ޖޫދު ކެޕްޓަންކަމާ ކުރިމަތިލީ، އުއްމީދު ކަނޑާލާފައި ވަނިކޮށް އެކުވެރިން ދިން ހިތްވަރުން

އަށް ވަނަ ކިލާހަށް އައިއިރު ވެސް ސްކޫލް ކެޕްޓަނަކަށް ވުމުގެ ހުވަފެން ހުރަވީ ސްކޫލުގެ ގުރޭޑް ދިހައެއްގައި މިހާރު ކިޔަވަމުންދާ ހަސަން ޖޫދު ޖައުހަރީ ދެކުނެވެ. އޭނާ މަސައްކަތް ވެސް ކުރީ އެ ދިމާލަށެވެ. އެކަމަކު ނުވަ ވަނަ ކިލާހުގެ ކިޔެވުން ފެށުމާއެކު އޭނާއަށް އެ ޚިޔާލާ ދުރަށް ދާން ފެށުނެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. އެހެން ދަރިވަރުންގެ ތާއީދު ލިބިދާނެ ބާވައޭ ހިތާހިތާ ސުވާލުކުރެވެން ފެށިއެވެ. ދެ ފިކުރެއްގައި ހުރެ، އެންމެ ފަހުން އެ އުއްމީދާއި އެ ހުވަފެން އޭނާ ދޫކޮށްލިއެވެ.

އޭރު ވެސް އޭނާގެ މަންމަ ދިޔައީ ހިތްވަރު ދެމުންނެވެ. އެކަން ކުރެވޭނެ ކަމާއި ކެރިގެން ކުރިމަތިލާން ބާރު އަޅަމުންނެވެ. މަންމަ ދިން ނަސޭހަތުގައި ހިފައިގެން އެކަމުގައި އޭނާއަށް ކޮޅަށް ތެދުވެވުނީ ގާތް އެކުވެރިން ދިން ހިތްވަރާއި ޔަގީން ކަމުންނެވެ. " ވާނެއޭ ކުރެވޭނެއޭ" ބުނެ އެ ކުދިން ދިއްކޮށްލި އަތުގައި އެންމެ ފަހުން އޭނާ ހިފިއެވެ. އިންތިޚާބުގައި ވާދަކުރިއެވެ. އިންތިޚާބުން ކާމިޔާބުކޮށް އުއްމީދު ކުރި މަޤާމުގައި ކުޅިފަސް ވެސް ހޯދީއެވެ.

" އިންތިޚާބަށް ދިޔައިރު ވެސް ބިރުން ހުރީ. ވޯޓް ލިބޭނެބާއޭ ހިތުގައި ސުވާލު އުފެދި ހިތް ނުތަނަވަސްވެފައި ހުރެވުނީ"

ދަރިވަރުންގެ ވޯޓުން ކުރި ލިބުނީ ޖޫދަށެވެ. މާ ބޮޑު ތަފާތެއް ނެތެވެ. އިންތިޚާބު ދިޔާއި ވާދަވެރިކޮށެވެ.

"ނަތީޖާ ލިބުނީމާ ވަރަށް ބޮޑު އުފަލެއް ލިބުނީ" ކެޕްޓަން ޒިންމާއާ ހަވާލު ވެވުނީމާ ޖޫދަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

" އެ ހިސާބުން އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެ، އިސްނަގައިގެން ކުރިއަށް ދާން ވަރަށް ފަސޭހަވި"

ސްކޫލެއްގައި ކެޕްޓަނެއްގެ ޒިންމާއަކީ ޢަމަލީ މައިދާނަށް ތައްޔާރުވުމަށް ލިބޭ ފުރުޞަތެކެވެ. އެ ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އޭނާ ދަނީ ހުރަވީގެ އެހެން ދަރިވަރުންނަށް ނަމޫނާ ދައްކަމުންނެވެ. ބޭނުން ވަނީ ކިޔެވުމުގައި ވެސް އެ ނަމޫނާ ދައްކާށެވެ. އަމުރުވެރި ދަރިވަރެއްގެ ގޮތުގައި އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އެކަމަށް އޭނާ ދަނީ މަސައްކަތް ވެސް ކުރަމުންނެވެ.

ޖޫދު ބޭނުން ވަނީ އާކިޓެކްޗަރގެ ދާއިރާއިން ކުރިއަށް ދާށެވެ. މިހާރުއްސުރެ އޭނާ ހުރީ އެކަން ހިތުގައި އަޅައިގެންނެވެ.

" އާކިޓެކްޗަރގެ އިތުރުން ސިވިލް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން މި ވަގުތު ވިސްނުން ހުރީ"

ޖޫދު ބުނީ، އޭނާއަށް ދަސްވި ފިލާވަޅަކީ ކުރިއަށް ފިޔަވަޅު އަޅަން ވިސްނާއިރު ފަހަތު ފަޔަށް ބުރަވެއްޖެނަމަ ކުރިއަށް ނުދާނެ ކަމެވެ. އުނދަގޫތަކާއި ހިތް ނުތަނަސްވާ ވަގުތުތައް އަންނާނެ ކަމަށެވެ. އެއިން ކޮންމެ ވަގުތެއްގައި ވެސް ހަނދާން ކުރަންވީ ކަމަކީ ހިތްވަރު ކޮށްފައި ތެދުވުމެވެ. މަންމަމެންނާއި ގާތް އެކުވެރިން ދިއްކޮށްލާ އަތުގައި ހިފުމެވެ. އޭނާގެ ކާމިޔާބީގެ އަސްލަކީ އެއީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *