މާދަމާ ކިޔަވަން ފަށަން ހުރިހާ ސްކޫލްތަކުން ވެސް ތައްޔާރުވެއްޖެ

ކޮވިޑް19އާ ގުޅިގެން އައު ޢާންމު ޙާލަތާއެކު ސްކޫލްތަކުގެ ކިޔެވުން މާދަމާ ފަށާނެއެވެ. މާލެ ސަރަހްއްދުގެ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުގައި މާދަމާ ކިޔަވައިދޭނީ ގުރޭޑް އެކަކުން 12އަށެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއެކު ފުރަބަންދުގައި އޮތް މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށަނީ ގުރޭޑް 9ން 12އަށެވެ.

ސްކޫލްތަކުގެ ހަތަރުފާރުން އެތެރެއަށް ކުދިން ފިޔަވަޅު އެ އަޅަނީ 139 ދުވަހަށްފަހުއެވެ. ހުރިހާ ސްކޫލްތަކެއް އޮތީ ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށެވެ. ކޮވިޑް19ގެ ޙާލަތާއެކު ސްކޫލްތައަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސްކޫލްގެ ގޯތިތެރެއާއި ކުޅާސްރޫމްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން މާލޭގެ ސްކޫލްތަކުގެ ކިލާސްތަކުން ފެންނަމުން ދިޔަ ހަލަބޮލިކަމެއް މިހާރު ނުފެންނާނެއެވެ. ޑެސްކްތައް އަތުރާލާފައި ހުރީ ތިން ފޫޓް ދުރުގައި ތިބެވޭނެ ހެން ދުރުދުރުގައެވެ. ކުލާހެއްގައި ގިނަވަގެން ތިބެނީ ފަނަރަ ކުދިންނެވެ. ކޮރިޑޯއާއި އެހެނިހެން ސަރަހައްދު ތަކުގައި ދަރިވަރުން ތިބޭނީ ތިން ފޫޓް ދުރުމިން ކަށަވަރު ކުރުމާއެކުގައެވެ. އެފަދަ ނިޝާންަތައް ހުރީ ފާހަގަކޮށްފައެވެ. އަދި ކޮވިޑްއާ ގުޅޭ ތަފާތު މައުލޫމާތުތައް ހުރީ ސްކޫލްގެ އެކި ސަރަހައްދުގައި އާންމުކޮށް ފެންނާނެހެން ބަަހައްޓާފައެވެ. ގައިދުރުކަމަށް އިސްކަން ދިނުމާއި މާސްކު އެޅުން ފަދަ ކަންތައްތަކަށް ވަކިން ބޮޑަށް ސަމާލުކަން ދީފައިވެއެވެ.
ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ އެ ސްކޫލް އޮތީ ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށެވެ. މުދައްރިސުންނާއި ވަޞީލަތްތައްވެސް މިހާރު ހަމަކުރެވި އެންމެ ފަހުގެ ތައްޔާރީތައްވެސް ނިމިފައިވާ ކަމަށް ރިންޒީ ވަނީ ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައެވެ.
ރިންޒީ ވިދާޅުވީ ދަރިވަރުން ސްކޫލަށް ވަންނާނެ ގޭޓްތައް ކަނޑައެޅި، ކުލާސްތެރޭގައި ވެސް ކޮންމެ ކުއްޖެއްގެ ޑެސްކުގައި އެކުއްޖެއްގެ ނަން ވެސް ޖަހާފައިވާނެ ކަމަށެވެ.

ސެނިޓެއިޒްކޮށް ކޮންމެ ކުއްޖަކު ސްކޫލްގެ ގޭޓުން އެތެރެއަށް ވަދެ ހުންބެލުމުގެ އިންތިޒާމް ވަނީ ހޯލްގައި ހަމަޖައްސާފައެވެ. ގުރޭޑް 9އާއި 10ގެ ދަރިވަރުން ކިޔަވަން ދާނީ ދެ ގަޑިއެއްގައެވެ.

" ސްކޫލްގައި ހޭދަކުރަންޖެހޭނީ ކޮންމެ ކުއްޖަކުވެސް ހަތަރު ގަޑިއެއްހާއިރު، އޭގެ ފަހުން ސްކޫލަކަށް ކުއްޖާ އަންނާކަށް ނުޖެހޭނެ. އެކްސްޓްރާ ގަޑިވެސް އަޅުގަނޑުމެން ގެންދާނީ އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް" ރިންޒީ ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ދަރިވަރުންނަށް މަރުޙަބާ ކިޔަން އެ ސްކޫލްވެސް އޮތީ ތައްޔާރަށް ކަމަށާއި، ބޭނުންވާ ވަޞީލަތްތައްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ނާސިހާ ވިދާޅުވިގޮތުގައި އައު ޢާންމު ހާލަތަށް ބެލެނިވެރިން ތައްޔާރު ކުރުމުގެ މަސައްކަތް މީގެ ފަނަރަ ވަރަކަށް ދުވަސް ކުރިން ފަށާފައިވާ ކަމަށާއި، ސްކޫލަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނެސް ސްކޫލް ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވަނީ ނިމިފައެވެ.
އަފީފުއްދީން ސްކޫލްގައި، ދެ ދަންފަޅިއަށް 903 ކުދިން މާދަމާ ކިޔަވަން ނުކުންނައިރު، އޭގެ ތެރޭގައި ޕްރީ ސްކޫލްދަރިވަރުން ނުހިމެނެއެވެ. އެކުދިންގެ ކިޔެވުން މާދަމާ ނުފަށާނެއެވެ. ދަރިވަރުން ކިޔަވާނީ އެ ސްކޫލްގެ 30 ކިލާހެއްގައެވެ. ކިލާހެއްގައި ތިބޭ ކުދިންގެ އަދަދު 15 ކުދިންނަށްވުރެ އިތުރެއް ނުވާނެއެވެ.

" ދަންފަޅި ނިމުމާއެކު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. ކޮންމެ ކުއްޖަކު ކުލާހަށް ވަންނާނީވެސް ސެނިޓައިޒާއިން އަތް ސާފުކޮށްގެން" ނާސިހާ ވިދާޅުވިއެެވެ.

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުން ބުނީ އެ ސްކޫލުންވެސް ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށެވެ. އެ ސްކޫލްގެ 138 ދަރިވަރަކު ގުރެޑް 9އާއި 10ގައި ކިޔަވަމުން ދެއެވެ. ކިލާހެއްގައި ފަނަރަ ދަރިވަރުން ތިބޭއިރު، ކޮންމެ ކިލާހެއްގައިވެސް އަތް ދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
" މާދަމާ އަޅުގަނޑުމެން ފަށަނީ ޚާއްޞަ އެސަމްބްލީއަކުން. އޭގައި ކުރިއަށް ގެންދާނި ކޮވިޑް ގުޅުން ހުރި މުހިންމު މައުލޫމާތުތައް" ހުރަވީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވިއެވެ.

ކޮންމެ ސްކޫލެއްގައިވެސް ދަރިވަރުން ސްކޫލަށްލާން ދާއިރު، ޚާއްސަ ކޮށްފައިވާ " ޑްރޮޕް ޕޮއިންޓް" އާ ހަމައަށް ކުދިން ގެންދިއުމަށް ސްކޫލްތަކުން އިރުޝާދު ދެއެވެ. ކުދިން ގައިގޯޅި ނުވާނެ ގޮތަށް އެކި ކުލާސްތަކަށް ވަނީ އަރައިފޭބުމަށް ވަކިވަކި ސިޑިތަކެއް ޚާއްޞަކޮށްފައެވެ.

ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި (ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި) މިމިނިސްޓްރީއިން މިދަނީ ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލްތަކުގައި ގާއިމުކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާއިރު ސްކޫލްތައް ހުޅުވެންވާއިރު ހުރިހާ ސްކޫލެއްގައި ގާއިމުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަތައް ލެވިފައިވާނެއެވެ. މީގެ އިތުރުން ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓިފައިވާނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *