ޑރ. އާސިޔަތުގެ ގަލަމުން: ދަރިވަރުން އެނބުރި ސްކޫލަށް! ކުރަންވީ ކޮންކަމެއް؟

މއަދު ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މިދާއިރާގެ އެއްވެސް މީހަކު ތަސައްވަރު ކުރި ކަންތައްތަކެއް ނޫނެވެ. އެހެންނަމަވެސް ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ތަޢުލީމާބެހޭ ވުޒާރާގެ އިރުޝާދުތަކާއެކު މުދައްރިސުންނާއި، ކަމާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކުންވެސް ދަނީ މިހާލަތަށް ހޭނި، ދަރިވަރުންނަށް މިވަގުތަށް ފޯރުކޮށްދެވޭނެ އެހީތެރިކަމަކީ ކޮބައިތޯ ބަލައި، އެކަން ވީހާވެސް ރަނގަޅަށް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް މުޤައްރަރުގެ ކޮންމެވެސް މިންވަރެއް ފޯރުކޮށްދެވުނުކަމުގައި ވިޔަސް މިވަގުތު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި، ބެލެނިވެރިން އަދި ދަރިވަރުންވެސް އެންމެ އުންމީދު ކުރަނީ ސްކޫލްތައް ހުޅުވި، ދަރިވަރުންގެ ކިޔެވުން ފެށޭނެ ދުވަހަކަށެވެ. މިދުވަސް ފެންނާނީ ކިހާ އަވަހަކަށްކަމެއް ނޭނގުނު ކަމުގައިވިޔަސް އަބަދު މިގޮތަށް ނުތިބެވޭނެކަމީ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ހަޤީގަތެކެވެ. ކޮވިޑް19 އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ނުލިބި ދުވަސްތައް ދިގު ދެމިގެން ދާނަމަ މިހާރުގެ ހާލަތަށް ތައްޔާރުވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވުން އެއީ ކޮންމެވެސް ހިސާބަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެނަސް އަޅުގަނޑުމެންގެ ދެ ލޮލުގެ ނޫރު ކަމުގައިވާ ދަރީން މިހާލަތުގައި ގޭގެ ހަތަރުފާރުން ބޭރުކޮށްލުމަށް ހިތްވަރު ކުރެވޭނީ ރައްކާތެރިކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އަޅުގަނޑުމެންނަށް ލިބިގެންނެވެ. އެހެންކަމުން މިދުވަހަށް ތައްޔާރުވުމަށް އަޅުގަނޑުމެނަށް ކުރެވިދާނެ ބައެއްކަންކަމާއި ދިމާވެދާނެ އުނދަގޫތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާނަމެވެ.

ސްކޫލްތައް ހުޅުވިގެންދާނެކަމުގެ އަޑުތައް ފެތުރުމާއެކު ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ޚުދު އަޅުގަނޑަކީ ވެސް ތިން ކުދިންގެ މަންމައެއް ކަމުން މި އިހުސާސް ވަރަށް ރަނގަޅަށް ކުރެވެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ސްކޫލް ހުޅުވިގެންދާނެ ވާހަކަ އިވޭ ކޮންމެ ފަހަރަކު ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ހިތުގައި އުތުރި އަރާނީ އެއް ސުވާލުތަކެކެވެ. ސްކޫލަށް ކުދިން ދާންފެށުމުން ވައިރަސް ފެތުރޭ މިންވަރު އިތުރުވެ އަޅުގަނޑުމެންގެ ދަރިންނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާނެތޯއެވެ؟ ސްކޫލް މާޙައުލުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދެވޭނީ ކިހާވަރަކަށް ތޯއެވެ؟ ސްކޫލުގައި މިޙާލަތަށް ރިޢާޔަތްކުރެވޭ މިންވަރަށް ސާފުތާހިރުވުމުގެ ގޮތުން ބޭނުންކުރެވޭނެ ވަސީލަތްތައް އެބަހުރި ތޯއެވެ.؟ ސްކޫލުގެ މާހައުލުގައި ދަރިވަރުންނަށް އިޖްތިމާއީ ގައިދުރުކުރުމުގެ މިންގަޑުތަކާ އެއްގޮތަށް އުޅެވޭނެ މާހައުލެއް ޤާއިމުކުރެވިފައިވާނެ ތޯއެވެ؟ މިއީ ދަރިވަރުންނާ ގުޅުން ހުރި ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ޙާލަތެއްކަމުން މިޙާލަތުގައި ދަރިވަރުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ސްކޫލުން ދަރިވަރުންނަށް ލިބިގެންދާނީ ކިހާވަރަކަށްތޯއެވެ؟

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވަނީ ސެންޓްރަލް ނިޒާމެއްގެ ދަށުން ކަމަށްވުމުން، ޝައްކެއް ނެތްގޮތުގައި ސްކޫލްތައް ފެށިގެންދާނީ މިސުވާލުތަކުގެ ޖަވާބު ލިބި، ހުރިހާ ސްކޫލެއްގައި ޢަމަލުކުރަންޖެހޭ އުސޫލުތަކަކާ އެކުގައެވެ. ތަޢުލީމުދޭ ކޮންމެ މުއައްސަސާއެއްގައިވެސް ވަސީލަތާއި، ދަރިވަރުންގެ ޢަދަދާއި، ޖާގައިގެ ގޮތުންވެސް ބޮޑެތި ފަރަގުތަކެއް ހުރުމުން މި އުޞޫލުތަކަށް ޢަމަލުކުރުމުގައި އެކި ސްކޫލްތަކުން ތަފާތުތަކެއް ފެނިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. އަދި ސެންޓްރަލް ނިޒާމުގެ ތެރެއިން މިކަން އެންމެ އެދެވިގެންވާ ގޮތުގައި ބަލަހައްޓަމުން ދިޔުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ. ތަޢުލީމީ ދާއިރާ ވެސް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ބައްޓަންވެގެން ދިޔުމަކީ ޒަމާންތަކެއް ވަންދެން އަޅުގަނޑުމެން ދެކެމުން އަންނަ ހުވަފެނަކަށް ވީހިނދު އެފަދަ ނިޒާމެއް، އެންމެ ފުރިހަމަ ގޮތުގައި މިއަދު ޤާއިމުވެފައިވީނަމަ ދިވެހިރާއްޖެ ކަހަލަ ޖަޒިރާ ޤައުމެއްގައި މިކަންކަން ބަލަހައްޓައި އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެހެނަސް އެހުވަފެން ކޮންމެވެސް ދުވަހަކުން ހަޤީގަތަކަށް ވާނެކަމުގެ އުންމީދުގައި އެވާހަކަ އެހެންފަހަރަކަށް ބާއްވާލާނަމެވެ.

ސްކޫލްތައް ހުޅުވަންވީތޯ؟

އަޅުގަނޑުދެކޭ ގޮތުގައި މިވަގުތު ބަލި ނެތް ރަށްރަށުގައި ސްކޫލްތައް ހުޅުވުމަކީ ހަމައެންމެ ރަނގަޅުކަމެކެވެ. އެހެނަސް އެކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު މިކަން ކުރެވިގެން ދިޔުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެމެވެ. ބެލެނިވެރިން އެބޭފުޅުންގެ ދަރިން ސްކޫލާ ހަވާލުކޮށްލުމަށް ޖެހިލުން ނުވާވަރުގެ ޔަޤީންކަމެއް ލިބެންޖެހެނެއެވެ. ޓީޗަރުންނާއި ސްކޫލްގެ އެހެނިހެން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުވާންޖެހޭނެއެވެ. މިކަމަށްޓަކައި ކުރަންވީ ކޮންކަމެއްތޯއެވެ؟

މުޖުތަމަޢުގައި ބަލިނެތްކަން ޔަޤީން ކުރުން

އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރަށުތެރޭގައި ބަލި ނެތްކަން ކަށަވަރު ކުރަންޖެހޭނެއެވެ. ޚާއްޞަގޮތެއްގައި ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނި، ގިނަ އަދަދެއްގެ މީހުން ބަލިން ރަނގަޅުވަމުންދާ ކަމަށް ކަމާގުޅޭ މުޢައްސަސާތަކުން ބުނަމުންދާއިރު ރަށުތެރޭގައި ބަލި އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް "ރެންޑަމް ސާމްޕަލް ތަކެއް" ނެގި ޓެސްޓް ހެދިގެން ދިއުން ވެގެންދާނީ އޭގެ ހިތްހަމަޖެން ގިނަބަޔަކަށް ލިބިގެންދާނެ ކަމަކަށެވެ. އަދި ރަށުން ބޭރުން އަންނަ ފަރާތްތައް ރަށުތެރެއަށް ފުނުވާލުމުގެ ކުރިން ކަރަންޓީނު ކުރެވި ޓެސްޓްތައް ހެދުމަށްފަހު ބަލި ނެތްކަން ކަށަވަރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން ދަރިވަރުން ސްކޫލަށް ފޮނުވުމުގައި ބެލެނިވެރިންނަށް ހިތްހަމަޖެހުން ލިބި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެއެވެ.ބައްޔަށް ޓެސްޓު ކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުން

މިވަގުތު ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓް ކުރެވެން ހުރީ ހަމައެކަނި ވެރިކަންކުރާ ރަށް މާލެއިން ކަމުގައިވާއިރު އަތޮޅުތަކުން ނެގޭ ސާމްޕަލްތައް މާލެއަށް ފޮނުވައިގެން އޭގެ ނަތީޖާ ލިބުމަށް ގާތްގަނޑަކަށް 48 ގަޑިއިރު ނަވަތަ އެއަށް ވުރެގިނަ ވަގުތު ނަގައެވެ. ކަންމިހެން އޮތްއިރު ސްކޫލްތައް ހުޅުވި، ދަރިވަރުން ސްކޫލަށް ދާދިޔުމުގައި ބަލީގެ އެއްވެސް ޢަލާމާތެއް ކުއްޖެއްގެ ފަރާތުން ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އެކުއްޖަކު ޓެސްޓު ކުރެވޭނެ ގޮތް ފަހިވެގެން ދިއުމަކީ ވަރަށް މުހިއްމުކަމެކެވެ. މިއީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެހެންނޫނީ އެފަދަ ޙާލަތެއްގައި އެކުއްޖަކާ ބައްދަލުވި ހުރިހާ ފަރާތެއް އެކަހެރިކޮށްލަންޖެހޭ އިރު މިކަން ވެގެންދާނީ އުނދަގޫ ހާސްކަން ބޮޑު ކަމަކަށެވެ. އަދި މިއީ މުޖުތަމަޢުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އިތުރުވެގެންދާނެ ކަމެއްކަން ކަށަވަރެވެ.

ސްކޫލު މާހައުލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމުވެފައިވާ މިންވަރު ދެނެގަތުން

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ގިނަގިނައިން އަތްދޮވުމާއި ޢާންމު ސާފުތާހިރުކަން ކަށަވަރުކުރުމެވެ. މިޙާލަތުގައި މިކަމަށް ބޭނުންވާ ވަސީލަތްތައް ސްކޫލްތަކުގައި ޤާއިމުވެފައި ހުރީ ކިހާ މިންވަރަކަށްތޯ ސުވާލު އެފެދެއެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގައި އަތްދޮވެވޭނެ ގޮތް ގާއިމުވެފައި ހުންނާނީ ހަމައެކަނި ފާޚާނާތަކުގައި ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. އަދި ސްކޫލް ގޯތިތެރޭގައި އެފަދަ ވަސީލަތެއް ގާއިމުވެފައި ހުރިކަމުގައިވިއަސް މިއީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމޭކަށް ނެތެވެ. އެއީ ދަރިވަރުންގެ މިޒާޖަށް ބަލާއިރު ކުލާހުން ބޭރަށް ގޮސް އަތްދޮވެގެން އެނބުރި އައުން އެއީ މިޙާލަތުގައި ކަންކުރުން އެންމެ ރަނގަޅު ގޮތްނޫން ކަމަކަށް ވާތީއެވެ. އެހެންކަމުން އުންމީދަކީ ކޮންމެ ކުލާހެއްގައި ދަރިވަރުންނަށް އަތްދޮވެވޭނެ ގޮތްހަމަޖެހިގެން ދިއުމެވެ. މިއީ ބޮޑު ޚަރަދަކާއި މަސައްކަތްތާއި ވަގުތުތަކެއް ހޭދަވާނެ ކަމަކަށް ވާތީ ކުރިޔާލާ ވިސްނައި ތައްޔާރުވާން ޖެހެއެވެ.

އިޖްތިމާޢީ ގައިދުރުކަމާއެކު ސްކޫލް ފަށައިގަތުން

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިއްމު އެއްކަމަކީ އިޖުތިމާޢީ ގައިދުރުކަން ބަހައިއްޓައިގެން އުޅުން ކަމުގައި ވީހިނދު، ސްކޫލްތަކުގެ ސެޝަންތައް މިހާރު މިއޮތް ގޮތަށް ބަދަލު އަންނާނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ރާއްޖޭގެ ގިނަ ސްކޫލްތައް އެއް ސެޝަނަށް ބަދަލުކޮށްގެން ހިންގާތާ ދުވަސްތަކެއް މިވަނީވެފައެވެ. އެހެނަސް އިޖުތިމާޢީ ގައިދުރުކުރުމުގެ މިންގަޑުން ކުލާސްތައް އަތުރާލާއިރު ބައެއް ސްކޫލްތައް ދެ ދަންފަޅިއަށް އަދި އަނެއްބައި ސްކޫލްތައް ހަތަރު ދަންފަޅިއަށް ބަދަލުވެގެން ދާނެއެވެ. ސްކޫލްތަކުގެ ސެޝަންތަކަށް އަންނަ މިބަދަލު ވެގެންދާނީ މުޅި މުޖުތަމަޢަށް އަންނާނެ ބޮޑު ބަދަލަކަށެވެ. އެއް ސެޝަނަށް ސްކޫލުގެ ގަޑިތައް ހަމަޖެހިފައިވުމުން ވަޒީފާތަކުގައި އުޅޭ މައިންބަފައިންނަށް ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ފަސޭހަތަކެއް ލިބުނުކަމުގައި ވީނަމަވެސް މިހާރު އެޙާލަތު ބަދަލުވެގެން ދާއިރު އެފަދަ ވަގުތު ނުލިބި، މައިންބަފައިންނަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ އެއްޓީޗަރަކު އެއް ސެޝަނަށްވުރެ ގިނަ ސެޝަނުގައި ކިޔަވައިދިނުން ވެގެންދާނީ ޓީޗަރުންނަށް ވެސް މުޅިން ތަފާތު ތަޖުރިބާއަކަށެވެ. އެހެންކަމުން ސްކޫލްތައް ހުޅުވުމުގެ ކުރިން، މި ބަދަލުތައް ބެލެނިވެރިންނާއި ޓީޗަރުންނަށް އެނގި އެކަމަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވުމަށް ފުރުސަތު ފަހިކޮށް ދިނުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ސްކޫލުގެ މާހައުލުން ލިބެން އޮތުން

ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުން ސްކޫލާއި ދުރުގައި ތިބުމަށްފަހު ސްކޫލަށް އަންނައިރު ނަފްސާނީ އެހީތެރިކަން ބޭނުންވާނެ ދަރިވަރުންތަކެއް އުޅޭނޭކަން ކަށަވަރެވެ. ހަމަ އެހެންމެ ބެލެނިވެރިންގެ ތެރޭގައިވެސް މި އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ތިބުން އެކަށީގެންވެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް އެންމެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ވަޞީލަތް ކޮންމެ ސްކޫލެއްގައިވެސް ގާއިމުވެފައި ހުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ. މި ހާލަތުގައި މިކަމަށް އެންމެ އެކަށޭނަ ފަރާތްތައް ކޮންމެ ސްކޫލަކަށް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެތީ އެފަދަ ފަރާތްތަކާއެކު ސްކޫލްތައް "ކުލަސްޗާރ" ކުރުން ނުވަތަ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން ބައެއް ފަރާތްތަކަށް ޙާލަތާއިގުޅޭ މިފަދަ ތަމްރީންތައް ދިނުމަކީ ވެސް ކުރެވިދާނެކަމެކެވެ.

ކޮވިޑް 19 އާ ގުޅީގެން ދަރިވަރުން ސްކޫލް މާހައުލުގައި އުޅެންޖެހޭ ގޮތަށް އަހުލުވެރިކުރުން

ކޮވިޑް19އާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިވެފައިވީ ނަމަވެސް ސްކޫލް ދަރިވަރުން އަމަލު ކުރަންޖެހޭ ގޮތުގެ އުޞޫލުތަކެއް އެކުލަވާލެވި އެއަށް ކުދިން އަހުލުވެރި ކުރުމަކީ ސްކޫލްތައް ހުޅުވި ކުދިން ސްކޫލްތަކަށް ދިޔުމުގެ ކުރިން ކުރެވިދާނެ ކަމެކެވެ. މިވަގުތު މުޤައްރަރުގެ ފިލާވަޅުތައް ކުދިންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ބޭނުންކުރެވެމުންދާ ވަސީލަތެއް ކަމުގައިވާ ޓެލެކުލާސް މެދުވެރިކޮށް މިކަންކުރުން އެއީވެސް މިކަން ކުރެވިދާނެގޮތެކެވެ. އަދި ހަމައެހެންމެ ގޫގުލް ކުލާސް އަދި ވައިބަރ ގުރޫޕް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންވެސް މިކަމަށް ކުދިން ހޭލުންތެރިކުރެވިދާނެއެވެ. އޭރުން މި ހާލަތާއެކު އުޅުމަށް ދަރިވަރުން ތައްޔާރުވެ، ސްކޫލްތައް ހުޅުވިގެންދާއިރު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާ އެހެނިހެން މުވައްޒަފުންނަށް ބޮޑެތި ހިތްހަމަޖެހުންތަކެއް ލިބިގެންދާނެއެވެ.

މިމޭރުމުން އަޅުގަނޑުގެ ވާހަކަތައް ކުރުކޮށްލި ކަމުގައިވިޔަސް މިހާލަތުގައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައް ހުންނާނެކަން ޔަޤީނެވެ. އައްޑޫސިޓީ ފަދަ ދަރިވަރުންގެ އާބާދީގެ ބޮޑުބައި ދަތުރުފަތުރުގެ ނިޒާމަށް ބަރޯސާވާ ރަށްރަށުގައި ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުވުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު ދަރިވަރުން ސްކޫލަށް ދާން ފެށުމުން އެކުދިންނާ ކޮންމެދުވަހަކު ދިމާވާ "ހައިރިސްކް ކެޓަގަރީ" އަށް ނިސްބަތްވާ އެކުދިންގެ މާމަމެން ކާފަމެންނާ ދޭތެރޭ ވިސްނައި އެކަމަށް ޢާއިލާތަކުން ހޭލުންތެރިވެފައިވުން ވެސް އެހާމެ މުހިއްމެވެ.
މި ބަލިމަޑުކަމުގައި ސްކޫލްތައް ހުޅުވުމަށް ހުރި ގޮންޖެހުންތައް ގިނަވެފައި ވާންޖެހޭ ތައްޔާރީތައް ކިތަންމެ ގިނަކަމުގައި ވިއަސް ސްކޫލްތައް ހުޅުވުން ލަސްކުރުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެއް ނޫނެވެ. ކަމާގުޅޭ މާހިރުން ވިދާޅުވާގޮތުގައި ދަރިވަރުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ނުގޮސް ގޭގައި ތިބެން ޖެހުމުން އެކުދިން ކިޔެވުމާ ދުރުވުމުގެ އިތުރުން ނަފުސާނީ ގޮތުން ތަފާތު އެތައް ގެއްލުންތަކެއް ލިބެމުން ދެއެވެ. އެހެންކަމުން ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް ފަށައިގަންނަން ޖެހެއެވެ. ކޮންމެ ކަމަކީވެސް އެކަމަކަށް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމެކެވެ. މާތް ﷲގެ އިރާދަފުޅާއެކު އަވަސް މުސްތަޤުބަލެއްގައި ސްކޫލްތައް އަލުން ހުޅުވި ދަރިވަރުންގެ ކިޔެވުން ފަށައިގަނެވޭނެއެވެ. މިހާލަތުން އެނބުރި ޢާންމު ޙާލަތަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ދަރިވަރުންނާއި މުޅި މުޖުތަމަޢުގެ ޙައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއްކުރަން އަޅުގަނޑުމެން މުދައްރިސުން ތިބީ ތައްޔާރަށް ކަމުގައި އުފަލާއެކު ދަންނަވަމެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޥާނުވާ ނެންގޭ ހާސަރުތަކެއް. ޚކޮންތާކުން ދީފަ އިން ޑރ އެއް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *