ދަރިފުޅު އިންޓަރނެޓް ބޭނުން ކުރަނީ ރައްކާތެރި ގޮތުގައިތޯ ކަށަވަރު ކުރާނީ ކިހިނެއް؟

އިންޓަރނެޓް އަދި މީސްމީޑިއާގެ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އަދި އިޖުތިމާޢީ ގޮތުން ވަރުގަދަ ނުފޫޒު ފޯރުވާ އެއް ވަސީލަތެކެވެ. މިހާރު ކޮންމެ ދުވަހެއްގެ ވެސް އާންމު ދިރިއުޅުމުގެ ބަޔަކަށް ފޯނު، ކޮމްޕިއުޓަރ، ޓެބްލެޓް، އައި.ޕެޑް އަދި ގޭމު ކޮންސޯލްތައް ފަދަ ތަކެތި ވަނީވެފައެވެ. އިންޓަރނެޓް އަދި އެކި މީސްމީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ ތަފާތު ބާވަތުގެ ގޯނާތަކާއި، ފުރައްސާރައާއި ފާރަލުމާއި، ހަނގާކުރުމާއި، ވައްކަމަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކޮށް ސަލާމަތީ ފިޔަވަޅުތައް ދުރާލާ އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ދަރިން ހެޔޮގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތައް ބުނެދިނުމަށްޓަކައި އެދަރިވަރުން ބަލަހައްޓާ ފަރާތްތަކަށް މީސް މީޑިއާއާއި ސައިބަރ ސޭފްޓީގެ އާންމު މައުލޫމާތު އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ސައިބަރ ސޭފްޓީއާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބެލެނިވެރިންނަށް އެނގެންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އަތްމަތީ ފޮތުގައި ހިމަނާފައިވާ މުހިންމު ކަންތައްތަކެވެ.

1- އިންޓަރނެޓް ނުވަތަ ވައިފައި ކަނެކްޝަންގައި ޕާސްވޯޑް ޖެހުން

ގޭގައި އިންޓަރނެޓް ބޭނުންކުރާނަމަ ޕާސްވޯޑްޖަހާފައި ބެހެއްޓުމުން އިންޓަރނެޓް ބޭނުންކުރަމުންދާ މީހުން ދެނެގަންނަން ފަސޭހަވާނެއެވެ. ދަރިވަރުން އިންޓަރނެޓް ބޭނުންކުރާ ގަޑިތަކާއި އިންޓަރނެޓް ބޭނުންކުރާގޮތް ބެލެނިވެރިން ގާތުން ބަލައި، ދޭތެރެ ދޭތެރޭން އިންޓަރނެޓް ޕާސްވޯޑް ބަދަލުކުރަންވާނެއެވެ. ހަމައެއާއެކު ދަރިވަރުންގެ އަތުގައި ހުންނަ އިލެކްޓްރޯނިކް އާލާތްތަކުން އިންޓަރނެޓް ޑިސްކަނެކްޓްވާ ކޮންމެ ފަހަރަކު ޕާސްވޯޑް ޖަހަންޖެހޭ ގޮތަށް ވެސް ހެދިދާނެއެވެ.

2- ޕޭރަންޓަލް ކޮންޓްރޯލް ގާއިމްކުރުން
ޕޭރެންޓަލް ކޮންޓްރޯލް ޤާއިމްކުރުމުން ކުދިން ބޭނުންކުރާ ސައިޓްތަކާއި ބެލޭނެ ތަކެތި ކޮންޓްރޯލްކުރެވޭނެއެވެ. އެގޮތުން ވަކި ވެބްސައިޓްތަކާއި އުމުރާނުގުޅޭ ތަކެތި ނުބެލޭގޮތަށް ހެދޭނެއެވެ.

3- ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް ބުނެދިނުން
ކުރިން އާއިލާގެ އެންމެން އެއް ކޮމްޕިއުޓަރެއް ބޭނުންކުރި ނަމަވެސް މިހާރު ބޭނުންކުރަނީ އެމީހެއްގެ އަމިއްލަ ލެޕްޓޮޕާއި، އައިޕެޑާއި ފޯނު ފަދަ ތަކެއްޗެވެ. ދަރިވަރުން މިތަކެތި ބޭނުންކުރާ ގޮތް ބެލެނިވެރިން ގާތުން ނުބަލައިފިނަމަ މުޅި ދުވަހުގެ ހުރިހާ ވަގުތެއްގައި އިންތިޒާމެއް ނެތި އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. މިސަބަބަށްޓަކައި އިންޓަރނެޓް ބޭނުންކުރުމުގައި ބަލަންވީ ކަންކަމާއި ހެޔޮގޮތުގައި އިންޓަރނެޓް ބޭނުންކުރުމުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. ޅައުމުރުގައި ދަރިވަރުންނަށް ރަނގަޅު އަދި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ދަރިވަރުންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަކީވެސް ސައިބަރ ސޭފްޓީއަށް މުހިންމު ކަމެކެވެ. އިންޓަރނެޓް ބޭނުންކުރުމަށް ވަކި ވަގުތުތަކެއް ކަ ނޑައަޅާ، ވަކި ހަމަތަކަކާއި އުސޫލުތަކެއް ދަށުން ދަރިވަރުންނަށް އިންޓަރނެޓާއި އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ
ގޭގައި އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ނުދީ އިންޓަރނެޓް މަނާކުރާނަމަ އިންޓަރނެޓް ބޭނުންކުރުމުގައި އެ ދަރިވަރުންނަށް ކުރިމަތިވާ ކަންކަން ބެލެނިވެރިންނާއި ހިއްސާކުރުމަށް ފަސްޖެހުމުގެ ފުރުސަތު ބޮޑެވެ. އިންޓަރނެޓުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށާއި އިންޓަރނެޓަކީ އޭގެޒާތުގައި ރަނގަޅު އެއްޗެއްގެ ގޮތުގައި ބުނެދީ ދަރިވަރުން އިންޓަރނެޓް ބޭނުން ކުރާގޮތް ގާތުން ބަލަހައްޓަންވާނެއެވެ. އިންޓަރނެޓް ބޭނުންކުރުމުގައި ދަރިވަރުން ޢަމަލުކުރަން ޖެހޭނެގޮތް ކިޔައިދީ، އެކަމަށް ސަމާލުވެ، އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާށެވެ.
މިކަންތައްތައް ދަރިވަރުންނަށް ބުނެދޭށެވެ.

ކޮންލައިންކޮށް ދިމާވާ މީހުންނަކީ ގިނަ ފަހަރަށް އެމީހުން ބުނާ ކަހަލަ ބައެއް ނޫންކަމާއި އާންމު ދިރިއުޅުމުގައި ނުދަންނަ މީހަކީ ބީރައްޓެއްސެއްކަން
އޮންލައިންކޮށް ދިމާވާ އެއްވެސް މީހަކަށް ޒާތީ މައުލޫމާތު ނުދިނުމަށް. ) ނަމާއި އެޑްރެހާއި އުމުރާއި އުފަން ތާރީޚާއި ފޯނު ނަންބަރާއި ސްކޫލް ފަދަ މައުލޫމާތު (
އޮންލައިންކޮށް ދިމާވާ މީސްމީހުންނަށް އިތުބާރުކޮށް އެމީހުންނާއި ބައްދަލު ނުކުރުމަށް.
ދަރިވަރުންނަށް އުނދަގޫވާ، ހިތްހަމަނުޖެހޭ ފަދަ ވާހަކަތަކެއް ދައްކާނަމަ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް އެއްވެސް ކަހަލަ ހަނގާކުރުމެއް ހިނގާނަމަ އިތުބާރު ހިފޭ ބޮޑުމީހަކާއި ލަސްނުކޮށް އެކަން ހިއްސާކުރުން.
އުމުރާ ނުގުޅޭ މަންޒަރާއި ވީޑިޔޯއަކީ ކޮބައިކަން.
އިންޓަރނެޓްގައި ޝާއިއުކުރާ ކޮންމެ އެއްޗަކީ ތިމާ އެ އެއްޗެއް ޑިލީޓްކުރި ކަމުގައި ވީނަމަވެސް އަބަދަށް ހުންނާނެ އެއްޗެއްކަން ދަރިވަރުންނަށް އަންގައިދީ އެކަމަށް ސަމާލުވުމަށް އިރުޝާދު ދިނުން.
ޕާސްވޯޑަކަށް އަމިއްލަ ނަމާއި، އުފަން ތާރީހް، ފޯނު ނަންބަރު ފަދަ އެހެން މީހަކަށް ފަސޭހައިން ނަގައިގަނެވޭނެ ޕާސްވޯޑް ބޭނުން ނުކުރުމަށާއި )ވަރުގަދަ ޕާސްވޯޑެއް( އަދި ޕާސްވޯޑް ބަދަލުކުރަމުން ގެންދިޔުން.
މީސްމީޑިއާ ބޭނުން ކުރުމުގައި އެފަދަ އެޕްލިކޭޝަންތަކުން ދީފައިހުންނަ ސެކިއުރިޓީ ފުރިހަމަ ކުރަން.
މީސްމީޑިއާގެ އެކައުންޓް ސައިން-އަޕް ކުރާއިރު ތިމާ ނޫން އެހެން މީހެއްގެ ނަމާއި ފޮޓޯ ބޭނުން ނުކުރަން.

4- އިންޓަރނެޓް ބޭނުން ކުރުމުގައި ވަކި ގަޑިތަކެއް ކަނޑައެޅުން

ކޮންމެ ދުވަހަކުވެސް އިންޓަރނެޓް ބޭނުންކުރާނެ ވަގުތުތަކެއް ކަ ނޑައެޅުމަކީ އާއިލާގެ މެންބަރުން އެއްބަޔަކު އަނެއްބަޔަކާއެކު ހޭދަކުރާ ވަގުތު އިތުރުވާ ކަމެކެވެ. ލެޕްޓޮޕް، ޓެބްލެޓް އަދި ފޯނުފަދަ ތަކެތިން އިންޓަރނެޓް ބޭނުންކުރުމަށް ދަރިވަރުން ރޭގަ ނޑު ލަސްވަންދެން ހޭލާ ހުންނަކަން ފާހަގަކުރެވޭނަމަ ނިދާ ގަޑި ޖެހުމުން އެފަދަ ތަކެތި ބެލެނިވެރިންނާ ހަވާލުކުރުމުގެ އުސޫލެއް ގެންގުޅެވިދާނެއެވެ. ގޭގައި ބޭނުންކުރާ އިންޓަރނެޓް މޮޑަމެއް މެދުވެރިކޮށް ވާގަ ނޑަކުން ކޮމްޕިއުޓަރަށް ގުޅާފައި ހުންނަނަމަ އެ ވާގަ ނޑު ނައްޓާލާށެވެ. ނުވަތަ އިންޓަރނެޓްގެ ޕާސްވޯޑް ބަދަލުކުރާށެވެ. އޭރުން އިންޓަރނެޓް ބޭނުންކުރުން މަނާކޮށްފައިވާ ގަޑިތަކުގައި އެ ދަރިވަރުންނަށް އިންޓަރނެޓް ބޭނުމެއް ނުކުރެވޭނެއެވެ.
ދަރިވަރުންނާއި މުއާމަލާތްކޮށް، ރޭގަ ނޑު އިންޓަރނެޓް ކަ ނޑާލި ކަމުގައިވިޔަސް ހެނދުނު އިންޓަރނެޓް ލިބޭނެކަން ބުނެދީ، އަދި މި އުސޫލަށް ގޭގެ އެންމެންވެސް އަމަލުކުރާށެވެ. ޕޭރަންޓަލް ކޮންޓްރޯލުންވެސް ދަރިވަރުން އިންޓަރނެޓްގައި ހޭދަކުރާ ވަގުތު ވަކި މިންވަރެއްގައި ހިފެހެއްޓޭނެއެވެ.
5- ސިޓިންގ ރޫމް ފދަ ހާމަތަނެއްގައި އިންޓަރނެޓް ބޭނުން ކުރަން ހަމަޖެއްސުން
ހުރިހާ ގެއެއްގައިވެސް ހާމަތަނެއްގައި އިންޓަރނެޓް ބޭނުންކުރެވޭ ގޮތަށް ހުރުމުން ދަރިވަރުންނަށް އޮންލައިންކޮށް ދިމާވާ އެކި ކަންކަމުގެ ވާހަކަ ބެލެނިވެރިންނާއި ހިއްސާކުރުމުގެ ފުރުސަތު ބޮޑެވެ. އިންޓަރނެޓް ނޭދެވޭ ގޮތަކަށް ބޭނުންކުރުމުން ނުވަތަ އިންޓަރނެޓުން ދަރިވަރަށް ގޯނާއެއް ކުރިމަތިވުމުން ދުރުހެލިކުރުމަށްޓަކައި، ދަރިވަރުން އިންޓަރނެޓް ބޭނުންކުރާގޮތާއި މުއާމަލާތްކުރާ ފަރާތްތަކާމެދު ސުވާލުކޮށް، ޝައުގުވެރިކަން ފާޅުކުރާށެވެ. ވާހަކަ ދައްކަނީ ކާކާތޯ؟ އެއީ ކޮންކަހަލަ މީހެއްތޯ؟ އެއްވެސް އަތަކަށް ބުރަނުވެ ނުވަތަ ވަކިފަރާތެއް ކުށްވެރިނުކޮށް ވީހާވެސް ސާދާކޮށް ސުވާލުކޮށް، ބޭނުންވާ ހުރިހާ މައުލޫމާތު ވިސްނުންތެރިކަމާއި އެކު ހޯދާށެވެ.

6- ދަރިވަރަށް މޮބައިލް ފޯނެއް ހޯދައިދިނުމުގެ ކުރިން ސަމާލުވާންވީ ކަންކަން
ދަރިވަރަށް މޮބައިލް ފޯނެއް ދޭނަމަ އެ ދަރިވަރަކަށް ކޮންމެހެން ބޭނުންވާ ކަންކަމަކީ ކޮބާތޯ ބަލާށެވެ. ދިހަ އަހަރުގެ ދަރިވަރަކަށް ހަމައެކަނި ހާއްސަ ހާލަތްތަކުގައި މައިންބަފައިންނަށް ގުޅަން ފޯނެއް ދޭނަމަ އިންޓަރނެޓް ބޭނުން ނުކުރެވޭ އެންމެ އާދައިގެ ފޯނެއް ދޭށެވެ. މިހާރު ހުންނަ ގިނަ ސްމާޓް ފޯނުތަކުގައި ވައިފައި ބޭނުންކުރެވެން ހުންނަކަން ދަނެ، އެކްޓިވް ވައިފައި އެއް ލިބެންހުންނަނަމަ ދަރިވަރުން ފޯނުގެ ޑޭޓާ ބޭނުން ނުކޮށްވެސް ވައިފައި ބޭނުންކޮށްގެން އިންޓަރނެޓް ބޭނުން ކުރެވިދާނެކަމަށް ސަމާލުވާށެވެ. މިފަދަ ނިންމުންތައް ނިންމާއިރު ދަރިވަރުންގެ ވިސްނުމާއި ހަރުދަނާކަން ހުރި މިންވަރަށް ރިއާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
7- ދަރިވަރުންނާއެކު ބެލެނިވެރިން އިންޓަރނެޓް ބޭނުންކުރުން
ޓެކްނޮލޮޖީގެ ވަސީލަތްތަކާ ބީރައްޓެހިވުމަކީ އިންޓަރނެޓާމެދު ސަމާލުކަމެއް ނުދިނުމަށް އޮތް އުޒުރަކަށް ނުހަދާށެވެ. އޮންލައިން ދުނިޔޭގެ ކަންކަން ނޭނގޭނަމަ ދަރިވަރުން ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް ނެޓްވޯކް ބޭނުންކުރާ ގަޑިތަކުގައި ދަރިވަރުން ގާތު އަހައި އޮޅުން ފިލުވައިގެން ދަސްކުރެވިދާނެއެވެ. ބެލެނިވެރިންނަށް މިފަދަ އެޕްލިކޭޝަންތަކާއި ޓެކްނޮލޮޖީގެ އާލާތްތައް ބޭނުންކުރާ ގޮތް ދަސްކޮށްދިނުމަކީ ދަރިވަރުންނަށް ހިތްހަމަޖެހޭ މަޖާކަމަކަށްވެސް ވެގެން ހިނގައިދާނެއެވެ. ދަރިވަރުން އިންޓަރނެޓް ބޭނުންކުރާގޮތް ރައްކާތެރިނޫންނަމަ ކުށްވެރި ކުރުމުގެ ބަދަލުގައި ރަގަނޅު ގޮތްތައް ބުނެދޭށެވެ.
8- ސައިބަރ ސޭފްޓީ ކަށަވަރު ކުރާނެ ގޮތްތައް

ސްމާޓްފޯނު، ލެޕްޓޮޕް، ޓެބްލެޓް ފަދަ ތަކެތީގައި ޕާސްވޯޑް ޖެހުން.

ސްމާޓްފޯނު/ޓެބްލެޓް ޖެއިލްބްރޭކް ނުވަތަ ރޫޓް ނުކުރުން )މިކަން އާންމު ގޮތެއްގައި ކޮށް އުޅެނީ، ފައިސާ ދީފައި ގަންނަން ހުންނަ އެޕްލިކޭޝަންތައް ހިލޭ ފޯނަށް އެޅުމުގެ މަޤްސަދުގައި(. މިކަމުގެ ސަބަބުން ފޯނުގެ ސެކިއުރިޓީ ގެއްލި، ފޯނުގައި ހުންނަ ތަކެއްޗާއި ރިސޯސްތައް އެނގުމަކާއި ނުލައި އެހެން މީހުންނަށް އެކްސެސްވުމަށް ފަސޭހަވުމުގެ އިތުރުން ފޯނުގެ ކެމެރާ އަދި މައިކްރޯފޯނަށް ކުށްކުރާ ފަރާތްތަކުން އެކްސެސްވެ، ވީޑިއޯ އަދި އޯޑިއޯ ރެކޯރޑް ކުރެވިދާނެ.

ތިމާގެ އިލެކްޓްރޯނިކް ޑިވައިސްތައް އެހެން ފަރާތްތަކަށް ބޭނުން ކުރަން ނުދިނުން.

ފަހުގެ ޓެބްލެޓް އަދި ސްމާޓްފޯނުތަކުގެ ސެކިއުރިޓީ ރަނގަޅުވުމުން، ކުށްކުރާ ފަރާތްތަކުން މައުލޫމާތު ހޯދުމަށް މިހާރު ބޭނުންކުރަނީ އެކިއެކި އެޕްލިކޭޝަންތައް ކަމަށްވާތީ، ޓެބްލެޓް/ސްމާޓްފޯނަށް އަޅާ އެޕްލިކޭޝަންތަކަށް ސަމާލުވެ، ހަމައެކަނި ކޮންމެހެން ބޭނުންވާނެ އެޕްލިކޭޝަންތައް އިންސްޓޯލްކުރުން.
ސްމާޓްފޯނު/ޓެބްލެޓްގެ އޯ.އެސް (ސޮފްޓްވެއަރ) އަބަދުވެސް އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކުރުމަށް ސަމާލުކަންދިނުން.
މިފަދަ އެއްވެސް ޑިވައިސެއް ހިފައިގެން ހުރެ ނުވަތަ އޮންކޮށްގެން ހުރެ ހެދުން ބަދަލުކުރުމާއި، އެތަކެތި ހިފައިގެން ފާހާނާއަށް ވަނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން، ސަބަބަކީ އެނގުމަކާއި ނުލާ މިތަކެތީގެ ކެމެރާ މެދުވެރިކޮށް އެފަދަ މަންޒަރުތައް ރެކޯރޑްކުރެވިދާނެ (މިފަދަ މައްސަލަތައް ރާއްޖޭގައި މަދުން ނަމަވެސް ހިނގާފައި އެބަހުރި)

ނޯޓް: މިސާލަކަށް ނޫސްތަކުގެ ފަލަ ސުރުޙީއަށް އެރި ޕޮކިމޮން ގޯ އެޕްލިކޭޝަން އިންސްޓޯލް ކުރާ ހިސާބުން، އެފޯނެއްގެ ކޮންޓެކްޓްތަކާއި، މެސެޖާއި، ފޮޓޯ، މައިކްރޯފޯން އަދި ކެމެރާގެ އެކްސެސް ދެވޭކަމާއި، އޭގެ ސަބަބުން ޕޮކިމޮން ގޯ ގޭމް ހެދި ފަރާތުން، ނުވަތަ އެ ގޭމް ހެކްކުރާފަރާތަކަށް ގޭމް އިންސްޓޯލްކުރާ ހުރިހާ ފޯނެއްގެ އިސްވެ ދެންނެވުނު އެކްސެސްތައް އަބަދުވެސް އޮންނާނެއެވެ.
( ނުނިމޭ )

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *