ދެމެހެއްޓެނިވި ތަރައްޤީއަށް އުނގަންނައިދިނުން

ޑރ. އާމިނަތު ޝާފިޔާ އާދަމް

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ޢިލުމީ ލިޔުންތަކުގައ އެންމެ ގިނައިން ބަހުސުކުރެވޭ އެއްމައުޟޫޢަކީ ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒު ހިފައިގެން ތަޢުލީމީ ނިޒާމު ބައްޓަންކުރުމާ ގުޅޭ ގޮތުންނެވެ. ދެމެހެއްޓެނިވި ތަރައްގީގެ ތަޢުލީމުގައި ސަމާލުކަން ދޭން ޖެހެނީ ދިރުންތަކާއި ދިރުންތަކުގެ ނިޒާމާއި، ދުނިޔޭގެ ތަބީޢަތް ދަރިވަރުންނަށް ދަސްކޮށްދިނުމަށެވެ. ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭގޮތުން ގިނަ ލިޔުންތަކެއް ޝާއިޢު އެލިޔުންތަކުގައި ގޮވާލަނީ ދަރިވަރުންނަށް ދިރިއުޅުމުގެ އަސާސީ ހަގީގަތްތައް ދަސްކޮށްދިނުމަށެވެ. ދިރޭތަކެތި އެކަތި އަނެކެއްޗާއި ތަބީޢީގޮތުން ގުޅިލާމެހިފައިވާ ގޮތް އަންގައިދިނުމަށެވެ. ކިޔައިދޭން ޖެހެނީ ދިރޭތަކެތި ވަނީ އެއްބާވަތް އަނެއްބާވަތާއި ގުޅިލާމެހިފައިވާ ކަމެވެ. އެކުދިންގެ ލޯ ހުޅުވައިދޭން ޖެހެނީ ދިރޭތަކެތި ލައްވާފައިވަނީ އެކަތި އަނެކެއްޗަށް ބަރޯސާވެ ދިރުން ދައުރުވާގޮތަށް ކަމަށެވެ. މިއީ ދުނިޔޭގެ ދިރުން ރޭވިފައިވާ ނިޒާމެވެ. މި ވާހަކަ ކޮޅުން ފާހަގަކޮށްލަން ބޭނުންވާ މެސެޖަކީ ދުނިޔޭގެ ތަބީޢީ ނިޒާމަކީ ރައްކައުތެރިކޮށް ބެލެހެއްޓެންވާ އެއްޗެއް ކަމެވެ. ދުނިޔޭގައިވާ ކޮންމެ ދިރުމަކީ އޭގެ މައިގަނޑު ބޭނުމެއް ހިމެނޭ އެއްޗަކަށް ވާއިރު، އެކަތި ދުނިޔެއިން ނެތިދާއިރު، އެހެން ބައިވަރު ދިރުންތަކަކަށް އެކަމުން އަސަރު ކުރާކަމެވެ. ދުނިޔެއަކީ އެއާބެހޭގޮތުން ކިޔަވައިދޭން ޖެހޭ އެއްޗެކެވެ. މިގޮތުން ތަޢުލީމީ ނިޒާމުގެ ތެރެއަށް ދެމެހެއްޓެނިވި ތަރައްޤީގެ ތަޢުލީމު ހިމަނަން މިހާރުވަނީ ލާޒިމުވެފައެވެ. މި ފަދަ ތަޢުލީމެއް ފޯރުކޮށް ދިނުމަށް ބޭނުންކުރެވޭ އެންމެ މުހިންމު އެއް ބަހާއަކީ 'ދިރިއުޅުމަށް އުނގެނުން ނުވަތަ ލައިފްލޯންގް ލާރނިންއެވެ.

އުނގެނުމަކީ ދުނިޔޭގައި ދިރިއުޅުމަށް ކުރަންޖެހޭ ކަމެކެވެ. އުނގެނުމަކީ ދިރިހުރިހާ ހިނދަކު މިދުނިޔޭގައި އުޅުމަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަމެކެވެ. އުނގަންނައި ދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުހިފުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ 'ލައިފް ލޯންގް ލާރނިން ނުވަތަ މުޅި ޢުމުރަށް އުނގެނުން' ކަމުގައި މިހާރުގެ ޢިލުމީ ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. ބައެއް ލިޔުންތެރިން އިޝާރާތްކުރާގޮތުގައި މުޅި އުމުރަށް އުނގެނުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭ އުނގެނުމުގެ ބަހާއެކެވެ (ފީލްޑް، 2000).  ޚާއްޞަކޮށް މިލިޔުމުގައި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ލައިފްލޯންގް ލާރނިން ތަޢުލީމީ ނިޒާމުގައި ހިމަނާ ގޮތްތަކަށް އަލިއަޅުވާލައިފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި (1)މުސްތަގުބަލަށް އަމާޒުކޮށްގެން އުނގެނުން ފަރުމާ ކުރުން، (2) މުޖުތަމަޢާއި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކާއި ގުޅުވައިގެން ކިޔަވާ މާއްދާތަކުގެ މަޢުލޫމާތު ބޭނުންކުރަން ދަސްކުރުން، (3) އިޤްތިޞާދާއި ގުޅޭގޮތުން އުގެނުން، އަދި (4) ދުނިޔެއަންނަ ބަދަލުތަކާއެކު އާ ތަޢުލީމި ނިޒާމުތަކަށް ލޯހުޅުވުން ފަދަ ކަންކަމެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިފަދަކަންކަމަށް ސަމާލުވެވެނީ ކުޑަ މިންވަރަކަށެވެ. އާންމުގޮތެއްގައި ބެލެނީ ކުދިންނަށް މަޢުލޫމާތުތަކެއް ދަސްކޮށްދީ އެއިން އިމުތިހާނެއް ދިނުމަށްފަހު ލިބޭ ގްރޭޑަށެވެ. ރޮބިންސަން (2011) އޭނާގެ ފޮތް 'އައުޓް އޮފް އަވަރ މައިންޑްސް' ގައި އިޝާރާތްކުރައްވަނީ ދުނިޔެއަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކާ ކުރިމަތިލުމަށް ބޭނުންވަނީ  ހައި ސްޓޭކްސް ޓެސްޓިން  (ބޮޑެތި އިމުތިހާނުތައް) ތައް ހަދާ މަތީ ގްރޭޑް ހޯދާ ކުދިންނެއް ނޫންކަމެވެ. އެއާ ޚިލާފަށް ތަޢުލީމީ ނިޒާމުގައި ސަމާލުވާންވީ ދަރިވަރުންނަށް މި ބަދަލުވަމުންދާ ދުނިޔޭގައި ދިރިއުޅެން ދަސްކޮށްދިނުމަށެވެ. ދަރިވަރުންނަށް ދަސްކޮށްދެން ޖެހެނީ ދިމާވާ ކަންކަމުން ޢިބުރަތްހޯދާ، ގޯސްތަކާއި، ގޮތްހުސްވުންތަކުން އަރައިގަންނާނެ ގޮތެވެ. ލައިފްލޯންގް ލާރނިންއާ ބެހޭގޮތުން ކޮލިންސް (2004) ހާމަކުރަނީ އަމިއްލައަށް އިސްނަގައިގެން އުނގެނުމަކީ ދަރިވަރުންގެ ޒިންމާއެއް ކަމަށް ދަސްކޮށްދޭން ޖެހޭކަމެވެ. ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް އުނގެނުމަކީ ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތްތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅުން ހުރި އެއްޗަކަށް ހެދުމަށެވެ. ދިރިއުޅުމަށް އުނގެނުން ނުވަތަ ލައިފްލޯންގް ލާރނިން އަކީ މަސައްކަތު މާހައުލުގައި ކޮންމެ މުވައްޒަފެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު އެއް ޤާބިލިއްޔަތެވެ. އޭގެ ބޭނުމަކީ މަސައްކަތު މާހައުލުގައި ނުވަތަ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ އެކު އުޅެން އެނގުމާއި މި ގޮންޖެހުންތަކާއި ކުރިމަތިލުމަށް ނަފުސު ތަރުބިއްޔަތުވެފައި ހުރުމެވެ (ކޮލިންސް، 2009).  މިގޮތުން ތަޢުލީމު ފޯރުކޮށްދިނުމުގައި ކޮންމެ ޢުމުރުފުރައެއްގެ ދަރިވަރުންނަށް ވެސް މުހިންމު ދެތިން ކަމެއް ހިމަނާލާނަމެވެ.

  1. އުނގެނުން އަމިއްލަކުރުމަށް ބާރުއެޅުން

އުނގެނުމަކީ އަމިއްލަ ޒިންމާ އެއްކަމަށް ދަސްކޮށްދިނުމަކީ ކޮންމެ ޢުމުރުފުރައަކަށްވެސް އަދި ކޮންމެ މަރުހަލާއެއްގައި ކިޔަވާދަރިވަރަކަށްވެސް ދަސްކޮށްދެންޖެހޭ ކަމެކެވެ. އުނގެނުން ފަރުމާކުރާއިރު ދަރިވަރުންނަށް މިނިވަންކަން ދިނުމަކީ ބޮޑުވަމުން އަންނަ ވަރަކުން އެކުއްޖެއްގެ އަމިއްލަ ޚިޔާލުތައް ހިއްސާކުރުމާއި ދިރިއުޅުމުގެ ކަންކަމުގައި ސާބިތުކަމާއެކު ނިންމުންތައް ނިންމަން ދަސްވާކަމެކެވެ. މިކަމުގެ ސަބަބުން ދަރިވަރުގެ އަމިއްލަ ނަފުސުގެ އަގުވަޒަންކުރެވި، ގާބިލުކަން އިހުސާސްކުރެވި އަދި އެހެން މީހުންނަށް ވެސް އޭނާގެ އެހީތެރިކަން ދިނުމުގައި ފަސްނުޖެހޭނެއެވެ.

  1. ނުރަނގަޅުކޮށް ކުރެވޭ ކަންތައްތައް ފުރުސަތުތަކަށް ބަދަލުކުރުން

ގޯސްތަކުން/މިސްޓޭކްތަކުން ދަސްކުރުމަކީ ކޮންމެ މީހަކަށްވެސް މުޅި ޢުމުރަށް އުނގެނުމަށް މުހިންމު އެއް ހުނަރެވެ. ގޯހެއް ހެދުމުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ އަހަރުމެން އެންމެނަކީވެސް އިންސާނުންކަމެވެ. ހަދާންނެތުމާއި، ވަރުބަލިވުމާއި ފޫހިވުމާއި، ހިތްހަމަ ނުޖެހުމާއި، އުދާސްވުމާއި، އޮޅުން އެރުމާއި، މިއިން ކޮންމެ ކަމަކީ ވެސް އިންސާނީ ހަޤީޤަތްތަކެވެ. މި ޙަޤީޤަތްތަކަކީ އިންސާނީ ތަބީޢަތުގައިވާ ކަންކަމެވެ. އެހެން ކަމުން ކޮންމެ ތަޖުރިބާއަކީވެސް އުނގެނުމަށް ލިބޭ ފުރުސަތަކަށް ހެދުމަކީ މުހިންމު ކަމެކެވެ.

  1. އުނގެނުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން

އުނގެނުމުގައި މަޤްޞަދެއް އޮންނަން ޖެހެއެވެ. މީގެ މާނައަކީ ކޮންމެ ކަމެއް ވެސް ނިމޭއިރު ހާސިލުވާނެ ކަމެއް ސާފުކޮށް ކަނޑައެޅުމެވެ.  އުނގެނުމަކީ މާނަހުރި ބޭނުންތެރި ތަޖުރިބާއަކަށް ހަދަންޖެހެއެވެ. ލަނޑުދަނޑި ކަނޑައެޅުމަކީ މުޅި އުމުރަށް އުނގެނުމުގެ ހުނަރުތަކުގެ ތެރެއިން އުނގެނުމުގެ ޝައުގުވެރިކަން ވަރުގަދަކޮށްދޭ ހުނަރެކެވެ.

މިއަދު މިލިޔެވުނު ޚިޔާލުތަކަކީ ވެސް ތަޢުލީމީ ދާއިރާގެ މީހުން އިތުރަށް ވިސްނާލަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ވާހަކަ ކޮޅެކެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނައުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މިސައްކަތުގެ ތެރެއިން ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނޭރިން، އަދި މެތަމެޓިކްސް (ސްޓެމް) ފަދަ ދާއިރާތަކަށް ބޮޑަށް ބާރުއަޅައިގެން ތަޢުލީމީ ނިޒާމު ބައްޓަންކުރުމަކީ ލައިފްލޯންގް ލާރނިން ހިމަނާލެވިދާނެ މުހިންމު ގޮތެކެވެ. އޭގެ އިތުރުން ސްޓެމް ފަދަ ގޮތްތައް ސްކޫލުގެ ނިޒާމުގައި ރަނގަޅަށް ތަންފީޒު ކުރެވޭނަމަ ތަޢުލީމީ ނިޒާމުގައި ދެމެހެއްޓެނިވި ތަރައްޤީ ތަންފީޒުކުރުމަށް އެހީތެރިވެދޭނެއެވެ. ކުރިއަށް ލިޔާ ލިޔުންތަކުގައި މި ބައިތަކަށް އިތުރަށް އަލިއަޅުވާލުމަށް ވިސްނަމެވެ.

ހަވާލާދެވޭ ފަރާތްތައް

ފީލްޑް، ޖޭ (2000). މުޅި އުމުރަށް އުނގެނުމާއި ތައުލީމީ އާ ތަރުތީބު. ޓްރެންތަމް ބުކްސް، ލިމިޓެޑް، ވެސްޓްވިއު ހައުސް، 734 ލަންޑަން ރޯޑް، ސްޓޯކް އޮން ޓްރެންޓް، އެސްޓީ4 5އެންޕީ، އިނގިރޭސިވިލާތް ޔޫކޭ.

ކޮލިންސް، ޖޭ (2004). މުޅި އުމުރަށް އުނގެނުމަށް ބޭނުންވާ ތަޢުލީމީ އުކުޅުތައް: ބޮޑެތި މީހުންގެ އުނގެނުމުގެ އުސޫލުތައް. ރޭޑިއޯގްރަފިކްސް، 24(5)، 1483-1489.

ކޮލިންސް، ޖޭ (2009). 21 ވަނަ ގަރުނާއި އޭގެ ފަހުން ވެސް މުޅި އުމުރަށް އުނގެނުން. ރޭޑިއޯގްރަފިކްސް، 29(2)، 613-622.

ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަޤާމު އަދާ ކުރައްވާ ދިރާސާވެރިއެކެވެ. އޭނާގެ ވަޒީފަގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ދިރާސާތައް މެނޭޖްކުރުމާއި، ޕޯސްޓްގްރެޑްޖުއޭޓް ދަރިވަރުންގެ ދިރާސާތައް ސްޕަވައިޒުކުރުމާއި އެކަޑަމިކް މުވައްޒަފުންގެ ދިރާސީ މަސައްކަތްތަކާއި ޢިލުމީ ލިޔުންތައް ޝާއިޢުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޑރ ޝާފިޔާއަކީ ރޭޑިއޯ/ޓީވީ ޕްރޮގްރާމްތަކާއި ނޫސް/މަޖައްލާ ފަދަ އެކި ދާއިރާތަކުގައި ޢިލުމީ މުހާވަރާތަކުގައި ޚިދުމަތްފޯރުކޮށްދެއްވާ ފަންނީ މާހިރެކެވެ. ޖުމުލަގޮތެއްގައި ޑރ.ޝާފިޔާއަކީ ދަރުމަވެރި ޢިލުމީ ޚިދުމަތްތަކެއް މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ ލިޔުންތެރިއެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *