންނަށް ކިޔެވުމަށް ހުރި ދަތިތަކާ ގުޅޭގޮތުން، އުމުރުން 11 އަހަރުގައި މަލާލާ، ކާކުކަން ނޭނގޭ ގޮތަށް ލިޔުނު ޑައިރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުވެ އެކަމަށް ދުނިޔޭގެ ވަރަށްގިނަ ފަރާތްތަކެއްގެ ސަމާލުކަން ލިބުނެވެ. މިއާއެކު، އެއްވެސް ބިރެއް ހުރަހެއްނެތި މަލާލާ އާއި އޭނާ ކަހަލަ އެހެން އަންހެން ކުދިންނަށް ކިޔެވުމަށް ހުރި ދަތި އުނދަގޫތަކުގެ ވާހަކަތައް މަލާލާ ދިޔައީ ހިއްސާކުރަމުންނެވެ. ޓީވީ ޗެނަލްތަކާއި ނޫސް މަޖައްލާތަކަށް، އަންހެން ކުދިންގެ ކިޔެވުމަށް ހުރި ބިރުވެރި އަދި އުނދަގޫ ހުރަސްތަކުގެ ވާހަކަ ކިޔައިދެމުން މިކަމުން ސަލާމަތްވެ އަންހެން ކުދިންނަށްވެސް، ފިރިހެން ކުދިން ފަދައިން ތަޢްލީމު އުނގެނުމުގެ ހައްގު ދިނުމަށް ގޮވާލާ ވާހަކަ ދައްކަމުން އައެވެ. ނަމަވެސް، އޭގެ 3 އަހަރު ފަހުން މަލާލާ ދަތުރުކުރަމުން އައި ސްކޫލު ބަހަކަށް ހަމަލާދީ، މަލާލާގެ ބޮލަށް ބަޑިއަކުން ހަމަލާދިނެވެ.
މިހަމަލާއިން ސަލާމަތްވެ، މަލާލާ ގޮވާލަމުން އައި ކަންތަކަށް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ފެށިއެވެ. އަދި މި ހަމަލާ ވެގެންދިޔައީ، ގިނަ ގައުމުތަކާއި ބޮޑެތި މީޑިޔާތަކުގެ ސަމާލުކަން އޭނާއަށް ލިބި، އެ މަސައްކަތްތަކަށް އެއްބާރުލުން ލިބުނި ކަމަކަށެވެ. 2014 ވަނަ އަހަރު "ނޮބެލް ޕީސް ޕްރައިޒް" ލިބުނު މަލާލާ ވެގެން ގޮސްފައިވަނީ އެންމެ ޅައުމުރުގައި މި އެވޯޑު ހާސިލްކުރި ފަރާތްކަމުގައި ވެފައެވެ.
"މީ އަހަރެންގެ އެކަނި އެވޯޑެއް ނޫން. މިއީ އަހަރެން ކަހަލަ ކިޔެވުމުން މަހުރޫމުވެފައިވާ ހުރިހާ ކުދިންގެ އެވޯޑެއް" މިއީ އެވޯޑާއި ހަވާލުވެ ދެއްކި ވާހަކައިގައި މަލާލާ ފާހަގަކުރެއްވި މުހިއްމު އެއް ކަމެވެ.

އެމާ ގޮންޒާލޭޒް
2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބަޑި ހިފައިގެން ހުރި މީހަކު އެމެރިކާގެ ފްލޮރިޑާގައި ހުންނަ "މާރޖޮރީ ސްޓޯންމޭން ޑަގްލަސް ހައި ސްކޫލް" އަށް ހަމަލާދީ 17 ކުދީން މަރާލި ހާދިސާއަކީ، އެމެރިކާ ސްކޫލުތައް ސިއްސުވާލި ނުރައްކާތެރި ހަމަލާއެކެވެ. ކުދިން ކިޔެވުމަށް ދިއުމަށް ނަފުސާނީ ގޮތުން އެތައް އަސަރެއް ކުރުވި މި ހަމަލާއާ ގުޅިގެން ބެލެނިވެރިންގެ ހިތްތަކުގައިވެސް ބިރުވެރިކަން އުފެދުނެވެ.
ނަމަވެސް، މިހަމަލާއާ ގުޅިގެން އެސްކޫލުގެ ގިނަ ކުދިން ހިތްވަރު އައުކޮށް ބަޑިން ހަމާލާދީ އަނިޔާވެރިވުމާ ދެކޮޅަށް ގައުމީ ކެމްޕޭނެއް ފެށިއެވެ. އުމުރުން 18 އަހަރުގެ އެމާ ގޮންޒާލެޒްއަކީ މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ދަރިވަރެވެ. "ނެވަރ އެގެއިން އެމް.އެސް.ޑީ" ގެ ނަމުގައި ބަޑިން ހަމާލާދީ އަނިޔާވެރިވުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގްރޫޕެއް އެކުލަވާލިއެވެ.
2018 ވަނަ އަހަރު ވޮޝިންޓަންގ ޑީސީގައި މިހަރަކާތުން ބޭއްވި ހިނގާލުމުގައި އެތައް ބަޔަކަށް އަސަރުން ފުރިފައިވާ ތަޤުރީރެއް ދިނެވެ. މި ތަޤުރީރުގައި، އެދުވަހުގެ ހަމަލާގައި މަރުވި ކުދިންގެ ނަންތައް، އެމާ ކިޔުއްވީ ވަރަށްވެސް އަސަރާއެކުގައެވެ.
އެމާ ގޮންޒާލެޒްގެ މި ހަރަކާތާއި ގުޅިގެން ފްލޮރިޑާގެ ގާނޫނު ހަދާ ފަރާތްތަކުން، ބަޑި ގެންގުޅުމުގެ ގާނޫނަށް ބަދަލު ގެނައެވެ. އުމުރުން 18 އަހަރުގައި ބަޑި ގެންގުޅުމުގެ ހުއްދަ ކުރިން ދީފައި އޮތް އޮތުން 21 އަހަރަށް ބަދަލު ކުރެވުނެވެ. އަދި ސްކޫލުތަކާއި ކުދިންގެ ރައްކާތެރިކަމަށް އިތުރު ކަންކަން ހިމަނައި ގަވާއިދުތައް އައުކުރެވުނެވެ.
advertisment
ހިޔާލު