ކުދިން ސްކޫލަށް ދިއުން ހުއްޓާލުން، ކަންބޮޑުވާ ހިސާބުގައި

ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް ޔުވެނައިލް ޖަސްޓިސް ޔުނިޓުން އާންމު ކުރި ރިޕޯޓުން ދައްކައިފިއެވެ.

ހުސްވި އަހަރު އެ ޔުނިޓަށް ހުށަހަޅުނު ކުޑަކުދިންނާ ގުޅުން ހުރިކުށްތަކަށް ބަލާއިރު، ގާނޫނާ ގަވާއިދާ ޚިލާފުވެގެން 312 މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 9.11 އިންސައްތަ ދަށް އަދަދެކެވެ. 2019 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުށް ތަކުރާރުކޮށްގެން 147 ކުދިންގެ މައްސަލަ ހުށަހެޅިފައި ވާއިރު، 165 ކުދިންނަކީ ކުށުގެ ތުހުމަތުގައި އެ ޔުނިޓަށް އަލަށް ހުށަހެޅުނު ކުދިންނެވެ. 2017 ވަނަ އަހަރުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދަނީ ދަށްވަމުންނެވެ. ނަމަވެސް ހުށަހެޅޭ މައްސަލަތަކުގައި ކުދިންނާއި ޢާއިލާތަކަށް ދިމާވާ އިޖުތިމާޢީ، އިޤުތިސާދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ގިނަކަން ފާހަގަކޮށްފައިވެއެވެ.

2019 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންނެއެވެ. އެއީ ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ 44 އިންސައްތަ ކުދިންނެވެ. 17 އިންސައްތަ ކުދިންނަކީ ސްކޫލުގައި އުޅޭކުދިންނެވެ. 33 އިންސައްތަ ކުދިންނަކީ ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިންނެވެ. 2016 ވަނަ އަހަރާއި 2018 ވަނަ އަހަ ރާ ދެމެދުގައި ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންގެ އަދަދު ގާތްގަޑަކަށް ދެ ގުނައަށް މަދުވެފައި ވަނިކޮށް، 2018 އަހަރާއި 2019 ވަނަ އަހަރު ގާތްގަޑަކަށް މިއަދަދު ދެ ގުނަ އިތުރުވެފައިވާކަން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެވެއެވެ. 2019 ވަނަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މައްސަލަ ހުށަހެޅުނު އިރު އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދާ ނުވަތަ ކިޔެވުން ހުއްޓާލާފައިވާކަން ފާހަގަކުރެވެނީ 133 ކުދިންނެވެ. މިގޮތުން ސްކޫލަށް ދިއުން ހުއްޓަލާފައިވާ ޕްރައިމަރީ ގްރޭޑްތަކުގެ ތެރޭގައި، ގުރޭޑު 4،5،6،7 ހިމެނެއެވެ. އަދި ސާނަވީ އާއި މަތީ ސާނަވީ ގްރޭޑް ތަކުންވެސް ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ގިނައިން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ގުރޭޑްތަކުގެ ގޮތުގައި ފާހަގަވެފައިވަނީ ގުރޭޑު 9 އާއި 10 އެވެ.

ކުދިން ސްކޫލަށް ދިއުން ހުއްޓާލާ ނުވަތަ ކިޔެވުން މެދުކަނޑާލާ ސަބަބުތަކުގެ ތެރޭގައި ކުދިންނާއި ޢާއިލާތައް ފާހަގަކޮށްފައިވާކަންތައްތަކުގެ ތެރޭގައި:
• ކުށުގެވެށީގައި އުޅޭ ރައްޓެހިންނާ އެކު އުޅުން.
• އުމުރުން ދޮށީ މީހުންނާއެކު ބޭރުތެރޭގައި ވަގުތުތައް ހޭދަކުރަން ދިއުން.
• ސްކޫލުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކިޔަވަން ދާ ހިތްނުވުން.
• އަޚްލާޤީ މައްސަލަތަކާ ގުޅިގެން ސްކޫލުން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުން.
• ގެވެށި އަނިޔާގެ މައްސަލަތަކުގެ ސަބަބުން.
• އިހުމާލުވުމުގެ ސަބަބުން.
• ސްކޫލުގެ އަޚްލާޤީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަން ބޭނުންނުވުން.
• ކުދިންނާ ޓިޗަރުންނާ މައްސަލަތައް ޖެހި އެމައްސަލަތައް ހައްލުނުވުން.
• ސްކޫލުގައި ކުއްޖާއަށް ބުލީ ކުރުމުގެ މައްސަލަތައް ދިމާވުން
• ކުއްޖާގެ އަޚުލާޤީ މައްސަލަތައް ޙައްލުކުރމުގެ ނިޔަތުގައި ނުވަތަ އެހެނިހެން އިޖުތިމާޢީ އަދި މާލީ ސަބަބުތައް ކުރިމަތި ވެގެން މާލެއަށް ނުވަތަ އެހެން ރަށަކަށް ކިޔެވުން ބަދަލުކުރުން.
• ކިޔަވާ ސްޓްރީމް ނުވަތަ މާއްދާތައް އުނދަގޫވެ ރަނގަޅު ނަތީޖާ ނުނެރެވުން.
• ކިޔެވުމަށް ދަށްވަމުން ދާކަން ގަބޫލުކުރެވުމް.
• ޤާނޫނާއި ޚިލާފުވުމުގެ މައްސަލަތައް ކުރިމަތި ވުން
• ޝަރުޢީ ކައިވެއްޏަކާ ނުލައި ބަލިވެ އިނުން.
• ގަވައިދުން ސްކޫލަށް ނުދެވުން.
• ސްކޫލަށް ދާން ހޭނުލެވުން ތަކުރާރު ވުން.
• ކިޔަވަން "ފޫހިވުން" ހިމެނެއެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރުން ފެށިގެން ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ އަދަދު މަދުވިނަމަވެސް، 2019 ގައި ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުށުގެ ވެށީގައި އުޅުނުނަމަވެސް، ސްކޫލުގައި އުޅޭ ކުދިން 2016 ން 2018 އަށް އިތުރުވަމުން އައިނަމަވެސް 2019ވަނަ އަހަރުގައި މި އަދަދު ގާތްގަނޑަކަށް 2 ގުނަ މަދުވެފައި ވާކަން ފާހަގަކުރެވެއެވެ. އަދި، ސާނަވީ މަރުޙަލާ )އޯލެވެލް( ނިންމާ ކުދިން، ކުށުގެ ވެއްޓަށް ދިއުން ކޮންމެވެސް ވަރަކަށް މަދުކަމަށް ފާހަގަކުރެވެއެވެ. ސްކޫލަށް ދިއުން ހުއްޓާލާ ކުދިންގެ އަދަދު އިތުރުވަމުން ދާނަމަ ކުޑަކުދިން ކުށްކުރާ ނިސްބަތް އިތުރުވަމުން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޔުވެނައިލް ޖަސްޓިސް ޔުނިޓުން އާންމު ކުރި ރިޕޯޓްގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *