19 މެއި 2020، އިއްޔެއަކީ ހަނިމާދޫ ސްކޫލުގެ ފަންސާސް އެއްވަނަ އަހަރީ ދުވަހެވެ. އަޅުގަނޑުވެސް ތަޢުލީމު ހާސިލުކުރީ ހަނިމާދޫ ސްކޫލުންނެވެ. އުނގެނުމުގެ މަރުހަލާގެ އެތައް އަހަރެއް އެތަނުގައި ހޭދަކުރެވިފައި ވުމާއިއެކު، ހަނިމާދޫ ސްކޫލުގެ ނަންގަނެވުނު ކޮންމެ ވަގުތެއްގައި ނުވަތަ ކޮންމެ ތަނެއްގައި، އެ ދުވަސްވަރާއި ގުޅޭ ގިނަ ހަނދާންތަކެއް އާވެގެންދާނެކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެވެ. މިފަދަ ހަނދާންތަށް ނުވަތަ މި ޚިޔާލުތަށް އެއްކޮށް ލިޔެ ހުއްސާކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރެއް ހިއްސާކޮށްލުމަކީ އުފަލެއްކަމުގައި ދެކެމެވެ.
ކޮންމެ ދުވަހަކު ކުލާހުގެ ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުވާނެއެވެ. ކިރިޔާވެސް އާދެވޭވަރު ވާނަމަ ކުލާހެއް ދުލެއްނުކުރާނެއެވެ. އުޒުރެއް މެދުވެރި ވެގެންވިޔަސް ސްކޫލަށް ހާޒުރު ނުވެވިއްޖެނަމަ ދެން އެ ދުވަހަކު އެ ކުއްޖަކު ގެއިންވެސް ނުނިކުންނާނެއެވެ. ސްކޫލަށް ހާޒިރުނުވެވުން އޮންނަނީ ލަދުވެތިކަމަކަށް ވެފައެވެ.
ސްކޫލުން ގޭގައި ހަދަންދޭ ފިލާވަޅެއް އޮޅިގެން ވެސް ނުނިންމައި ދެވިއްޖެނަމަ ކުލާހުގެ ދޮރުމަތީ ބޭރުގައި ކޮޅަށް ހުރެގެން އެ ފިލާވަޅެއް ނިންމަން ޖެހޭނެއެވެ. ނުވަތަ ސްކޫލުގެ ރަސްމީގަޑި ނިންމާފައި އެ ފިލާވަޅު ނިންމަން ސްކޫލުގައި މަޑުކުރަން ޖެހުން ކަހަލަ އަދަބެއް ލިބެއެވެ.
ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާއަށް ސްޓޭޖު ތައްޔާރު ކުރުމާއި އަދި މިނޫން ވެސް ސްކޫލުގެ އެއްވެސް ކަމަކަށް ސްކޫލު ތައްޔާރުކުރަން ޖެހޭނަމަ އެކަމުގައި ސަތޭކަ އިންސައްތަ މަސައްކަތް އަމަލީގޮތުން ކުރާނީ ދަރިވަރުންނޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. ޖަލްސާއަށް ގޮނޑި ޖަހަނީ އަޅުގަނޑުމެންނެވެ. ޖަލްސާ ނިމުމުން ހުރިހައި ގޮނޑިތަކެއްނަގައި ޖެހިގެން އޮންނަ ދުވަހު ކިޔެވުމަށް ކުލާސްތައް ތައްޔާރު ކުރަނީ ވެސް އަޅުގަނޑުމެނެނެވެ.
ޕާކުތަށް ބެލެހެއްޓުން އޮންނާނީ ކުލާސްތަކަށް ބަހާލެވިފައެވެ. އެ ކުލާހަކަށް ލިބޭ ޕާކެށް ޑިޒައިންކޮށް ގަސްއިންދާ ބެލެހެއްޓުމަކީ އެ ކުލާހެއްގެ ޒިންމާއެކެވެ. ގަސްއިންދައި ކޮންމެ ދުވަހަކު ފެންޖަހައި ޕާކު ބަލަހައްޓާނީ ހަމަ އެ ކުލާހެއްގެ ދަރިވަރުންނެވެ. އެކަންކުރާނީ ހުރިހައި ކުދިންގެ މެދުގައި ޑިއުޓީ ބަހައިގެންނެވެ.
މޫދަށް އެރުމަކީ ވަރަށް ކުރާހިތްވާ ކަމެކެވެ. ނަމަވެސް ހަމަ ހިތުހުރިހާ ދުވަހަކު ހިތުހުރި ވަގުތެއްގައި މޫދަށް އެރެވޭކަށް ނޯވެއެވެ. މޫދަށް އެރުން މަނާ ދުވަހެއްގައި މޫދަށް އެރެފިނަމަ ކުއްވެރިވާނެއެވެ. ކުއްވެރި ވުމަކުން ނުނިމޭނެއެވެ. އެކަމަށް އަދަބެއް ވެސް ލިބޭނެއެވެ. އެކިފަހަރު އެކިކަހަލަ އަދަބެވެ. ސްކޫލު ނިންމާފައި ފޮޅުވަތް ލިޔަން ވެސް ޖެހިދާނެއެވެ. ހަމައެކަނީ މޫދަށް އެރުމުގެ ހުއްދަ އޮންނާނީ ހަފްތާ ބަންދު ދެ ދުވަހު އެކަންޏެވެ. އެއީވެސް ކަނޑައެޅިފައިވާ ވަގުތެއްގައެވެ.
ހުކުރު ވިލޭރޭ އަދި ހޮނިހިރު ވިލޭރޭ، މި ދެ ރޭ ފިޔަވައި ހަފްތާގެ ބާކީ އޮންނަ ފަސްރޭ، ރޭގަނޑު ނުވައެއްގެ ފަހު އެއްވެސް ސްކޫލު ދަރިވަރަކު ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. ހުކުރު އަދި ހޮނިހިރު ވިލޭރޭ ނުވަތަ މި ނޫންވެސް ބަންދު ރެއެއްގައި ދިހައެއް ޖަހަންދެން ބޭރުގައި އުޅުމުގެ ހުއްދަ އޮވެއެވެ. މި އުސޫލަކީ އެންމެން ދަންނަ އުސޫލަކަށް ވުމުން އެ ދުވަސްވަރު ދެންނެވުނު ގަޑިތަކާ ޚިލާފަށް ބޭރުގައި އުޅުމަކީ ވަރަށް ލަދުވެތި އަދި ޖެހިލުންވާ ކަމަކަށް އޮންނަނީ ވެފައެވެ. މި އުސޫލާއި ޚިލާފުވެއްޖެ ނަމަވެސް އެކަމަށް ވެސް އަދަބެއް ދެއެވެ. ޖެހިގެން އަންނަ ދުވަހު ސްކޫލަށް ދާއިރަށް، ސްކޫލުގެ ގުދަނަށް ވެސް ލާފާނެއެވެ.
ތަފާތު މަޢުރަޒުތަށް ބާއްވާނެއެވެ. މިސާލަކަށް ކާބޯތަކެތީގެ މަޢުރަޒެވެ. މިކަހަލަ ހަރަކާތަކަށް ކާ ތަކެތި ތައްޔާރު ކުރުމުގައި ބެލެނިވެރިން ކޮންމެވެސް ވަރަކަށް އެހީތެރިވި ކަމުގައި ވީނަމަވެސް ގާތްގަނޑަކަށް އެކަމަށް ތައްޔާރުކުރާ ތަކެތި، ތައްޔާރު ކުރުމުގައި ހަރަކާތްތެރިވާނީ ހަމަ ދަރިވަރުންނެވެ. ބެލެނިވެރިންގެ ދައުރަށްވުރެ ދަރިވަރުންގެ ދައުރު އެތައްގުނައަކަށް ބޮޑުވާނެއެވެ.
ސްކޫލުގައި މަސައްކަތް ކުރާނީ ނިސްބަތުން މަދު ޓީޗަރުންނެވެ. ކޮންމެ މާއްދާއަކަށް ޓީޗަރަކު ނުހުރެއެވެ. އެއް ޓީޗަރަކު ތިން ހަތަރު މާއްދާވެސް ކިޔަވައިދެއެވެ. އެކަށީގެންވާވަރާ ގާތަށްވެސް މަސައްކަތު މީހުން ނުތިބޭނެއެވެ. ވުމާއިއެކު އެކުލާހެއްގެ ބިއްލޫރިތައް ފުހުމާއި ފަންކާތަށް ސާފުކުރުމަކީ ވެސް ދަރިވަރުން ކޮށްއުޅުނު މަސައްކަތްތަކެވެ.
އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ނުވަތަ ވޮލީ މުބާރާތްފަދަ މުބާރާތްތަކަށް ވާންޖެހޭ ގިނަ ތައްޔާރީތަކުގެ މަސައްކަތްވެސް ކުރާނީ ހަމަ ދަރިވަރުންނެވެ. ކޯޓު ތައްޔާރު ކުރުމާއި ދަނޑުތައްޔާރު ކުރުމުގައި ވެސް އަމަލީގޮތުން ހަރަކާތްތެރިވާނީ އެ ހުންނަވާ މުދައްރިސެއްގެ އިރުޝާދާއިއެކު ދަރިވަރުންނެވެ.
ބަޔާންކުރެވި އެ ދިޔައީ އެދުވަސްވަރުގެ ބައެއް ކަންތައްތައް ބިނާވެފައި އޮންނަ ގޮތްތަކުގެ ވާހަކައެވެ. ބަޔާންކުރެވި ދިޔަ ހާލަތްތަކުގައި އޭރު އަމަލުކުރެވުނު ގޮތާއި މިހާރު އަމަލުކުރެވޭ ގޮތްތަކުގައި ތަފާތުތަކެއް ހުންނާނެ ކަން ޔަގީނެވެ. އެކަން އެންމެ ބޮޑަށް އިހުސާސްކުރެވޭނީ އެ މާހައުލުގައި އުޅެމުންދާ ބަޔަކަށެވެ.
ހަނިމާދޫ ސްކޫލަށް ފަންސާސް އެއްއަހަރު ފުރުމުގެ އުފަލުގައި އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަދި ތިޔަ ޤައުމީ މަސައްކަތުގައި ވަރުގަދަ އަޒުމުގައި ކުރިއަށް ދިއުމަށް ހިތްވަރުދެމެވެ.
advertisment
ހިޔާލު