ތަޢުލީމީ ދާއިރާގައި 36 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު އަޙްމަދު ވަހީދު (ވަހީދު ސަރ) މުސްކުޅި ކުރެއްވުމަކީ އެއީ ކަލާފާނު ސްކޫލާއި މުޅި ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ފަޅުކަމެކެވެ. ކަލާފާނު ސްކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަހީދު ސަރގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް އެ ސްކޫލުން ޚާއްޞަ އެސަމްބްލީއެއް ބޭއްވިއެވެ. އެ ސަމްބްލީގައި ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ. އެ އެންމެންގެ ފަރާތުން ވަހީދު ސަރއަށް އޮތީ ލޯތްބާއި އިޚްތިރާމެވެ. ވަކިވުމުގެ ހިތާމައެވެ.
ވަހީދު ސަރގެ ތަޢުލީމީ ދަތުރު ފެއްޓެވީ 1988 ވަނަ އަހަރު، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެސިސްޓެންޓް ސްޕައިވައިޒަރު ކަމުން، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 1999 ވަނަ އަހަރު ހެޑްމާސްޓަރެއްގެ ގޮތުގައި އުފަން ރަށް ހއ. ކެލާގައި ހުންނަ މަދަރަސަތުލް ޝެއިޚް އިބްރާހިމް ސްކޫލާ ގުޅިވަޑައިގެންނެވިއެވެ. ތަޢުލީމީ ދާއިރާއަށް އައި ބަދަލާއެކު 2009 ވަނަ އަހަރު އެސިސްޓެންޓް ހެޑްމާސްޓަރުންގެ މަޤާމް ޑެޕިއުޓީ ޕްރިންސިޕަލުންނަށް ބަދަލު ބަދަލު ކުރުމުން، 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރު ހުންނެވީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަޤާމުގައެވެ. އެ ސްކޫލުގައި މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރު އަހަރެއްހާ ދުވަހު ހަނިމާދޫ ސްކޫލު ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއެވެ.

މަޑުމައިތިރި އެންމެންނާ ގުޅޭ ވަހީދު ސަރ، މާލެއަށް ހިޖުރަކުރެއްވީ، ރަށުގައި ހުންނަވައިގެން އޭލެވެލްއަށް ދަރިންނަށް ކިޔަވައިދެވޭނެ ފުރުޞަތެއް ނެތުމާއެކު 2012 ވަނަ އަހަރުއެވެ. އެ އަހަރު ރިސޯސް ދިވެހި ޓީޗަރެއްގެ ގޮތުން ކުޑަ ދުވަސްކޮޅަކު ޣާޒީ ސްކޫލުގައި މަސައްކަތް ކުރެއްވިއެވެ. 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަށް މަސައްކަތް ކުރެއްވީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދިވެހި މުދައްރިސަކަށެވެ. ހަތް އަހަރު އެ ސްކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު، 2020 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދެވީ ކަލާފާނު ސްކޫލުގެ ދިވެހި މުދައްރިސަކަށެވެ.
ވަހިދު ސަރ ވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސް އޮފް އާޓްސް އިން ދިވެހި ލޭންގްއޭޖްއިން މާސްޓަރސް ހައްދަވާފައެވެ. ފުރަތަމަ ޑިގްރީއާއި ޑިޕލޮލާ ހެއްދެވީ ވެސް ދިވެހި ލޭންގުއޭޖްއިންނެވެ.
ވަހީދު ސަރގެ 36 އަހަރުގެ ތަޢުލީމީ ދަތުރުގައި، ޕްރިންސިޕަލްކަން ފިޔަވައި އެހެން ހުރިހާ އިސް މަގާމެއް ސްކޫލްތަކުގައި އަދާކުރެއްވިއެވެ.
" ޕްރިންސިޕަލަކަށް ނުވި ނަމަވެސް ސްކޫލް ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އެ ޒިންމާ ވެސް ނެގިން" ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން ވަހީދު ސަރ ވިދާޅުވިއެވެ.

ވަހީދު ސަރ ވިދާޅުވި ގޮތުގައި އޭނާ ކިޔަވައި ދެއްވި އެތައް ދަރިވަރުންނެއް ޒިންމާދާރު ވަޒީފާ ތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވުމަކީ އެއީ ލިބިވަޑައިގަންނަވާ އުފަލެކެވެ. ވަޒީރުންނާއި ޑޮކްޓަރުންނާއި ނަހުންނާއި ޕައިލެޓުންނާއި ޕްރިންސިޕަލުންގެ ގޮތުގައި ވެސް ވަހީދު ސަރގެ ކިޔަވައިދެއްވި އެތައް ބޭފުޅުންނެއް އެބަތިއްބެވިއެވެ.
" އުފަލަކީ އެއިން ކޮންމެ ބޭފުޅަކު ދިމާވިޔަސް އެ އިޙްތިރާމް އޮންނާތީ" ވަހީދު ސަރ ވިދާޅުވިއެވެ.
ވަހީދު ސަރ ވިދާޅުވީ، ޣިޔާޘުއްދީނާއި ކަލާފާނު ސްކޫލުގައި ވެސް ދިވެހި ބަސް ކިޔަވައި ދެއްވުމާއި ވާހަކަ ދެއްކުމުގެ ފަންނުގައި ދަރިވަރުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނު ކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ. ވާހަކަދެއްކުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމާއި އެސްއެސްސީގައި ދަރިވަރުން ހޯދި ނަތީޖާއިން އެކަން ފެންނަން އެބަ އޮތް ކަމަށް ވަހީދު ސަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު ކަލާފާނު ސްކޫލުގެ ގުރޭޑް 10އަށް ދިވެހި ކިޔަވައި ދެއްވައި، އެ ކިޔަވައިދިން ދަރިވަރުންގެ 80 އިންސައްތަ ދަރިވަރުން ފާސްވެ، ހަތަރު ދަރިވަރަކަށް ދިވެހިން އޭ ސްޓަރ ލިބުނެވެ.
ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ތަޢުލީމީ ދާއިރާއާ މިއަދު ދުރުގައި ހުންނެވި ނަމަވެސް ވަހީދު ސަރގެ ހިތް އޮތީ ސްކޫލުގެ ހަތަރުފާރުގެ އެތެރޭގައެވެ.
advertisment
ހިޔާލު