ޓީމު ހަމަނުވެގެން ކުޅެން އެރި އަލްވާ، ހޭންޑްބޯޅައިން ލާމަސީލު ކުއީނަކަށް

ކޮންމެ ދުވަހަކު ހަވީރު ކުޅެން ދިއުމަކީ އެއީ ރަށްފުށުގެ އާދައެކެވެ. އެއް އުމުރެއްގެ ކުދިން އެއްތަނަކަށް އެއްވެ ކުޅެނީ އެ ކުދިންނަށް ލިބޭ ހިތްހަމަޖެހުމަކަށެވެ. ކުޅިވަރުން އެ އެކުދިން އުފާ ހޯދަމުން އައީ މާ ބޮޑު މުބާރާތެއްގައި ކުޅޭކަށް ވެސް ނޫނެވެ. އެކަމަކު އެކަމުގެ ތެރެއިން އުފެދިގެން އަންނަނީ އެތައް ހުނަރުވެރި ކުޅުންތެރިންނެވެ.

ލ. ފުނަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 5ގައި އޭރު ކިޔަވަމުން ދިޔަ އަލްވާ އާދިލް އޭރު ހުންނަނީ އެހެން ކުދިން ކުޅޭތަން ބަލާށެވެ. ކުޅެން އޭނާ އަރަނީ ކުދިން ހަމަނުވާ ދުވަސްދުވަހުއެވެ. އޭރު ޓީމް ހަމަކުރަން ކޯޓަށް އަރާ ކުޅުންތެރިޔާއަކީ މިއަދު ހޭންޑް ބޯޅައިގެ ލާމަސީލު ކުއީނެކެވެ. ނިމިގެން ދިޔަ ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ. 17 ނަމްބަރު ޖޯޒީގައި ކުޅެން ނުކުމެ އަލްވާ ވަނީ 28 ލަނޑު ޖަހާދީފައެވެ.

އިންޓަރ ހައުސް ފެންވަރުގައި ކުޅެމުން އައި އަލްވާ އިންޓަރ ސްކޫލް ފެންވަރުގައި ކުޅެން ފެށީ މިދިޔަ އަހަރު ލާމުގައި ބޭއްވި ހޭންޑް ބޯޅަ މުބާރާތުގައެވެ. އޭގެ ފަހުން ކުޅުނީ މި އަހަރުއެވެ. ފާއިތުވި އަހަރު އޭނާއަށް މާ މޮޅު ކުޅުމެއް ނުދެއްކެއެވެ. އެހެންވެ އޭނާ ތައްޔާރުވީ މި އަހަރުގެ މުބާރާތަކަށެވެ. އުއްމީދު ވެސް ކުރީ އެ މުބާރާތުން ރަނގަޅު ހިސާބަކަށް ދާށެވެ. އެއީ އެ މުބާރާތުގައި އޭނާ ކުޅޭނެ ފަހު އަހަރަށް ވާނެތީއެވެ.

ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގައި އަލްވާ އުއްމީދު ކުރީ ޗެމްޕިއަންކަން ވެސް އޭނާގެ ޓީމަށް ލިބޭނެ ކަމަށެވެ. ފައިނަލާ ކުރިމަތިލީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ވަރަށް ބޮޑު އުއްމީދަކާއެކުގައެވެ. ފައިނަލުގައި ބަލިވީ، އަލްވާ ބުނާގޮތުން ނަމަ މަސައްކަތް ނުކުރެވިގެން ނޫނެވެ. ނަސީބު އެދުވަހު ނެތީއެވެ.

ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. ގަމުގައި ހުންނަ ޙަމަދު ސްކޫލުން ހޯދީ އެންމެ ދެ ލަނޑުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމުގެ ތެރެއިން ވަގުތު ޖެހުނުއިރު ޙަމަދުން 10 ލަނޑު ޖަހައިފިއެވެ. ލ. އޭއީސީއަށް ވައްދާ ލެވުނީ އަށް ލަނޑެވެ.

އަލްވާ ބުނީ ކުޅެން އެންމެ އުނދަގޫ ޓީމާ ދެކޮޅަށް ނުކުތީ އުއްމީދާއެކުގައި ކަމަށާއި އެކަމަކު އެ ދުވަހު ނަސީބު އަތުގައި ނުހިފީކަމަށެވެ.

" މޮޅުވަން ވަރަށް މަސައްކަތް ކުރިން، ލީޑްވެސް ނެގުނު. ނަޞީބު އަތުގައި ނުހިފީ" އަލްވާ ބުންޏެވެ.

އަލްވާގެ ކުރިއެރުމުގައި ކޯޗްގެ ދައުރުބޮޑެވެ. ކުރިން ނޭނގޭ އެތައްކަމެއް ކޯޗްގެ ކައިރިން ދަސްކުރީ ހޭންޑް ބޯޅައަށް އޭނާ ބަހައްޓާ ޝަޢުޤުވެރިކަމާ އެކީގައެވެ.

އަލްވާ ހުރީ ހޭންޑް ބޯޅަ ދޫކޮށްލާ ގޮތަކަށް ވެސް ނޫނެވެ.

"އަދި ބޭނުންވާ ހިސާބަކަށް ނުދޭ. ޤައުމީ ފެންވަރުގައި ކުޅެން ބޭނުން. ޤައުމީ ޓީމަށް ވެސް ކުޅެން ބޭނުން" އަލްވާ ދައްކައި ދިނީ ކުރިމަގުގައި ޤައުމީ ޓީމާ ދިމާލަށް ދެވޭނެ ކަމުގެ ހުނަރެވެ.

ބިޒްނަސް ސްޓްރީމްގައި ކިޔަވަމުންދާ އަލްވާ ބޭނުންވަނީ ސިފައިންގެ މީހަކަށް ވާށެވެ. އެއީ މާ ކުރިންސުރެ އޭނާގެ "ޑްރީމް" އެކެވެ.

އަލްވާ ބޭނުންވަނީ ސިފައިންގެ ޚިދުމަތުގައި މަސައްކަތް ކުރި ނަމަވެސް ހޭންޑް ބޯޅައިން ކުރިއަށް ދާށެވެ. އެއީ މިހާރު އޭނާގެ އުއްމީދާ ގުޅިފައިވާ ކުޅިވަރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *