ޝަޠުރަތު ޝާކިރު
މިއީ ހުރިހާ ކުދިންގެ ވެސް ޗުއްޓީ ދުވަސްވަރެވެ. ވަރަށްގިނަ އާޢިލާތައް ތަފާތު ބޭނުންތަކަށް އެކިއެކި ރަށްރަށަށާއި ބޭރުޤައުމުތަކަށް ދާނެ ދުވަސްވަރަކަށް ވާތީ ޚާއްސަގޮތެއްގައި ވައިގެމަގުން ކުރާ ދަތުރުތައް ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިންނަށް އުނދަގޫކަމަކަށް ވެދާނެއެވެ.
މިގޮތުން އެއަރޕޯޓްތަކާއި ސެކިއުރިޓީ/ގޭޓް ތަކުގެ ޗެކްޕޮއިންޓްތަކާއި އެއަރލައިންތަކުގެ ސަމާލުކަމަށް މިކަންތައްތައް ގެނައުން ވަރަށް މުހިންމެވެ.
އެއަރޕޯޓް:
އެއަރޕޯޓަކީ ގިނަބަޔަކުއެއްވާ ތަނަކަށް ވެފައި ވަރަށް ގިނަ ކަންތައްތައް ހިނގާ ތަނަކަށްވާތީ ވަރަށް ހަލަބޮލިވާނެއެވެ. އޯޓިޒަމް ހުންނަ ވަރަށް ގިނަ ކުދިންނަކީ ތަފާތު އަޑުތަކަށް ސެންސިޓިވް ކުދިންނަށްވާއިރު، އެއަރޕޯޓް ތެރެއިން އިވޭ ތަފާތު އަޑުތަކަށް ވެސް ކުދިން ބިރުގަންނަކަމަކަށް ވެއެވެ. މިހެންކަމުން އެއަރޕޯޓްތެރޭގައި މަސައްކަތްކުރާ ހުރިހާ ސްޓާފުންނަކީ ވެސް ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއިމެދު ހޭލުންތެރިވެފައިވާ ބަޔަކަށް ވުން މުހިންމެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
މިކުދިން ކިޔުގައި ތިބޭވަގުތު މަދުކުރެވޭނެ ނިޒާމެއް ކަނޑައެޅުމާއި، އިސްކަންދެވޭނެ ޙާލަތްތަކެއް ނުވަތަ ތަރުތީބެއް ކަނޑައެޅުން މުޙިންމެވެ. އަދި އޯޓިޒަމް ހުންނަކުދީންނަށް ޚާއްސަކޮށް "ކާމިން ސްޓޭޝަން ނުވަތަ ސެންސަރީ ރޫމް" އެއްގެތެރެއިން އެންމެ އުނދަގޫ ވަގުތު ވެސް އެކުދިން މަޑުމައިތިރިވެލާ އެންޒައިޓީ ކުޑަކުރެވޭނެ ފުރުސަތު ދެވިދާނެއެވެ.
އަދި އެއަރޕޯޓް ތެރޭގައި އުޅޭވަގުތު ކުދިންގެ ސެންސަރީ އުނދަގޫތައް ކުޑަކުރެވޭނެ ބައެއްކަހަލަ ރިސޯސަސްވެސް ފޯރުކޮށް ދެވިދާނެއެވެ. މިސާލަކަށް: ހެޑްފޯނެއް ދިނުން، އިއަރ ޕްލަގްސް ނުވަތަ ފިޖެޓް ޓޯއީ އެއް ފަދަ އެއްޗެއް) ދެވިދާނެއެވެ. މިގޮތަށް ފޯރުކޮށްދޭ އެހީއަކީ ބެލެނިވެރިން ރިކުއެސްޓްކުރުމުން ފޯރުކޮށްދެވޭ އަދި ފުރުމުގެ ކުރިން މުވައްޒަފުންނާއި ޙަވާލުކުރެވޭ އެއްޗަކަށްވެސް ހެދިދާނެއެވެ. މީގެ އިތުރުން އެއަރޕޯޓްތެރޭގައި “ވިޝުއަލް ކިއުސް” ގިނައިން ބޭނުން ކުރެވިދާނެއެވެ. މީގެ ސަބަބުން ތަސްވީރު ނުވަތަ ސިމްބަލް ތަކުގެ ޒަރީޢާއިން ވެސް އޯޓިޒަމް ހުންނަކުދިންގެ އެންޒައިޓީ ކުޑަވެ ކަންތައްތައް ދޭހަކުރަން ފަސޭހަވާނެއެވެ.
ޗެކްޕޮއިންޓްތައް:
ސްކްރީނިންގ ޗެކްޕޮއިންޓްތަކާއި ސެކިއުރިޓީ ގޭޓް ތަކުގައި ތިއްބަވާ ހުރިހާ މުވައްޒަފުން ވެސް ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި ބެހޭގޮތުން ހޭލުންތެރިވެފައި ތިބުން މުހިންމެވެ. ބައެއްކުދިންނަށް ޗެކްކުރާ ސްކްރީންފަދަ ތަންތަނަކީ ބިރުގަންނަ އަދި ކުރަން އުނދަގޫވާ ކަންކަމެވެ. އެއްތަނުން އަނެއްތަނަށް ވަންނަ ނުވަތަ ނިކުންނަ ވަގުތު ( ޓްރާންސިޝަން) އަކީވެސް ބައެއް އޯޓިޒަމް ހުންނަ ކުދިންގެ ބިހޭވިއަރ ފެނިދާނެ ޙާލަތެކެވެ.
އެއަރލައިން:
ފްލައިޓްގަޑީގެ ކުރިން އެއަރލައިންގެ އެހީތެރިކަން ބެލެނިވެރިން ހޯދުން މުހިންމެވެ. ދަރިފުޅުގެ އެއްވެސް ޚާއްސަކަމެއް އުނދަގޫކަމެއްވާނަމަ އަދި ޚާއްސަ ރިއުއެއްސްޓެއް ވާނަމަ އެއަރލައިން ސްޓާފުންނަށް ކިޔާދީ ހޭލުންތެރިކުރުވަން ވާނެއެވެ. މިހާރު ވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގެ އެއަރލައިންތަކުން "ޕްރީ ބޯޑިން ސަރވިސް" ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފޯރުކޮށްދެއެވެ. މީގެ ސަބަބުން ފްލައިޓްއަށް އެހެން މީހުން އެރުމުގެ ކުރިން މި ކުދިންނަށް އަރާ ހަމަޖެހިލަން ފުރުސަތުލިބެއެވެ.
ބެލެނިވެރިންނަށް:
ފުރުމުގެ ކުރިން ދަރިފުޅު ހޭލުންތެރިކުރުމުގެ ގޮތުން އެއަރޕޯޓް ތެރޭގައި ކަންތައްތައް ވާނެގޮތް ވީޑިޔޯގެ ޒަރީޢާއިން ނުވަތަ ފޮޓޯއިން ކިޔާދިނުން މުހިންމެވެ.
ދަރިފުޅާއި ބެހޭގޮތުން ރަނގަޅު މަޢުލޫމާތު ސްޓާފުންނަށް ފުރުމުގެ ކުރިން ފޯރުކޮށްދިނުން ވަރަށް މުހިންމެވެ.
އެއަރޕޯޓްތެރޭގައި އިރުއިރުކޮޅާ ދެވޭ އެނައުންސްމަންޓަކީވެސް ބައެއް ކުދިން ޓާރމިނަލް ތެރެއަށް ނުވަތަ ފްލައިޓްއަށް އަރަން ބޭނުންނުވާ ކަމަކަށް ވެދާނެއެވެ. ވީމާ މިފަދަ އަޑުތައް ރެކޯޑްކޮށް ދަތުރުގެ ކުރިން އިއްވާ އެއަޑުތަކަށް އާދަކުރެވިދާނެއެވެ.
- ފުރުމުގެ ކުރިން އެއަރޕޯޓަށް އެއް ދުވަހު ނަމަވެސް ދަރިފުޅު ގެންގޮސް ދައްކާލާށެވެ. އަދި ތަންތަނާއި ވާނުވާ ކިޔާދޭށެވެ.
- ޝެޑިއުލް އެއް ގެ ޒަރީޢާއިން ވެސް އެއަރޕޯޓް ތެރޭގައި ވާކަންތައްތައް ކިޔާދެވިދާނެއެވެ.
- ހެޑްފޯން ނުވަތަ އެހެން ޑިވައިސްއެއް އެއަރޕޯޓް ތެރޭގައި ދަރިފުޅު އުޅޭވަގުތު ބޭނުންކުރަންދެވިދާނެއެވެ.
- ސޯޝަލް ސްޓޯރީއެއް ބޭނުންކޮށްގެން ވެސް ދަރިފުޅު ފުރުމުގެ ކުރިން ހޭލުންތެރިކުރުވިދާނެއެވެ.
ވަރަށްފަހުން ޤައުމެއްގައި ޕަބްލިޝްކުރެވުނު ސާރވޭއެއްގެ ނަތީޖާ ދައްކާގޮތުން އޯޓިޒަމް ހުންނަ ގިނަކުދިންގެ އާއިލާތައް އެފަދަކުދިން ނެތް އާއިލާތަކަށްވުރެ ޗުއްޓީތަކަށް ދާ މިންވަރުމަދެވެ. ޚުދު އަޅުގަނޑަށް އެނގޭ އާއިލާތައް މިޤައުމުގައިވެސް އެބަތިއްބެވެ. މީގެ ސަބަބުން އެންމެ އެދެވޭ ޚާއްސަ ސިޢްޚީފަރުވާތަކަށް ވެސް ބައެއްކުދިންނަށް ނުދެވިފައި ތިބިކަން ފާހަގަކޮށްލަމެވެ.
ބޭނުންވަނީ ހޭލުންތެރި ކަމެވެ. ވިސްނުން ބަދަލުކޮށްލާ ރަނގަޅު ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކޮމަޑޭޓް ކޮށްދެވޭނެ ގޮތްތަކެކެވެ. ދުނިޔެ ދެކިލަން ދާނެ ފުރުސަތެކެވެ.
ހުރިހާ ކުދިންނާއި އާއިލާތަކަށް އުފާވެރި ޗުއްޓީއަކަށް އެދެމެވެ. މާތް الله އަޅުގަނޑުމެންނަށް ރަނގަޅު ގޮތުގައި ކަންތައްތައް ކުރުމުގެ ހެޔޮވިސްނުން ދެއްވާށި! އާމީން
ހިޔާލު