ނަބީހާ، ރާއްޖެއާއި ރާއްޖެއިން ބޭރުން ވަނަ ހޯދީ އެހެން ކުދިންނަށް އޮޅުންފިލުވައިދީގެން

ނަބީހާ، މަންމައާއި ބައްޕައާއެކު: ކާމިޔާބީގައި އެ ދެމީހުންގެ ހިއްސާ ބޮޑު-

އޭނާ ހޯދީ އިނގިރޭސިން މުޅި ދުނިޔެއިން އެއް ވަނަ، ބައޮލޮޖީއާއި ފިޒިކްސްއިން ރާއްޖެއިން އެއް ވަނަ

ފާއިތުވި އަހަރު ހއ. ކެލާގައި ހުންނަ ޝެއިޙް އިބްރާޙިމް ސްކޫލުން، ސާނަވީ އިމްތިޙާނުގައި ބައިވެރިވި  އައިޝަތު ނަބީހާ އަމީން ހޯދީ އެ ސްކޫލަށާއި ރަށަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ. ރަށު ސްކޫލުން ކިޔަވައިގެން އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ، ބައޮލޮޖީއާއި ފިޒިކްސްއިން ރާއްޖެއިން އެއް ވަނަ ނަބީހާ ވަނީ ހޯދާއެވެ. ޤައުމީ ގަދަ ދިހައެއްގެ އެއް ވަނަ އެ ސްކޫލުގެ ދަރިވަރުން ހޯދި ނަމަވެސް ދުނިޔޭގެ ވަނައެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެންވެ ނަބީހާ ވީ އެ ސްކޫލުގެ އެންމެ ފަޚުރުވެރި ދަރިވަރަށެވެ.

ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ނަބީހާ ދިޔައީ ސާނަވީގެ ގަދަ ދިހައެއްގެ އެއް ވަނަ އަށެވެ.

ދަރިވަރު ނޫހާ ވާހަކަ ދައްކަމުން ނަބީހާ ބުނީ، އިނގިރޭސި މާއްދާއިން ދުނިޔޭގެއިން އެއް ވަނަ ލިބުނަސް އޭނާ އުއްމީދުކުރީ ހިސާބުން ދުނިޔޭގެ ވަނައެއް ލިބޭނެ ކަމަށެވެ. ހުރިހާ މާއްދާއަކަށް ވެސް އޭނާ ޝަޢުޤުވެރިކަން ހުއްޓަސް އެންމެ ޝަޢުޤުވެރިކަމާ އެކު ކިޔަވާ ހިތުން ކިޔެވީ ވެސް ހިސާބު މާއްދާއެވެ.

" ޓެސްޓަށް ދިޔައިރު ވެސް ކޮންފިޑެންސް އޮތް ވަނައެއް ލިބޭނެ ކަމުގެ. އެކަމަކު އެންމެ މާކުހެއް މަދުވެގެން ހިސާބުން ވަނަ އެއް ނުލިބި ދިޔައީ" ނަބީހާ ބުންޏެވެ.

ކިޔެވުމަށް ހޭދަކުރަންވީ، " ކޮލިޓީ ވަގުތު ކޮޅެއް"

ނަބީހާ ބަލަނީ ނޭނގޭ އެއްޗެއް އެހެން ކުދިންނަށް އޮޅުންފިލުވައި ދީގެން ކިޔަވާށެވެ. އޭނާއަށް ކިޔަވަން ފަސޭހައީ ވެސް އެހެން ކުދިންނަށް ކިޔައިދީ، އޮޅުންފިލުވައި ދީގެންނެވެ. އެއީ ކިޔެވުމުގައި އެނާ ގެންގުޅުނު ހުނަރު ތަކުގެ ތެރެއިން އެއް ހުނަރެވެ. އޭގެ ސަބަބުން އޭނާއަށް ލިބެނީ ކިޔެވުމުގެ އުފަލާއި އެހެން ކުދިންނަށް އެހީތެރިވެވުމުގެ ހިތްހަމަޖެހުމެވެ.

" ދޭހަވާ އެއްޗެއް އެހެން ކުދިންނަށް ކިޔައިދީ، ނެނގޭ އެއްޗެއް އޮތިއްޔާ ބުނެދީ، ފިލާވަޅު ހަދަން އެހީތެރިވުމުން އޭގެ ފައިދާ އަޅުގަނޑަށް ކުރޭ. އޯލެވެލް ފެށެންދެން ކުދިން ގެއަށް ގެނެސްގެން ވެސް އެ މަސައްކަތް ކުރިއަށް ގެންދިޔައިން" ސްކޫލްގެ ކެޕްޓަންގެ ކަމުގެ ޒިންމާ ވެސް އުފުލި ނަބީހާ ބުންޏެވެ.

ނަބީހާ ބުނީ، ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކިޔަވަން ހޭދަކުރާ ވަގުތަކީ ކޮލިޓީ، ކިޔެވުމަށް ފޯކަސް ކުރެވޭ ވަގުތަކަށް ހަދަން އިސްކަންދޭ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގައި ވެސް ކިޔަވަން ހޭދަކުރާ ވަގުތުގެ ދިގުމިން ކަނޑައަޅަނީ އެ ދުވަހަކު ދޭ ފިލާވަޅެއްގެ މައްޗަށް ކަމަށެވެ.

" ކިޔަވަން ހޭދަކުރާ ވަގުތު ޑިޕެންޑް ވަނީ އެ ދުވަހަކު ނަގައިދޭ ފިލާވަޅަކުން ދޭ މަސައްކަތެއްގެ މައްޗަށް. މަސައްކަތެއް ނުދޭ ކަމަށް ވަންޏާ ކިޔަވަން ހޭދަކުރާ ވަގުތު މަދުވާނެ. ޓެސްޓް ކައިރިވީމާ ދުވާލަކު ތިން ގަޑިއިރު މަދުވެގެން ކިޔެވުމުގައި ހޭދަކުރަން" ކިޔެވުމުގައި ނަބީހާ ވަގުތު ހޭދަކުރާ ގޮތް ތަފުޞީލުކޮށް ދިނެވެ.

ކުރިން ބޭނުންވީ މެޑިސިން ހަދަން، މިހާރު އެހެން ދިމާލަކަށް

އެންމެ ކުޑައިރުއްސުރެ ވެސް ނަބީހާ ދެކެމުން އައި ހުވަފެނަކީ ޑޮކްޓަރަކަށް ވުމެވެ. ދާދި ފަހަކާ ޖެހެންދެން ވެސް އެ ވިސްނުން އޭނާ ގުންގުޅުނެވެ. އެކަމަކު ސާނަވީއަށްފަހު މަތީ ސާނަވީގެ ކިޔެވުން ފަށައިގެން ކުރިއަށްދާ ވަރަކުން ދުނިޔެއަށް ލޯ ހުޅުވި ގިނަ މައުލޫމާތު ލިބެން ފެށުމާއެކު އެ ވިސްނުން ބަދަލު ކުރުމުގެ ވިސްނުމެއް ނަބީހާ ގެންގުޅެއެވެ. އެކަމަކު ކުރިއަށް ދާނީ ކޮން ދާއިރާއަކުންތޯ އަދި ނުނިންމައެވެ.

" ކުޑައިރުއްސުރެ ހިތުލައިގެން ހުރީ މެޑިސިންގެ ދާއިރާއިން ކުރިއަށްދާން. މަތީ ސާނަވީގައި ކިޔަވަން ފެށުމަކީ ދުނިޔެއަށް ލޯ ހުޅުވެން ލިބުނު ފުރުޞަތެއް. އެ ތަޖުރިބާގެ އަލީގައި މިހާރު، ދާއިރާ ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅެން. އެކަމަކު އެއީ ކޮން ދާއިރާއަކުންތޯ އަދި ނިނިންމަން. އެކަމާ ވިސްނަމުން މި ދަނީ" ނަބީހާ ބުންޏެވެ.

ނަބީހާ ބުނީ، އޭނާގެ ކާމިޔާބީގައި ގިނަ ފަރާތްތަކެއް ޝާމިލުވާ ކަމަށެވެ.

" އެންމެ ފުރަތަމަ ވެސް މި ލިބުނު ކާމިޔާބަށް ﷲ އަށް ހަމްދު ކުރަން. ސްކޫލާއި ޓީޗަރުންނާއި މައިންބަފައިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޚާއްޞަ ޝުކުރެއް އަދާކުރަން"

ނަބީހާ ބުނީ، ޕްރިންސިޕަލް މުހައްމަދު ފަޔާޒު ސަރއާއި ލީޑިންގ ޓީޗަރުންނާއި، ޚާއްޞަކޮށް ގުރޭޑް 9އާއި 10ގައި ކިޔަވައިދިން ޓީޗަރުން ކޮށްދިން މަސައްކަތްތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

" އަޅުގަނޑަށްވުރެ ބޮޑަށް އެ ޓީޗަރުން ކާމިޔާބީ ހޯދައިދޭން މަސައްކަތް ކުރި" ނަބީހާގެ ތަޢުރީފު މުދައްރިސުންނަށް އޮއްސާލިއެވެ.

ނަބީހާ ވަނީ ސްކޫލުގައި ހިންގި ގިނަ ހަރަކާތްތަކުން ރަން ވަނަތަކެއް ހޯދާފައެވެ. އަދަބީ އެތަކެއް މުބާރާތުގައި ބައިވެރިވެ އެތައް ކާމިޔާބީތަކެއް އޭނާ ހޯދިއެވެ.

ނަބީހާ ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕަ އަދި ދެ ކޮއްކޮއާއި ތިއްތަގެ އިތުރުން ތާތަ ބައިވެރިވާ ކަމަށާއި އެމީހުންނާ ނުލައި އެ ނަތީޖާ ނުހޯދޭނެ ކަމަށެވެ. ޚާއްޞަ ގޮތެއްގައި ފާހަގަކުރީ މަންމައާއި ބައްޕަގެ ނަމެވެ.

" މަންމައާއި ބައްޕައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިއީ އަޅުގަނޑުގެ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުން"

ސީއެޗްއެސްއީގައި މަތީ ސާނަވީއަށް ކިޔަވަމުންދާ ނަބީހާ ދަނީ ސާނަވީން ހޯދި ފަދަ ކާމިޔާބެއް މަތީ ސާނަވީގައި ވެސް ހޯދަން ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *