ރައްޔާން، 140 އަށްވުރެ ގިނަ ޤައުމުތަކުގެ ނަމާއި ދިދައާއި ޗާޓްވެސް ހިތު ދަސް

ރައްޔާން ދިދައާއި ކޮންޓިނެންޓެއްގެ ނަން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދަށް ކިޔައި ދެނީ: ރައްޔާނަކީ ގައުމުތަކުގެ ނަންތަކާއި ދިދައާއި ޗާޓްތައް ހިތުދަސްކޮށްފައި- ފޮޓޯ: ރިޝްވާން މުޙައްމަދު | ދަރިވަރު

އަމީނިއްޔާގެ " ހުނަރު މަންސަ" މައުރަޒުގައި ބައިވެރިވި ހުނަރު ވެރި އެތައް ދަރިވަރުންގެ ތެރެއިން ނުވަ އަހަރުގެ މުޙައްމަދު ރައްޔާން ރިޟްވާން ކިޔައި ދިނީ ގައުމުތަކާއި އެ ޤައުމު ތަކުގެ ދިދަ ތަކުގެ ނަންތަކެވެ.

ރައްޔާން އިން މޭޒު ކައިރިއަށް ވަޑައިގެން، ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދު، އޭނާއާ ވާހަކަ ދެއްކެވުމަށްފަހު، މޭޒުމަތީގައި ބަހައްޓާފައި ހުރި އެކި ޤައުމު ތަކުގެ ދިދަ ތަކުގެ ތެރެއިން، ދިދައެއް ނަންގަވައި އެއީ ކޮން ޤައުމެއްގެ ދިދައެއްތޯ ރައްޔާނާ ސުވާލުކުރެއްވިއެވެ.

"އެމެރިކާ" ރައްޔާން ޖަވާބު ދިނީ ޖެހިލުމެއް ނެތިއެވެ.

ދެން ނެންގެވީ ދިވެހިރާއްޖޭގެ ދިދައެވެ.

"ދިވެހިރާއްޖެ" ހިނިގަނޑެއް ޖަހާލަމުން އުފާވެރިކަމާއެކު ރައްޔާން ޖަވާބު ދިނެވެ.
ކޮންޓިނެންޓެއް ދައްކާފައި އެ ކޮންޓިނެންޓްގެ ނަން ރައްޔާން ބުނެދެނީ: – ފޮޓޯ: ރިޝްވާން މުޙައްމަދު | ދަރިވަރު

ރައްޔާން ހިތުދަހީ ހަމައެކަނި ޤައުމު ތަކުގެ ދިދަތަކަށް އެކަންޏެއް ނޫނެވެ. ޤައުމުތަކުގެ ޗާޓްތަކާއި ކޮންޓިނެންޓްތަކަށް ވެސް އޭނާ ހިތުދަހެވެ. ކޮލާޖަކަށް އޭނާ ހަދާފައި ހުރި "ގްލޯބް" އިން ކޮންޓިނެންޓެއް ދައްކާފައި އެ ކޮންޓިނެންޓްގެ ނަން ވެސް ރައްޔާން ބުންޏެއެވެ.

ރައްޔާން މަންމަ އާމިނަތު ޒޫނާ ބުނީ، ޤައުމުތަކާއި ދިދަތައް ކުރަހައި ހަދާތީ، އޭނައަށް އެނގޭވަރެއް ބަލާލަން ފޯނަށް އެޕެއް އަޅައިގެން ޗެކްކޮށްލިއިރު، 140 އަށްވުރެ ގިނަ ޤައުމުތަކުގެ ނަންތައް އެނގުނު ކަމަށެވެ.

ޒޫނާ ބުނީ ކުރިން ކުރަހަނީ ޓައިޓޭނިކް ފަދަ ބޯޓްތައް އަޑިއަށްދާ މަންޒަރުތައް ކަމަށާއި ޤައުމު ތަކުގެ ދިދަތަކަށް ޝަޢުޤު އުފެދިގެން ކުރަހަން ފެށީ 2019 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

" ސްކޫލަށް ގެންދާ ނޯޓް ފޮތުގައި ވެސް މުޅިންހެން ކުރަހާފައި މިހާރު ހުންނަނީ ދިދަތަކާއި ޤައުމުތަކުގެ ޗާޓްތައް" ޒޫނާ ބުންޏެވެ.

ޒޫނާ ބުނީ، އޭޑީއެޗްޑީއާއި އޯޓިޒަމްގެ ބައެއް ސިފަތައް ހުންނަ ރައްޔާނަށް ބަސް ކިޔުމުގައި އުނދަގޫތަކެއް ހުރުމާއެކު ލިޔަން ލިޔަން ވެސް އުނދަގޫ ކަމަށެވެ.

" ބައެއް ކޮންޓިނެންޓްތަކާއި ޤައުމުތަކުގެ ނަންތައް ކިޔަންވާ ގޮތަށް ނުކިޔޭ. އުނދަގުލުން ނަމަވެސް ބުނާނީ އެ ކޮންޓިނެންޓެއް ނޫނީ ޤައުމެއްގެ ނަން"

ޒުނާ ބުނީ، ރައްޔާން ބޭނުން ވެގެން ގްލޯބެއް ހޯދި ކަމަށާއި، ފަހުން އެ ކުޑަވެގެން ވާހަކަ ދައްކަން ފެށީމާ ދެން ހޯދީ ފާރުގައި އަޅުވާ ވައްތަރުގެ ބޮޑު ޗާޓެއް ކަމަށެވެ. އެ ޗާޓް ބަލައިގެން ގިނަ ކަންތައްތަކެއް ދަސްކުރި ކަމަށް ޒޫނާ ބުންޏެވެ.

" އެ ޗާޓުން ދައްކާފައި ބުނާނެ މިއީ މިވެނި ޤައުމެކޭ މި ވެނި ކޮންޓިނެންޓެކޭ" އެހާ ވެސް ޝަޢުޤުވެރިކަން ބޮޑެވެ.

ޒޫނާ ބުނީ، ޔުކުރެއިން ހަނގުރާމަ ފެށުމާއެކު ސީއެންއެންފަދަ ޗެނަލްތައް ބަލައިގެންނާއި ގޫގުލް މެދުވެރިކޮށް އެ ޤައުމާއި ސޯވިއެޓް ޔޫނިއަންއާ ބެހޭ މައުލޫމާތު ވެސް ރައްޔާން ހޯދި ކަމަށެވެ.

އެގޮތަށް މައުލޫމާތު ހޯދަން، ޔޫޓިއުބުން ވިޑިއޯ ބަލަނިކޮށް ފަލަސްތީނާ ގުޅޭ ލަވައެއް ފެނިގެން އެ ލަވަ ވަރަށް ގިނައިން މިހާރު ބަލާކަމަށް ޒޫނާ ބުންޏެވެ. އަދި ފަލަސްތީނާބެހޭ މައުލޫމާތު ވެސް އޭނާ ހޯދައެވެ.

" އެ ވީޑިއޯ ފެނުނު ދުވަހު އައިސް ބުނީ، އޭގައި ބުނާ އެއްޗެއްގެ މާނަ ކިޔައިދޭން"

ޒޫނާ ބުނީ ރައްޔާންގެ ފޮޓޯގްރަފިކް މެމޮރީ ވަރަށް ރަނގަޅު ކަމަށާއި ގިނަ ދުވަސް ވީ ކަންތައްތައް ވެސް އޭނާގެ ހަނދާނުގައި ހުންނަ ކަމަށެވެ.

"އިންޑިޔާއަށް ދެވޭ ފަހަރުވެސް ބުނާނެ މަންމާ މި ރޯޑްގެ ވަކި ހިސާބަކަށް ދެވުނީމައޭ މި ވެނި ތަނަކަށް ދެވޭނީ"

ހުސްވަގުތެއް ލިބޭ ކޮންމެ ފަހަރަކު ރައްޔާނުގެ މަސައްކަތަކީ ގައުމުތަކުގެ ދިދަތަކާއި ޗާޓްތައް ކުރެހުމެވެ. ނޯޓް ފޮތްތަކާއި ސްކޫލް ފޮތްތަކުގައި ވެސް ހުރަހާފައި ހުންނަނީ ޗާޓްތަކާއި ދިދަތަކެވެ.

" އެނޫން އެއްޗެއް މިހާރު ކުރަހަން ބޭނުމެއް ވެސް ނުވާނެ"

އަމީނިއްޔާ "ހުނަރު މަންސަ" އިން ފެނުނީ އެތައް ދަރިވަރުންނެއްގެ ހުނަރެވެ. ރައްޔާން އެއީ އޭގެ ތެރެއިން އެންމެ ކުއްޖެކެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *