މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ހިތަކީ ޢިލްމީ ހޯދުންތަކާއި މަޢުލޫމާތެވެ. ފޮތްތެރިކަމަށް ލޯބިކުރާ ފަންނީ މުވައްޒަފުންގެ ޢިލްމަކީ އެކި ލިޔުންތެރީންގެ ޚިދުމަތްތަކެވެ. އުނގެނޭ ދަރިވަރުންނަށާއި ކަންކަން ދަސްކުރާ ކުދީންގެ އެންމެ ގާތް އެކުވެރިއަކީ ތެދު މަޢުލޫމާތެވެ. މި ދެންނެވި ފަދަ ޢިލްމީ މަސައްކަތްތައް އެންމެ ފަހިކަމާއެކު ގެނެސްދޭ މަންސައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ " ސަރުނަ" އެވެ. ނޭނގުމާއި އަނދިރީން ނުކުމެ އުޖާލާ ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ "ސަރުނަ" އަކީ ދިވެހިރާއްޖެ، ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދުމެ ދަމަހައްޓާން ބޭނުންވާ، އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމަށް އެހީވެދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އުފައްދާފައިވާ ޑިޖިޓަލް ރިޕޮޒިޓަރީއެކެވެ. ސުމޭކު ކޮޓާރެވެ.
ސަރުނައަކީ ޔުނިވަރސިޓީ ލައިބްރަރީން އިސްނަގައިގެން 2018 ވަނަ އަހަރުން ފެށިގެން ދިވެހިރައްޔިތުންނަށް ހިލޭ ދެމުން އަންނަ މުހިންމު ޚިދުމަތެކެވެ. މިފަދަ ޚިދުމަތެއް މުޖުތަމަޢަށް ފޯރުކޮށްދީ ދެމެހެއްޓުމަކީ ފަސޭހަކަމެއް ނޫންނެވެ. އެއީ ގޮންޖެހުން ބޮޑު މަސައްކަތް ބުރަ ކަމެއް ވެސް މެއެވެ.
"މި ކަމުގައި ވަރަށް ބޮޑެތި ގޮންޖެހުން ތަކެއް އެބަހުރި. އަޅުގަނޑުމެން މިކަން ފެށީވެސް އެކަންކަން އެނގިތިބެ. ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލިޔުންތައް ހޯދުން. ސަރުނައަށް ލިޔުން ހޯދުމަށް އަޅުގަނޑުމެން ވަކިވަކި ފަރާތްތަކާ ބައްދަލުކުރަންފެށިން. އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ފޮތް ލިޔުއްވާ ފަރާތްތަކާއި ވަކިވަކި މުސައްނިފުންނާ ވަކިވަކިން ސިލްސިލާކޮށް އަޅުގަނޑުމެން ބައްދަލުކުރިން. މި ކަމުގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ލިޔުންތައް ހޯދުން. ލިޔުންތައް ދެއްވާނަމޭ ވަރަށް ޕްރޮމިސްކުރައްވާފައި ވެސް އޭގެ ފަހުން އެ ތަކެތި ހޯދުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ދިމާވި" ސަރުނައިގެ ޚިދުމަތް އާންމުންނަށް ހުޅުވާލި އިރު ޔުނިވަރސިޓީގެ ލައިބްރަރީގެ ޗީފް ލައިބްރޭރިއަންކަމުގެ މަގާމުގައި ހުންނެވި އަދި މިހާރު ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސްޗާންސެލަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭސް އެޑިމިން ހުސައިން ހަލީމް ވިދާޅުވިއެވެ.
ހުސައިން ހަލީމް ވިދާޅުވީ މެޓީރިއަލްސް ލިބުނަސް ބައެއް ތަކެތި ސްކޭން ކުރެވިފައި ނެތުމާއި، ސޮފްޓް ކޮޕީނެތުމަކީ ވެސް ދިމާވި ގޮންޖެހުމެއް ކަމަށެވެ.
" ލިބިފައި ހުރި ބައެއް ތަކެތި ޕީޑީއެފް ފޯމެޓްގައި ލެވޭނެ ގޮތެއް ނެތް. ނަމަވެސް ފޮޓޯކޮޕީ ނަގައިގެން ޕީޑީއެފްހަދައިގެން ލަމުން މި ގެންދަނީ. މިކަމަށް ފަހިކުރެވޭނެ ގޮތްތަކެއް ހޯދަމުން ދަނިކޮށް ޤައުމީ އަރުޝީފްގައި ރޮބެޓިކް ސްކޭނަރެއް ބެހެއްޓިވިކަން އެނގިގެން އެ ބޭފުޅުންނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް ސަރުނައަށް އެހީތެރިކަން ހޯދުމަށް ވެސް އަޅުގަނޑުމެން މަސައްކަތްކުރިން. ނަމަވެސް އިދާރީ ގިނަ ގޮންޖެހުންތަކެއް ހުރެގެން އެ ކަން އެހައި ކާމިޔާބު ކަމަކަށް ނުވި" މިކަމުގައި ދިމާވި ބައެއް ދަތިތައް ހުސައިން ހަލީމް ހިއްސާކުރެއްވިއެވެ.
"ދެން އަޅުގަނޑުމެން ޔުނިވަސިޓީގައި މަޝްވަރާކޮށް އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް އެ ސްޕީޑްގައި ކުރިއަށްދާން ގޮންޖެހުންތަކެއް ހުރީތީވެ ޔުނިވަސިޓީގެ މެނޭޖްމަންޓަށް ޕްރޮޖެކްޓެއް ލިޔެ ހުށަހަޅައިގެން ސްކޭނަރެއް ހޯދީ. އިރާދަކުރެއްވިއްޔާ އެޕްރޮޖެކްޓަށް ފަންޑިން ލިބި، ސްކޭނަރު މިހާރު ހުރީ ލިބިފައި. ފުރަބަންދާ ގުޅިގެން އިންސްޓޯލްކުރާ ފަރާތްތަކަށް އާދެވޭގޮތް ނުވެގެން އެ މަސައްކަތް މިހާރު މަޑުޖެހިފައި ވަނީ. އެ އިންސްޓޯލް ކުރެވޭ ހިސާބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ" ލައިބްރަރީގެ އިންޗާޖެއްގެ ގޮތުގައި 5 އަހަރު ހޭދަކުރެއްވި ހުސައިން ހަލީމް ވިދާޅުވިއެވެ.
" ބައެއް ބޭފުޅުން ދެއްވާފައި ފޮތްތަކަކީ އޭގެ ޒާތުގައި އޭގެ ދެވަނަ ފޮތެއް ނެތް ފަދަ ފޮތްތަކެއް. އެހެންވީމާ އެ ފޮތަށް ގެއްލުމެއް ނުވާނެ ގޮތަކަށް މި ކަން ކުރަންޖެހެނީ. އެ ގޮތަށް ފަރުވާތެރިކަމާއެކު ސްކޭން ކުރެވި ރައްކާކުރެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގާއިމު ކުރެވޭނެ. އެހިސާބުން މި މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާނެ"
ގިނަ ގޮންޖެހުންތަކާއެކު ވެސް ސަރުނައިގެ އަލިކަން މަތީ ތަޢުލީމަށް ވަނީ ފޯރާފައެވެ. ކަނޑައެޅިފައިވާ ޢިލްމީ ހަމަތަކުގެ މަތީން އެތައް މަޢުލޫމާތަކާއި ލިޔުމެއް ސަރުނައިގެ ވެބްސައިޓަށް ކޮންމެ ދުވަހަކު ދަނީ ޖަމާކުރެވެމުންނެވެ. އެ ވެބްސައިޓް (http://saruna.mnu.edu.mv/) އަށް ވަދެލުމުން އޭގެ ތަރުތީބާއި މަޢުލޫމާތު ހޯދުމުގެ ފަސޭހަކަމާއި ޢިލްމީ ހަމަތަކާއެކު މަޢުލޫމާތު ލިބިގަނެވޭނެ ނިޒާމެއް ގާއިމުވެފައިވާކަން ޔަގީންކުރެވޭނެއެވެ.
ޤައުމީ ޔުނިވަރސީޓީގެ ލައިބްރޭރިއަން ފާތުމަތު ނަޝްފާ ވިދާޅުވީ ޔުނިވަރސިޓީގެ ވަރަށް ގިނަ ދަރިވަރުން ސަރުނަ ބޭނުން ކުރާކަމަށާއި އަދި އާއްމުން ވެސް ބޭނުން ކުރަމުން އަންނަކަމަށެވެ. ސަރުނައަކީ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދައިލެވޭ އިތުބާރު ކުރެވޭ ލިޔުންތަކެއް ހިމެނިފައިވާ ޖަމާއެއްކަމަށް ނަޝްފާ ވެސް ފާހަގަކުރެއްވިއެވެ.

" ހަގީގަތުގައި ސަރުނައިގެ އެހީގައި މަޢުލޫމާތު ހޯދަން ވަރަށް ފަސޭހަވާނެ. މުސައްނިފުގެ ނަމުން، ފޮތުގެ ނަމުން، ނުވަތަ ދާއިރާއިން ވެސް ސާރޗް ކުރެވޭނެ. އެގޮތަށް ސާރޗް ކުރުމުން އެއާ ގުޅުން ހުރި ލިޔުންތައް ފެންނާނެ. އަހަރުތައް ވެސް އެނގޭނެ. އަދި އެ ލިޔުމަކަށް ހަވާލާދޭނެ ގޮތް ވެސް ލިޔުމާއެކު ފެނިގެންދާނެ. އެއީ ދިވެހި ބަހުންވިޔަސް އަދި އިނގިރޭސި ބަހުން ވިޔަސް މިގޮތަށް ފެންނާނެ. ޔުނިވަރސިޓީން މި ބޭނުން ކުރަނީ އޭޕީއޭ ސްޓައިލް. އެހެންވެ އެ ގޮތަށް ކޮންމެ ލިޔުމަކަށް ވެސް ހަވާލާދީފައިވާނެ. އެއީ މަތީތަޢުލީމުގެ ދަރިވަރުންނަށް ވަރަށް މުހިންމު ކަމެއް" ގައުމީ ޔުނިވަސިޓީގެ ލައިބްރޭރިއަން ފާތުމަތު ނަޝްފާ ވިދާޅުވިއެވެ.
ތަފާތު ގިނަ ދާއިރާތަކުގެ ލިޔުންތައް ހިމަނާފައިވާ ސަރުނާގައި 1500 ވުރެ ގިނަ ލިޔުންތެރީންގެ ލިޔުންތައް މިއަދު ވަނީ ހިމަނާފައެވެ. އެއިން ކޮންމެ ލިޔުމެގެ މުހިންމު މަޢުލޫމާތުތައް ވަނީ ރައްކާކުރެވިފައެވެ.
" ސަރުނާގައި ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގެ ލިޔުންތައް ވެސް ހުންނާނެ. ނަމަވެސް އަޅުގަނޑުމެން ފުރަތަމަ މި ބަލަނީ ބައެއް ދާއިރާރަކަށް ފޯކަސްކޮށްގެން މަޢުލޫމާތު ޖަމާކުރެވޭތޯ. އެގޮތުން ޢިލްމީ އީ ފޮތްތަކާއި ޢިލްމީ ލިޔުންތަކާއި ދިވެހި ބަހާބެހޭ ލިޔުންތައް ހިމަނާފައިވާނެ. އަދި ސިލްސިލާ މަޖައްލާތަކާއި ފޮޓޯއާއި ވީޑިއޯއާއި ތަފާސްހިސާބާއި ޑާޓާތައް ވެސް ހިމަނާފައި ހުންނާނެ. މިސާލަކަށް އަޅުގަނޑުމެން ހިނާފައިވާ އެއް ބަޔަކީ ތީސިސްއާއި ޑިޒަޓޭޝަން. މި ބައިގެ ދަށުން މިހާރު ވާނީ 300 ވަރަކަށް މަސައްކަތް ހިމަނާފައި" ދަރިވަރުންގެ ޢިލްމީ މިފަދަ މަސައްކަތް ފެންނަން އޮތް އެންމެ ބޮޑު ދިވެހި ޖަމާގެ ބައެއް ތަފުސީލު ހުސައިން ހަލީމް ވިދާޅުވެދެއްވިއެވެ.

ހަގީގަތުގައި ވެސް ސަރުނައަކީ މުހިންމު މަންސައެކެވެ. އެއީ ޢިލްމީ މަޢުލޫމާތު އެންމެ ސައްހަކަމާއެކު ލިބިގަނޭވެނެ ދިވެހި މަންސައެވެ. ނަމަވެސް މި މަންސަ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނީ ލިޔުންތެރީންނާއި މުސަންނިފުންގެ އެހީތެރިކަން އިންތިހާއަށް ލިބިގެންކަން ހުސައިން ހަލީމް ފާހަގަކުރައްވައެވެ.
" މިއީ ޔުނިވަރސިޓީގެ ފަރާތުން ދިވެހި ރައްޔިތުންނަށް ކޮމިއުނިޓީ ސަރވިސްއެއްގެ ގޮތުގައި އެއްވެސް އަގެއް ނުނަގާ ދިވެހި ކޮންމެ ރައްޔިތަކަށް އަދި ރާއްޖޭން ބޭރުގައި ހުރި ކޮންމެ މީހަކަށް ވެސް ރާއްޖެއާ ބެހޭ މަޢުލޫމާތު އެއްތަނަކުން ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް. މިކަން ކާމިޔާބުވާނީ ލިޔުންތެރީންގެ އެއްބާރުލުން ލިބިގެން. ތާރީޚަށްޓަކައި މަޢުލޫމާތު ރައްކާކުރުމުގެ މުހިންމުކަން ގަބޫލުކޮށް އެ ވިސްނުން އިސްކޮށްގެން. މިއީ އެފަދަ ޕްލެޓްފޯމެއް. އަޅުގަނޑުމެން މި ތިބީ މިކަން ކުރާން" ހުސައިން ހަލީމް ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ސަރުނައިން ހުޅުވާލާފައިވާ އެ ވަނީ މުހިންމު ސިކުނޑިއެކެވެ. އެ ސިކުނޑިއަށް މަޢުލޫމާތު ޖަމާކޮށް އެ މަޢުލޫމާތު ކިޔައި ދިރާސާކުރެވިދާނެއެވެ. ނޭނގުމުގެ އަނދިރީގެ ތެރެއިން ފާއްދާލި އަލީގެ އުޖާލާކަން ކޮންމެ މީހަކަށް ވެސް ލިބިގަނެވިދާނެއެވެ. ފޮތްތެރި މުޖުތަމަޢަކަށް މަރުހަބާ ކިޔިދާނެއެވެ. ތިމާގެ ހުނަރުވެރި ލިޔުންތައް ޢިލްމީ ބޭނުމަށްޓަކައި ހަދިޔާވެސް ކުރެވިދާނެއެވެ.
advertisment
ހިޔާލު